ad_banner
ހަގީގީ ހާދިސާ (1): އާޔަތުލްކުރުސީގެ ބަރަކާތް – ޝައިޠާނާއަށް ލިބުނީ ކޮޅުކެހި

އަބާ މުޙަންމަދު

25 ސެޕްޓެންބަރު 2025

ޝައިޠާނާއަށް ލިބުނީ ކޮޅުކެހި

ދާދި ފަހުން އަޅުގަނޑުގެ ރައްޓެއްސަކު ބޭރު ގައުމަކަށް ކޮންމެވެސް ކަހަލަ ތަމްރީނަކަށް ދިޔައެވެ. އިންތިޒާމު ހަމަޖެހިފައި އޮތް ގޮތުން އެ ގުރޫޕް ތިބޭން ހަމަޖެހިފައިވަނީ އެ ތަމްރީނު ޕްރޮގްރާމް ހިންގާ މަރުކަޒުގެ ހޮސްޓެލްގައެވެ. މި މަރުކަޒު ހުންނަނީ މީހުން އުޅޭ ސަރަހައްދާ ތަންކޮޅެއް ދުރު ހިސާބެއްގައެވެ.

އަޅުގަނޑުގެ ރަޙުމަތްތެރިޔާ ކޮންމެ ރެޔަކު ވެސް ނިދުމުގެ ކުރީން އާޔަތުލްކުރުސީއާއި ޝަހާދަތް ކިޔެވުމަކީ ކުޑައިރުއްސުރެ އާދަވެފައި އޮންނަ ކަމަކަށް ވާތީ، އާދައިގެ މަތީން އެއް ރެޔަކު ނިދާންވެގެން އާޔަތުލްކުރުސީއާއި ޝަހާދަތް ކިޔައިގެން ނިދައިފައި އޮތީ އެ ހޮސްޓެލްގެ ހަތަރުވަނަ ބުރީގެ ކޮޓަރިއެއްގައެވެ. ދުވާލާއި ރޭގަނޑުގެ ކްލާސްތައް ނިންމައިލުމަށް ފަހު، މާދަމާ މައިދާނީ ދަތުރެއް ދާން ހަމަޖެހިފައިވާތީ އެ ރޭ ތަންކޮޅެއް އަވަހަށް ނިދާން އޮށޯތީއެވެ.

ޝިފާއު (އަސްލު ނަމެއް ނޫން)އަށް ހޭލެވުނީ މެންދަމު ދޭއްޖަހާ އެހައިކަން ހައި އިރު، މީހަކު ކޮށްޕައިލި ކަހަލަ އިޙުސާސެއް ކުރެވިގެންނެވެ. އެ ވަގުތު ކުޑަދޮރާ ދިމާއިން ދުންގަނޑެއް ކަހަލަ އިޙުސާސެއް ކުރެވުނުކަން އަނެއް ދުވަހު ވިސްނުނެވެ. އޭރަކު އެ ކަމަކަށް ނުވިސްނެއެވެ. އަނެއްކާ ފާޚާނާކޮށްލައިގެން ޝަހާދަތް ކިޔައިގެން ނިދީއެވެ.

ހެނދުނު ހޭލި އިރު، ކަނާތުގެ މުލައްދަނޑީގައި މީހަކު ތިން އިނގިއްޔަކުން ވަރަށް ބާރަށް ހިފައިފައި ހުރި ކަހަލަ ގޮތަކަށް ކަޅުވެފައި ހުއްޓެވެ. ހިސާބަކަށް ތަދުވެސް ވެއެވެ. ޝިފާއު ހީކުރީ ކޮންމެވެސް ސޫތްޕެއް ހެފީކަމަށެވެ. ލޯޝަން އުނގުޅައި ހަދައިގެން ދެތިން ދުވަހެއް ވީ އިރު ތަދު ކެނޑިއްޖެއެވެ. ނަމަވެސް އެ ތަން ވަރަށް ގަދައަށް ހުރީ ކަޅުވެފައެވެ. އެހެންވެ ޝިފާއު، އެ މީހުންގެ ކޯސް ކޯޑިނޭޓަރަށް އެ ތަން ދައްކައި އެ ވާހަކަ ކިޔައިދިނެވެ. ނަމަވެސް އެއީ ރޫހާނީ ނުވަތަ ޝައިޠާނީ ކަމެއްކަމަކަށް އޭރަކު ހިޔެއް ނުކުރެއެވެ.

ކޯސްކޯޑިނޭޓަރު ފާޑެއްގެ އިސްޕްރޭ ފުޅިއެއް ގެނެސް ކަރަށް އިސްޕްރޭކޮށްފައި، އަތުގެ ކަޅުވެފައިވާ ތަނަށް އިސްޕުރޭކޮށްފައި ބުނީ މި އިސްޕްރޭ ޖެހުމުން ކަހައި ހިރުވައި މި ކަހަލަ ކަމެއް ވެއްޖެ ނަމަ، އެއީ ޝައިޠާނީ ކަމެއްކަމަށެވެ.

ކޮންމެއަކަސް ކުޑަ އިރުކޮޅެއްގެ ތެރޭގައި އަތަށް އިސްޕްރޭ ކުރި ތަން ވަރަށް ގަދަޔަށް ހިރުވައި ކަހާން ފެށިއެވެ. އެހެންކަމުން އެއީ ޝައިޠާނީ ކަމެއްކަމަށް ނިންމިއެވެ. ނިދަމުން އާޔަތުލްކުރުސި ކީ ވާހަކަ ބުނުމުން ބުނީ ޝިފާއު ސަލާމަތްވީ އެހެންވެގެންކަމަށެވެ. އެ ޝައިޠާނަކަށް އެ ކަން ނޭނގި އަތްލެވުމުން އާޔަތުލްކުރުސީގެ ބާރުން އޭނާއަށް ޝޮކެއް ލިބިގެން އަވަހަށް ރައްކާވެގެންދިޔައީކަމަށެވެ. އެހެން ނޫންނަމަ، ވަރަށް ނުރައްކާ ވީސްކަމަށެވެ.

އޭގެ ފަހުން، ޝިފާއު ކޮންމެ ރެޔަކު ވެސް ނިދަނީ އާޔަތުލްކުރިސީއާއި ޝާހާދަތްކިޔައި މުޅި ގައި މަތުރައިގެން ކޮޓަރީގައި ބަޤާރާ ސޫލަތް ޖަހައިގެންނެވެ. ނަސީބަކުން އޭގެ ފަހުން ޝިފާއުއަށް އެއްވެސް އުނދަގުލެއް ނުވެއެވެ.

ކޯޑިނޭޓަރުގެ ލަފާގެ މަތީން ޝައިޠާނީ ލޭ ސާފުކޮށްލުމަށް ޓަކައި ޝިފާއު ޙަކީމަކު ގާތަށް ގޮސް ކަވާ (މި ޒަމާނުގައި ކިޔާ ގޮތުން ނަމަ ޙިޖާމާ) ވެސް ޖެހިއެވެ.

މި ވާހަކަ ހުރިހައި އެންމެންނަށް އެނގުމުން އެކި މީހުންނަށް އެކި ވަރުގެ ނޭނގޭ އުނދަގޫތަކެއް އެކި ރޭރޭ ދިމާވިކަމަށް ފަހުން މަޢުލޫމާތު ލިބުނެވެ. ނިދަން އުނދަގޫ ގޮތްތަކެއްވުމާއި ކޮޓަރީގައި ހުންނަ ބައެއް އެއްޗެހި (ކޮޓަރި ތަޅުލައިގެން އޮންނަ އިރު ވެސް) ގެއްލޭކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މި ސަރަހައްދުން މި ބާވަތުގެ ބައެއް ހާދިސާތައް މާޒީގައި ދިމާވެފައިވާކަމަށް ޚަބަރު ލިބުނެވެ. ކޮންމެއަކަސް ޝިފާއުއަށް ސަލާމްތަވެވުނީ އަދި ޝައިޠާނާއަށް ކޮޅުކެހި ލިބުނީ އާޔަތުލްކުރުސީގެ ބަރަކާތުންނެވެ. އެއީ ޝައިޠާނުން ވަރަށް ބިރުގަންނަ އާޔަތެއްކަމަށް ވެއެވެ. ވީމާ، ކޮންމެ މީހަކު ވެސް ނިދުމުގެ ކުރީން އާޔަތުލްކުރުސީއާއި އިޚުލާޞް، ފަލަޤު، ނާސް މި ތިން ސޫރަތާއި ޝަހާދަތް ކިޔައިގެން ނިދާން އާދަކުރުމަކީ މުހިންމު ކަމެކެވެ.

ކޮމެންޓު