އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
7 ޖޫން 2025
(2025 ޖޫން 5ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)
ޒަމްޒަމްގެ މާނަ:
އިސްލާމީ ސަގާފަތުގައިވާ ގޮތުން ތުއްޕުޅު އިސްމާޢީލުގެފާނުގެ ފައިތިލަފުޅު ދަށުން ސާފު ފެން، ކޯދުލައި އަރައިގަތް ހިނދު، ހާޖަރުގެފާނު އަވަސްވެވަޑައިގައތީ އެ ފެން ފެތުރިގެން ދިޔަނުދީ ހިފެހެއްޓެވޭތޯއެވެ؟ އެއީ އެ އެންފޮދު ފޭދިގެން ހިނގައިދާނެތީއެވެ. ނުވަތަ އެ ފެން ހިނދިދާނެތީއެވެ.
އެހެންކަމުން ބޭ އިޚުތިޔާރުގައި އެ ކަމަނާއަށް ވިދާޅުވެވުނީ "ޒަމްޒަމް" މި ފަދައިންނެވެ. މި ލަފުޒުގެ މާނައެއްކަމަށް އާންމު ގޮތެއްގައި ގަބޫލުކުރެވިފައިވަނީ އެއީ [ހިފަހައްޓާ] ނުވަތަ [ހުއްޓުވާ]ކަމުގައެވެ. މާނައަކީ ފެންގަނޑު ދެމިގެން ގޮސް ދިޔަނުދީ ހިފަހައްޓަވާން އެދިވަޑައިގެންނެވުނު ބޮޑުކަމުން އެ ކަމަނާއަށް ވިދާޅުވެވުނީ އެހެންކަމަށް ވެއެވެ. މި ކަމުން ދޭހަވަނީ އެ ފެން އެ ތާނގައި ހިފަހައްޓާން އެ ކަމަނާ މަސައްކަތްކުރެއްވިކަމާއި އެ ކަމަށް އެ ކަމަނާ އެދިވަޑައިގަތް މިންވަރެވެ. ނުވަތަ، އެކިފަރާތްފަރާތަށް އެ ފެން ކޯރުދެމިގެން ދިޔަނުދެއްވައި ހުއްޓުވާން އެ ކަމަނާ ހާސްކަމާ އެކު، މަސައްކަތްކުރައްވަމުން އަމިއްލަ ނަފުސަށް ވިދާޅުވެވުނީ [ޒަމްޒަމް]ކަމަށް ވެއެވެ.
ޒަމްޒަމްގެ މަސްދަރަކީ ކޮބާ؟
ޒަމްޒަމް ފެން އަންނަނީ ގެފުޅުގެ ނުވަތަ މަސްޖިދުލްޙަރާމްގެ އަޑީން ބިމުއަޑީގައިވާ ހިލަތަކެއްގެ ނުވަތަ ވެލިގަނޑުގެ ވަސީލަތަކުންކަމަށް ގަބޫލުކުރެއެވެ. މި ތަނަނަށް ފެން ލިބެނީ ވާދީ އިބްރާހީމްގެ ވަށައިގެންވާ ފަރބަދަތަކުންކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ. ނަމަވެސް މި ތަންތަނަކީ ކޯރެއް އަދި ފެނުގެ އެއްވެސް ވަސީލަތެއް ނެތް ފަރުބަދަތަކަކަށްވާތީ، އެ ފެން ހުސްވުމެއް ނެތި ލިބެނީ ކިހިނެއްހެއްޔެވެ؟ މި ސުވާލުގެ ޖަވާބު އެކަކަށް ވެސް ނުދެވެއެވެ. އެހެންކަމުން އެއީ ﷲގެ މުޢުޖިޒާއެއްކަމަށް ގަބޫލުކުރުން ނޫން ގޮތެއް ފެންނާކަށް ނެތެވެ. އަދި އެއީ ސުވަރުގޭގެ ފެން އާރަކުން އަންނަ ފެނެއްކަމަށް ވެސް ބައެއް މީހުން ގަބޫލުކުރެއެވެ. (މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲއެވެ.)
ޒަމްޒަމް ވަޅަކީ އަސްލުގައި 31 މީޓަރު (101 ފޫޓު) އަޑިއަށް ކޮނެ ހަދައިފައިވާ ވަޅެކެވެ. އެއީ އިސްމާޢީލްގެފާނުގެ ފައިންޕުޅު ދަށުން ފެން އެރި ތަނެވެ. ވަޅަށް މިހާރު ފެން އަންނަނީ ވަކި ހިސާބަކުން ދޫކޮށް ހުންނަ ވެލިގަނޑާއި މަޑު ހިލައިގެ ތެރެއިންކަމަށް ގަބޫލުކުރެއެވެ. އަދި ކަޢުބާއާ 21 މީޓަރުގެ ދުރުގައި ހުންނަ ޒަމްޒަމް ވަޅަށް މި ފެން ލިބެނީ ވަށައިގެންވާ ފަރުބަދަތަކުން އަންނަ ވާރޭ ފެނުންކަމަށް ބައެއް މީހުން ލަފާކޮށް ލިޔެފައި ހުރެއެވެ. ނަމަވެސް އެއްވެސް މީހަކަށް ލަފާކުރާން ވެސް ނޭނގޭ ކަމަކީ، އާންމުކޮށް ވާރޭނުވެހޭ މި ސަރަހައްދުން ހުސްވުމެއް މެދު ކެނޑުމެއް ނެތި މި ފެން ލިބެނީ ކިހިނެއްކަމާ މެދުގައެވެ. އެހެންކަމުން މިއީ މުޢުޖިޒާއެއްކަމަށް ބުނުން ފިޔަވައި ބުނާނެ އެހެން އެއްޗެއް އެކަކަށް ވެސް ނޭނގެއެވެ.
ކުރިއާ ޚިލާފަށް މިހާރު ޒަމްޒަމް ފެން ފޯރުކޮށްދެނީ ހޮޅިތަކުގެ ބަދަލުގައި އިސްކުރުލީ ބޮޑެތި ބާލިދީތަކުގައެވެ. ޒަމްޒަމް ވަޅު މިހާރު ވަނީ ޢާންމުންނަށް ބަންދުކޮށްފައެވެ. ނަމަވެސް މި ފެން ޙައްޖުވެރީންނަށް އެއްވެސް ދައްޗެއް ނެތި ބޭނުން ވަރަކަށް ލިބޭ ގޮތަށް މަސްޖިދުލްޙަރާމްގެ ހުރިހައި ސަރަޙައްދެއްގައި ވަނީ އިންތިޒާމުކުރެވިފައެވެ.
ޒަމްޒަމް ފެން ބޭނުންކުރެވެނީ ކިހާ ވަރަކަށް؟
ޒަމްޒަމްވަޅަކީ މެދު ކެނޑުމެއް ނެތި އެ ވަޅުން ފެން ލިބޭތާ 4000 އަހަރު ވެފައިވާ ވަޅެކެވެ. މިއީ ޙައްޖުވެރީންނާއި ޢުމުރާވެރީންނަށް ފޯރުކޮށްދިނުމުގެ މައިގަނޑު މަސްއޫލިއްޔަތެއްކަމުގައި ވެފައިވާ ފެނެއްކަމަށް ތާރީޚީ ގޮތުން ސާބިތުވާ ވަރަށް އެ ކަން ވަނީ ފުރޭފުކުރެވިފައެވެ.
ސުޢޫދީ ޢަރަބިއްޔާގެ ދެ ޙަރަމްފުޅު ބަލަހައްޓާ އިދާރާއިން މަޢުލޫމާތު ދޭ ގޮތުން ޒަމްޒަމް ފެން ނަގާ މިންވަރާއި ބޭނުންކުރާ މިންވަރު އެކި މޫސުމަށް ތަފާތުވެއެވެ.
އާންމު ދުވަސްވަރު:
މަދުވެގެން ދުވާލަކަށް 950400 ލީޓަރު (251000 ގެލަން) ފެން ނެގެއެވެ.
ގާތްގަނޑަކަށް 700000 ލީޓަރު (185000 ގެލަން) ދުވާލަކަށް ބޭނުންކުރެވެއެވެ.
ހައްޖާއި ރޯދައިގެ ދުވަސްވަރު:
ދުވާލަކަށް 1.6 މިލިއަން ލީޓަރު (423000 ގެލަން) ފެން ނެގެއެވެ. މި ދުވަސްވަރު ދެ މިލިއަން ލީޓަރު (528000 ގެލަން) ފެން، ޙައްޖު މޫސުމުގައި ބޭނުންކުރެއެވެ. މިއީ އެ ދުވަސްވަރު ނަގާ ފެނަށް ވުރެ ގިނަ ޢަދަދެއްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ކުރީން ނަގައި ރައްކާކޮށްފައި ހުންނާތީ، ހައްޖުވެރީންނަށް އެއްވެސް ދައްޗެއް ނެތި ބޭނުން ވަރަކަށް ފެން ފޯރުކޮށްދޭކަށް އެއްވެސް ދައްޗެއް ނުވެއެވެ.
ސުޢޫދީ ޢަރަބިއްޔާގެ ވިސާ އޮފީހުން ލަފާކުރާ ގޮތުގައި މި ހިނގާ 2025ވަނަ އަހަރު 15 މިލިއަން ޢުމުރާވެރީން ސުޢޫދީ ޢަރަބިއްޔާއަށް ދާނެއެވެ. މި އެންމެންނަކީ ވެސް ޒަމްޒަމް ފެން ބޭނުންކުރާނެ މީހުންނެވެ.
ޒަމްޒަމް ފެނާއި އެހެން ފެން ތަފާތުވާ ގޮތް
ޒަމްޒަމް ފެނަކީ އަލި ސާފު ފެނެކެވެ. ވަހެއް ކުލައެއް ނުހުރެއެވެ. ނަމަވެސް މި ފެނުގައި މަޢުދަނީ ޢުންސުރު ގިނަކަމަށްވާތީ އެހެން ފެނާ ތަފާތު ރަހައެއް ހުންނާނެއެވެ. އާދައިގެ ފެނަށް ވުރެ ޒަމްޒަމް ފެނުގައި ހިސާބަކަށް އަލްކަލައިން އިތުރެވެ. 7.9އާއި 8.0އާ ދެމެދުގެ މިންވަރަކަށް ޕީއެޗް ހުރެއެވެ.
ކިންގް ސަޢުދު ޔުނިވަރސިޓީއިން ދާދި ފަހުން ހެދި ދިރާސާއަކުން ސާބިތުވެފައިވާ ގޮތުގައި އެއްވެސް ކަހަލަ ދިރޭ އެއްޗެއް ނުވަތަ ޖަރާސީމެއް މި ފެނަކު ނުހުރެއެވެ. މިއީ އާދައިގެ ފެނުގައި ޢާންމު ކަމެކެވެ. އެހެންކަމުން މިއީ ކުލޮރިން ނާޅައި އަދި ނުކައްކައި ބޮވޭނެ ރައްކާތެރި ސަލާމަތްތެރި ފެނެކެވެ.
ބުނެވޭ ގޮތުގައި ކޮލެރާ ދުވަސްވަރު ޒަމްޒަމްވަޅު ކޮލޮރިން ކުރާން ވެގެން ވަޅަށް ކްލޮރިން އެޅިއެވެ. އެ ހިނދު ވަޅުގެ ފެންގަނޑު ކެކި، ކްލޮރިންގެ އަސަރު ފިލަންދެން ފެން އަރައި އެ ފެން ވަޅުން ބޭރުވިއެވެ. (ވަﷲ އަޢުލަމް)
ޒަމްޒަމް ފެނުގައިވާ މަޢުދަނީ ޢުންސުރުގެ ސަބަބުން އެތައް ބައިވަރު ސިއްހީ ފައިދާތަކެއް ލިބޭ ކަމަށް ޞިއްޙީ މާހިރުން ވިދާޅުވިއެވެ.
ފްލޮރައިޑް: މިއީ ހޫނު ސަރަހައްދުތަކަށް ވަރަށް މުހިންމު މާއްދާއެކެވެ. މި މާއްދާގެ ސަބަބުން ދަތްތަކާއި ހިރުގަނޑު ހަލާކުވުމުން ސަލާމަތްކޮށްދެއެވެ.
ކެލްސިއަމާއި މެގްނޭޒިއަމް: މި ފެނުގައި ގިނަ ޢަދަދަކަށް މި ދެ މާއްދާ ހިމެނޭކަމަށް ވެއެވެ. މިއީ ހަށިގަނޑު ހަމަޖައްސައި އަދި ހެދިބޮޑުވުމާއި ކަށިތައް ވަރގަދަކޮށް ބެހެއްޓުމަށް ޓަކައި މުހިންމު ދައުރެއް އަދާކުރާ ދެ މާއްދާއެވެ.
ސޯޑިއަމާއި ޕޮޓޭސިއަމް: ހަށިގަނޑުގައި ފެން ހިފެހެއްޓުމާއި ނާރުތަކާއި މަސްތައް ބަރާބަރަށް މަސައްކަތްކުރުމުގައި މި ދެ މާއްދާ މުހިންމު ދައުރެއް އަދާކުރެއެވެ.
ޖުމްލަކޮށް ދަންނަވާ ނަމަ، ސުޢޫދީ ޢަރަބިއްޔާއިން (އިސްކުރުން) ލިބޭ އެހެން ފެނާ އަޅައި ބަލާ އިރު، އާދައިގެ ފެން ލިޓަރެއްގައި މަޢުދަނީ ޢުންޞުރު 350 މިލިގްރާމް ހުންނަ އިރު، ޒަމްޒަމް ފެނުގައި މި މިންވަރު 835 މިލިގްރާމަށް ކޮންމެ ފެންލިޓަރެއްގައި ހުރެއެވެ.
ޒަމްޒަމް ފެން ފޯރުކޮށްދެވެނީ ކިހިނެއް؟
ޒަމްޒަމް ފެނަކީ އެ ފެން ވިޔަފާރި ބޭނުމަށް ވިއްކުން، ސުޢޫދީ ސަރުކާރުން މަނާކުރައްވައިފައިވާ ފެނެކެވެ. އަދި އެއީ ޙުރުމަތްތެރިވެގެންވާ ފެނެއްގެ ގޮތުގައި އެންމެންނަށް ލިބޭކަން ސަޢުދީ ޢަރަބިއްޔާއިން ކަށަވަރުކުރެއެވެ. އަދި އެ ފެނުން ވިޔަފާރިކުރުމުގެ ނާޖާއިޒު ފައިދާ ނެގިޔަ ނުދިމަށް ޓަކައި، މިހާރު ވަނީ ފެން ގެންދެވޭ މިންވަރު ކޮންޓްރޯލުކޮށްފައެވެ. އަމިއްލައަށް ބޭނުންވަރަކަށް ހަންހަމަށް ފެން އަޅައިގެން އެ ގައުމަކުން މިހާރަކު ބޭރެއް ނުކުރެވޭނެއެވެ. ކޮންމެ މީހަކަށް ވެސް ފަސް ލީޓަރުގެ ފެން ހަމެއް ޖިއްދާ އެއަރުޕޯޓުން ލިބޭނެ އިންތިޒާމު ވަނީ ހަޖައްސަވައިފައެވެ.
އާދޭހެވެ! ޙައްޖުވެރީންނާއި ޢުމުރާވެރީން އެނބުރި އަމިއްލަ ގައުމަށް އަންނަ އިރު ކޮންމެ މީހަކަށް ވެސް ފަސް ލީޓަރުގެ ފެން ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސަވައިފައެވެ. މަތީންދާބޯޓު ކުންފުނިތަކުން ވެސް އެ މީހުން އުފުއްލާ ބަރުގެ ތެރޭގައި ޒަމްޒަމް ފެން ހިމަނައިފައެއް ނުވެއެވެ. ވަކި ޚާއްޞަ ގަވާއިދެއްގެ ދަށުން ފެން އުފުއްލޭނެ ނިޒާމެއް ވަނީ ހަމަޖައްސަވައިފައެވެ.
ސުޢޫދީ ޢަރަބިއްޔާއިން ވަނީ ޒަމްޒަމް ފެން ބަންދުކުރާނެ ޚާއްޞަ ކާރުޚާނާއެއް ވެސް އުފައްދަވައިފައެވެ. އަދި ފެން ރައްކާކޮށް ބަލަހައްޓާ ދެ ތަނެއް ވަނީ ގާއިމުކޮށްފައެވެ. ކުދާއީ ރައްކާކުރާތަނުގައި 10 މިލިއަން ލީޓަރު (10 ހާސް ކޮޑިމީޓަރު) ފެން މި ތާންގައި ރައްކާކުރެވެއެވެ. މަދީނާގައި ހުންނަ ކިންގް ޢަބްދުލްޢަޒީޒު ސަބީލު ކޮށާރުގައި 16 މިލިއަން (16 ހާސް ކޮޑި މީޓަރު) ފެން ރައްކާ ކުރެއެވެ.
އިސްވެ ދަންނަވައިލެވުނު ވާހަކަތަކުން ސާބިތުވި ގޮތުގައި ޙައްޖާއި ޒަމްޒަމް ފެނާ ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ. އެއީ ބަރަކާތްތެރި ފެނެކެވެ. އަދި ޒަމްޒަމް ފެނަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި މުޢުޖިޒާތެކެވެ.
މަރުޖާ: އަލްޖަޒީރާ