ad_banner
ހަނގުރާމައާ ބެހޭ ގޮތުން ޔޫކުރޭނު ބައިވެރިނުކޮށް ޓުރަންޕާއި ޕޫޓިން މަޝްވަރާކުރާތީ ޒެލެންސްކީ ރުޅިގަދަވެފައި! ޕޫޓިން ބުނަނީ ޒެލެންސްކީއަކީ ޣައިރުގާނޫނީ މީހެއްކަމަށް.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

3 ފެބްރުވަރީ 2025

ޒެލެންކީ (ކ)އާއި ޓުރަންޕު (މ)އާއި ޕޫޓިން (ވ)

ޔޫކުރޭނުގެ ވެރިކަމުގެ ބާރުތައް މިހާރު ވެސް ކޮންޓުރޯލުކޮށްގެން ހުރި ޒެލެންސްކީއަކީ ވެރިކަމުގެ ގާނޫނީ ހައިސިއްޔަތު އޮތް މީހެއްކަމަކަށް ރަޝިއާއަކުން ގަބޫލެއް ނުކުރެއެވެ. އެހެނީ އޭނާގެ ރިޔާސީ ދައުރު ހަމަވިތާ އެތައް ދުވަހެއްވެއްޖެއެވެ. އެހެންކަމުން ގާނޫނީ ހައްސިއްޔަތެއް ނެތް މީހަކާ އެކު ޔޫކުރޭނުގެ ހަނގުރާމައިގެ ވާހަކަދައްކާކަށް ރަޝިޔާގެ ރައީސް ޕޫޓިން ބޭނުމެއްނުވެއެވެ. އަނެއްކޮޅުން ޓުރަންޕު ވަނީ އޭނާ ވެރިކަމާ ހަވާލުވާ ދުވަހު ޔޫކުރޭނު ހަނގުރާމަ ނިމުކަމަށް ގެންނާނެކަމަށް ވައުދުވެފައެވެ. އެހެންކަމުން ޔޫކުރޭނާއި ރޫސީވިލާތަށް ވެސް ހަނގުރާމަހުއްޓަން އެދި އޭނާ އިންޒާރުތައް ދެމުން އެބަ ގެންދެއެވެ.

އަނެއްކޮޅުން ހުސްވި ޖަނަވަރީމަހު 31ވަނަ ދުވަހު ޓުރަންޕު ބުނެފައިވަނީ ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ވަރަށް "ސީރިއަސް މަޝްވަރާތަކެއް" ރޫސީވިލާތާ އެކު ކުރަމުން ގެންދާކަމަށެވެ. ނަމަވެސް އޭނާ އެ ބުނި އެއްޗެއްގެ އަސްލު މާނައެއް ސާފުކޮށް އޮޅުންފިލުވައިދީފައެއް ނެތެވެ.

ހަނގުރާމައިގެ ކަންތައް ހަމަޖެއްސުމާ ގުޅޭ ގޮތުން ކިޔީވާ ނުލައި އެމެރިކާއިން މޮސްކޯއާ މަޝްވަރާކުރާތީ، ޒެލެންސްކީ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕަށް އިންޒާރުކޮށްފައެވެ. ޒެލެންސކީ ފާހަގަކޮށްފައިވާ ގޮތުގައި ރޫސީވިލާތާއި އެމެރިކާއާ ދެމެދު އެބައިމީހުންގެ އަމިއްލަ ގުޅުންތަކެއް ބޭއްވިދާނެއެވެ. އެކަމަކު ޔޫކުރޭން ބައިވެރިނުކޮށް ޔުކުރޭނާ ބެހޭ ގޮތުން އެމެރިކާއާއި ރޫސީވިލާތުން މަޝްވަރާކުރުމަކީ "އެންމެންނަށް ނުރައްކާތެރި ކަމެކެވެ."

ޔޫކުރޭނުން ވަނީ ޓުރަންޕުގެ އިދާރިއްޔަތާ ގުޅައިގެން ހަނގުރާމައާ ބެހޭ ގޮތުން މަޝަވަރާކޮށްފައެވެ. މި ފަހަރު އެ މަޝްވަރާތައް ދިޔައީ ރޫސީން ބައިވެރިނުކޮށެވެ. އެ ކަމާ ޕޫޓިންއެއް އެއްޗެކޭ ނުބުނެއެވެ. ނަމަވެސް އެ މަޝްވަރާތަކަކީ ވަރަށް އާންމު ފެންވަރެއްގެ މަޝްވަރާތަކެކެވެ. ޒެލެންސްކީ ގަބޫލުކުރަނީ ތަފުސީލީ އެއްބަސްވުމަކާ ހަމައަށް ދެވޭ ވަރަށް ވަކިވަކި މަޝްވަރާތައް ދާދި އަވަހަށް ފެށޭނެކަމަށެވެ.

"އަހަރެން ބޭނުންވަނީ އެމެރިކާއާއި ޔޫކުރޭނާއި ރޫސީވިލާތް ވެސް މަޝްވަރާގެ މޭޒުދޮށުން ފެންނާށެވެ. އަދި ތެދުތެދަށް ބުނާ ނަމަ، ވިލާތުގެ އިއްތިހާދުގެ އަޑު ވެސް އެ މަޝްވަރާގައި އިވޭން ބޭނުންވެއެވެ. އަހަންނަށް ހީވަނީ މިއީ ވަރަށް އަދުލުވެރި އަދި އަސަރުވެރި ގޮތަކަށް ވާނޭކަމަށެވެ. އެކަމަކު މި ކަން މި ގޮތަށް ވާނޭކަމެއް އަހަންނަކަށް ނޭނެގެއެވެ." ޒެލްންސްކީ ބުންޏެވެ.

ޒެލެންސްކީ ބުނި ގޮތުގައި ސުލްހައިގެ ވާހަކަތައް ޖަނަވަރީމަހުގެ ކުރީކޮޅަށް ތާވަލުކުރެވުނެވެ. ނަމަވެސް "ގާނޫނީ ސަބަބުތަކަކަށް ޓަކައި" އެ މަޝްވަރާތައް ފަސްކުރެވުނީއެވެ.

އަނެއްކޮޅުން ރަޝިޔާގެ ރައީސް ބުނެފައިވަނީ އޭނާގެ ގައުމުން ޔޫކުރޭނާއެކު މަޝްވަރާކުރުމަކީ އެކަށީގެންވާ ކަމެއްކަމެކެވެ. އެކަމަކު އޭނާ ވަރަށް ސާފުކޮށް ބުނެފައިވަނީ ޒެލެންސީއަށް ވެރިކަމުގެ ގާނޫނީ ހައިސިއްޔަތެއް ނެތުމުގެ ސަބަބުން އޭނާއާ އެކު، ޔޫކުރޭނާ ބެހޭ ވާހަކަދެއްކުމަކީ "ޣައިރުގާނޫނީ" ކަމެއްކަމަށެވެ.

މި ވާހަކައަށް ރައްދުދިނުމުގެ ގޮތުން ޒެލެންސްކީ ބުނެފައިވަނީ މަޝްވަރާކުރާން ޕޫޓިން "ބިރުގަންނަނީ"ކަމަށާއި، ތިން އަހަރާ ގާތްކުރާ މި ހަމަނުޖެހުން، "މަލާމާތުގެ އުކުޅު" ބޭނުންކޮށްގެން، ދިގުދަންމާން ޕޫޓިން ބޭނުންވަނީކަމަށެވެ.  

އެމެރިކާގެ ރައީސް ޖަނަވަރީ 20ވަނަ ދުވަހު ވެރިކަމާ ޙަވާލުވުމަށް ފަހު، މި ހަނގުރާމަ އޭނާގެ ވައުދާ އެއް ގޮތަށް ނިމުމަކަށް ގެނައުމަށް ޓަކައި ދެ ފަރާތަށް ވެސް ފިއްތުންތައް ކުރިމަތިކުރަމުން އެބަ ގެންދެއެވެ. އަދި ޑީލެއް ހަދައިގެން ހަނގުރާމަ ނިންމުމަށް ޓަކައި މަޝްވަރާކުރާން ޒެލެންސްކީ ހުރީ ތައްޔާރަށްކަމަށް ބުނެ، ރޫސީވިލާތަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ހަރުކަށިކުރާނެކަމުގެ އިންޒާރު ރޫސީވިލާތައް ދެމުން ވެސް އެބަ ގެންދެއެވެ.

"މަޝްވަރާތަކުގައި ބައިވެރިވާން ޒެލެންސްކީ ތައްޔާރަށް ހުރި ނަމަ، އަހަރެން ބައިވެރީން ހަމަޖައްސާނަމެވެ." ޓުރަންޕު ބުނެފައިވެއެވެ. ނަމަވެސް މާރުސައްލޯގެ ތެރޭގައި ޒެލެންސްކީގެ ރިޔާސީ ދައުރު ހަމަވެފައިވާތީ، ޕޫޓިން ބުނަނީ ޒެންސްކީއަކީ ވެރިކަމުގެ ހައިސިއްޔަތެއް ނެތް (ޣައިރުގާނޫނީ) މީހެއްކަމަށެވެ. "ދެމެދުގެ ހައްލެއް ހޯދުމަށް ޓަކައި މަޝަވަރާކުރާން ހަގީގަތުގައި މުހުތާދެއް އޮތް ނަމަ، މަޝްވަރާތަކުގައި ބައިވެރިވާނެ މީހަކު އެ ތަނުން ހޯދަމާ ހިނގާށެވެ. އަހަރެމެން ދެ ފަރާތަށް ވެސް ކަމުދާ އަހަރެމެންގެ ޝައުގަށް އިހުތިރާމުކުރާ އިސް މީހަކު ކަނޑައަޅައިގެން މަޝްވަރާތައް ކުރިއަށް ގެންދާން ވީއެވެ." ޕޫޓިން އިތުރަށް ބުނެފައިވެއެވެ. މި މައްސަލަ ނިމޭ ގޮތް އަޅުގަނޑުމެން ބަލާން ތިބެމާ ހިންގަވާށެވެ.

_____________________________

ދެތިން ލަފުޒެއްގެ މާނަ

އަސަރުވެރި  ނއ.  (1) ކަމަކުން ހާސިލުކުރާން ގަސްތުކުރާ ނުވަތަ އުންމީދުކުރާ ނަތީޖާ ނުކުންނަ. (2) ކަމެއްގެ އަސަރު ފޯރަނިވި.

އަދުލުވެރި   ނއ.  (1) ޢަދުލަށް ކަންތައްކުރާ. (2) އިންސާފަށް ކަންތައްކުރާ.

ގަރަންޓީ    ނ.   (1) އެއްޗެއް އޭގެ ފުރިހަމަ ކަންމަތީ ހުންނާނެކަމަށްދޭ ޔަޤީންކަމުގެ މުއްދަތު. (2) މީހެއްގެ މައްޗަށް، ކަމަކާ މެދު ލިބިފައިވާ އިތުބާރު. (3) ކަމެއް ވަކިގޮތަކަށް ވާނެކަމަށް އޮންނަ ޔަޤީންކަން. (4)  ރަހުނު.

ކޮމެންޓު