އިސްމާޢީލު މުބާރަކު
14 މޭ 2025
(އިއްޔެގެ ނޫހާ ގުޅޭ)
ޢަރަބީންނަކީ އިސްރާއީލަށް ނުރައްކަލެއްނޫނެވެ. ނުރައްކަލަކީ ބައެއް ސުންނީ ޢިލްމުވެރީން، ޝީޢީ ކާފަރުންކަމުގައި ބުނާ އީރާނެވެ. އެމެރިކާއިން ނިއުކްލިޔަރު ހަތިޔާރޭ ކިޔައިގެން އީރާނަށް ޙަމަލާދޭން އުޅެނީ އިސްރާއީލު ސަލާމަތްކުރުމަށެވެ. އެމެރިކާއާއި ޔޫރަޕުގެ [ސުންނީ] ޤައުމުތަކުން ސުޢޫދީ ޢަރަބިއްޔާއާއި ޤަތަރާއި ބަޙުރައިނާއި މިސްރު ގުޅިގެން ކޯލިޝަނެއް ހަދައިގެން ފަޤީރު ޔަމަނަށް ވަރުގަދަ ޙަމަލާތަކެއް ތިން މަސް ދުވަހަށް ވުރެ ގިނަ މުއްދަތަކަށް ދިނެވެ. ފޮތުގައި އޮތީ ކީކޭތޯއެވެ؟ ވިދާޅުވާށެވެ!
)يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّهَ لَا يَهْدِي الْقَوْمَ الظَّالِمِينَ ۞( ("އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޔަހޫދީންނާއި، ނަޞާރާއިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެއުރެންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ.") (سورة المأئدة: 51) ކޯލިޝަން ހެދީ ކޮން ބަޔަކާ އެކީގައިތޯއެވެ؟!
ހަނދުމަފުޅު ބަހައްޓަވާށެވެ! އަޅުގަނޑުމެންގެ މައުޟޫޢަކީ އިތުބާރުކުރާންވީ ކޮންކޮން ޢިލްމުވެރީންނަކަށްތޯއެވެ! މިއީ މިއަދު އިސްލާމީ ދުނިޔޭގެ ޙާލަތެވެ.
އާދޭހެވެ! އިމާމު ބުޚާރީގެ އަސްލު ނަންފުޅަކީ أبو عبد الله محمد بن إسماعيل البخاري އެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މެދުތެރޭ އޭޝިޔާގެ ޤައުމެއްކަމަށްވާ އުޒުބަކިސްތާނުގައެވެ. އެއީ ހިޖުރީ ސަނަތުން 194ވަނަ އަހަރުގައެވެ. ޝައްވާލު މަހެއްގައެވެ. އެކަލޭގެފާނު 60 ހާހަށް ވުރެ ގިނަ ޙަދީޘް އެއްކުރެއްވިއެވެ. އޭގެ ތެރޭން އެކަލޭގެފާނު ނެންގެވީ 7563 ޙަދީޘްކަމަށް علوم الحديث ގައި ބަޔާންވެފައިވެއެވެ. އަނެއް 40 ހާހަށް ވުރެ ގިނަ ޙަދީޘް ނުބައިކަމަށް ނިންމަވައި އެކަލޭގެފާނު ނައްތަވައިލެއްވިއެވެ.
އެ ނިންމެވުން ނިންމެވީ ކޮން އިޖުތިހާދަކުންތޯއެވެ؟ ކޮން އޮތޯރިޓީއަކުންތޯއެވެ؟ ސަބަބަކީ އެއީ ވެސް ރަސޫލާގެ ޙަދީޘޭ ކިޔައިފައި މީހުން ކިޔައިދީފައި ހުރި ވާހަކަތަކެކެވެ. އަޅުގަނޑުމެން މިއަދު އެ ސާޅީސް ހާސް ޙަދީޘް ބަލާން ބޭނުންވެއެވެ. އިމާމު ބުޚާރީ ނައްތަވައިލެއްވިކަމަށް އެ ބުނާ ބައި އަޅުގަނޑުމެން މިއަދު އެބަ ބޭނުންވެއެވެ. ރަސޫލާގެ ޙަދީޘްފުޅެކޭ މީހަކު ބުނާ އެއްވެސް އެއްޗެއް ނައްތައިލާކަށް އަޅުގަނޑުމެން ބޭނުމެއްނޫނެވެ. އެ ފަދަ ޙަދީޘްތަކުގެ ކޮށާރެއްގެ މުހިއްމުކަން މިއަދު އަޅުގަނޑުމެންނަށް އެބަ ފެނެއެވެ. އެ ކަން އެބަ އިޙުސާސްކުރެވެއެވެ. ސައްޙައާއި ނުސައްޙަ، ضعيفއާއި موضوع ، منكرއާއި غريب، މި ފަދަ އެތައް ނަމެއް ކިޔާ ޙަދީޘްތައް އެ ބަސްކޮށާރުގައި ބަހައްޓާން ޖެހެއެވެ. ضعيف ވިޔަސް، ބަލިވިޔަސް އައިވީ ގުޅާން ޖެހުނަސް، منكر ވިޔަސް، އިންކާރުކުރާން ވެސް އެ ތަކެތި ބަހައްޓާން ޖެހެއެވެ. އެކަމަކު امام بخاري 40 ހާހަށް ވުރެ ގިނަ ޙަދީޘް ނައްތައިލެއްވިއެވެ. 40 ހާހަށް ވުރެ ގިނަ ޙަދީޘަށް އިންކާރުކުރި މީހުންގެ ތެރޭގައި އެ ކަލޭގެފާނު ނުހިމެނޭނެތޯއެވެ؟ މިއީ ހަމައެކަނި ހިތުގައި އުފެދުނު ސުވާލެކެވެ.
މި ވާހަކަ މި ހިސާބުން ގެންނާން ޖެހުނީ ފެށި އިރު، އަޅުގަނޑު ދެންނެވި ބަޔާ ގުޅުވައިލުމުގެ ގޮތުންނެވެ. ކުޑަކަމުދާ އިރު، ގަޔަށް ބުރާ ހީސްތިކި އެއީ ކަށްވަޅުގެ ޢަޒާބު އެންމެ ބޮޑަށް ލިބޭ، އެއް ކަމެއްކަމުގައި ސާފުކޮށްދިނުމަށް الخبث والخبائثގެ ބާބު ނަގައިގެން އަޅުގަނޑުމެން އެ ކަމަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދީގެން އުޅޭ އިރު، އެއަށް ވުރެ، މާ އަސާސީ ކަންކަން މި އޮންނަނީ މީސްތަކުންނަށް ވަންހަނާވެފައެވެ. ވަންހަނާވެފައި ހުރި، ބައެއް ކަންކަމުގެ ތެރޭގައި اسلام ގެ މާނައަކީ ބޯ ލަނބައި ކިޔަމަންގަތުމެވެ. އެހެންނަމަވެސް استسلامއަކީ އަމާންދިނުމެވެ. ބޯ ލަނބައި ކިޔަމަންގަތުން އޮންނަނީ ވަގުތު ހަމަވަންދެން އިޚުތިޔާރެއްގެ ގޮތުގައެވެ. ފުރާނަ މަސްގަނޑާ ވަކިވެގެންދާ އިރު، އެ ޙާލަތަށް ކިޔޭނީ اسلام އެއް ނޫނެވެ. استسلامއެވެ. އެއީ ތިމާޔަށް ކުފުރު މަރަކުން މަރުވުމުގެ އިޚުތިޔާރު އޮތަސް މަރުނުވުމުގެ އިޚްތިޔާރެއްނެތެވެ.
ވީމާ مسلمއާއި مستسلمއާއި ތަފާތު ނޫންތޯއެވެ؟
އެހެންކަމުން ދުނިޔޭގައި ދިރި ހުންނަ އިރު، ﷲއަށް ބޯ ލަނބައި ކިޔަމަންގަތުން ނުވަތަ ކިޔަމަންނުގަތުން (اسلام އަކަށްވުން ނުވަތަ ނުވުން، އަދި އީމާންވުން ނުވަތަ ނުވުން) އިންސާނާގެ އިޚުތިޔާރުގައިވާ ކަމެއްކަމުގައިވާތީ، قبولކުރާ ޢަޤީދާގެ ގޮތުން ﷲގެ [އަޅެއް]ކަމުގައި ބުނެވޭނެތޯއެވެ؟ އިނސާނާއަކީ ﷲ ހެއްދެވި މަޚުލޫޤެކެވެ. އަމިއްލަ އިޚުތިޔާރު އޮންނަ މިނިވަނެކެވެ. އިޚުތިޔާރު އޮންނަނީ މިނިވަނުންނަށެވެ. އިންސާނާއަކީ ޢަޤީދާގެ ގޮތުން މިނިވަނެކެވެ. އަޅެއް ނޫނެވެ. كهف سورة ގައި (فمن شأء فليؤمن ومن شأء فليكفر) މިހެން އޮވޭ ނޫންތޯއެވެ؟ ވީއިރު عبد ، އަސްލު މުރާދަކީ ކީރިތި ﷲގެ ޔަދު ޤުދްރަތްތެރިކަމުގެ ބާރުވެރިކަމުގެ ދަށުގައިވާ މީހާއެވެ. އެހެންނަމަވެސް އިންސާނާއަކީ އޭނާގެ ވުޖޫދުގެ ގޮތުން އަޅެކެވެ. ބޭނުން ނުވިޔަސް މަރުވަނީ އެހެންވެގެންނެވެ. ދުނިޔޭގެ ވުޖޫދުގައި ބޭނުންހައި ދުވަހަކު ހުރުމަކަށް އިންސާނާގެ އިޚުތިޔާރެއް ނެތެވެ. ވީމާ، އެއީ އެ ކަމަށް ތިމާގެ އިޚުތިޔާރާއި މިނިވަންކަން ނެތުމުގެ ސަބަބުންވާ އަޅުވެތިކަމެކެވެ. އެހެންކަމުން ފާހަގަކުރައްވާށެވެ! އަޅުވެތިކަމާއި، އަޅުވެރިކަމާ ހުރި ތަފާތަކީ ކޮބައިތޯއެވެ؟
އަޅުވެރިއަކީ ދުނިޔޭގެ حيات ގައި، ތިމާ ހެއްދެވި ފަރާތަށް ލޯތްބާއި تواضع ވެރިކަމާ އެކު، ތިމާގެ އިޚުތިޔާރުގައި އަޅުކަންކުރާ މީހާއެވެ.
އަޅުވެތިކަމަކީ ނުވަތަ އަޅުވެތިވެފައިވާ މީހާއީ އިޚުތިޔާރެއް ނެތި މަޖުބޫރީ ޙާލަތެއްގައި އެ މީހެއްގެ މިނިވަންކަން ގެއްލިފައިވާ މީހާއެވެ.
ހަމަ މި އުސޫލުން وما خلقت الجن والانس الا ليعبدون )ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.(
މި އާޔަތުގައި މި އަންގަވަނީ މާތް ﷲ އިންސާނުންނާއި ޖިންނީން ޚަލްޤުކުރެއްވި މަޤުޞަދެވެ. ނަމަވެސް ޖިންނީންނާއި އިންސީންނަކީ، އަޅުކަންކުރުމާއި ނުކުރުމުގެ އިޚުތިޔާރު ދެއްވައިފައިވާ ގޮތެއްގައި ﷲ ހެއްދެވި مخلوق ންނެވެ. ޢަޛާބާއި ސަވާބު ދެއްވަނީ މި އިޚުތިޔާރުގެ މައްޗަށެވެ.
އެހެންވީމާ، އެ އާޔަތުގެ ހަގީގީ މާނައަކީ [ޖިންނީންނާއި އިންސީން ތިމަން ﷲގެ ޔަދު ޤުދްރަތްތެރިކަމުގެ ބާރުވެރިކަމުގެ ދަށުގައި ވުމަށް ނޫނީ ނުހައްދަވަމެކޭ] ނޫންކަން އެބަ އެނގެއެވެ.
އެ ގޮތަށް އިންސީންނާއި ޖިންނީންނަކީ އެ ގޮތަށް ﷲ ހެއްދެވި ބަޔެއް ނަމަ އެ ނޫން އެއްވެސް ކަމެއް ނުކުރެވުނީހެވެ. އެހެންނަމަ، ސަވާބާއި ޢަޛާބުގެ މާނައެއް ނޯންނާނެއެވެ. އެހެންނަމަ، އިންސާނުންނާއި ޖިންނީން ވެސް ވީހީ މަލާއިކަތުން ފަދަ މަޚުލޫޤުންނަށެވެ. އަމިއްލަ އެއްވެސް އިޚުތިޔާރެއް ނެތް މަޚުލޫޤުންނަށެވެ. އެހެންނަމަވެސް މަލާއިކަތުންނާ ޚިލާފަށް އިންސާނުންނާއި ޖިންނީން ހެއްދެވީ ހެވާއި ނުބައި އަންގަވައިދެއްވުމަށް ފަހު، ޢަމަލުކުރުމުގެ އިޚުތިޔާރުދެއްވައިފައެވެ.
ކީރިތި قرأن ގެ އެތައް އާޔަތެއްގައި، އެކަލާނގެ އެދިވޮޑިގަންނަވާ ގޮތަށް ކަންތައް ވާނެކަމަށް ވަޙީކުރައްވާފައިވެއެވެ. އެކަލާނގެއީ ކޮންމެކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އަޅުކަން ކުރުމަށް އެކަނި އެދިވޮޑިގެން ހެއްދެވި ބަޔަކު އެކަލާންގެ އެދިވޮޑިގަތް ގޮތް ނޫން ގޮތަކަށް އުޅެވޭނެތޯއެވެ؟ އެހެން އުޅުމުން އެއިން ދޭހަވާނީ ކޮންކަމެއްތޯއެވެ؟ އަޅުކަން ނުކޮށް އުޅެވެނީ، އެ ކަލާނގެއަށް ކުފުރުވެވެނީ، އަޅުކަން ނުކޮށް އުޅުމަށް ވެސް އިޚްތިޔާރު ދެއްވައިފައި އޮތީމައެވެ. ހަމަ އެކަނި އަޅުކަން ކުރުމަށް ހެއްދެވި ކަމުގައި ވީ ނަމަ، އެކަލާނގެ އެ އެދިވޮޑިގަތް ގޮތް ނޫން ގޮތަކަށް އުޅުމުގެ އިޚުތިޔާރެއް ނުދެއްވީހެވެ. އެހެންނަމަ، ޢަޒާބާއި ސަވާބުގެ މާނައެއް ވެސް ނޯތީހެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އެނގެނީ، މި އާޔަތް އަޅުގަނޑުމެން މި މާނަކުރަނީ އެ އާޔަތުގެ އަސްލު މާނައިގައި ނޫންކަމެވެ .
އިނގިރޭސި ބަހުން މި ކިޔާ "އޯ.ސީ.ޑީ." Obsessive compulsory disorder)) ޝައްކު ބަލި ޖެހިފައިވާ ދެ މީހަކު އަޅުގަނޑަށް މިހައި ތަނަށް މިސްކިތުން ވަނީ ދިމާވެފައެވެ. އެކަކު 33 ފަހަރު، وضوء ކުރި އިރު ވެސް، ވުޟޫ ފުރިހަމައެއްނުވެއެވެ. އަނެކަކަށް ހަމަ އުޅެއުޅެ ހަރަމްބަނދެވޭ ގޮތެއްނުވެއެވެ. ވާ ގޮތަކީ ޢިލްމުވެރިޔާ ދަސްކޮށްދެއްވައިފައި (ނުވަތަ ޢިލްމުވެރިއެއްގެ ފޮތުން ދަސްވެފައި) އޮތީ، الله މި ކަލިމައިގެ އަލިފާއި أكبرގެ ރާއާ ދޭތެރޭގައި ނިޔަތް ގަންނާން ޖެހޭނެކަމަށެވެ. އޭނާ އުޅެއުޅެ އެ ދޭތެރޭގައި ނިޔަތްގަނެވޭނެ ގޮތެއްނުވެއެވެ. އަތް އުފުލައި ޙަރަމްބަނދެބަނދެ ހުއްޓައި ނިޔަތް ތޮއްޑޫ ދަށުން ދެމިގަނެގެން ދަނީއެވެ. ކައްޓަފުޅި އެއް ދާނީގެ ތެރެއިން ދެމިގަނެގެން ދާހެންނެވެ. އަނެއް ފަހަރަކު، ރައްޓެއްސެއްގެ ގެއަކަށް ދިޔައިރު ފާޚާނަ އެއްގެ ތެރޭން [އައްދޯތް އައްދޯތް] ގޮވާ އަޑު އިވިގެން، އެ ވީ ގޮތް ފަހުން އެނގުނު އިރު، ބައެއް ހިސާބުތަކުގައި ހުންނަ އިސްތަށި އުފުރުމަކީ ސުއްނަތެއްކަމަށް އޭނާގެ ޝޭޚު ބުނެދެއްވީކަމަށް އެ ކަމުގައި އުޅުނު ކުއްޖާ އަޅުގަނޑު ގާތު ބުންޏެވެ.
މި ކަހަލަ عجأئب ކުރުވަނިވި ކިތަންމެ ކަންކަމެއް އަޅުގަނޑަށް ދިމާވެފައިވެއެވެ. ޒުވާނުންގެ ތެރޭން ކިޔަވައިގެން، ފުރަތަމަ ޑިގްރީ އާއި މާސްޓާރސް ޑިގްރީ ނިންމައިފައި ތިބި ޒުވާނުން ވެސް އަޅުގަނޑާ ގިނަ ސުވާލުތަކެއް ކުރިމަތިކުރިއެވެ. ޤަޟާޤަދަރާއި، ޙޫރަލްޢީނުންނާއި، ޖާރިޔާއިންނާ ملك اليمين އާއި عرش އާއި كرسيއާއި مطعة ގެ ކައިވެންޏާއި (ވަގުތު ކަނޑައެޅިފައިވާ ވަގުތީ ކައިވެނި) މި ފަދަ ސުވާލުތަކެވެ. އެ މީހުންނަށް قبولކުރެވޭ ފަދަ، علمي حواب އެއް، ޢިލްމުވެރިއެއްގެ ގާތުން އަދި ގޫގްލްގެ ތެރޭން ވެސް، އެ އެމީހުން ނުފެނުނެވެ.
އެތީސްޓުންނަށް ވެފައި ތިބި މާލޭގެ ރަނގަޅު ޢާއިލާތަކުގެ ޒުވާން ކުދީންނާ ވެސް އަޅުގަނޑާ ދިމާވިއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން [މޯލްޑިވިއަން އޭތީސްޓް ޕޭޖް] ކިޔާ އޮންލައިން ސަފުހާއެއް ވެސް މީސްމީޑިޔާގައި 2013ވަނަ އަހަރު ހައި ތާނގައި އެ ދުވަސްވަރު މަޝްހޫރުވިއެވެ. އެކްސްޓްރީމިސްޓުންނާއި އޭތީސްޓުންގެ މެދުގައި މީސްމީޑިޔާގައި ހިނގި ބޮޑު ހަމަނުޖެހުމުގެ ތެރޭގައި ދެބައިމީހުންގެ ވެސް ޙަމަލާތައް އަޅުގަނޑަށް އަމާޒުވިއެވެ. ކުރަނީ ހަމަ އެއް ސުވާލެކެވެ. މިއަދު އިތުބާރުކުރާންވީ ކޮން ޢިލްމުވެރިއަކަށްތޯއެވެ؟ އަޅުގަނޑު އެ މީހުންނަށް ދޭ حواب އަކީ، الأسراء سورة ގެ 36ވަނަ އާޔަތުގައި ކަން ކުރާން އޮތް ގޮތް ބެލުމަށެވެ.
وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا ("އަދި ތިބާޔަށް އެކަމަކާ މެދު އެނގުމެއް ނުވާކަމަކަށް، ތިބާ ތަބަޢަ ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާ މެދު ސުއާލުކުރައްވާނެ ކަމެއްކަމުގައި ވިއެވެ.")
މި އާޔަތުގެ ދޭހައަކީ ތިމާޔަށް އެ ކަމެއްގެ ރަނގަޅު ނުބައި ވިސްނި އެނގުމަށް ދާންދެން އެއްވެސް ކަމަކަށް ތަބަޢަނުވާށެވެ. ކަނު އީމާނަކުން އީމާން ނުވާށެވެ! އިސްލާމީ ޝަރީޢަތުގައި ވެސް މުކައްލިފަކަށްވުމުގެ ޝަރުތަކީ އެއީއެވެ. ހެޔޮ ނުބައި ވަކި ނުވާ މޮޔަ މީހަކު، އެ މީހެއްގެ ޢަމަލާ ޒިންމާވާކަށް ނުޖެހެއެވެ. އަދި އެހެން އެ ކަން ކުރާން ޖެހޭ ސަބަބަކީ، އިވުމާ ފެނުމާއި ވިސްނުމާއި މި ކަންކަމާ ޒިންމާވާން ޖެހޭނީ ޚުދު ތިމާކަމަށް ވާތީއެވެ.
قرأن ބެލުމަށް ފަހު، އެ މީހުން އަޅުގަނޑުގެ ގާތުގައި ބުނީ [މިހާރު ސާފުވެއްޖެ]ކަމަށެވެ. އިސްލާމް ދީނަކީ حق ދީންކަން މިހާރު މާބޮޑަށް ސާފުވެއްޖެކަމަށެވެ. ޢިތުބާރުކުރާންވީ ބުނާ މީހަކަށް ނޫންކަމަށެވެ. ބުނާ އެއްޗަކަށް ކަމަށެވެ. (ان جاءكم فاسق بنبئ فتبينوا) فاسقއަކު ޚަބަރަކާއިގެން އައުމުން ތަޙުޤީޤުކުރާން ޖެނީ އެ ޚަބަރުގެ ތެދުދޮގެވެ. އެ އައި މީހާ އެއީ ފާސިޤެއްތޯ ނުވަތަ ނޫންތޯއެއްނޫނެވެ. فتبينواގެ މާނައީ ތިޔަބައިމީހުން އެ ޚަބަރުގެ ތެދުދޮގު ބަލާށެވެ! ތަނެއްގައި އަލިފާން ރޯވެގެން މީހަކު އައިސް ބުނީމާ އެ ޚަބަރު އޮތްގޮތަށް ބާއްވައިފައި، އެ މީހާ އެއީ ފާސިޤެއްތޯ ބެލުންވާނީ ބޭސްފުޅިއެއްގައި [ބުއިމުގެ ކުރީން ހަލުވާށޭ] ލިޔެފައި އޮތުމުން ބޭސްފުޅި ބަހައްޓާފައި މީހާ ހަލުވާން ފެށުން ކަހަލަ ހެއްވާ ކަމަކަށެވެ. ވީމާ، އަޅުގަނޑުމެން ވިސްނައި ފިކުރުކުރާން ޖެހޭނީ، ބުނާ މީހަކަށް ނޫންކަމާއި ބުނާ އެއްޗަކަށްކަން އެބަ ސާބިތުވެއެވެ. ވީމާ އިތުބާރުކުރާން މި ޖެހެނީ ޢިލްމުވެރިއަކަށް ނޫނެވެ. އެ ޢިލްމުވެރިއަކު ވިދާޅުވާ އެއްޗަކަށެވެ.