އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
3 ޖޫން 2025
މެލޭޝިއާއަކީ އިރުމަތީ އޭޝިއާގައި ހިމެނޭ އިސްލާމީ ގައުމެކެވެ. އަދި އިސްލާމް ދީން ކުރިއެރުވުމަށް ޚާއްޞަ މަސައްކަތްތަކެއްކުރާ ނަމޫނާ ގައުމެކެވެ. އިސްލާމް ދީނަށް ނަޞްރުދިނުމަށާއި އިސްލާމީ އެއްބައިވަންތަކަން ގާއިމުކުރުމަށް މަސައްކަތްކުރާ ގައުމެކެވެ.
ދާދި ފަހުން މެލޭޝިއާއިން މި ވަނީ ފަލަސްޠީނާ އެއްބައިވަންތަކަން ގާއިމުކުރުމުގެ ގޮތުން ވަރުގަދަ ފިޔަވަޅެއް އަޅައިފައެވެ. މެލޭޝިއާއިން ވަނީ އިސްރާއީލުގެ ދިދަނަގައިފައިވާ ނުވަތަ އިސްރާއީލާ ގުޅުންހުރި މުދާއުފުލާ ބޯޓުތަކަށް އެ ގައުމުގެ ބަނދަރުތަކަށް ވަނުން މަނާކޮށްފައެވެ. މެލޭޝިއާއިން ބުނެފައިވާ ގޮތުގައި މި ފިޔަވަޅަކީ ޣައްޒާގައި އިސްލާއީލުން ހިންގާ ލާއިންސާނީ ޢުދުވާނާ ދެކޮޅުހެދުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. މެލޭޝިއާއިން ގަބޫލުކުރާ ގޮތުގައި އިސްރާއީލުންވަނީ ބައިނަލްއަގުވާމީ ހުރިހައި ގާނޫނުތަކަކާ ޚިލާފުވެފައެވެ. އަދި މެލޭޝިއާއިން ގަބޫލުކުރާ ގޮތުގައި އިސްރާއީލުން ފަލަސްޠީނާ އިދިކޮޅަށް މި ހިންގަނީ އަނިޔާވެރިކަން ބޮޑު ގަތުލުޢާންމެކެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިދާޅުވީ، މެލޭޝިއާއަށް ކަނޑުމަގުން އިސްރާއީލުގެ މުދާއުފުލާ ބޯޓުފަހަރު ވަނުން މަނާކޮށް އެ ކަން ތަންފީޒުކުރާން މި ފެށީ އިސްރާއީލާ ގުޅުން ހުރި އެހެން ބޯޓުފަހަރުތައް ވެސް ހިމެނޭ ގޮތުންނެވެ. މީގެ ތެރޭގައި އިސްރާއީލުގެ އެންމެ ބޮޑު ބޯޓު ދަތުރުފަހަރުގެ ކުންފުނިކަމަށްވާ [ޒިމް] ވެސް ހިމެނެއެވެ.
މެލޭޝިއާއިން މި ފިޔަވަޅުއަޅައިފައި މި ވަނީ، ރަތްކަނޑުން ދަތުރުކުރާ އިސްރާއީލާ ގުޅުން ހުރި ބޯޓުފަހަރަށް ޔަމަނުގެ ހޫޘީން ޙަމަލާދޭން ފަށައިފައިވާތީ ކަނޑުމަގުން މުދާ އުފުލުމުގެ ބައިނަލްއަގުވާމީ ދަތުރުފަތުރަށް ނުރައްކާ ކުރިމަތިވެފައިވާކަމުގެ ނުރައްކާތެރި ރަނގަބީލުއަޅަމުންދަ ދުވަސްވަރެއްގައެވެ.
އަންވަރު އިބްރާހީމް ވިދާޅުވި ގޮތުގައި މެލޭޝިއާއިން އެޅި މި ފިޔަވަޅު، މެލޭޝިއާގެ އެއްވެސް ބަނދަރަކުން ފުރައިގެން އިސްރާއީލަށްދާން މުދާ ބަރުކުރާ ބޯޓުތަކަށް ވެސް މި ނިންމުން ތަޠުބީގުވާނެއެވެ.
މެލޭޝިއާއަކީ ގަތްގަނޑަކަށް 60 އިންސައްތަ މުސްލިމު ގައުމެކެވެ. އަދި އިސްރާއީލާ އެކު ޑިޕުލޮމެޓިކު ގުޅުން ނުބާއްވާ ގައުމެކެވެ. މެލޭޝިއާއިން ގަބޫލުކުރާ ގޮތުގައި މެދުއިރުމަތީގެ މައްސަލައަށް އޮތް ދާއިމީ ޙައްލަކީ ދެ ދައުލަތުގެ ޙައްލެވެ. މާނައަކީ އިސްރާއީލު ފަދައިން މިނިވަން ފަލަސްޠީނުގެ ދައުލަތެއްގެ ހައްގު ފަލަސްޠީނު ރައްޔިތުންނަށް ދިނުމަކީ މެލޭޝިއާގެ ޚާރިޖީ ސިޔާސަތުގެ ބައެކެވެ.
[މެލޭޝިއާ ސަރުކާރުން ނިންމައިފައިވަނީ އިސްރާއީލުގައި ގާއިމުކުރެވިފައިވާ އެންމެ ބޮޑު ޝިޕިންގ ކުންފުނި – ޒިމް – މެލޭޝިއާގެ އެއްވެސް ބަނދަރެއް ބޭނުންކުރުމަށް ހުއްދަނުދިނުމާއި އެ ކަން ހުއްޓުވުމަށެވެ.] އަންވަރު އިބްރާހީމް ވިދާޅުވެފައިވެއެވެ.
[މީގެ ފަހުން އިސްރާއީލުގެ ދިދަނަގައިފައިވާ އެއްވެސް އުޅަނދެއް މެލޭޝިއާއަކުން ބަލައެއް ނުގަންނާނެއެވެ.] އަދި މީގެ އިތުރަށް އިސްރާއީލަށް މުދާއުފުލުމަށް ޓަކައި މެލޭޝިއާގެ އެއްވެސް ބަނދަރަކުން އެއްވެސް ބޯޓަކަށް މުދާއެރުވުން ވެސް ވަނީ މަނާކޮށްފައެވެ.
[މެލޭޝިއާއިން އަޅާން މި ނިންމި ހަރުކަށި ފިޔަވަޅުތައް ހަމަ މިހާރުން ފެށިގެން ތަންފީޒުކުރެވޭން ފެށޭނެއެވެ.] ބޮޑުވަޒީރު ވިދާޅުވެފައިވާނެއެވެ.
މެލޭޝިއާއިން ވަނީ ޣައްޒާއަށް އެހީވުމަށް ޓަކައި އެތައް ބިލިއަން ޑޮލަރެއް ހަދިޔާކޮށްފައެވެ. އަދި ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ފަލަސްޠީނަށް ތާއީދުކުރައްވައި އަޑުފުޅުއުފުއްލެވުމާ އެކު، އިސްރާއީލުން އޮކުޓޫބަރު ހަތެއްގައި ޣައްޒާއަށް ބޮންއަޅާން ފެށި އަނިޔާވެރި ޙަރަކާތަށް ފާޅުގައި ދެކޮޅު ހައްދަވައި ހަރުއަޑުފުޅުން އިސްރާއީލުކުރައްވައިފައެވެ.
މެލޭޝިއާއަކީ އިސްލާމީ ޝަޚުޞިއްޔަތު ކުރިއަރުވައި އިސްލާމީ އެއްބައިވަންތަކަން ގާއިމުކުރުމަށް މަސައްކަތްކުރާ ނަމޫނާ ގައުމެކެވެ. އަދި މެލޭޝިއާގެ ބޮޑުވަޒީރަކީ އިސްލާމީ އުޞޫލުތައް ކުރިއަރުވައި ތަރައްގީކުރައްވާން މަސައްކަތްކުރައްވާ ނަމޫނާ ޝަޚުޞިއްޔަތެވެ. އެ މަނިކުފާނު ބޮޑުވަޒީރުގެ ނާއިބުކަން ކުރެއްވި އިރުގައްޔާއި ތަޢުލީމާ ބެހޭ ވަޒީރުކަންކުރެއްވި އިރު ވެސް އެ މަނިކުފާނަކީ އިސްލާމީ އުޞޫލުތަކަށް ލޯބިކުރައްވާ އިސްލާމީ އުންމަތުގެ މަޞްލަޙަތަށް ޓަކައި މަސައްކަތްކުރައްވައިފައިވާ ބޭފުޅެކެވެ. (ގިނަ މަޢުލޫމާތު: އަލްޖަޒީރާ)