ad_banner
އެ ހަނދާން

އަސްމާ އަބޫބަކުރު

31 އޯގަސްޓް 2025

އެ ބިރުވެރި ހަނދާން

ކޮންމެ ހުކުރު ދުވަހަކީ މަރީއަށް ވަރަށް ބުރަދުވަހެކެވެ. ބަންދު ދުވަހު އެހެން މީހުންނަށް ލުއިވިއަސް އޮފީސް އޮންނަ ދުވަހަކަށް ވުރެ މަރީއަށް އެ ދުވަސް ބުރަވަނީ އެތައް ކަމެއް ކުރާންޖެހޭ ދުވަހަކަށް ވީމައެވެ. ޚާއްޞަކޮށް ގޭގައި ހުންނަ ވާރުތަމުދަލުން މަރީއަށް ވާރުތަވެފައިވާ މޫނުބަލާ ލޯގަނޑު ސާފުކުރާ ދުވަހަކީ ހުކުރު ދުވަހެވެ. މޫނުބަލާ ލޯގަނޑަކީ ހަމައެކަނި މޫނު ބަލާން ހުންނަ އެއްޗެއް ނޫނެވެ. އެއީ ތިމާގެ ހަގީގަތް ދައްކުވައިދޭ އެއްޗެއްކަން މަރީ ކުޑައިރު ކާފަ ވަނީ ކިޔައިދީފައެވެ. 

އެ ލޯގަނޑު ސާފުކުރަމުން ދިޔައިރު ފަނޑު އަދި ޖިންނިއެއް ފަދަ ގޮތަކަށް ލޯގަނޑުތެރެއިން އެހެން އަންހެނެއްގެ ސިފައިގައި ހިނިތުންވެގެން ހުރި މަންޒަރު ފެނުނެވެ. އޭގެ ފަހުން މޫނުމަތީން އޭނާގެ އަތް ގެނައި ގޮތުން މަރީއަށް ސިފަކުރެވެނީ ޖިންނި ކުއްޖެއް ފަހަތުގައި ހުރިހެންނެވެ. އެ ވަގުތު މަރީ ފަހަތް ބަލައިލިއެވެ. އެއްވެސް މީހަކު ނެތެވެ. އަދި ހިޔަންޏެއް ދިޔަހެން ހީވެގެން މަރީ ކޮންމެވެސް ވަރަކަށް ބިރުގަތެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި ހިތަށް އެރިއެވެ. އެ ވާނީ މާބޮޑަށް ވަރުބަލިވީ ކަމަށެވެ.

އޭގެ ހަފުތާއެއް ފަހުން އަނެއްކާ ވެސް ލޯގަނޑު ފޮހޭން ހުއްޓައި އެއްކަލަ ތަސްވީރު ލޯގަނޑު ތެރެއިން ފެނުނެވެ. މި ފަހަރު ފެނުނީ އެ އަންހެން މީހާ އެކަންޏެއް ނޫނެވެ. މަރީގެ ފިރިމީހާ ރައޫފު ވެސް އެނާގެ ގާތުގައި ހުރި ތަން ފެނުމުން މަރީ ހިތަށް އުނދަގޫވިއެވެ. ފަހަތް ބަލައިލި އިރު އެތަނުގައި އެކަކު ވެސް ނެތެވެ.

"މި ފެންނަނީ ކޮން ކަހަލަ ކަންތައްތަކެއްބާ؟" މަރީ ހިތާހިތުން ވާހަކަދައްކަމުން ދިޔައެވެ. ރައޫފު އެހެން އަންހެނަކާ އެކީ ހިޔަންޏެއްގެ ސިފައިގައި ވެސް ނޫނީ ހުވަފެނުން ވެސް ދެކޭކަށް މަރީ ބޭނުމެއް ނުވެއެވެ. އެކަމަކު  ލޯގަނޑުން އެ ފަނޑު ހިޔަނި ދެ ފަހަރަކު ފެނުމުން އެކަމާ ނުވިސްނައެއް ނުހުރެވުނެވެ.

ރައޫފަކީ ހާދަ ރަނގަޅު ފިރިއެކެވެ. ކޮންމެ ދުވަހަކު އޮފީހަށް ދިއުމުގެ ކުރީން މަރީގެ މަސައްކަތަށް އެހީތެރިވެދެއެވެ. އޮފީހުން ގެއަށް އައުމުގެ ކުރީން ބޭނުން އެއްޗެއް އޮތްތޯ ބަލައި އެއެއްޗެއް ގަނެގެން ގެއަށް ގެނެސްދެއެވެ. ހަވީރު ކުޅޭން ދާން ނޫނީ ގެއިން ބޭރަށް ނިކުތުމުގެ އާދައެއް ރައޫފު ނުގެންގުޅެއެވެ. ރޭގަނޑު ވެސް ކެއުމަށް ފަހު މަރީއާ އެކު ވަގުތު ހޭދަކުރެއެވެ.

ރޭގަނޑު ކެއުމުގެ ވަގުތުގައި މަރީ އާދައިގެ މަތީން ކޮންމެ ވެސް ވައްތަރެއްގެ ޖޫހެއް ތައްޔާރުކުރެއެވެ. ޖޫސް ތަށްޓަން އެޅުމާ އެކު ރައޫފު އޭގެ ތެރެއަށް އެއްޗެއް އަޅާކަމެއް މަރީއަކަށް ނޭނގެއެވެ. ދެ މީހުން އެކީގައި ކަނީ އެ މީހުންގެ ހަތް އަހަރުގެ ރީހާނަށް ކާންދީ ނިންދެވުމަށް ފަހުއެވެ.

"ހާދަ އަވަހަކަށޭ ނިދި އަންނަނީ. އަދި ކިރިޔާ ދިހައެއް އެ ޖެހީ." މަރީ އާފުރެމުން ބުނެލިއެވެ.

"މަރީ އުޅެނީ ހާދަ ބިޒީކޮށޭ. އޮފީހުން އައިސް ވެސް އަހަރެން ކުޑަކޮށް ޖައްސައިލަން ރެސްޓު ކޮށްލަން. އެކަމަކު މަރީ އުޅޭނީ ކޮންމެވެސް ކަމެއްގައި. ދަރިފުޅުގެ ކަންކަން ވެސް މަރީއެއްނު ތިޔަ ބަލަހައްޓަނީ. އެހެންވީމާ ވަރުބަލިވަނީ ކަންނޭގެ." ރައޫފުގެ ވާހަކަ އަޑުއިވުމުން މަރީއަށް އެ ވާހަކަ ގަބޫލުކުރެވެއެވެ. ފަތިހު ހޭލާ ގޮތަށް އުޅޭތީ ވަރުބަލިވެދާނެއެވެ. އެކަމަކު ލޯގަނޑުން ފެންނަ އަންހެން ކުއްޖާގެ ސިފަ ކުއްލިއަކަށް މަރީއަށް ސިފަވިއެވެ. އެކަމަކު ދެރަކަމަކީ ރައޫފާ އެ ސުވާލުކޮށްލުމުގެ ކުރީން މަރީ ނިދިގެން ވެއްޓުނުކަމެވެ.

"އާދޭ މިތާ އަހަރެންގެ ގާތުގައި މިހުރި ޖޯއްޔަށް. ކީއްކުރާން ދުރުގައި ތިހުންނަނީ." ރައޫފު އޭނާގެ ސިއްރު ލޯބިވެރިޔާ ނަޝާ އަތުގައި ހިފައިފައި ދަމައިގަތެވެ. ނަޝާ އައިސް ޖެހުނީ ރައޫފުގެ އުނގަށެވެ.

"ހާދަ މީރުވަހެއް ދުވާ ސެންޓެއްޖަހައިގެންނޭ ތިޔަ އައީ. އަހަރެންގެ ބަނޑު ފުރިގެން ހިނގައްޖެ ތިޔަ ވަހުން." ދެން ވެސް ވާހަކަ ދެއްކީ ރައޫފެވެ.

"ތިޔަ ހެން އުޅެނިކޮށް ރައޫފުގެ ވައިފަށް ފެނިދާނެ. އޭރުން ކަމަކުނުދާނެ." ހުރިހައި ކަމެއް އެނގިހުރެ ނަޝާ ވާހަކަދެއްކިއެވެ.

"މަރީ ނިންދުވައިފައި  މިއައީ. ނަޝާ ބިރުން އުޅެފާނެތީ." ރައޫފު އެހެން ބުނުމާއެކު ނަޝާއަށް މަޑަކުން ނުހުރެވުނެވެ.

ނަޝާ ބުނި ގޮތުގައި ނަޝާ އައިސް ވަނަސް މަރީކަމަކަށް ނުހަދާނެއެވެ. އެއީ ޢާންމުކޮށް ވެސް ނަޝާ އައިސް ދުވާލަކު އެއް ފަހަރު ވަންނަގެއަކަށް ވާތީއެވެ. އަވަށްޓެރިން އަބަދުވެސް އެއް ބަޔަކު އަނެއް ބަޔެއްގެ ގެއަށް ވަދެ ނިކުމެ އުޅޭ ފަދައިން މަރީއާއި ނަޝާ އެކަކު އަނެކަކު ގެއަށް ވަދެއެވެ.

"ކުރީދުވަހު އަހަރެން ރައޫފު ގާތަށް ދަމައިލި ވަގުތު މަރީއަށް ފެނުނުހެން ހީވަނީ. އެ ކަހަލަ ގޮތަކަށް މަރީ ފަހަތް ބަލައިލި." ނަޝާ ވާހަކަދައްކަމުން ދިޔައެވެ. މަރީ ބަލައިލި ވަގުތު ނަޝާ އެހެން މީހެއްގެ ސިފައަށް ބަދަލުވެ ވަގުތުން ރައޫފު ގޮވައިގެން އެ ކޮޓަރީން ނިކުތެވެ. ރައޫފަކަށް އެ ކަމެއް ނޭނގެއެވެ.

އޮފީހުގައި އިންނައިރު މަރީ ޚިޔާލަކަށް ގެއްލިފައި އިންނަކަން ޒަޢީމާއަށް ފާހަގަކުރެވެއެވެ. އެންމެ ފަހަރަކު ނޫނެވެ.

"ކޮންމެ މީހެއްގެ ލައިފުގައި ވެސް ހިތްހަމަ ނުޖެހޭކަންކަމާ ހިތްހަމަ ޖެހޭ ކަންތައްތަކެއް ހުންނާނެ. އުފަލާއި ހިތާމަ ދެރައާއި މޮޅި ނެތް ދިރިއުޅުމެއް ނުވޭ. އަހަރެން ވެސް ކަމެއް ދިމާވީމާ މަރީއާ ހިއްސާކުރަނީ. އޭރުން ހިތަށް ހަމަޖެހުން ލިބެނީ. އެކަމަކު މަރީ ތިޔަ އިންނަނީ ކަންތައްތަކެއްގެ ތެރެއަށް ގެއްލިފައި. އެންމެ ކުޑަމިނުން އެއްވެސް ވާހަކައެއް ދައްކަނީއެއް ނޫން. ނިކަން ވެގެން އުޅޭ ގޮތެއް ވެސް ކިޔައިދީބަލަ." މަރީގެ ކީބޯޑު ދުރުކޮށްލަމުން ޒަޢީމާ ބުނެލިއެވެ. އެ ވަގުތު މަރީއަށް ޒަޢީމާއާ ހަތަރުކަޅި ހަމަކޮށްލެވުނެވެ. އެ ލޮލުން ފެންނަނީ ބަލިކަމުގެ އަސަރެވެ.

"ޒައީއަށް އެނގޭތަ؟ އަހަރެން މި ވާހަކަ ނުބުނަނީ އަހަންނަށް ހީވާ ގޮތުގެ މައްޗަށް ބިނާކޮށް ވާހަކަނުދައްކާންވެގެން. ރައޫފަކީ ކިހާ ރަނގަޅުމީހެއްކަން ޒަޢީއަށް ވެސް އެނގޭނެ. އެކަމަކު ދެ ހަފުތާއެއްހާ ދުވަސް ވެއްޖެ ޝައްކެތް ކުރެވޭތާ. އަހަރެމެން ގޭގައި ހުންނަ ލޯގަނޑު ސާފުކުރާ ކޮންމެ ދުވަހަކު އެބަ ފެނޭ އެހެން އަންހެނެއްގެ ސިފަ. އަހަންނަށް އެއް ދުވަހު ފެނުނު ރައޫފާ އެކު ވެސް އޭނަ. ލޯގަނޑުން ފެނުނުކަމުގައިވިޔަސް އެއީ އަސްލެއްހެން ހީވަނީ. އެކަމާ ވިސްނެނީ. ދެން އެހެންކަމެއް ވެސް ފާހަގަކުރެވޭ. ކޮންމެ ރެއަކު އަހަރެންގެ ގާތަށް ހާދަ ނިންޖެކޭ އެ އަންނަނީ ރޭގަނޑު ނުލާހިކު އަވަހަށް އެބަ ނިދިއާދޭ. ލޯވެސް ނުހުޅުވޭ ކަހަލަ ނިންޖެއް އައިސް އަބަދު ވަރުބަލިވެފައި މި ހުންނަނީ." މަރީ ކިޔައިދިން ވާހަކަތައް ޒަޢީމާ އަޑުއެހުމަށް ފަހު ޑޮކްޓަރަށް ދެއްކުމަށް ޒަޢީމާ ދިޔައީ މަރީ ގޮވައިގެންނެވެ.

ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ދެއްކެވި ވާހަކައިން ދެ މީހުންނަށް ވެސް ސިހުން ލިބުނެވެ. އެއީ މަރީއަށް ފާޑެއްގެ ކެމިކަލެއް ނަމަވެސް ކެވޭކަމަށް ފާހަގަކުރުމުންނެވެ. ވަރަށް ރަނގަޅަށް ކާ ތަކެއްޗަށް ފަރުވާތެރިވުމަށާއި ޕްލާސްޓިކް ތަކެތި ކެއްކުމުގައި ބޭނުންނުކުރުމަށް ޑޮކްޓަރު ނަސޭޙަތްތެރިވިއެވެ.

މަރީ ވިސްނައިވިސްނައި ވެސް ކެމިކަލެއްގެ އަސަރު ހަށިގަނޑުގައި ހުންނާންވީ ކީއްވެގެން ކަމެއް ނޭނގެއެވެ. މަރީ ކަނީ އަމިއްލަ ކައްކައިގެންނެވެ. އަދި އެހެން މީހަކު އެގެއަކު އެޅެނީއެއް ނޫނެވެ. އަނެއްކާ ވެސް މަރީއަށް ޝައްކުވާން ފެށީ އެންމެ ޝައްކުކުރާން ނުޖެހޭ އޭނާގެ ފިރިމީހާއަށެވެ. އެހެން ހަނދާނެއް އެ ވަގުތު އާވިއެވެ. މިހާރަކަށް އައިސް ރައޫފު ކާން އަންނަ އިރު ވެސް ތުބުން ފުމެ ލޯބީގެ ލަވައިގެ ތަންތަންކޮޅު ކިޔައިލަކިޔައިލައި ހުރުމާއި ރޭގަނޑު މަރީ ނިންދުވަން އުޅޭކަން ވެސް ހަނދާނަށް އައެވެ. އެއީ ރައޫފާ މެދު ސަމާލު ވާންޖެހޭ ކަމެއްކަން މަރީއަށް ވިސްނުނެވެ.

އަނެއް ދުވަހު އޮފީހަށް އައުމުން އެއްވެސް ކަމެއް ފާހަގަވިތޯ ޒަޢީމާ ސުވާލުކުރިއެވެ. އެ ކަހަލަ އެއްވެސް ކަމެއް ފާހަގަނުވާކަމަށް މަރީ ބުންޏެވެ.

"ތިޔަ ކަމުގައި ކޮންމެ ވެސް ގޯހެއް އެބަ އުޅޭހެން ހީވަނީ. އަހަރެމެން ގޭކައިރީގައި އުޅޭނެ ރުޤްޔާކުރާ މީހެއް. ޖަމީލުބޭ ކައިރިއަށް ދަމާ. ތިޔަ ވާހަކަތައް ކިޔައިދޭން." ޒަޢީމާގެ ވާހަކަޔާ މެދު މަރީ ދިޔައީ ވިސްނަމުންނެވެ. ދާނީތޯ ނުދާނީތޯ ދެ ފިކުރެއްގައެވެ. އެހެން ގޮތެއް ނެތިގެން މަރީ އެންމެ ކުރާން ބޭނުންނުވާ ކަންތަކާ ކުރިމަތިލިއެވެ. ފަންޑިތަ ހަދާމީހުން ކައިރިއަށް ދާން ބޭނުންނުވާކަމަށް މަރީ ދިޔައީ ބުނަމުންނެވެ.

"އެއްކަލަ މަރީ. ރުޤްޔާއަކީ ފަންޑިތައެއް ނޫނެއްނު. ކުރާން ހުއްދަ ކަމެއްނު. މި ކަން ބަލައިލުމަކީ ގޯހެއް ނޫނެއްނު." ޒަޢީމާ ކުރުނުކުރާނެކަން މަރީއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ހެޔޮއެދޭ މީހަކު ވިއްޔާ އުޅޭނީ ޒަޢީ އުޅޭ ގޮތަށްކަން މަރީއަށް އެނގެއެވެ.

އޮފީސް ނިންމައިފައި ދާ ގޮތަށް ޖަމީލުބޭ ގާތު ބުނުމުން އެ ކަމަށް ތައްޔާރަށް ހުރިކަމަށް ޖަމީލުބޭ އޮތީ ޒަޢީމާ ގާތު ބުނެފައެވެ. އެ ކަން ކުރާން ޖެހުނީ ރައޫފަށް ނާންގައެވެ.

"މިއަދު އަވަހަށް ގެއަށް ނުދެވިދާނެ. ރީހާން ޓިއުޝަނުން ގެންނައްޗޭ." މަރީ ގުޅުމުން ރައޫފު އެއް ބަސްވިއެވެ.

ރީހާން ޓިއުޝަނުން ގެނައިރު ނަޝާ ސޯފާގައި އިށީނދެ އިނެވެ. މި ގަޑީގައި ނަޝާ އިނުމުން ރައޫފު ކުޑަކޮށް ހިތްހަމަ ވެސް ނުޖެހުނެވެ.

"މަރީ އޮފީހުން އަންނަ ގަޑީގައި ކީއްވެ މިތާ ތީނީ."

"އަހަރެން މިތާ އިނަސް މަރީ ޝައްކެތް ނުކުރާނެ. އެކަމަކު ދެން ބައްދަލުނުވެދާނެ. އެ ވާހަކަ ބުނެލާން މިއައީ."

"ކޮން ކަހަލަ ވާހަކައެއް ތިޔަ ދައްކަނީ. ތަނަކަށް ދަނީތަ؟" ރައޫފު ހުރި ނަޝާ ދައްކާ ވާހަކައިން ކަންބޮޑުވެފައެވެ.

"ދާންޖެހިއްޖެ. އެކި މީހުންގެ ލައިފުގައި ދިމާވާނީ އެކި ކަންކަން." ނަޝާ ދައްކާ ވާހަކަ ރައޫފަކަށް ދޭހައެއް ނުވެއެވެ. އެކަމަކު ނަޝާ ފެންނަ އިރަށް ރައޫފަށް ދުނިޔެމަތީން ހަނދާންނެތެއެވެ.

ޖަމީލުބޭ ކިޔައިދިން ގޮތުގައި ގޭގައި އުޅޭމީހަކު މަރީގެ ކާތަކެއްޗަށް ވިހައެއް އަޅާކަމާއި، މަރީގެ ފިރިމީހާ މަރީއަށް ޚިޔާނާތްތެރިވާކަމަށް ވެސް ބުންޏެވެ. މަރީއަށް އެ ވާހަކަތައް ގަބޫލުކުރާން ދަތިވިއެވެ. އެ ފަދަ ކަމެއް ރައޫފު ކުރާނެކަމަކަށް ގަބޫލެއް ވެސް ނުކުރެވެއެވެ. އެކަމަކު ގަބޫލު ކުރެވުނަސް ނުކުރެވުނަސް ހަގީގަތްވާނީ ހަގީގަތަށެވެ.

"އަދި އިތުރު ކަމެއް އެބައުޅޭ. މަރީގެ ފިރިމީހާއާ އެކީގައި އުޅެނީ އިންސާނެއް ނޫން." ޖަމީލުބޭ ތިންވަނަ ދުވަހު ކިޔަވައިފައި ކިޔައިދިން ވާހަކައަކުން މަރީ ކަންބޮޑުވެ ބިރުގަތެވެ.

"މަރީ ކަންބޮޑުވާނެ ކަމެއްނެތް. މަރީއަކަށް ކަމެއްކުރާކަށް ނޫޅޭ. ޖިންނި އުޅެނީ މަރީގެ ފިރިމީހާ ދެކެ ލޯބިން. އަހަރެން ކިޔަވައިފައިދޭ ފެން ގެންގޮސް މުޅިގޭ ވަށައިގެން ތިން ދުވަހު އަޅާ. އޭރުން ތިޔަ ކަން ނިމުނީ." ޖަމީލުބޭ ބުނި ގޮތަށް ކަން ކުރާން މަރީ އެންމެ ފަހުން އެއްބަސްވިއެވެ.

ރައޫފަށް ވަރަށް ރަނގަޅަށް ފާރަލަމުން މަރީ ގެންދިޔައެވެ. މަރީ މެންދުރު ކެއީ އޮފީހުގައި އިނދެގެންނެވެ. ރޭގަނޑު ކެއުމުގެ ވަގުތުގައި ކާން ހަދަމުން ގެންދިޔަ އިރު މަރީގެ ފޯނު ރެކޯޑަށް ޖައްސައިފައި ހުރިކަމެއް ރައޫފަކަށް ނޭނގެއެވެ. އާދައިގެ މަތިން ޖޫސްތަށްޓަށް އަޅާ ކެމިކަލް އެޅި ތަން މި ރޭ މަރީއަށް ފެނިއްޖެއެވެ.

"އައްދޯތް." މަރީގެ ހަޅޭކުގެ އަޑަށް ރައޫފު ދުއްވައިގަތެވެ.

"ކިހިނެއްވީ؟" ވަރަށް އޯގާތެރިކަމަށް ހެދިފައި ރައޫފު އަހައިލިއެވެ.

"މަލަންކޮޅެއް އޮންނާނެތަ؟ އަތްކަނޑައިގެން އެ ދިޔައީ." ގަސްދުގައި މަރީ އެހެން ހެދީ ރައޫފު އެ ތަނުން ފޮނުވައިލުމުގެ ބޭނުގައެވެ. އެ ވަގުތު މަރީ ޖޫސްތަށި ބަދަލުކޮށްލިއެވެ. ކައި ނިމިގެން މަރީ ގޮސް ރައޫފު އުޅޭނޫޅޭ ގޮތް ބަލާން ސޯފާގައި ޖައްސާލިއެވެ. މިރޭ މަރީ ގާތަށް ނިންޖެން ވެސް ނާދެއެވެ. ވާނުވާ ބަލާން ނިދިކަމަށް ހެދިގެން މަރީ އޮތެވެ.

ރައޫފު އައިސް ސޯފާގައި ޖައްސައިލުމާ އެކު ގިނަ އިރުތަކެއްނުވެ މިރޭ ވަރަށް ނިދިއާދޭ ބުނެ ކޮޓަރިއަށް ވަނެވެ. ހެނދުނު ސައިބޯން ރައޫފު އިނީ ފާޑަކަށެވެ.

"ރޭގައި އަހަރެން އަތްކަނޑައިގެން ދިޔަ ވަގުތު އުދުހެމުން ދިޔަ ކުރަތްޕެއް ރައޫފުގެ ޖޫސްތަށްޓަށް ވެށްޓުނީ. މިހާރަކަށް އައިސް މި ގޭ ތެރެއިން އުދުހޭ ކުރަފި ވެސް ފެންނާން ފަށައިފި. އަހަރެން ވަގުތުން އެ ޖޫސްތަށި އުކައިލައިފައި ރައޫފަށް ދިނީ އަހަރެންގެ ޖޫސްތަށި."

"އޭނ. ރޭގައި އަހަރެން ބުއީ މަރީގެ ޖޫސްތަށި؟" ރައޫފު ކާމޭޒު ކައިރީ އިނދެފައި ކުއްލިއަކަށް ތެދުވެއްޖެއެވެ.

"ކިހިނެއްވީ؟ ކޮންމެ ރެއަކު އަހަރެން ބޮމުން ގެންދިޔައީ ރައޫފު ކެމިކަލްއަޅަމުން ދިޔަ ޖޫސްތަށި. ރައޫފު ކޯއްޗެއް ހިތަށް އަރައިގެން ކުރާން ފެށިކަމެއް އެއީ؟ އަހަރެން ނިންދުވައިފައި ކޮންމެ ރެއަކު މި ގެއަށް ތިޔަ ގެންނަ އަންހެނާއަކީ އިންސިއެއް ނޫންކަން ވެސް އަހަންނަށް އެނގޭ" މަރީ ރުޅިއައިސްގެން ހުރެ ރައޫފާ ދިމާއަށް ވަރަށް ގިނަ އެއްޗެހި ކިޔެވެ.

ރައޫފު ބިރުން ތުރުތުރު އަޅާން ފެށިއެވެ. މީގެ ކުރީން ރައޫފަކަށް ވެސް އެއީ އިންސިއެއް ނޫންކަމެއް ނޭނގެއެވެ. ރައޫފު ހުންއައިސްގެން އެތައް ދުވަހަކު ނުތެދުވެ އެނދުގައި އޮތެވެ. ރައޫފު ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް މަރީ ރައޫފާ މެދު ރަނގަޅަށް ކަންތައް ކުރިއެވެ. ޖަމީލުބޭ ދިން ފެން ގޭވަށައިގެން އެޅިފަހުން ނަޝާ ވެސް ގެއްލުނެވެ. ފަނަރަ ވަރަކަށް ދުވަހު އެ ބަލީގައި ރައޫފު އުޅުނެވެ. ރައޫފުގެ ހިތުން އެ ހަނދާންތައް އަދިވެސް ފޮހެވިގެންނެއް ނުދެއެވެ. (ނިމުނީ)

ކޮމެންޓު