ad_banner
ވިހި އަހަރު (ހަވަނަ ބައި)

އަސްމާ އަބޫބަކުރު

20 ސެޕްޓެންބަރު 2026

(2026 ސެޕުޓެންބަރު މަހު 13ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)

"އޭނާ އަހަރެމެން މަރައިލާނެ!"

"މަރީ، އަހަރެން ހުއްޓައި މަރީއަށް އެއްވެސް ދެރައެއް ނުދެވޭނެ." މަރިޔަމްގެ ކަރުނަތައް އިބްރާހީމް ފޮހެލައިދިނެވެ. އޭނާ ނާއިލްގެ މޫނަށް ބަލައިލިއެވެ.

"ނާއިލް، ކަލެއަށް އަހަރެމެންނަށް އިތުބާރު ކުރެވޭނެހެއްޔެވެ؟ އަމްޖަދަކީ ހަމައެކަނި ޤާތިލެއް ނޫން. އޭނާއަކީ މި ރަށުގެ އަޑީގައި ހިނގާ ހުރިހާ ނުރައްކާތެރި ޖަރީމާތަކެއްގެ މޭސްތިރިޔާ. މަގޭ އަތުގައި އޭނާގެ ހުރިހައި ސިއްރެއް އެބަހުރި."

ނާއިލް ބޯޖަހައިލިއެވެ.

"އަހަންނަށް އެނގޭ. އެހެންވެގެން އަހަރެން މިއުޅެނީ ކަލޭމެން ސަލާމަތްކުރަން. މި ޑިންގީއަށް އަވަހަށް އަރާ! އަހަރެން ކަލޭމެން މި ރަށުން ބޭރުކޮށްދޭނަން."

އެ މީހުން ޑިންގީއަށް އަރާން އުޅުނު ވަގުތު، ވަލުތެރޭގައިވާ ކުރެދި ގަސްތަކުގެ ތެރެއިން ބަރު ފިޔަވަޅުތަކެއްގެ އަޑާ އެކު، ބައްތިއެއްގެ ގަދަ އަލި ސީދާ އެ މީހުންގެ މޫނަށް އަމާޒުވިއެވެ.

"ހުއްޓޭ! އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނަގައިފިއްޔާ ބޮލަށް ބަޑިޖަހާނަން!" އެއިންޒާރުގެ އަޑަށް ތިންމީހުން އެ ދިމާއަށް ބަލައިލިއެވެ.

ގަސްތަކުގެ ތެރެއިން ނިކުމެގެން އައީ އަމްޖަދެއް ނޫނެވެ. އެއީ އަމްޖަދުގެ އެންމެ އިތުބާރު ހިފޭ، ހީލަތްތެރި ފުލުސް ސާޖަންޓު ރާޒީއެވެ. އޭނާގެ އަތުގައި އޮތީ ބޮޑު ބަޑިއެކެވެ. ރާޒީގެ ފަހަތުން އިތުރު ތިން ފުލުހަކު ހަތިޔާރާ އެކު ނިކުތެވެ. ނާއިލް ހުރީ ބެދިފައެވެ. އޭނާގެ އަމިއްލަ މީހުން އޭނާގެ ކުރިމަތީގައި ހަތިޔާރު އަޅައިގެން އެ ތިބީ އަމްޖަދުގެ ކޮރަޕްޝަންގެ އަޅުންނަށް ވެގެންނެވެ.

ދަގަނޑު މަތިގަނޑު

ކަނޑުގެ ގަދަ ރާޅުތައް ގޮނޑުދޮށަށް ބާރަށް ޖެހެމުންދިޔަ އަޑު، ސާޖަންޓު ރާޒީގެ ހަރުކަށި އަމުރުގެ ކުރިމަތީގައި މަޑުވެގެން ދިޔަ ކަހަލައެވެ. ބައްތިތަކުގެ ހުދު އަލި އިބްރާހީމާއި، މަރިޔަމް އަދި އޮފިސަރު ނާއިލްގެ މޫނަށް އަމާޒުވެފައިވާ އިރު، މާހައުލަށް ވެރިވެފައި އޮތީ މަރުގެ ހިމޭންކަމެކެވެ. ނާއިލްގެ އަތް އޮތީ ބަޑީގެ ބަޓުގައި ހިފަހައްޓައިލައިގެންނެވެ. ނަމަވެސް އޭނާގެ ކުރިމަތީގައި ތިބީ އަމިއްލަ މުއައްސަސާގެ ހަތަރު ފުލުހުންނެވެ. ކުޑަވެސް ގޯސް ހަރަކާތަކުން މަރިޔަމްއާއި އިބްރާހީމްގެ ފުރާނަ ދުނިޔެއިން ވަކިވެގެން ހިނގައިދާނެއެވެ.

"ނާއިލް... ކަލޭ ތިޔަ ކުރަނީ ކޮން ކަމެއް؟ ކޮމާންޑަރު އަމްޖަދުގެ އަމުރަށް ފިލައިގެން އުޅޭ ނުރައްކާތެރި ޤާތިލަކަށް ކަލޭ ތިޔަ އެހީވަނީ ކީއްވެ؟" ރާޒީ ބަޑީގެ ކޮޅު ކުރިއަށް ޖައްސައިލަމުން ދަތްކުނޑިވިކައިލިއެވެ.

"ރާޒީ! ކަލެއަށް އަސްލު ހަގީގަތް ނޭނގެނީ... އަމްޖަދަކީ..." ނާއިލް ވާހަކަދައްކާން އުޅުނެވެ.

"ހުއްޓައިލާ!" ރާޒީ ހަޅޭއްލަވައިގަތެވެ. "އަހަރެމެން އަޑުއަހާނީ ހަމައެކަނި ކޮމާންޑަރުގެ އަމުރު. ހަތިޔާރު ބަހައްޓައިފައި ތިޔަ ތިން މީހުން ކުރިއަށްދޭ!" ޑިންގީ ކައިރީގައި ތިބި ތިން މީހުން މަޑުމަޑުން ރާޒީމެންނާ ދިމާއަށް އަންނާންފެށިއެވެ.

އެ ވަގުތު، ޖަންގަލީގެ ތެރެއިން މީހަކު ކުއްލިއަކަށް ދުވެފައި އައިސް އެ ސަރަހައްދަށް ނިކުތެވެ. އެއީ ވާރެއާ ތެމި، މޫނުމަތިން ވަރުބަލިކަމާއި ލޭގެ އަސަރު ފާޅުވާން ހުރި ޝާހިދެވެ. އަމްޖަދު ދިން ގަދަ ހަމަލާއިން އޭނާ މަރުނުވެ، ހޭއެރުމާ އެކު ހުރި ބާރެއްލާފައި އޭނާ ދުވެފައި މި އައީ އަތިރިމައްޗަށެވެ. އޭނާގެ އަތުގައި ބާ ކެމެރާއެއް އޮތެވެ.

"ހުއްޓައިލާ! ރާޒީ، ބަޑި ތިރިކުރޭ!" ޝާހިދު މާނޭވާލަމުން ހަޅޭއްލަވައިގަތެވެ. "އަމްޖަދަކީ ޤާތިލް! އޭނާ މަގޭ ކޮޓަރިއަށް ވަދެ މަގޭ ބޮލުގައި ޖައްސައިފައި، ވިހި އަހަރު ކުރީގެ މަރުގެ ހަގީގީ ހެކިތައް ފޭރިގެން އެ ދިޔައީ. އިބްރާހީމަކީ ކުށްވެރިއެއް ނޫން!"

ޝާހިދުގެ އެ ދެއްކި ވާހަކަތަކުން ރާޒީގެ ފަހަތުގައި ތިބި ތިން ފުލުހުންގެ ހިތްތަކަށް ޝައްކު ވަނެވެ. އެ މީހުންގެ ބަޑިތައް ކުޑަކޮށް ތިރިވެލިއެވެ. އެ ހުޅުވުނު ކުޑަކުޑަ ފުރުސަތުގެ ބޭނުން ހިފައި، ނާއިލް ވަގުތުން ރާޒީގެ އަތުގައި ހިފައި އަނބުރައިލުމަށް ފަހު ބިންމައްޗަށް ވައްޓައިލިއެވެ.

 "ބަންގް!" ރާޒީގެ ބަޑިން ނިކުތް ވަޒަން ޖެހުނީ މާ ދުރަށެވެ.

"ދުވޭ! ޖަންގަލީގެ ތެރެއަށް ދުވޭ!" ނާއިލް ހަޅޭއްލަވައިގަތެވެ.

އިބްރާހީމް މަރިޔަމްގެ އަތުގައި ހިފައިގެން، ޝާހިދާ އެކު އަނބުރައި ޖަންގަލީގެ ކަޅު އަނދިރިގަނޑުގެ ތެރެއަށް ދުއްވައިގަތެވެ. ފަހަތުން ފުލުހުންގެ ހަޅޭކުގެ އަޑާއި ބަޑީގެ އަޑުތައް އިވެމުންދިޔައެވެ. ނާއިލް އެ މީހުންނަށް މަގުދައްކަމުން ދިޔައީ ޖަންގަލީގެ އެހެން ދިމާއަކަށެވެ. ވާރޭގެ ތެރޭގައި ކޮޅުކޮޅުމަތީން ދުވެ، އެ މީހުންނަށް އާދެވުނީ އިބްރާހީމް ކުރިން ހަދާފައިވާ ބިންގަރާހުގެ ބާދަގަނޑު މަތިގަނޑު ހުރި ސަރަޙައްދަށެވެ. ފުލުހުން ކުރިން އެތަނަށް ވަދެ، މިހާރު އެތަން ދޫކޮށް ގޮސްފައިވުމުން އެތަން އޮތީ ފަޅުވެފައެވެ.

"އަހަރެމެން އަލުން މި ތަނަށް ވަންނަނީހެއްޔެވެ؟" މަރިޔަމް ބިރުން ހުރެ އެހިއެވެ.

"މިއީ މި ވަގުތު އެންމެ ސަލާމަތްތެރިތަން. އެ މީހުން ހީކުރާނީ އަހަރެމެން މި އުޅެނީ ރަށުން ފިލާން ކަމަށް. އަލުން މި ތަނަށް އަތުވެދާނެކަމަކަށް އެ މީހުންގެ ޚިޔާލަކަށްވެސް ނާންނާނެ." އިބްރާހީމް ބުންޏެވެ.

އިބްރާހީމް ބާދަގަނޑު މަތިގަނޑު ހިއްލައިލިއެވެ. އަދި ޝާހިދާއި، މަރިޔަމާއި ނާއިލް ބިންގަރާހުގެ އަނދިރިކަމުގެ ތެރެއަށް ފޭބިއެވެ. އިބްރާހީމް މަތިގަނޑު ލައްޕާލައި ސިއްރުތަޅުއަޅުވައިލި ވަގުތު، ބިންގަރާހުގެ ފާރުތައް ގުޑައިގެންދިޔައެވެ. މަތީގައި، ބިންގަރާހުގެ ދޮރުމަތީގައި ބަރު ފިޔަވަޅުތަކެއް ހުއްޓުނު އަޑު އެ މީހުންނަށް އިވުނެވެ.

އެއީ ސީދާ އަމްޖަދުގެ ފިޔަވަޅުގެ އަޑެވެ!

ބިންގަރާހަށް ވަނުން

ބިންގަރާހުގެ ފިނި، ތެތް އަނދިރިކަމުގެ ތެރޭގައި ހަތަރު ފުރާނަ ތިބީ ނޭވާ ހިފަހައްޓައިލައިގެންނެވެ. ބޯމަތީގައި އޮތް ބާ ދަގަނޑު މަތިގަނޑުގެ މަތިން އިވެމުންދިޔަ ބަރު ފިޔަވަޅުތަކުގެ އަޑުން، އެންމެންގެ ހިތްތައް ތެޅެމުންދިޔައެވެ. ހިތްތަކުގައި ވަނީ ވޭނީ ރިހުމާއި ބިރުވެރިކަމެވެ. ޝާހިދު އޭނާގެ ބޮލުގައި އަތްއަޅައިލައިގެން އިންއިރު، އޭނާގެ އިނގިލިތަކުގެ ދޭތެރެއިން ހޫނު ލޭގެ އަސަރު އަދިވެސް ފާޅުވަމުންދިޔައެވެ. ނާއިލް އަވަސްއަވަހަށް އޭނާގެ ގަމީހުން ބައެއް ވީދާލާފައި ޝާހިދުގެ ބޮލުގައި އައްސައިދިނެވެ. އެވަގުތު އެންމެ ބޮޑު ސަމާލުކަން ދޭންޖެހެނީ އެ އިވޭ އަޑަށެވެ. ނާއިލް އޭނާގެ ފިސްތޯލައިގެ ސޭފްޓީ ލޮކް ނައްޓައިލަމުން، ދަގަނޑު މަތިގަނޑާ ދިމާއަށް ބަޑި އަމާޒުކުރިއެވެ.

ކްރޫސް... ޝްޝް...

މަތީގައި ހުރި މީހާ ބޫޓުން ފަސްގަނޑު ކޮއްޕާލި އަޑު އިވުނެވެ. އެއީ ސީދާ އަމްޖަދުގެ ޙަރަކާތެއްކަން އިބްރާހީމަށް އެނގެއެވެ. އޭނާ ހުރީ ބިންގަރާހުގެ ދޮރުމަތީގައެވެ. އޭނާގެ އަތުގައި އޮތް އަލިގަދަ ބައްތީގެ އަލި ގަސްތަކުގެ ތެރެއަށް ހޫރަމުންދިޔައެވެ.

"ރާޒީ! ކޮބާ އެ މީހުން؟" އަމްޖަދުގެ ބަރު، އަމުރުވެރި އަޑު ދަގަނޑު މަތިގަނޑު ފޫއަޅުވާލާފައި ބިންގަރާހުގެ ތެރެއަށް ކިރިޔާ އިވޭވަރަށް ފޭދުނެވެ.

"ކޮމާންޑަރު! އެ މީހުން ދުވީ އަތިރިމަތީގެ ދެކުނު ފަރާތު ޖަންގަލި ތެރެއަށް. ނާއިލު ވެސް ހުރީ އެ މީހުންނާ އެކު." ދުރުން ދުވެފައި އައި ރާޒީގެ ވަރުބަލި އަޑު އިވުނެވެ.

"ކަލޭމެން ތިއީ އެއްވެސް ކުޅަދާނަކަމެއް ނެތް ބައެއްތަ؟ ހަތަރު މީހުން ތިއްބައި އެންމެ ޒުވާން އޮފިސަރަކާއި މުސްކުޅިއެއްގެ އަތުން ބަލިވީމާ ލަދުގަންނާންޖެހޭނެ! ވަގުތުން ދެކުނު ފަރާތަށްދޭ. އެ މީހުން މި ރަށުން ފިލައިގެން ގޮސްގެން ނުވާނެ!" އަމްޖަދު ހިތްހަމަނުޖެހިފައި ހަޅޭއްލަވައިގަތެވެ.

އަމްޖަދުގެ ފިޔަވަޅުތަކުގެ އަޑު މަޑުމަޑުން ދުރަށްދާން ފެށިއެވެ. ފުލުހުންގެ މުޅި ފައުޖު މިސްރާބު ބަދަލުކޮށްލީ ޖަންގަލީގެ އަނެއްކޮޅަށެވެ. އެ މީހުން ދިއުމާ އެކު، ބިންގަރާހުގެ ތެރެއަށް ދޫވެގެންދިޔައީ ފުން ނޭވާތަކެއްގެ އަޑެވެ. މަރިޔަމް ބިރުން ހުރެ އިބްރާހީމްގެ ކޮނޑުގައި ބޯޖައްސައިލިއެވެ.

ނާއިލް އޭނާގެ ބައްތި ދިއްލައިލިއެވެ. ފަނޑު އަލިގަނޑުގެ ތެރެއިން ބިންގަރާހުގެ އެތެރޭގެ ބިރުވެރި މާހައުލު ފާޅުވިއެވެ. ފާރުތަކުން ފެންތިކިތައް ފޭދެމުންދިޔައިރު، މޭޒުމަތީގައި ހުރީ އިބްރާހީމް ސިފަބަދަލުކުރަން ގެންގުޅޭ އެކި ކަހަލަ ކުލަތަކާއި، ކޯޓުތަކެވެ. ޝާހިދު މަޑުމަޑުން ގޮސް ބިންގަރާހުގެ އެނދުގައި އިށީނދެލިއެވެ.

"ޝާހިދު، ކަލޭގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައި ތިހިރީ."

"އަހަރެން ރަނގަޅުވާނެ... އެކަމަކު އަމްޖަދު... އޭނާ މަގޭ އަތުން ހުރިހާ އެއްޗެއް އަތުލައިފި. މަގޭ މެމޮރީ ކާޑާއި، އިބްރާހީމްގެ މާސްކު ވެސް އޭނާގެ އަތުގައި އެ އޮތީ. އަހަރެމެންގެ އަތުގައި މިހާރު އޭނާ ކުށްވެރިކުރާނެ އެއްވެސް ހެތްކެއް ނެތް." ޝާހިދުގެ އަޑުގައި ހުރީ މާޔޫސްކަމެވެ.

"ހާސްނުވޭ ޝާހިދު." އިބްރާހީމް ކުރިއަށް ޖެހިލަމުން ބުންޏެވެ. އޭނާގެ ދެލޮލުން މިއަދު ފެންނަނީ ވިހި އަހަރު ވަންދެން ފޮރުވައިގެން ހުރި ހިތްވަރެވެ. "އަމްޖަދު ހީކުރަނީ އޭނާއަށް ހުރިހާ ހެތްކެއް ނައްތައިލެވުނީ ކަމަށް. އެކަމަކު އޭނާއަށް ނޭނގޭ ބޮޑު ސިއްރެއް މި ބިންގަރާހުގެ އަޑީގައި އެބަ އޮތް. އަމްޖަދު އަމިއްލައަށް ކުށަށް އެއްބަސްވި ބަސްތަކުގެ އަސްލު ރެކޯޑިންގްތައް އޮތީ މަގޭ އަތުގައި."

އިބްރާހީމް ކޮޓަރީގެ ކަނެއްގައި ހުރި ބާ ދަގަނޑު ފޮށްޓެއްގެ ކައިރިއަށް ގޮސް، އޭގެ ތެރެއިން ކުޑަކުޑަ ޓޭޕް ރެކޯޑަރެއް ނެގިއެވެ. އެއީ މީގެ ވިހި އަހަރު ކުރީގެ އާލަތެކެވެ. ނަމަވެސް އެއީ އަމްޖަދުގެ މުޅި ދިރިއުޅުން އަންދައިލާނެ ވަރުގެ ހެތްކެކެވެ.

މަރިޔަމް ހައްޔަރުވުން

ބިންގަރާހުގެ ބޮކީގެ ފަނޑު އަލީގައި އިބްރާހީމް ޓޭޕްރެކޯޑަރ ނެގިއެވެ. އެ ބާ ޓޭޕް ރެކޯޑަރަކީ އެންމެންގެ ހިތްތަކަށް އުންމީދުގެ އަލިކަން ގެނެސްދިން އެއްޗެކެވެ. ނަމަވެސް، އެ އުންމީދުގެ ދިގުމިނަކީ މަދު ސިކުންތުކޮޅެކެވެ. ކުއްލިއަކަށް ބިންގަރާހުގެ މަތީގައި ހުރި ދަގަނޑު މަތިގަނޑަށް ބާރު އެތިފަހަރެއް އެރި އަޑު އިވުނެވެ.

"ބަން!"

އެންމެން ސިއްސައިގެން ގޮސް މައްޗަށް ބަލައިލިއެވެ. އަމްޖަދު ދުރަށް ދިޔައީ ފޭކު އުކުޅެއްގެ ގޮތުންނެވެ. އޭނާ ހުރީ ބިންގަރާހުގެ ބޭރުގައި ހުރި ގަސްތަކުގެ ފަހަތުގައި ނިވައިވެގެންނެވެ. ފުލުހުން ބަސްބުނާހައި ހިނދުކޮޅެއްގެ ތެރޭގައި ތަޅު ހަލާކުކޮށްލައިފިއެވެ. އަދި ދަގަނޑު މަތިގަނޑުގެ ސިއްރު ތަޅު ދުއްވައިލުމަށްފަހު މަތިގަނޑު އެއްލައިލިއެވެ. ކަރުނަގޭސް ބޮމެއް ބިންގަރާހުގެ ތެރެއަށް ވެއްޓުނީ ހީވެސް ނުކުރާހާ އަވަހަށެވެ.

ޝްޝްޝް...

ކޮޓަރި ތެރެއަށް ފެތުރިގެންދިޔަ ހުދު ދުންތަކުގެ ސަބަބުން ދެލޯ ދިލަނަގައި، ނޭވާ ހާސްވާން ފެށިއެވެ. ކޮށިއަރަމުން، ލޯމަރައިގެން ތިބެ އެންމެން ކޮޅުކޮޅުމަތިން ދުވަން ފެށިއެވެ.

"މަގޭ ފަހަތުން އާދޭ! ސިއްރު މަގަށް ވަދޭ!" އިބްރާހީމް ކޮށިއަރަމުން ހަޅޭއްލަވައިގަތެވެ.

ނާއިލް ޝާހިދުގެ އަތުގައި ހިފައިގެން ބާ ފޮށިތަކުގެ ފުރަގަހުގައި އޮތް ހަނި ސިއްރު މަގާ ދިމާއަށް ދެމިގަތެވެ. އިބްރާހީމް މަރިޔަމްގެ އަތުގައި ހިފަން އުޅުނެވެ. ނަމަވެސް، ދުމުގެ ތެރެއިން މަރިޔަމްގެ އަތް ކައްސާލައި، އޭނާ އެނދުގެ ކައިރިއަށް ވެއްޓުނެވެ. އެ ވަގުތު، ބިންގަރާހުގެ ހަރުފަތްތަކުން ތިރިއަށް ފޭބި ހަތިޔާރުއެޅި ފުލުހުން މަރިޔަމްގެ ވަށައިލިއެވެ.

"އިބްރާހީމް! ސަލާމަތްވޭ! އަހަރެން ދޫކޮށްލާފައި ދޭ!" މަރިޔަމް ކަރުނުން ފުރިފައިވާ ދެލޮލުން ހަޅޭއްލަވައިގަތެވެ. (ނުނިމޭ)

ކޮމެންޓު
ކޮމެންޓުތައް
ފާތުން
20 ސެޕްޓެންބަރު 2026 23:42
މި ވާހަކަ ވަރަށް ރީތިވެއްޖެ. ފުރަތަމަ ހީކުރީ އެހާ އެހާއެއް ނުވާނެޔޭ. ބަޓް އޮބިނެސް ޓު ދަ މެކްސް