އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
6 ޖޫން 2025
ހަޑިހުތުރު ބަސްތަކަކީ އަޅުގަނޑުމެންގެ ދީން ވެސް އަދި ދިވެހި މުޖުތަމަޢު ވެސް ބަލައިގަންނަ އެއްޗެއްނޫނެވެ. މީހުންނަށް މަލާމާތްކުރުމާއި، އެއްޗެހިގޮވުމާއި، ބާޒާރުމަތީ ބަހުން ވާހަކަދެއްކުން ފަދަ ހަޑިހުތުރު ބަސްތައް ބޭނުންކުރުމަކީ އިސްލާމީ ރިވެތި އަޚުލާޤާ އަރައިރުންވާ ކަމެކެވެ. އިސްލާންދީން މުސްލިމުންނަށް ގޮވައިލަނީ ޚުލުޤު ހެޔޮ ބަޔަކަށް ވުމަށެވެ. އެހެން މީހުންނަށް އިޙުތިރާމުކުރާ ބަޔަކަށް ވުމަށެވެ. މާތްﷲ ރަޙުމަތްލެއްވި އަލްމަންނާވީ ވިދާޅުވާ ގޮތުގައި ހަޑިހުތުރުބަހަކީ ތެދުބަހަކަށް ވިޔަސް ފާޙިޝް އަވަގުރާނަ ލަދު ހުތުރު ބަސްތަކެވެ. ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((ليس المُؤمِنُ بالطَّعّانِ ولا اللَّعّانِ ولا الفاحشِ ولا البَذيءِ [1] - މީހުންގެ އަބުރާ ބެހޭ މީހަކުކަމުގައި ނުވަތަ މީހުންނަށް މަލާމާތްކުރާ މީހަކުކަމުގައި ނުވަތަ މީހުންނަށް ބަދުދުޢާކުރާ މީހަކުކަމުގައި ނުވަތަ މީހުންނާ ދިމާއަށް އަވަގުރާނަ ބަސްތައް ގޮވާ މީހަކުކަމުގައި ނުވަތަ ލަދުވެތި ހުތުރުބަސްތައް ކިޔާ މީހަކުކަމުގައި މުއުމިނާ ނުވެތެވެ.[2]))
ބައެއް ކުދިން މަދުރަސާއިން ގެއަށް އައިސް މައިންބަފައިންގެ ކުރިމަތީގައި ލަދުވެތި ހުތުރު ބައެއް ބަސްބަސް ކިޔުމުން މައިންބަފައިންނަށް ސިހުން ލިބިގެންދެއެވެ. އެ ކުދީންނަށް މި ބަސްތައް އެނގުނީ ކޮންތާކުން ކިހިނެއްބާވައޭ ހިތަށް އަރައެވެ. މައިންބަފައިން އެ ފަދަ ބަސްތައް ގޭގައި ބޭނުންނުކުރާ އިރު، ދަރީންނަށް މި ފަދަ ބަސްތައް ދަސްވަނީ މަދުރާސާއިންކަން ކަށަވަރެވެ. ނުވަތަ ރަޙުމަތްތެރީންގެ ފުށުންނެވެ. ނުވަތަ މަގުމަތީންނެވެ. މާތްﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ ބިން ޖާބިރުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ e ޙަދީސްކުރެއްވިއެވެ. ((إنَّ مِن أحَبِّكُم إليَّ، وأقْرَبِكُم مِنّي مَجلِسًا يومَ القيامَةِ، أحاسِنُكُم أخلاقًا، وإنَّ أبَغْضَكُم إليَّ، وأبْعَدَكُم مِنّي يومَ القيامَةِ، الثَّرْثارونَ، والمُتشدِّقونَ والمُتفَيْهِقونَ[3] - ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ ތިމަންކަލޭގެފާނުގެ އަރިހުގައި އެންމެ ލޮބުވެތިކަން ބޮޑު އަދި ޤިޔާމަތްދުވަހުން ތިމަންކަލޭގެފާނާ އެންމެ އަރިހުގައި މަޖިލީހުގައި ވާނޭ މީހަކީ ތިޔަބައިމީހުންކުރެ އެންމެ އަޚުލާޤު ރިވެތި މީހާއެވެ. އަދި ހަމަކަށަވަރުން ތިޔަބައިމީހުންކުރެ ތިމަންކަލޭގެފާނު އެންމެ ރުހިވަޑައިނުގަންނަވާ އަދި ޤިޔާމަތްދުވަހުން ތިމަންކަލޭގެފާނާ އެންމެ ދުރުގައި ވާނޭ ބަޔަކީ ތިޔަބައިމީހުންކުރެ އެންމެ އަނގަގަދަ މީހުންނާއި ޒުވާބުކުރުމުގައި އެންމެ އަޑުގަދަ މީހުންނާއި އެންމެ ބޮޑާ މީހުންނެވެ.))
މި ފަދަ މަސްއަލަތައް ޙައްލުކުރުމުގައި ހަދާނީ ކިހިނެއް ހެއްޔެވެ؟ އޭގެ މާނަ ނޭނގޭކަމަށް ހަދައިފައި އޭގެ މާނައަކީ ކޮބައިތޯ ދަރިފުޅު ކުރެން އަހާށެވެ! އެ ބަސް ބޭނުންކުރަނީ ކިހިނެއްތޯ ސުވާލުކޮށްލާށެވެ! ދަރިފުޅަށް ވެސް އެ ބަސް އިސްތިއުމާލުކުރާ ގޮތް ނޭނގި ހިނގައިދާނެއެވެ. އޭގެ ނައްސި އަސަރު ނުވިސްނި ހިނގައިދާނެއެވެ.
ހަޑިހުތުރު ލަދުވެތި ލަފުޒުތައް ކިޔައިދިނުމުގައްޔާއި މުޖުތަމަޢަށާއި ޢާއިލާއަށް ކުރާނެ ނުބައި އަސަރުގެ ވާހަކަ ޤުރްއާނާއި ސުންނަތުގެ އަލީގައި ބަޔާންކޮށްދޭށެވެ. މީހުންނަށް މަލާމާތްކުރުމާއި މީހުންނަށް އެއްޗެހިކިޔުމާއި ވަނަންތަކުން ގޮވުމުގެ ނުބައިކަން ވިސްނައިދޭށެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (( يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰٓ أَن يَكُونُوا۟ خَيْرًا مِّنْهُمْ وَلَا نِسَآءٌ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوٓا۟ أَنفُسَكُمْ وَلَا تَنَابَزُوا۟ بِٱلْأَلْقَٰبِ ۖ بِئْسَ ٱلِٱسْمُ ٱلْفُسُوقُ بَعْدَ ٱلْإِيمَٰنِ ۚ وَمَن لَّمْ يَتُبْ فَأُو۟لَٰٓئِكَ هُمُ ٱلظَّٰلِمُونَ[4]-އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއް ބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށް ވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއް ބަޔަކު އަނެއް ބަޔަކަށް ފުރައްސާރަނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށް ވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާ ހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفسތަކަށް عيبނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيبނުކިޔާށެވެ!) އަދި އެއް ބަޔަކު އަނެއް ބަޔަކަށް ނުރުހޭ ކަހަލަ لقبތަކުން ނުގޮވާށެވެ! إيمانވުމަށް ފަހު، فاسقވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެ ކަންތަކުން) توبةނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.))
މި ފަދަ ކަންކަން ރަނގަޅު ކުރެވޭނީ ރިވެތި ނަމޫނާއިންނެވެ. މައިންބަފައިން ގޭތެރޭގައި މިފަދަ ލަފުޒުތައް ބޭނުންނުކޮށް، މައިންބަފައިން ރިވެތި ބަހުން ވާހަކަދައްކައިގެންނެވެ. ގޭތެރޭގައި އަރައިރުންނުވެ އެއްޗެހި ނުކިޔައި އެކަކު އަނެކަކަށް އިޙުތިރާމުކޮށްގެންނެވެ.
ދަރީންގެ ފުށުން ހުތުރު ލަފުޒެއް އިވުނަސް އެ ކަން ހުއްޓުވުމަށް ޓަކައި އަދަބުދީގެން ނުވާނެއެވެ. ހަރުކަށިވީ ވަރަކަށް އެ ކުދީން އެ ކަމުގައި ހިފެހެއްޓުން އިތުރުވެގެންދާނެއެވެ.
މީހުންނާ ގުޅި ލައިމެހުމުގެ ސަބަބުން ރިވެތި ބަސްތަކާއި ހުތުރުބަސްތައް ދަސްވަމުންދާނެއެވެ. އެއީ ހުއްޓުވޭނެ ކަމެއްނޫނެވެ. އަޅުގަނޑުމެންގެ މައްޗަށް ވާޖިބުވެގެންވަނީ ހެޔޮ ބަސްތަކާއި ނުހެޔޮ ބަސްތައް ކިޔައިދީ އިރުޝާދުދިނުމެވެ.
ކުދީންނަށް ރަނގަޅު އެކުވެރީން ހޯދުމަށް ހިތްވަރުދޭންވާނެއެވެ. އެ ކުދީންގެ ރަޙުމަތްތެރީން ގެއަށް ގެނެސް އެ ކުދީންގެ ރަނގަޅު ނުރަނގަޅު ބަލާށެވެ! އެއަށްފަހު ރަޙުމަތްތެރީންކަމުގައި ބަލާންވީ ކުދީންނާއި ނުބަލާންވީ ކުދީން ކިޔައިދޭށެވެ.
ހަޑިހުރތުރު ބަސްތައް ދެކެ ﷲ ރުހިވޮޑިނުގަންނަވާނެކަން ބުނެދޭށެވެ. ކައު ރަސޫލާގެ ބަސްފުޅުތައް ކިޔައިދީ ހޭލުންތެރިކުރުވާށެވެ. ހެޔޮ ބަހަކީ ޞަދަޤާތެއްކަން ބުނެދޭށެވެ. މީސްތަކުންނަށް ހެޔޮބަސް ބުނުމަށް މާތްﷲ އަމުރުކުރައްވައިފައި ވެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (( وَقُولُوا۟ لِلنَّاسِ حُسْنًا [5] - އަދި ތިޔަބައިމީހުން މީސްތަކުންނަށް ހެޔޮބަސްބުނާށެވެ!))
ޢީދުދުވަހުގައި ހެޔޮ ބަސްތަކުން އެންމެންނަށް ތަހުނިޔާކިޔާށެވެ!
[1] - أخرجه الترمذي (١٩٧٧)، وأحمد (٣٨٣٩)
[2] - އެބަހީ ފުރިހަމަ މުއުމިނަކު ކަމުގައި ނުވެތެވެ. ނުވަތަ މުއުމިނުންގެ ގައގައި ހުންނަން ޖެހޭ ސިފަތަކެއް ކަމުގައި މި ސިފަތައް ނުވެތެވެ.
[3] - أخرجه الترمذي (٢٠١٨)، والخرائطي في ((مساوئ الأخلاق)) (٥٩)، والطبراني في ((مكارم الأخلاق)) (٦)
[4] - الحجرات : 11
[5] - البقرة : 83