އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
28 ޖަނަވަރީ 2025
އަސްލު މައުޟޫޢަށް ދިޔުމުގެ ކުރީން މި ކަން ބޮޑަށް ފަހުމުކޮށް ދެނެގަތުމަށް ޓަކައި، ޒަކާތުގެ މާނައާއި ނިޞާބުގެ މާނައިގެ މައްޗަށް ބަލައިލުން މުހިންމެވެ. ޢަރަބި ބަހުގައި "الزكاة" މި ލަފުޒުގެ މާނައިގެ ތެރޭގައި ތާހިރުކަން، އިތުރުވެ ގިނަވުން، ބަރަކާތެރިކަން، މަދަޙަސަނާ، ޞަދަގާތް، މި މާނަތަކާއި މި ނޫން މާނަތައް ވެސް ހުންނަކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ. އެހެންނަމަވެސް އެންމެ ޢާންމު ގޮތެއްގައި ޒަކާތުގެ މާނަ އައިސްފައިވަނީ ޠާހިރުކުރުމުގެ މާނައިގައިކަން ފާހަގަކޮށްލެވެއެވެ.
މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. "خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا.." ("އޭގެ ސަބަބުން އެއުރެން ޠާހިރުކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ ޞަދަޤާތެއް އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ!")
މި އާޔަތުން އެހެން ކަމެއް ވެސް އެބަ އަންގައިދެއެވެ. އެއީ މުދަލު ޒަކާތަކީ ވެރިކަމުގެ ފަރާތުން ނަގާން ޖެހޭ އެއްޗެއްކަމެވެ. ވީމާ، ޒަކާތް ދައްކާން ޖެހޭނީ ސަރުކާރުން އެ ކަމަށް ކަނޑައަޅުއްވައިފައިވާ ނިޒާމެއްގެ ތެރެއިންކަން އެބަ ސާފުވެއެވެ. ތިމާ އަމިއްލައަށް ބޭނުން ބަޔަކަށް ރުފިޔާ ބަހައިލިޔަކަސް އެއީ ޒަކާތް ދެއްކީ ކަމަކަށް ނުވާނެއެވެ. އެހެނީ އަޅުގަނޑުމެންނަށް ފަގީރުންނާއި މިސްކީނުންނާއި މި ނޫނަސް ޒަކާތް ހައްގުވާ އެހެން ބެހެނިވެރީން ކަނޑައަޅައި ދެނެގަތުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ.
އިސްލާމީ ޝަރީޢަތުގައި ޒަކާތުގެ މާނަ ފިޤުހު ޢިލްމުވެރީން ގެނެސްދެއްވައިފައި ވެއެވެ. އޭގެ ތެރެއިން އެންމެ ޝާމިލު، އެއް މާނައެއްކަމަށް ބެލެވެނީ ابن الأثير[1] ގެނެސް ދެއްވައިފައިވާ މާނައެވެ. އެ ކަލޭގެފާނު ވިދާޅުވާ ގޮތުގައި ޝަރީޢަތުގައި ޒަކާތަކީ "ކަނޑައެޅިފައިވާ ވަކި ބާވަތެއްގެ މުދަލެއް، ވަކި މިންވަރަކަށް އިތުރުވެ، ކަނޑައެޅިފައިވާ މުއްދަތެއް ހަމަވުމުން، ޚާއްޞަވެގެންވާ ބަޔަކަށް ދެވޭ ޙައްޤެކެވެ." މި މާނައިން މުދަލު ޒަކާތް ނެގޭ ބާވަތްތަކާއި، މުދަލު ޒަކާތުގެ ނިޞާބާއި، މުދަލު ޒަކާތް ނެރޭން ޖެހޭ ވަގުތާއި، އަދި ޒަކާތް ލިބޭންޖެހޭ މީހުން ޝާމިލުވެއެވެ.
މުދަލުޒަކާތުގެ ނިޞާބަކީ، ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލުގެ ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. ފައިސާއިން ޒަކާތް ދައްކާ ނަމަ، ފައިސާ އަގުކުރެވޭނީ ރަން ނުވަތަ ރިހީގެ އަގުންނެވެ. ފިޤްހީ ބައެއް މަޒުހަބުތަކުގައި ނިޞާބު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. އެހެން މަޒުހަބުތަކުގައި ރަނުގެ އަގަށް ބަލައިގެންނެވެ. ދިވެހިރާއްޖޭގައި ނިޞާބު ކަނޑައަޅަނީ ރިހީގެ އަގުންނެވެ. އެއީ ރިހީގެ 595 ގްރާމުގެ އަގަށް ޖެހޭ ފައިސާގެ ޢަދަދެވެ. ގިނަ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ރިހީގެ އަގުން ފައިސާ އަގުކުރުމަކީ ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތެވެ. އެ މީހެއްގެ ފައިސާއާއި މުދަލުގައި އެ މިންވަރު ހަމަވެ އެއަށް ވުރެ މަދުނުވެ، އެއް އަހަރު ވެއްޖެ ނަމަ، އެ ވަގުތު އޭނާގެ މިލްކުގައި ހުރި މުދަލުގެ ސާޅީސް ބައިކުޅަ އެއްބައި، އެހެން ގޮތަކަށް ދަންނަވާ ނަމަ، %2.5، ޒަކާތުގެ ގޮތުގައި ދައްކާން ޖެހޭނެއެވެ. އަހަރު ގުނާން ޖެހޭނީ ހަނދުމަހުންނެވެ. ހިޖުރީ މަހުންނެވެ. އެހެން ނޫނީ އަހަރަކު 10 ދުވަސް ގެއްލޭނެއެވެ.
ދިވެހިރާއްޖޭގައި ރިހީގެ އަގު ކަނޑައަޅަނީ، ރާއްޖޭގެ މަރުކަޒީ ބޭންކުކަމަށްވާ މޯޑިވްސް މަނިޓަރީ އޮތޯރިޓީއިންނެވެ. އެ އިދާރާއިން ރިހީގެ އަގަށް ގެންނަވާ ބަދަލުގެ މައްޗަށް ރިޢާޔަތްކުރައްވައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިޞާބު ކަނޑައެޅުމަށް ފަހު، އެ ވުޒާރާގެ ދަށުން ހިނގާ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ވެބްސައިޓްގައި ނިޞާބުގެ މިންވަރު އިޢުލާނުކުރައްވައެވެ. ދުނިޔޭގެ ބާޒާރުގައި ރިހީގެ އަގަށާއި އެ ގައުމެއްގެ ފައިސާގެ އަގަށް އަންނަ ބަދަލެއްގެ ސަބަބުން އަހަރުގެ އެކި ދުވަސްވަރު ނިޞާބުގެ މިންވަރު ތަފާތުވެއެވެ.
ކުރީން ވެސް ދެންނެވި ފަދައިން، ޒަކާތް ނެރުން ވާޖިބުވާނީ މުދަލުގައި ނިޞާބު ހަމަވުމަށް ފަހު، ނިޞާބަށް ވުރެ މަދު ނުވެ، އެ މީހެއްގެ މިލްކިއްޔާތުގައި އެ މުދަލެއް ހުރެ، ހިޖުރީ ގޮތުން އެއް އަހަރު ހަމަވުމުންނެވެ. ޒަކާތްދައްކާ މުދަލުގެ ބާވަތް ތަފާތުވުމުގެ ސަބަބުން ޒަކާތުގެ ނިޞާބު ވެސް ތަފާތުވެދެއެވެ. އާންމު ގޮތެއްގައި އަހަރަކު ދެ ފަހަރު ނިޞާބުގެ މިންވަރު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކަނޑައަޅުއްވައި އިޢުލާނުކުރައްވާކަން ފާހަގަކުރެވިފައި ވެއެވެ.
މި ދިޔަ އަހަރުގެ ފަހު ދެ ކާލުގައި ވެސް މުދަލު ޒަކާތް ވާޖިބުވާ ނިޞާބެއްކަމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކަނޑައަޅުއްވައިފައި އޮތީ 9240/35ރ. (ނުވަހާސް ދުއިސައްތަ ސާޅީސް ރުފިޔާ ފަންސަތިރީސް ލާރި)އެވެ. އޭގެ ކުރީން އަހަރުގެ ކުރީކޮޅު ޒަކާތުގެ ނިޞާބަކީ 9353/40ރ. (ނުވަހާސް ތިން ސަތޭކަ ތޭވަންނަ ރުފިޔާ ސާޅީސް ލާރި)ކަމަށް ކަމަށް ކަނޑައަޅުއްވައިފައި އޮތެވެ. މިހާރު މި އަހަރު (އެންމެ ފަހުން) ނިޞާބުގެ މިންވަރުކަމަށް ކަނޑައަޅުއްވައިފައި ވަނީ 8800/05ރ. (އަށް ހާސް އަށް ސަތޭކަ ރުފިޔާ ފަސްލާރި)އެވެ.
މި ކަމުން އަންގައިދެނީ ކޮން ކަމެއްތޯއެވެ؟ ދިވެހި ފައިސާގެ އަގު ރިއްސާ އަޅައި ބަލާ އިރު، މަތިވަމުން އަންނަކެމެވެ. މިހާރު، ރިހީން ނިޞާބު ހަމަވާ މިންވަރުކަމަށްވާ 595 ގްރާމްގެ ރިގީގެ އަގަކީ 8800/05ރ. (އަށް ހާސް އަށް ސަތޭކަ ރުފިޔާ ފަސްލާރި)ކަމެވެ. ކުރީން އެ މިންވަރު ގަންނާން މާ ގިނަ ރުފިޔާ ހޭދަކުރާން ޖެހޭނެކަމެވެ.
އާންމު ގޮތެއްގައި ރަންރިއްސާއި ޖަވާހިރަކީ ދުނިޔޭގެ ބާޒާރުގައި އެހައި އަވަސްއަވަހަށް އަގު ދަށްވެ މަތިވާ އެއްޗެއް ނޫނެވެ. އަގު ވެއްޓޭ އެއްޗެއް ނޫނެވެ. ނަމަވެސް ދުނިޔޭގެ ގައުމުތަކުގެ ފައިސާއަކީ އެމެރިކާ ޑޮލަރާ ނުވަތަ ޔޫރޯއާ އަޅައި ބަލާ އިރު، އަގު ދަށްވެ، މަތިވާ އެއްޗެކެވެ. އެހެންވީމާ މިއީ ދިވެހި ރުފިޔާގެ އަގު މަތިވަމުން އަންނަކަމުގެ ހެތްކެކެވެ. އެއީ އިގުތިސާދީ ގޮތުން ދިވެހިރާއްޖެ ކުރިއަރަމުން އަންނަކަމުގެ ދަލީލެކެވެ.
_____________________________
ބައެއް ލަފުޒުގެ މާނަ:
ނިޞާބު ނ. ޒަކާތްދިނުން ވާޖިބުވާ މިންވަރު
ރިހި ނ. އޮފު ހުންނަ، ހުދުކުލައިގެ އަގުހުރި މައުދަނެއް. މިއިން ގަހަނާއާއި ތަޒުކާރާއި އުލާއި ސަމުސާ ފަދަ އެއްޗެހި ހަދައެވެ. އަދި އިހުގައި މިއިން ފައިސާ ފޮތި ޖަހައި ބޭނުންކުރިއެވެ.
ކާލު ނ. ހަތަރުބައިކުޅަ އެއް ބައި
ތަޒުކާރު ނ. ތަނެއް ނުވަތަ ކަމެއްގެ ހަނދާން ދަމަހައްޓައިދޭ ނުވަތަ ހަނދާނީ ހަދިޔާއެއްގެ ގޮތުގައި ދޭ އެއްޗެއް.
[1] އިބްނިލްއަޘީރަކީ ތުރުކީ ވިލާތުގެ ޗިޒްރޭއަށް 1160 މޭ 12ގައި އުފަންވެ ވަޑައިގެން 1233 ޖޫން ފުރަތަމަ ދުވަހު ދުނިޔެ ދޫކުރެއްވި ޢާލިމެކެވެ. އެއީ ޙަދީޘް ޢިލްމުވެރިއެކެވެ. އެ ޢިލްމުގެ މާހިރެކެވެ. އެއީ ތާރީޚު ޢިލްމުވެރިއެކެވެ. އެއީ އެތައް ބައިވަރު ފޮތެއް ލިޔުއްވި މުޞައްނިފެކެވެ. އިބްނިލްއަޘީރުގެ އަޞްލު ނަންފުޅަކީ ޢަލީ އަލްޙަސަން ޢަލީ ބިން މުޙަންމަދު އިބްނި މުޙަންމަދު އައްޝައިބާނީކަމަށް ވިޔަސް މަޝްހޫރު ނަންފުޅަކީ ޢަލީ ޢިއްޒައްދީން އިބްނި އަލްއަޘީރު އަލްޖަޒަރީއެވެ.