ad_banner
އިންސާފު (1)

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

7 ސެޕްޓެންބަރު 2025

އިންސާފު 1

އެންމެ ބޮޑެތި ހަނގުރާމަތައް ކުރެވެނީ ބޭރުގައި ބޭރުދުނިޔޭގައެވެ. އެހެންނަމަވެސް އަހަރެމެން ގެއޭ ކިޔާ ފާރުތަކުގެ ތެރޭގައި ކުރެވޭ ހަނގުރާމަ މަދެއް ނޫނެވެ. ކަނޑިއާއި ބަޑި ނެތަސް އެ ކުރެވޭ ހަނގުރާމައިގައި ދުލުގެ ހަރުދަނާކަމާއި އަޑުއަހާން އުނދަގޫ ބަސްތައް ބޭނުންކުރެވެއެވެ. އެ ބަސްތައް އަބަދުގެ އަބަދަށް ހިތުގައި ހަރުލައި ޒަޚަމު އުފެދެއެވެ.

އައިޝާ އަބަދު ވެސް ގަބޫލުކުރަމުން އައީ ތައުލީމަކީ އޭނާގެ ކަނޑިއެވެ. ކެތްތެރިކަމަކީ އޭނާގެ އައްޑަނައެވެ. އޭރު ރަށުގައި ހުރި ކުޑަކުޑަ އިސްކޫލެއްގެ ޓީޗަރުކަމުން ފެށިއެވެ. ނަމަވެސް  މިހާރު އޭނާއަކީ  ސިޓީގެ އެންމެ ވަރުގަދަ އެއްމަޤާމު ކަމުގައިވާ ޕްރިންސިޕަލްގެ މަޤާމްގައި ހުރި މީހެކެވެ.

އައިޝާގެ ޢާއިލާއަކީ ކިތަންމެ ފަގީރު ޢާއިލާއެއްކަމުގައި ވިއަސް އޭނާގެ މަންމައާއި ބައްޕަ އެ މީހުންގެ ތިބި ދެ ދަރީންނަށް ޓަކައި ޤުރުބާންވިއެވެ. އެ ދަރީންނަކީ ޤައުމަށް ބޭނުންތެރި ބަޔަކަށް ހެދުމަށް ޓަކައެވެ. މިއަދު އައިޝާ އިށީނދެގެން އިން އޮފީހާއި ހަމައަށް، އޭނާގެ ދަތުރުކޮށްފައި ވަނީ ގުރުބާނީއާއި އޭނާ ކިޔެވުމަށް ކުރި ހިތްވަރުންނެވެ.

އެކަމަކު މިއަދު އެނދުގައި އޮށޯވެލައިގެން ނިތްކުރިމަތީ އަތްބާއްވާލައިގެން އޮތީ އިމްތިހާނުތަކުގައި، އިންޓަވިއުތަކުގައި، ނުވަތަ ތަގުރީރުތަކުގައި ކުރީން ހީކުރި ވަރަށް ވުރެ ހިތަށް ބަރުވުމާ އެކުގައެވެ.  މި ހަނގުރާމަ ތަފާތުވީ މިއީ ޑިގްރީތަކާއި، ފޮތްތަކާއި، ލީޑަރޝިޕްގެ ވާހަކައެއް ނޫނެވެ. އެއީ ބަލައިގަތުމާ ގުޅޭކަމަކަށް ވާތީއެވެ. އައިޝާ ކާވެނިކުރާން ނިންމީ މާޒިންގެ ޢާއިލާގެ ނުގަބޫލުކަމުގައެވެ. އެ ނުގަބޫލުކަމުގައި ދުވަހެއް ދުހަކަށް ދިޔައީ ނަފުރަތުގެ ހުޅުކޮޅު ރޯވަމުންނެވެ.

"އަހަރެން އެއް ގޮތަކަށް ވެސް މާޒިން އޭނަޔާ އިންނާކަށް ގަބޫލެއް ނޫން." މާޒިންގެ މަންމަ ރުޅިއައިސްގެ ހަޅޭއްލަވައިގަތެވެ.

"މަންމާ ކީއްވެތަ ތިޔަ ހައި ރުޅިއެއް ތިޔަ އަންނަނީ. މި ދިވެހިރާއްޖޭގައި އޮންނަނީ އެ މީހަކަށް ފެނުނު ރަނގަޅު މީހަކާ ކައިވެނިކޮށް ރީތި ދިރިއުޅުމެއް އުޅުމެއް ނޫންތަ؟ އަނެއްކާ އައިޝާއަކީ ރަށުގައި ގަދަރު އުފުލިގެންވާ މީހެއް."

"ތިޔައޭ މައްސަލައަކީ. އެހައި މަތީ ތަޢުލީމު ހާސިލްކޮށްގެން އައިސް ގޭތެރޭގެ ޒިންމާއެއް އެ ފަދަ އަނބީން ނުނަގާނެ. އަބަދު އުޅޭނީ ގެއިން ބޭރުގައި. ރީތި އަޑެއް ވެސް އެ މީހުން ފަރާތުން ނީވޭނެ. ގެވެހި ދިރިއުޅުމަށް އެ މީހުން ނަފުރަތުކުރާނެ." ޖަމީލާ އަޑުހަރުކޮށް މާޒިނާ ދިމާއަށް ހަޅޭއްލަވަމުން ދިޔައެވެ.

"މަންމަ ތިޔަ ވިސްނަނީ ހާދަހާ ނައްސިކޮށޭ. އަހަރެން މި ކާވެނި ކުރާނަން" މާޒިންގެ ބަސް އިއްވުމަށް ފަހު ގެއިން ނިކުމެގެން ހިނގައްޖެއެވެ.

އައިޝާ ނިތްކުރީގައި އަތްބާވައިގެން އޮވެ ޚިޔާލީ ދުނިޔެއަށް ވާސިލްވިއެވެ. ގުޅުމެއްގެ ފެށުން އައި ގޮތެވެ. އެއް ދުވަހު އައިޝާ އޭނާގެ ކޮޓަރީގައި ގެއްލިފައި އިނީ އެކްޓިވިޓީ ކަލަންޑަރު ބެލުމުގައެވެ. ކުރިއަށް އޮތް ޙަރަކާތްތައް ގިނަވެފައި އިމްތިހާނު ވެސް ކައިރިވަނީއެވެ. އެންމެ އިސްކަން ދޭންޖެހޭ ތަރުތީބު ޗެކުކުރުމުގައި އައިޝާ ދިޔައީ ވިސްނަމުންނެވެ.

އެ ވަގުތު އެ ރޫމްގައި ޓަކިޖެހީ މާޒިނެވެ. އައިޝާގެ ހުއްދައާ އެކު މާޒިން ވާހަކަ ފެށިއެވެ. މާޒިނަކީ ސްކޫލްގެ ލީޑިންގ ޓީޗަރެވެ. ސެޝަންގެ އިންޗާޖެވެ. އެހެންކަމުން ކޮންމެ ދުވަހަކު ޕްރިންސިޕަލާ އެކު މަޝްވަރާކުރާންޖެހޭ ގިނަ ކަންތައްތަކެއް ހުރެއެވެ. މިއަދު ވެސް މާޒިން އައީ ކުރިއަށް އޮތް އިމްތިހާނުގެ ދުވަސްވަރު ރޭވިފައިވާ ބައެއް އިތުރު ޙަރަކާތްތައް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާކުރާށެވެ.

"އަޅުގަނޑަށް ފެންނަނީ އިމްތިހާނުގެ ދުވަސްވަރު ދަށް ގްރޭޑްތަކުގެ ޙަރަކާތްތައް ކުރިއަށް ގެންގޮސް އިމްތިހާން ނިމުމުން މަތީ ގްރޭޑްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދާން. އެ ގޮތް ކިހިނެއް ވާނެތޯ؟

"މާޒިންގެ ޚިޔާލު ވަރަށް ރަނގަޅު. ތިޔައީ މިއަދު އަޅުގަނޑު ވިސްނަމުން ދިޔަ މައްސަލައިގެ ޙައްލު." ޕްރިންސިޕަލް ހިނިތުންވުމާ އެކު މާޒިނަށް ބަލައިލިއެވެ. އެ ވަގުތު ދެ މީހުންގެ ހަތަރުކަޅި ހަމަވިއެވެ. އެ ފަދަ  ކޮންމެ ވަގުތަކު މާޒިންގެ ހަށިގަނޑަށް ގޮތްތަކެއްވެއެވެ. އެރީތި ދެ ލޮލުން ހަތަރުކަޅި ހަމަކޮށްލާ ކޮންމެ ފަހަރަކު މާޒިންގެ ހިތަށް ވެސް ގޮތްތަކެއްވެއެވެ.

އެހެން ދުވަހެކެވެ. އެސް.އެމްޓީ މީޓިންގ ކުރިއަށް ގެންދިޔައީ ޕްރައިވެޓް ސްކޫލެއްގައި އާމްދަނީ އިތުރުކުރުމާ ގުޅޭ ގޮތުންނެވެ. ކޮންމެ މީހެއްގެ ވެސް ގެންދިޔައީ ޚިޔާލު ހުށަހަޅަމުންނެވެ. ބައެއް ލީޑިންގ ޓީޗަރުންގެ ޚިޔާލުގައި މިހާރު ވެސް މަސައްކަތްތަކުގައި އެހާ ބިޒީކޮށް އުޅޭ އިރު، އިތުރު ކަމަކަށް ޓީޗަރުންނަކަށް މާގިނަ ވަގުތެއް ނެތެވެ. އިތުރަށް ކުދީން ގެނައުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން އިޝްތިހާރުކުރެވިއްޖެ ނަމަ އިތުރު ކުދީން ގެނެވިދާނެކަމަށް ގިނަ ލީޑިންޓީޗަރުން މަޝްވަރާދިނެވެ. އެންމެ ފަހުން ފުރުޞަތު ލިބުނީ މާޒިންއަށެވެ.

"މިއަދު މިތާ ދެއްކި ވާހަކައިގެ ތެރެއަށް އަޅުގަނޑު ގެންނާން ބޭނުންވާ ޚިޔާލު އެންމެންނަށް ކަމުނުގޮސްފާނެ. އެކަމަކު ޕްރައިވެޓް ސްކޫލަކަށް މީހުން ޝައުޤުވެރިވާނެ އެތައް ގޮތެއް ބަލައި ވިސްނާންޖެހޭ. މި ސްކޫލްގެ ގޯތިތެރޭގައި ހުސްޖާގަ އެހާ ބޮޑަށް އެބަ އޮތް. އެ ތަނުން ހުސްޖާގައިގައި ހަތަރު ކްލާސްރޫމް އަޅައިފައި ޕްރީސްކޫލް ކުދީންނަށް ފުރުސަތު ހުޅުވައިލައިފި ނަމަ، އެ ވާނެ ވަރަށް ގިނަ ބަޔަކަށް ފަސޭހައަކަށް. އަދި އާމްދަނީ އިތުރުވެފައި ރަށަށް އިތުރު ޚިދުމަތެއް، މި ދާއިރާއިން ދެވުނީ. މިހާރު ވެސް މި ސްކޫލަކީ މި ރަށުގައި ހުރި ފެންވަރު ރަނގަޅު އެއް އިސްކޫލް." މާޒިންގެ ވާހަކައަށް އެންމެން އިސްޖަހާން ޖެހުނެވެ. އެ ފަދަ ޚިޔާލެއް އެކަކު ވެސް ނެތެވެ. އެއީ އެންމެ ރަނގަޅު ޚިޔާލުކަމުގައި އެ ދުވަހު މީޓިންގގައި ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

އެސް.އެމްޓީ މީޓިންގ އޮތް އެހެން ދުވަހެކެވެ. ދަރިވަރުންގެ އަޚުލާގާ ބެހޭ ގޮތުން ވާހަކަދެކެވުނު ދުވަހެކެވެ. ލީޑިންޓީޗަރުންގެ ޚިޔާލު ހުށަހެޅުމުގެ ވަގުތު ފެށުނެވެ. ފުރަތަމަ ޚިޔާލު ހުށަހަޅާން މިއަދު ލިބުނީ މާޒިނަށެވެ. މާޒިންގެ ޚިޔާލަކީ ދަރިވަރުންގެ ހިތުގައި އީމާންކަން ވަރުގަދަ ކޮށްގެން ނޫނީ ރަނގަޅު އަޚުލާގެއް އެ ޅަ ހިތްތަކުގައި އަށައެއްނުގެންނެވޭނެކަމުގައެވެ. އެހެންކަމުން ކޮންމެ އަހަރަކު ފެށޭ އިރު ފުރަތަމަ ކަމަކަށް އީމާންތެރިކަން ވަރުގަދަކުރުމުގެ ޙަރަކާތްތަކެއް ހިންގުމެވެ. އޭގެ ތެރޭގައި ނަމާދުކުރާން ދަސްކޮށްދޭ ކްލާސްތަކެއް ފެށުމާއި، ޤުރްއާން ރީތި ރާގުތައްކަށް ކިޔަވައިދޭ ކްލާސްތަކެއް ފެށުމެވެ. އެ ވަގުތަކީ ޢަޞުރުނަމާދުގެ ބަންގިގޮވަން ފެށިވަގުތެވެ. އެ ދުވަހުގެ މީޓީންގ ނިންމައިލީ އެ ޚިޔާލަށް ހުރިހައި އެންމެންގެ ތާއީދު ލިބިގެންނެވެ. އެހެންކަމުން އިތުރު ޚިޔާލެއް އެއްވެސް ލީޑިންގ ޓީޗަރަކު ނުދެއެވެ. މާޒިންގެ މޮޅު ޚިޔަލުތައް ކޮންމެ ފަހަރަކު ލިބެއެވެ. އެ ކަމުގެ ސަބަބުންކަމަށް ވެސް ވެދާނެއެވެ.  އައިޝާގެ  ދިރިއުޅުމުގައި އެހެންނަމެއް އެކުލެވި އޭނާގެ ކެތްތެރިކަމާއި ލޯބީގެ ހަގީގީ އިމްތިހާނު ފެށުނުކަން ނޭނގި ހުރެއެވެ. އައިޝާގެ ހިތުގައި މަޑުމަޑުން މާޒިންގެ ފޮޓޯ ކުރެހި އެ ތަޞްވީރުގައި ކުލަޖެހޭން ފަށައިފިއެވެ. އައިޝާއަށް ވެސް އެ ކަން ނޭނގި ހުރެއެވެ. މާޒިން ފެންނަ އިރަށް ހިތަށް އުފާވެރިކަން ލިބެއެވެ. ބައްދަލުވުންތަކަށް ލީޑިންގ ޓީޗަރަކު ނަޔަސް އައިޝާއަށް ކަމަކަށް ނުވެއެވެ. އެކަމަކު މާޒިން ނެތިއްޔާ އެތަން މިތަނަށް އޭނާ ކޮބައިތޯ ލޯހިންގައިލެވެއެވެ.

މާޒިންގެ ހިތުގައި ވެސް އައިޝާއަށް ހުސް ޖާގައެއް އޮވެއެވެ. އައިޝާ ދެކޭ ހިތްވެއެވެ. ގިނަ ވަގުތުގައި ސްކޫލްގައި މާޒިން އުޅެނީ ހަމައެކަނި މަސައްކަތް ހުރީމައެއް ނޫނެވެ. ޕްރިންސިޕަލް ނުވަތަ އައިޝާ ފެންނާތީއެވެ. އެކަކު އަނެކަކުގެ ހިތުގައި ކޮންމެ އެއްޗެއް އޮތްކަމުގައިވިއަސް އެ ކަމެއް ފާޅުކުރާނެ ހިތްވަރެއް އެކަކަށް ވެސް ނުލިބެއެވެ.

"އަހަރެންގެ ހިތަށް މާޒިންގެ ނަން އަބަދު ވެރިވަނީ ކީއްވެބާއެވެ؟ މި ހިތުގައި އަބަދާއި އަބަދު މާޒިންގެ ތަސްވީރު ކުރެހިފައިވޭ. މީ އަނެއްކާ؟ ނޫން. ނޫން. އަހަރެމެންނަކީ ކޮލީގުން، އެހެން ގޮތަކަށް ދެކިގެން ވެސް ނުވާނެ." އައިޝާ ހިތަށް އެރި އެތައް ސުވާލުތަކަށް އަމިއްލައަށް ޖަވާބުދީ ނިންމައިލިއެވެ.

އައިޝާ މަންމަގެ ކޯލެއް އައި ދުވަހެކެވެ. މަންމަގެ ވާހަކައިން އަނީގާ ވަރަށް އަވަހަށް މީހަކާ އިންނަން އުޅޭވާހަކަ ބުންޏެވެ.

"އައިޝާއެއްނު ފުރަތަމަ މި ކަން ކުރާންވީ. އޭގެ ފަހުގައި އަނީގާ ކުރާނީ. ދަރިފުޅު ތިޔަ ހެން ހުއްޓައި ރަށުން ރަނގަޅު ކުދީން ހުސްވެދާނެ" މަންމަ އެހެން ބުނުމުން އައިޝާ ޖަވާބުދިނެވެ.

"މަންމާ. އެއްވެސް ފޮތެއްގައި ނެތެންނު ލިޔެފައެއް ފުރަތަމަ ކުރަންވާނީ ދޮށީދަރިއޭ. މި ޒަމާނުގައި ރަށުން މީހުން ހުސްވިއަސް ކަންބޮޑުވާނެ ކަމެއް ނެތް. ކޮންމެ ތާކުން ވެސް ރަނގަޅު މީހަކު ލިބެނިކޮށް އެ ނިމުނީތާ." އައިޝާ ދެއްކި ވާހަކަ މާޒިނަށް އަޑުއިވުނެވެ. މާޒިން ހިތުގައި އުފަލުގެ ވިންދު ޖަހައިލިއެވެ. އެއީ އައިޝާ ހުސްކޮށް ހުރިކަމުގެ ނިޝާނެކެވެ.

އޭގެ ދެ ދުވަސްފަހެވެ. މާޒިން ދިޔައީ އައިޝާއަށް ލޯބި ހުށަހެޅުމަށް ހަދާނެ ގޮތަކާ މެދު ވިސްނަމުންނެވެ. އެތައް ފަހަރަކު ލޯގަނޑު ކުރިމަތީގައި ހުރެގެން އައިޝާ ކުރިމަތީ ކިޔާނެ ޖުމްލަކޮޅެއް ކިޔޭތޯ އުޅުނެވެ. އެކަމަކު ހިތްހަމަ ޖެހޭ ގޮތެއް ނުވިއެވެ. އެންމެ ފަހުން ރުޅި އައިސްގެން ކޮޓަރިން ނިކުމެގެން ގޮސް ގެއާ ދިމާ އަތިރިމައްޗަށް ނިކުތެވެ. އެ ތަނުގައި އެކަނި އިނދެ އެތައް އިރަކު ވިސްނިއެވެ. މާބޮނޑިއެއް ދިށްކޮށްލައިފައި ލޯބިވޭ ބުނާނީއެވެ. އެ ގޮތް ކަމަކު ނުދިޔައެވެ. ކުރީގެ ގޮތެކެވެ. ދެން ކިހިނެއްހެއްޔެވެ؟ ފޯނުން ބުނާނީއެވެ. މާޒިންގެ ހިތް ބުންޏެވެ. އެ ގޮތް ވެސް ކަމަކު ނުދާނެއެވެ.

"ރަހުމާނު ކައިރިއަށް ދާންވީ. އޭނާ ދީފާނެ ރަނގަޅު ޚިޔާލެއް ވެސް." ރަޙުމާނަށް ގުޅައިގެން ގެނެސް މަޝްވަރާކުރީ ކެފޭގައި ތިބެގެންނެވެ.

"އަހަރެން ބޭނުމީ ކައިވެންޏަށް އަހަން. ކިހިނެއް އަންހެން ކުއްޖެއްގާތު އަހަން ހަދާނީ. ރަޙުމާނު ދީބަލަ ރަނގަޅު ޚިޔާލެއް. ތިޔައީ ދެން މި ކަމުގައި ވެސް އެތައް ކުދީންނަކަށް ލޯބި ހުށަހެޅި މީހެއްނު. ތަޖުރިބާ ވެސް ހުންނާނެއްނު."

"ކޮންފަދަ ޕަރީއެއް ހިތުއަޅައިގެން ތިޔަ އުޅެނީ. އަހަރެމެންނަށް ވެސް އަންގައިލައިގެން އުޅެބަލަ" މާޒިންގެ ވާހަކައަށް ރަހުމާނު ވަރަށް ދިމާކުރިއެވެ. އެތައް އަންހެން ކުދީންނެއް ދެއްކި އިރު ވެސް އެއްވެސް ކުއްޖަކު ކަމުނުގޮސްގެން އުޅުނު މާޒިން މިއަދު އަންހެން ކުއްޖަކު ކަމުދިޔައީތީ އެ ކަމާ ރަޙުމާނު އުފާކުރިއެވެ. މާޒިނަށް ޓަކައި ރަށުގައި އެތައް އަންހެން ކުދީންނެއް އިންތިޒާރުކުރިއެވެ. އަމިއްލައަށް އަޅައިގަނެގެން ވެސް އެތައް ކުދީންނެއް އުޅުނެވެ.

އެންމެފަހުން ގޮތެއް ނިންމައިފިއެވެ. ރަހުމާނުގެ ޚިޔާލަކީ ރަށުގެ ކޮޅުގައި އޮންނަ ފަސްގަނޑުގައި ރީގޮތަކަށް ޑެކަރޭޓްކުރުމަށްފަހު ޑިނަރއަކަށް ދަޢުވަތު ދިނުމެވެ. ޑެކަރޭޝަން ރަޙުމާނު ކޮށްދޭނެކަމުގައި ބުންޏެވެ. ރީތި އަނގޮޓިއެއް ހޯދާން ވެސް ބުންޏެވެ. ހުރިހައި ކަމެއް ތައްޔާރުވުމުން (ރަހުމާނުގެ ޔުމްނާއަކީ  އައިޝާގެ ރައްޓެއްސެކެވެ.) އައިޝާއަށް ކެއުމަކަށް ދައުވަތު ދިނީ ޔުމްނާއެވެ. ރަށުގެ މީހުންނޫޅޭ ހިސާބަށް ދާތީ އައިޝާގެ އެތައް ސުވާލެއް ޔުމްނާއާ ކުރިމަތިވިއެވެ.

އެ ރެއަކީ އައިޝާ ހިތުން ދުވަހަކު ފިލައިގެން ނުދާނެ ރެއެކެވެ. ކައިވެންޏަށް އެދި އައިޝާ ގާތު މާޒިން އެހީ ކުއްލި ގޮތަކަށެވެ. އެއީ އައިޝާއަށް ސަޕްރައިޒެއް ލިބުނު ރެއެކެވެ. އައިޝާއަށް ބުނާނެ އެއްޗެއް ނޭނގި އިރުކޮޅަކު ހުއްޓުންއެރިއެވެ. އެހެންނަމަވެސް އައިޝާގެ ހިތަށް އުފާވެރިކަން އައިސް އާއެނކޭ ބުނެ އެއްބަސްވިއެވެ.  (ނުނިމޭ)

ކޮމެންޓު