ad_banner
لبيك اللهم لبيك

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

2 ޖޫން 2025

ޙައްޖުގެ ތަލްބިޔާއަކީ ހަމައެކަނި ދުލުން އިއްވާ ލަފުޒުތަކެއް ނޫނެވެ. އެއީ ހިތުގެ އަޑެކެވެ.

މުސްލިމު އިންސާނާ ޙައްޖަށް ފަށައިގަތުމަށް ޓަކައި  ތަލްބިޔާ - لبيك اللهم لبيك - ކިޔާކިޔުމަކީ ހަމައެކަނި ލަފުޒުތަކެއް ފަށްކުރުމެއްނޫނެވެ. އެހެނަސް  އޭނާ މި އިޢުލާނުކުރަނީ މަށީގެ އަޅުވެތިކަމުން ނޫރުގެ އަޅުވެތިކަމަށް ފުރިހަމައަށް ބަދަލުވެގެންދާ ދިޔުމެވެ. އެއީ ކިޔަމަންގަތުމުގެ އަޑެވެ. ސާހިބުވަންތަކަން ޤަބޫލުކުރާ އަޑެވެ. އުފަންވެ ބޮޑުވި ފަސްގަނޑަކަށް ނޫނެވެ. ގައުމަކަށްނޫނެވެ.  ﷲ ތަޢާލާއަށް އެކަންޏެވެ. އިލާހުވަންތަކަމުގައި އެކަލާނގެއަށް ބައިވެރިއަކު ނުވާ ގަދަކީރިތިވަންތަ ﷲއަށް ބޯލަނބައި އަޅުވެތިވާކަމުގެ އަޑެވެ. މި އަޅާ އިބަރަސްކަލާނގެއަށް އިޖާބަދީފީމޭ ބުނާ ބަހެވެ.

އެއްވެސް ފެހިކަމެއް ގަހެއް ރުކެއް ނެތް ވާދީގައި ތައުޙީދުގެ މި ގަސް ފެޅިއެވެ. ﷲއަށް ބޯލަނބައި ކިޔަމަންގަތުމުގެ ޠާހިރު ފެނުން މި ގަހަށް ފެން ދެވުނެވެ. ކޮންމެ އަހަރަކު ޙައްޖު އައުމުން ﷲގެ އަޅުތަކުން އެ މީހުންގެ ކިޔަމަންތެރިކަމުގެ ކަރުނަތަކުން، ސަޢުޔުކުރާ މީހުންގެ ވަފާތެރިކަމުގެ ދައުތަކުން، «لبيك اللهم لبيك»ގެ ނިދާއިން ޚުޝޫއަތްތެރިވެފައިވާ ހިތްތަކުގެ ވިންދުތަކުން އެ ގަހަށް އަލުން ފެންދެތެވެ.

ޙައްޖަކީ ޖިސްމާނީ ދަތުރެއްނޫނެވެ. އެއީ ފުރާނައިގެ ދަތުރެކެވެ. އެއީ ފައިމަގުގައި ކަޑައްތުކުރާ މަންޒިލުތަކެއްނޫނެވެ. އެއީ ފުއްސެވުމާޢި ރުއްސެވުމަށް އެދޭ ކަރުނަތަކަކުން ކަޑައްތުކުރެވޭ މަންޒިލުތަކެކެވެ. ޙައްޖުވެރިޔާ އައު ފުރާނައެއް އެޅުއްވިފައިވާ މީހެއް ފަދައެވެ. ޙަޔާތަށް އަލަށް އުފަންވި ކުއްޖަކު ތެނދުވެ ހިނގައފައި ދާ ފަދައިން ޙައްޖުވެރިޔާ  ޙައްޖުގެ މަނާސިކުތައް އަދާކޮށް ތެދުވެ ހިނގައިފައި ދެއެވެ.  

ޙައްޖަކީ  ފޭރާމުންނާއި، ނަމުންނާއި، ޖާހުންނާއި، މާލުންނާއި، ބިމުގެ ހުރިހައި ޖަރީތަކަކުން އެކަހެރިވުމެވެ.

ޙައްޖުވެރިޔާ އިންސާނަކު އަލަށް އުފަންވާ ގޮތަށް، އަލުން ދިރުއްވޭ ގޮތަށް ހުއްޓި ހުރެއެވެ.

ކަފުނާ އެއް ފަދަ ލިބާހެއްގައެވެ. މަޙުޝަރުގެ ޚުޝޫޢަތްތެރިކަމާ އެކުގައެވެ. ޤިޔާމަތްދުވަހުގެ އެއްވުމެއް ފަދަ ގޮތަކަށެވެ.

މި ހުރުމުގައި ލަޤަބުތަކަށް ރިޢާޔަތްކުރުމެއް ނެތެވެ. ކުރިމަގަށް ބުރަދަނެއް ނެތެވެ. ދުނިޔެއަށް ސަމާލުކަމެއް ނެތެވެ.

އެހެނަސް ބެލޭނީ ހިތްތަކަށެވެ. ﷲއަށް ކިޔަމަންގެންފައިވޭތޯއެވެ. ﷲއަށް ކުރިމަތިލައިފައިވޭތޯއެވެ. ޖާހިލުކަމުގެ ނިދީން ހޭލައިފައިވޭތޯއެވެ.

އެ ތާނގައި ﷲގެ އަޅާގެ ފާފަތައް ފުހެވޭނެތެވެ. ހުދު ފޭރާން ކިލައިން ދޮވެވިގެންދާ ގޮތަށެވެ.

ޙައްޖަކީ ޢަޤީދާގެ މަޤާމެވެ. ސާފު ޠާހިރު ތައުޙީދު ހާމަކޮށް ﷲއަށް އަޅުކަން ޚާލިޞްކުރުމެވެ. ނިފާޤުކަމެއް ކަސިޔާރުކަމެއް ނެތިއެވެ.

އެއީ އަޅުކަމުގެ މަޤާމެކެވެ. ދުނިޔެއާއި ދުނިޔޭގެ ޝަހުވާތްތަކާ ދެކޮޅަށް ތަޙައްމުލުކުރާ ބަރުދާސްތުތަކެކެވެ.

އެއީ ޙަޔާތުގެ މަޤާމެކެވެ. ބިމަށް ބަރޯސާނުވުމަށް އޭނާއަށް ދަސްކޮށްދެތެވެ. ދާއިމީ ދަތުރަށް އޭނާ އަހުލުވެރިކުރުވަތެވެ. ދަތުރަށް ތައްޔާރުވުމުގެ ރޫހުގެ މަތީގައި ދެމިހުރުމަށް  ތަމްރީނުދެތެވެ.

ޙައްޖަކީ ޢުމުރުން އެއް ފަހަރުގެ ކަމެއްނޫނެވެ. އެހެނަސް އެއީ މުޅި ޢުމުރު ބަދަލުކޮށްލާ  ތެދުވެރި ހިނދުކޮޅެކެވެ.

ކުރީން އުފަންވި ގޮތަށް އަލުން ފުރާނަ އުފަންވާ ހިނދުކޮޅެކެވެ. އައު ޞަފްޙާއެއް ލިޔާން ފެށޭ ހިނދުކޮޅެކެވެ.

ﷲ ތަޢާލާ ވަހީކުރެއްވިއެވެ: وَأَتِمُّوا۟ ٱلْحَجَّ وَٱلْعُمْرَةَ لِلَّهِ[1] - ތިޔަބައިމީހުން اللَّهއަށް ޓަކައި حجއާއި عمرة ފުރިހަމައަށް އަދާކުރާށެވެ! 

މާތް ﷲ މި އަމުރުކުރައްވަނީ ފުރިހަމަ ކުރުމަށެވެ. ބަހުންނާއި ޢަމަލުންނެވެ. އުނި ހިތަކާއިގެން ޙައްޖުކުރި މީހާގެ ޙައްޖު ފުރިހަމައެއް ނުވާނެތެވެ.

ނަބިއްޔާ ޙަދީސް ކުރެއްވިއެވެ: الحَجُّ المَبْرُورُ ليسَ له جَزاءٌ إلّا الجَنَّةُ [2]މަބްރޫރު ޙައްޖަށް ސުވަރުގެ ފިޔަވައި އެހެން ޖަޒާއެއް ނެތެވެ.   

ކައު ރަސޫލާ eގެ އެހެން ބަސްފުޅެއްގައި ވެއެވެ: مَن حَجَّ هذا البَيْتَ، فَلَمْ يَرْفُثْ، ولَمْ يَفْسُقْ رَجَعَ كَيَومِ ولَدَتْهُ أُمُّهُ[3] - މި ގެފުޅަށް ޙައްޖުވުމުގެ ތެރޭގައި ޖިމާޢުވުމެއް އަދި އުރެދުމެއް ނެތި ޙައްޖުވި މީހާ އޭނާގެ މައިމީހާގެ ބަނޑުން އުފަންވި ދުވަހަށް އެނބުރި ރުޖޫޢަވި ފަދައެވެ.

ޙައްޖުގެ މަނާސިކުތަކަކީ އާދައިގެ އަޅުކަމެއްނޫނެވެ. އޭގޭ ސަވާބު ޤިޔާސެއް ނުކުރެވޭނެއެވެ. އެއީ އައު އުފަންވުމެކެވެ. އައު ޙަޔާތެކެވެ.

ޢަރަފާތު ބިމުގައި ބައްދަލުވަނީ ހަށިތަކެއްނޫނެވެ. ހިތްތަކެވެ. ވާހަކަދައްކަނީ ދޫތަކެއްނޫނެވެ. ހިތްތަކެވެ.

ކިތައް ނަބީބޭކަލުން މި ޠާހިރު ބިމުގައި ތިއްބެވިހެއްޔެވެ؟ ކިތައް އަޅުން ﷲ ދެކެ ބިރުން ރޮއި ކަރުނަ އޮއްސިހެއްޔެވެ؟ ކިތައް އަތްތައް ﷲގެ ޙަޟުރަތަށް އުފުލުނުހެއްޔެވެ؟ ކިތައްކިތައް ފާފަތައް ތައުބާގެ ފެނުން ދޮވެވުނުހެއްޔެވެ؟ އާދަމުގެފާނާއި ޙައްވާގެފާނު ތަޢާރުފުވެވަޑައިގަތް ގޮތަށް ކިތައް އިންސާނުން އެކަކު އަނެކަކާ ތަޢާރުފުވެ ރަޙުމަތްތެރިވިހެއްޔެވެ؟

ގެފުޅުގެ ވަށައިގެން ޠަވާފުކުރާއިރު އެނބުރެނީ ހަށިގަނޑެއްނޫނެވެ. ހިތެވެ.

އެނބުރެނީ ޢަޤީދާގެ މަރުކަޒުގެ ވަށައިގެންނެވެ. ﷲގެ ޙަޟުރަތުގެ ވަށައިގެން ދުނިޔެ އަލުން ތަރުތީބުކުރެތެވެ.

ޞަފާ މަރުވާގައި ހިނގާ އިރު (ސަޢުޔުކުރާއިރު) ނަފުސު ސަޢުޔު ކުރަނީ ބިރާއި އުންމީދާ އެކުގައެވެ. މާތްﷲއަށް ފުރިހަމަ އިތުބާރާ އެކުގައި ވަކީލުކުރި މުއުމިނު އަންހެނަކު ސަޢުޔުކުރި ފަދައިންނެވެ. އެ ކަމަނާގެ ސަޢުޔު، ޤިޔާމަތާ ޖެހެންދެން އަދާކުރާންޖެހޭ ޝަޢީރާއެއްކަމުގައި މާތްﷲ ލެއްވިއެވެ. އަންހެނުންގެ ޤަދަރު އުފުލިގެންވާކަން ބަޔާންކޮށްދެއްވުމަށެވެ.

މުޒުދަލިފާއާއި މިނާގައި ރޭކުރުމުން ހަށިގަނޑަށް ހަމަހިމޭންކަން ލިބެނީ ހިތުގެ ހޭލުމަށް ޓަކައެވެ.

ޖަމްރާއަށް ހިލައުކުގައި އިންސާނާ އޭނާގެ ނިކަމެތިކަމާއި ފިނޑިކަމާއި ހަވާނަފުސު އެއްލައިލައެވެ. ޝައިޠާނާއާ ދެކޮޅަށް ތެދުވުމަށް ޓަކައެވެ.

ޙައްޖަކީ މަގުގެ ނިމުމެއް ނޫނެވެ. އެއީ ފެށުމެވެ. އައު ސަފުހާއަކުންނެވެ. އައު އުފަންވުމަކާ އެކުއެވެ. އައު ކޮއްތަކުންނެވެ.

 

މަރުޖާ:



[1]  - البقرة: 196

[2]  - أخرجه البخاري (١٧٧٣)، ومسلم (١٣٤٩

[3]  - أخرجه البخاري (١٥٢١) واللفظ له، ومسلم (١٣٥٠)، والنسائي (٢٦٢٧)

ކޮމެންޓު