ad_banner
ޙައްޖު ... އިންސާނާ ބިނާކުރުމުގެ ފަތުރު

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

30 މޭ 2025

ޙައްޖަކީ އިންސާނާ އިސްލާހުވުމުގެ ދަތުރެކެވެ.

ޙައްޖުގެ ރޫޙާނީ އަދި މާއްދީ ފައިދާތައް ބަޔާންކުރައްވައި އަރަހުށި މާތްﷲ ވަޙީކުރެއްވިއެވެ. (وَأَذِّنْ فِي النّاسِ بِالحَجِّ يَأْتُوكَ رِجالاً، وعَلَى كُلِّ ضَامِرٍ يَأْتِينَ مِنْ كُلِّ فَجٍّ عَميقٍ. لِيَشْهَدُوا مَنَافِعَ لَهُمْ، ويَذْكُروا اسْمَ اللهِ فِي أَيَّامٍ مَعلومَاتٍ عَلَى مَا رَزَقَهُمْ مِنْ بَهِيمَةِ الأَنْعامِ، فَكُلوا مِنْهَا وأَطْعِمُوا البَائِسَ الفَقِير[1] -  އަދި ކަލޭގެފާނު މީސްތަކުންނަށް حجއަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރު ތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ. އެއީ އެއުރެންނަށް ހުރި (دينى އަދި دنيوى) މަންފާތަކެއް ލިބިގަތުމަށް ޓަކައެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، އެއުރެން اللَّهގެ اسمފުޅު ހަނދުމަކޮށް އުޅުމަށެވެ. نعم ސޫފީގެ نعمة އެއުރެންނަށް ދެއްވިކަމަށް ޓަކައެވެ. ފަހެ، ތިޔަބައިމީހުން އެއިން ކައިއުޅޭށެވެ! އަދި ދަތި حالގައިވާ فقيرންނަށް (އެއިން) ކާންދޭށެވެ!)

ﷲ ތަޢާލާ ހެއްދެވި ދުވަސްތަކާއި، ލެއްވެވި ޢީދުތަކާއި، ގެންނެވި މޫސުންތަކަކީ އެކަލާނގެ ދެއްވި ނިޢުމަތްތައް ހަނދާންކުރުމަށާއި، މި ނިޢުމަތްތަކަށް ޝުކުރުކުރުމަށް ޓަކައި ލެއްވެވި މުނާސަބަތުތަކެކެވެ. ކިޔަމަންގަތުމަށާއި ހެޔޮ ޢަމަލުތައްކުރުމުގައި ދެއްވި ތައުފީޤަށް ޓަކައި ކުރާ ޙަމްދުކުރުންތަކެކެވެ. 

ﷲ ތަބާރަކަ ވަ ތަޢާލާ މި ޢީދުތަކާއި މޫސުންތައް ލެއްވެވީ އުންމަތުގެ އެއްބައިވަންތަކަން ބަދަހިކުރެއްވުމަށް ޓަކައެވެ. މުއުމިނުތަކުންގެ ހިތްތައް އެކުވެރިކުރެއްވުމަށް ޓަކައެވެ. މުސްލިމުންގެ ކުރިމަތިލުންތަކާއި މިސްރާބުތައް، ޙަރަކާތްތަކާއި ހަމަހިމޭންވުންތަކުގެ މަޤްޞަދުތައް އެއް ގޮތްކުރެއްވުމަށް ޓަކައެވެ. ﷲ އެކަލާނގެ އުއްމަތަށް އެދިވޮޑިގަންނަވާ އަޚުވަންތަކަން ޤާއިމުކުރެއްވުމަށް ޓަކައެވެ. މި އެއްބައެއްވަންތަކަން މަތީގައި ދާއިމަށް އަބަދަށް މުސްލިމުންގެ ކިޔާނު ދެމެހެއްޓެވުމަށް ޓަކައެވެ. ﷲ ޢައްޒަ ވަ ޖައްލަ ވަޙީކުރެއްވިއެވެ. (وَإِنَّ هَٰذِهِۦٓ أُمَّتُكُمْ أُمَّةً وَٰحِدَةً وَأَنَا۠ رَبُّكُمْ فَٱتَّقُونِ[2]  - މާނައީ: އަދި ހަމަކަށަވަރުން، މިއީ އެއް أمّةއެއް ކަމުގައިވާ، ތިޔަބައިމީހުންގެ أمّއެވެ. އަދި ތިމަންރަސްކަލާނގެއީ، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ބިރުވެތިވެ، تقوى ވެރިވާށެވެ!)

މާތްﷲ އެދިވޮޑިގަންނަވާ ގޮތަށް މި އުންމަތް ވާންޖެހޭނީ އެއް ބަޔަކު އަނެއް ބަޔަކަށް ވާގިވެރިވާ އެއް ބަޔަކު އަނެއް ބަޔަކަށް ޖާމިނުވާ އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށެވެ. ކައު ރަސޫލާ  ـ صلوات الله عليه وسلامه ـ  މި އުންމަތް ސިފަކުރައްވަނީ ވަރަށް ރީތި ބައްޓަމަކުންނެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ( مَثَلُ المُؤْمِنِينَ في تَوادِّهِمْ، وتَراحُمِهِمْ، وتَعاطُفِهِمْ مَثَلُ الجَسَدِ إذا اشْتَكى منه عُضْوٌ تَداعى له سائِرُ الجَسَدِ بالسَّهَرِ والْحُمّى [3] - އެއް ބަޔަކު އަނެއް ބަޔަކަށް ކުލުނުވެރިވުމާއި، އޯގާވެރިވުމާއި، އަޅައިލުމުގައި،  މުއުމިނުންގެ މިސާލަކީ އެއް ހަށިގަނޑުގެ މިސާލެވެ. އެ ހަށިގަނޑުގެ ގުނަވަނެއް ޝަކުވާއެއް ކޮށްފިނަމަ ހަށިގަނޑުގެ އެހެން ހުރިހައި ބައިތަކެއް ހުންއައުމާއި، ނިދިނައުމުގައި އެއާ އެއްބައިވެ އެކަތިގަނޑަކަށް ވެދެތެވެ.) އެހެން ބަސްފުޅެއްގައި ޙަދީސް ކުރެއްވިއެވެ. (( المُؤْمِنُ لِلْمُؤْمِنِ كالْبُنْيانِ يَشُدُّ بَعْضُهُ بَعْضًا [4]- އެއް މުއުމިނު އަނެއް މުއުމިނަށް ވާގިދިނުމުގައި، އޭގެ އެއް ބައި އަނެއް ބަޔަށް ވާގިދޭ ބިނާއެއް ފަދައެވެ.))

އިސްލާމީ އުންމަތް އެއްބަސްވާ ގޮތުގައި އެ މީހުންގެ އެންމެ ބޮޑު ޢީދަކީ ޙައްޖު ޢީދެވެ. ޙައްޖުގެ ފަރީޟާއާ ވިދިގެން އަންނަ ޢީދެވެ. ޙައްޖަކީ މުސްލިމުންގެ އަހަރީ ބޮޑު މަހާސިންތާއެވެ. ދުނިޔޭގެ އެތަންމިތަނުން މިލިއަނުންމިލިއަނުން މުސްލިމުން ދަތުރުފަތުރުގެ ބުރަ ތަޙައްމުލުކޮށްގެން ﷲގެ ގޮވައިލެއްވުމަށް އިޖާބަދީ ﷲގެ ރުއްސެވުމާއި ފުއްސެވުން އެދި ދުޢާކޮށް ﷲގެ ޝިޢާރުތައް މަތިވެރިކުރެތެވެ. އެކަކު އަނެކަކާ ބައްދަލުކޮށް ތަޢާރުފުވެ ޙާލުއަޙުވާލު ދެނެގަނެތެވެ. އެ މީހުންގެ ކަންކަމާ މެދު، ވާހަކަދައްކައި މަޝްވަރާކޮށް، ދިރާސާކުރެތެވެ. އެބައިމީހުންނަށް ޓަކައި މާތް ﷲ ލައްވައިފައިވާ ދީނީ އަދި ދުންޔަވީ މަންފާތައް ލިބިގަނެތެވެ. އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކެއްގައި، اللَّهގެ އިސްމުފުޅު ހަނދުމަކޮށް އުޅެތެވެ. އަދި އެބައިމީހުން ނަދުރުތައް ފުއްދައި ﷲއަށް ޓަކައި ޤުރްބާނީތައް ކަތިލައި ކައި ހަދައި ޞަދަޤާތްކުރެތެވެ.  

ﷲ ތަޢާލާ ޙައްޖު ފަރުޟުކުރެއްވީ އެކަލާނގެ ވަޖުހުފުޅަށް ޓަކައި ކުރާ އިޚްލާޞްތެރި ދަތުރެއްގެ ގޮތުގައެވެ. ދުންޔަވީ ޙަޔާތުގެ ޒީނަތްތެރިކަމުން އެކަހެރިވެގެންނެވެ. ރަޙުމާންވަންތަ ރަސްކަލާނގެއަށް ކިޔަމަންގަންނަމުންނެވެ. ޙައްޖުގައި ދަތުރުކުރުމާއި ނަޤުލުވުން ހިމެނެއެވެ. ކޮއްތު ތައްޔާރުކުރުންވެއެވެ. ޙިއްސާއި ނަފުސުން، ޢަމަލާއި ބަހުން، ޛިކުރާއި ފިކުރުން ﷲގެ ޙަޟުރަތަށް ކުރިމަތިލުން ވެއެވެ. ޙައްޖުވެރިޔާ އިޙުރާމު ބަންނަ ހިސާބުން ފެށިގެން އޭނާގެ ޝިޢާރަކީ އޭނާގެ ދުޢާއަކީ ތަލްބިޔާއެވެ. ރަސޫލާ ވިދާޅުވި ތަލްބިޔާގެ ޢިބާރަތަކީ [لَبَّيْكَ اَللَّهُمَّ لَبَّيْكَ – لَبَّيْكَ لَا شَرِيكَ لَكَ لَبَّيْكَ – إِنَّ الْحَمْدَ وَالنِّعْمَةَ لَكَ وَالْمُلْكَ – لَا شَرِيكَ لَكَ] މިއެވެ.

މި ބަސްފުޅުން އެނގެނީ ޙައްޖުވެރިޔާ އެންމެ ފުރަތަމަ ޙައްޖުގެ މަނާސިކުތަކަށް ފަށައިގަންނާން ޖެހޭނީ ތެދުވެރި ނިޔަތަކާ އެކުގައި ކަމެވެ. ޙައްޖުވެރިޔާ އޭނާގެ ވެރި ﷲގެ ޙަޟުރަތަށް ދަތުރު ފަށާން ޖެހޭނީ އީމާންކަމުން ފުރިގެންވާ ނަފުސަކާއިގެންނެވެ. ތައުބާވެގެންވާ ޒާތަކާއިގެންނެވެ. ޝަހުވާތްތަކާއި ދުނިޔޭގެ ލައްޒަތްތަކަށް ފުރަގަސްދީގެންނެވެ. ހެޔޮ ޢަމަލުތަކާއި ﷲގެ ޙަޟުރަތާ ކުއްތަންކުރުވަނިވި ޤުރުބާތުތަކަށް ކުރިމަތިލައިގެންނެވެ. މާތްﷲ ބަރަކާތްލެއްވި އެކަލާނގެ ގެފުޅުގެ ވަށައިގެންވާ ބިމުގައި ﷲގެ މެހުމާނަކަށް ވެގެންދާތީއެވެ. 

ﷲގެ ގެކޮޅުތަކަށް ޒިޔާރަތްކުރާން ޖެހޭނީ ސާފުތާހިރުކަމާ އެކުގައެވެ. އަލްއިމާމުލްޤުރްޠުބީ އެކަލޭގެފާނުގެ ތަފުސީރުގައި، މާތް ﷲ ރުއްސުންލެއްވި ޙުޛައިފަތުގެފާނު އަރިހުން ރިވާކުރެއްވިއެވެ. ނަބިއްޔާ   ޙަދީސްކުރެއްވިއެވެ. ((މާތްﷲ ތިމަންކަލޭގެފާނަށް ވަޙީކުރެއްވިއެވެ. އިންޒާރުކުރައްވާ ބޭކަލުންގެ އަޚާއޭވެ! ރަސޫލުބޭކަލުންގެ އަޚާއޭވެ! ތިމަންރަސްކަލާނގެ ގެކޮޅުތަކުން ގެއަކަށް ސަލާމަތްތެރި ހިތްތަކާއިގެން މެނުވީ، ތެދުވެރި ދޫތަކަކާއިގެން މެނުވީ، ކިލާކަމެއް ނެތް އަތްތަކާ އެކުގައި މެނުވީ، ޠާހިރު ލަދުވެތިގުނަވަންތަކާ އެކުގައި މެނުވީ ނުވުމަށް ކަލޭގެފާނުގެ ގައުމުގެ މީހުންނަށް އިންޒާރުކުރައްވާށެވެ! އަދި އެބައިމީހުންގެ ތެރެއިން އެއްވެސް މީހަކު އަނިޔާވެރިކަމަކާ އެކު، ތިމަންރަސްކަލާނގެ ގެކޮޅުތަކުން ގެކޮޅަކަށް ނުވަނުމަށް ކަލޭގެފާނު އަންގަވާށެވެ! އޭނާ ތިމަންރަސްކަލާނގެ ޙަޟުރަތުގައި ހުރި ނަމަ، އެ އަނިޔާވެރިކަން ރައްދުކޮށްފުމަށް ދާންދެން އޭނާއަށް ތިމަންރަސްކަލާނގެ ލަޢުނަތްލައްވާނަމެވެ. ފަހެ ތިމަންރަސްކަލާނގެ އޭނާގެ  އިވުންކަމުގައި އަދި އޭނާގެ ފެނުންކަމުގައި ވޮޑިގެންވާނަމެވެ. އަދި އޭނާ ތިމަންރަސްކަލާނގެ ވަލީވެރީންނާއި ޚާއްޞަ ބޭކަލުންގެ ތެރޭގައި ވާނެއެވެ. އަދި އޭނާ ތިމަންރަސްކަލާނގެ ރަސޫލުންނާއި ޞިއްދީޤުންނާއި ޝަހީދުންނާއި ޞާލިޙުންނާ އެކުގައިވާ ތިމަންރަސްކަލާނގެ އަވަށްޓެރިއަކުކަމުގައި ވާނެއެވެ.)) [5] 

ﷲގެ ގެކޮޅުތަކާ މެދު މާތް ﷲ މި ގޮތަށް މުޢާމަލާތުކުރައްވާ އިރު އެކަލާނގެ ގެފުޅާމެދު ޢަމަލުކުރައްވާނެ ގޮތް ނިކަން ހިތަށް ގެނެސްބަލާށެވެ! މާތްﷲ ގެފުޅާ ބެހޭ ގޮތުން ވަޙީކުރެއްވިއެވެ.(وإِذْ جَعَلْنَا البَيْتَ مَثابَةً للنّاسِ وأَمْنًا، واتَّخِذُوا مِنْ مَقَامِ إِبْرَاهِيمَ مُصَلَّى، وعَهِدْنا إِلَى إِبْراهِيمَ وإسماعِيلَ أَنْ طَهِّرَا بَيْتِيَ للطّائِفينَ والعَاكِفِينَ والرُّكَّعِ السُّجُودِ[6] - އަދި ثواب ލިބިގަތުމުގެ ތަނެއް ކަމުގައްޔާއި أمانކަން ލިބިގެންވާ ތަނެއްކަމުގައި މީސްތަކުންނަށް ޓަކައި ތިމަންރަސްކަލާނގެ كعبةاللَّه ގެފުޅު ލެއްވި ހިނދު ހަނދުމަކުރައްވާށެވެ! އަދި إبراهيمގެފާނު ހުންނެވި ތަން (އެބަހީ: ނަމާދު ކުރެއްވުމަށް ނުވަތަ ގެފުޅު ބިނާކުރެއްވުމަށް ހުންނެވި ތަން) އެއީ ތިޔަބައިމީހުން ނަމާދުކުރާ ތަނެއްކަމުގައި ބަލައި، ބޭނުންހިފާށެވެ! އަދި إبراهيمގެފާނާއި إسماعيلގެފާނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. طوافކުރާ މީހުންނާއި އަޅުކަންކުރުމަށް ތިބޭ މީހުންނާއި ركوع سجودކުރާ މީހުންނަށް ޓަކައި ތިޔަ ދެބަފައިކަލުން ތިމަންރަސްކަލާނގެ ގެފުޅު طاهرކުރައްވާށެވެ!)

ގެފުޅުގެ މާތްކަމާ މެދު ވަޙީކުރެއްވި އެހެން ބަސްފުޅެއްގައި ވެއެވެ. (جَعَلَ ٱللَّهُ ٱلْكَعْبَةَ ٱلْبَيْتَ ٱلْحَرَامَ قِيَٰمًا لِّلنَّاسِ وَٱلشَّهْرَ ٱلْحَرَامَ وَٱلْهَدْىَ وَٱلْقَلَٰٓئِدَ ۚ ذَٰلِكَ لِتَعْلَمُوٓا۟ أَنَّ ٱللَّهَ يَعْلَمُ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلْأَرْضِ وَأَنَّ ٱللَّهَ بِكُلِّ شَىْءٍ عَلِيمٌ[7]- حرمة ތެރިވެގެންވާ كعبة اللَّه ގެފުޅާއި، حرمة ތެރި މައްސަރުތަކާއި، حرم ފުޅަށް ހަދިޔާކުރުމުގެ ގޮތުން ކަތިލާ ތަކެއްޗާއި، حرم ފުޅަށް ޓަކައި ފާހަގަކޮށް ގިލަފަތި އަޅުވައިފައިވާ ތަކެތި، اللَّه ލައްވައިފައިވަނީ މީސްތަކުންގެ ދިރިއުޅުން އަމާންކޮށް قائمކުރާ ތަކެތިކަމުގައެވެ. އެއީ ހަމަކަށަވަރުން، އުޑުތަކުގައިވާހައި ކަމަކާއި، ބިމުގައި ވާހައި ކަމެއް اللَّه ދެނެވޮޑިގެންވާކަމާއި، ހަމަކަށަވަރުން، اللَّهއީ، ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދެނެގަތުމަށް ޓަކައެވެ.)

ﷲ ތަޢާލާ ޙައްޖު ޝަރްޢުކުރެއްވީ އެކަލާނގެ އަޅުންގެ ކިބައިން ނީހައާއި ނުނިޔަތްލުމާއި ޙަސަދަވެރިކަމުގެ ބަލިތައް އުފުއްލެވުމަށް ޓަކައެވެ. ރުޅިވެރިކަމާއި ނަފުރަތްތެރިކަން ހަނދުމަނެތިކުރެއްވުމަށް ޓަކައެވެ. ދުޝްމަނުކަމާއި ޚުޞޫމާތްތެރިކަމުގެ ރޫޙު ނައްތައިލެއްވުމަށް ޓަކައެވެ. ޙައްޖު މޫސުން ލައްވައިފައިވަނީ އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރެއްވުމަށް ޓަކައެވެ. ދެބަސްވުންތަކާއި އަރައިރުންތަކުން ޠާހިރުކުރެއްވުމަށް ޓަކައެވެ. ﷲ ތަޢާލާ ޙައްޖާ ބެހޭ ގޮތުން ވަޙީކުރެއްވިއެވެ. (ٱلْحَجُّ أَشْهُرٌ مَّعْلُومَٰتٌ ۚ فَمَن فَرَضَ فِيهِنَّ ٱلْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِى ٱلْحَجِّ ۗ وَمَا تَفْعَلُوا۟ مِنْ خَيْرٍ يَعْلَمْهُ ٱللَّهُ ۗ وَتَزَوَّدُوا۟ فَإِنَّ خَيْرَ ٱلزَّادِ ٱلتَّقْوَىٰ ۚ وَٱتَّقُونِ يَٰٓأُو۟لِى ٱلْأَلْبَٰبِ[8]-حجގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރުތަކެކެވެ. ފަހެ، އެ މައްސަރުތަކުގައި حج، فرضކޮށްގެންފި މީހާ (އެބަހީ: حجވުމަށް قصدކޮށް إحرامބަނދެފި މީހާ، ދަންނާށެވެ!) ފަހެ حجވުމުގެ ތެރޭގައި جماعވުމެއް، އަދި އުރެދުމެއް، އަދި އަރައިރުންވުމެއް ވެސް ނެތެވެ. އަދި، (اللَّهއީ، ހުރިހައި ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމަށްވާތީ) ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންކުރާ ކޮންމެ ކަމެއް (ވެސް) اللَّه ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ تقوىއެވެ. އޭ ބުއްދީގެ أهل ވެރިންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް تقوىވެރިވާށެވެ! )

ޙައްޖު މޫސުމަކީ އަމާންކަމާއި ޞުލްޙަމަސަލަސްކަމުގެ މޫސުމެވެ. ކޮންމެ މީހަކަށް ވެސް އޭނާގެ ނަފުސަށާއި އޭނާގެ މުދަލަށް ރައްކައުތެރިކަމާއި އަމާންކަން ލިބިގެންވެއެވެ. މާތްﷲ ރުއްސުންލެއްވި ޢުމަރު ބުނުލްޚައްޠާބު ވިދާޅުވިއެވެ. (اللَّهمَّ أنت السَّلامُ ومنك السَّلامُ فحيِّنا ربَّنا بالسَّلامِ [9]- ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެއީ ސަލާމުވަންތަ ރަސްކަލާނގެއެވެ. ސުލްޙަމަސަލަސްކަމާއި ސަލާމަތްކަން އޮތީ އިބަރަސްކަލާނގެ ޙަޟުރަތުންނެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ސަލާމަތްތެރިކަމާއި ރައްކައުތެރިކަން އަޅަމެންނަށް ލައްވާންދޭވެ!)

މައްކާގެ ޙަރަންފުޅުގެ އަމާންކަމާއި ރައްކައުތެރިކަން ލިބިގެން ވަނީ ހަމައެކަނި އިންސާނުންނަކަށްނޫނެވެ. ޖަނަވާރުންނަށާއި ދޫނިތަކަށާއި ގަސްގަހާގެއްސަށް ވެސް މެއެވެ. އިޙްރާމު ބަނދެގެންވާ ޙާލުގައި ޝިކާރަކުރުމަކީ މަނާކަމެކެވެ. ގަސްގަސް އުފުރައި ލުއްސުމަކީ ވެސް މަނާކަމެކެވެ.

މައްކާ ފަތަޙަކުރެއްވި ދުވަހު ކައު ރަސޫލާ e ޙަދީސްކުރެއްވިއެވެ. ((إنَّ هذا البَلَدَ  حَرَّمَهُ اللَّهُ يَومَ خَلَقَ السَّمَواتِ والأرْضَ، فَهو حَرامٌ بحُرْمَةِ اللهِ  إلى يَومِ القِيامَةِ، وإنَّه لَمْ يَحِلَّ القِتالُ فيه لأَحَدٍ قَبْلِي، وَلَمْ يَحِلَّ لي إلّا ساعَةً مِن نَهارٍ، فَهو حَرامٌ بحُرْمَةِ اللهِ إلى يَومِ القِيامَةِ، لا يُعْضَدُ شَوْكُهُ، وَلا يُنَفَّرُ صَيْدُهُ، وَلا يَلْتَقِطُ إلّا مَن عَرَّفَها، وَلا يُخْتَلى خَلاها [10]- ހަމަކަށަވަރުން މި ރަށަކީ މާތް ﷲ އުޑުތަކާއި ބިން ހެއްދެވި ދުވަހު ޙުރުމަތްތެރި ކުރައްވައިފައިވާ ރަށެކެވެ. ފަހެ ﷲ ޙުރުމަތްތެރިކުރެއްވުމުގެ ސަބަބުން ޤިޔާމަތްދުވަހާ ހަމައަށް މި ރަށް ޙުރުމަތްތެރިވެގެންވެއެވެ. އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ކުރީން އެއްވެސް މީހަކަށް މި ރަށުގައި ހަނގުރާމަކުރުން ހުއްދަކުރައްވައިފައެއް ނުވެއެވެ. ތިމަންކަލޭގެފާނަށް ވެސް އެ ކަން ހުއްދަކޮށްދެއްވީ ދުވާލުގެ ގަޑިއެއްހާ އިރުގެ ވަގުތުކޮޅަކަށެވެ. މި ރަށުގެ ކަށިތައް ނޫފުރާހުށިކަމެވެ. އަދި ޝިކާރަތައް ނުފައްސާހުށިކަމެވެ. އަދި ބިންމައްޗަށް ވެއްޓިފައި އޮންނަ އެއްޗެއް އޭގެ ވެރި ފަރާތާ ހަވާލުކުރުމަށް ޓަކައި މެނުވީ ހޮވައި ނުނަގާށެވެ. އަދި މި ބިމުގެ ރޯ ގަސްތައް ރޯކޮށް ހުއްޓައި ނުކަނޑާހުށިކަމެވެ.)) 

ޙައްޖުވެރީންނަކީ އެކަލާނގެ ގެފުޅުގެ ވަށައިގެން ތިބި ﷲގެ މެހުމާނުންތަކެކެވެ. އެ މީހުން ދިގުދެމިގެންވާ ނަމާދެއްގައި ތިބި ފަދައެވެ. އެމީހުން އަވަދިނެތިވެފައި ވަނީ ﷲ އަށް ޒިކުރުކުރުމުގައެވެ. އެ މީހުން އިސްކަންދީފައިވަނީ އެ މީހުންގެ ހިތްތައް ސާފުޠާހިރުކުރުމަށެވެ. އެ މީހުންގެ ދަތުރުގެ އެންމެ މާތް މަޤްޞަދަކީ އެމީހުންގެ ނަފުސުތައް ޠާހިރުކުރުމެވެ. މި މަޤްޞަދުތަކުގެ ތެރޭގައި މަބްރޫރު ޙައްޖު ވެއެވެ. އެ މީހުން އަލުން ދުނިޔެއަށް އުފަންވި ފަދައެވެ. ރަސޫލާ صلوات الله وسلامه عليه ޙަދީސްކުރެއްވިއެވެ. (( ليس لِلْحَجَّةِ المبرورةِ ثوابٌ إلا الجنةُ  [[11- މަބްރޫރު ޙައްޖަކަށް ސުވަރުގެ ފިޔަވައި އެހެން ސަވާބެއް ނުވެއެވެ.))

ގެފުޅުގެ ވަށާއިގެން ކުރާ ޠަވާފަކީ ނަމާދު ފަދަ އަޅުކަމެކެވެ. ޠަވާފުކުރާ އިރު ވާހަކަދެއްކުން ހުއްދަވެގެންވެއެވެ. އެހެނަސް ވާހަކައެއް ދައްކާ ނަމަ ހެޔޮ ވާހަކައެއް މެނުވީ ނުދައްކާހުށިކަމެވެ. 

ޙައްޖު ދަތުރުގެ ރިވެތިކަމާއެވެ! މެހުމާންދާރީގެ ދީލަތިކަމާއެވެ! ނިޢުމަތުގެ ބޮޑުކަމާއެވެ! ކާމިޔާބުގެ މަތިވެރިކަމާއެވެ!

ޙައްޖުވެރިޔާ ދަތުރުކުރާ މަޝްޢަރުތަކުގެ ސަބަބުންނާއި،  އޭނާ ﷲގެ ޙަޟުރަތުގައި ޢަރަފާތުގައި ހޭދަކުރާ ރޫޙާނީ ވަގުތުތަކުގެ ސަބަބުން އޭނާގެ ހިތް ފުރިގެންދަނީ އޭނާގެ ހިތުގައި ﷲގެ ދީނަށް ލިބިފައިވާ މަޤާމުންނެވެ. އޭނާގެ ނަފުސު ވިދައި ބަބުޅަނީ ﷲގެ ނޫރާނީ ހިދާޔަތުންނެވެ. މައްކާގެ ހަނަފަސް ބިމުގެ ތެރެއިން އިސްލާންދީން އުތުރިއަރައި އެ ބިން ހެވާއި ބަރަކާތުން އާރާސްތުކުރިއެވެ. އެ ބިމުގެ ފަސްގަނޑު ތެރެއިން ދުވާލު ﷲގެ މަގުގައި ޖިހާދުކުރާ ފާރިސުން ރޭގަނޑު ﷲއަށް އަޅުކަންކުރާ ރާހިބުން ނެރުއްވިއެވެ. ޙައްޤާއި ހެވާއި ޢަދުލުއިންސާފާއި އުޚުއްވަތްތެރިކަމަށް ޓަކައި ޖިހާދުކުރާ ފަހުލަވާނުން ދަސްވެނިކުރެއްވިއެވެ. 

މަރުޖާ:

[1]  -الحج: 27، 28

[2]  - المؤمنون: 52

[3]  - أخرجه البخاري (٦٠١١)، ومسلم (٢٥٨٦).

[4] - أخرجه البخاري (٢٤٤٦)، ومسلم (٢٥٨٥)

[5]  - أخرجه أبو نعيم في ((حلية الأولياء)) ((6/ 116))  وابن عساكر في ((تاريخ دمشق)) ((65/ 44))

[6]  - البقرة: 125

[7]  - المائدة: 97

[8]  - البقرة: 197

[9]  - أخرجه ابن أبي شيبة (16000)، والبيهقي (9289)، وابن حجر في ((نتائج الأقكار)) (5/ 261) 

[10]  - أخرجه البخاري (٣١٨٩) ومسلم (١٣٥٣)

[11]  - أخرجه الترمذي (٨١٠)، والنسائي (٢٦٣١)، وأحمد (٣٦٦٩)  

ކޮމެންޓު