ޢަބްދުﷲ ސަޢީދު
26 ޖަނަވަރީ 2025
ވަށައިގެން ފެންނަނީ ވީރާނާވެފައިވާ އިމާރާތްތަކެވެ. ޒަމާނީ ބަރު ހަތިޔާރުތަކުން ގާފުނިތަކަކަށް ހަދައިފައިވާ ބިނާތަކެވެ. އެއީ މުސްލިމު އެތައް ކުޑަކުދީންތަކަކާއި އެތައް އަންހެނުންނަކާއި ފިރިހެނުންގެ ލޭގެ ކޯރުތައް ދެމެމުންދިޔަ ޣައްޒާގެ މަގުމައްޗެވެ. ހަނގުރާމަ މެދުކަނޑައިލުމާ އެކު، ލިބުނު ވަގުތުކޮޅުގައި ބިންސާފުކޮށްފައި އޮތް މައިދާނެކެވެ. މަތީން އޮތީ ފަލަސްތީނުގެ ދިދަފަތި ދަމައިފައެވެ. "ފަލަސްތީނުގެ މައިދާން" އޮތީ ކުދި ބޮޑު ފަލަސްތީނުގެ ރައްޔިތުން އެއްވެ ޖަމާވެފައެވެ. ވިހުރެމުން ދިޔައީ މިނިވަން ފަލަސްތީނަކަށް އުންމީދުކުރާ، ފެއްސާއި ހުދާއި ރަތްކުލައިގެ ފަލަސްތީނުގެ ދިދައެވެ.
އެންމެ ފުރަތަމަ މައިދާނަށް އައީ ޣައްޒާގެ ހިތްވަރުގަދަ މުޖާހިދުންނެވެ. އެ މުޖާހިދުން ހިފައިގެން ތިބީ އިޒްރޭލު ސިފައިންގެ އަތުން އަތުލައިގެންފައި ހުރި ޒަމާނީ ބަޑިތަކެވެ. އެ މީހުންނަށް ޣައްޒާގެ ރައްޔިތުން ކީ ވަރަށް ހޫނު މަރުޙަބާއެކެވެ. އެއީ އެ ހިތްވަރުގަދަ މުޖާހިދުންގެ ގަޔަށް ފިނިފެންމާ އުކަމުން ކިޔައިފައިވާ ލޯތްބާއި ޝަރަފުގެ މަރުޙަބާއެކެވެ.
އިއްޔެ (25 ޖަނަވަރީ 2025) ގައި ހަމާސްއިން ދޫކޮށްލާން އެއްބަސްވެފައި އޮތީ ހަތަރު އަސީރުންނެވެ. އެއީ އިޒުރޭލުގެ ހަތަރު އަންހެން ސިފައިންނެވެ. ޒަޔަނިސްޓް މީޑިއާތަކުންނާއި ޕްރޮޕެގެންޑާ ފަތުރާ މަސްދަރުތަކުން އެންމެ ފުރަތަމަ ބަޔާންކުރަމުން އައީ އެއީ ކުޑަކުދީންކަމުގައެވެ. ސިފައިންނެއް ނޫންކަމުގައެވެ. އެ ކަމަށް ވެސް ހަމާސުން ރައްދުދިނީ މި މަންޒަރުންނެވެ. މިއީ ޒަޔަނިސްޓުންގެ އެތައް ދޮގު ތުހުމަތަކަށް ހަމާސުން ޖަވާބުދިން މަންޒަރެކެވެ.
ޒަޔަނިސްޓުން އެ މީހުންގެ އަޑު އަހާ މީހުންނަށް ވިސްނައިދެމުން ގެންދިޔައީ ހަމާސްގެ ހަނގުރާމަވެރީން ހުންނާނީ އެ ކުދީންގެ އިއްފަތްތެތިކަން އެތައް ފަހަރަކު ފޭރިފައިކަމަށެވެ. އެ ކުދީން ތިބޭނީ ހަމާސްގެ ހަނގުރާމަވެރިންގެ ޖިންސީ ޝިކާރައަކަށް ވެފައިކަމަށެވެ. ޒަޔަނިސްޓުން ހީކުރަނީ އެހެން މީހުން ވެސް އެމީހުން ހައި އަނިޔާވެރިވާނެކަމަށެވެ. މުސްލިމުންނަކީ ވެސް އެމީހުން ހައި އަޚުލާޤީ ގޮތުން ދަށު ދަރަޖައިގެ ބަޔެއްކަމަށެވެ. ޚުދު، އަސީރުންގެ އާއިލާތަކުން ވެސް ހީކޮށްގެން ތިބީ އެ އާއިލާތަކާ ހަމައަށް އެ ކުދީން އަންނާނީ ނަހަލާލަށް ބަލިވެ އިނދެފައިވާ ހާލުގައިކަމަށެވެ. އެ ކުދީން ފެންނާނީ ޖިންސީ އަދި ޖިސްމާނީ އަނިޔާއާއި ލާއިންސާނީ އެތައްއެތައް ޖަރީމާއެއްގެ ޝިކާރައަކަށް ވެފައިވަނިކޮށްކަމަށެވެ.
ހަމާސްގެ ހަނގުރާމަވެރީންނަކީ ޒަޔަނިސްޓުން ސިފަކުރަމުން އައި ގޮތުގައި އަނިޔާވެރި ޖަނަވާރުތަކެކެވެ. ޒަޔަނިސްޓުން އެ ތުހުމަތުތަކަކީ ހަގީގަތެއް ނޫންކަން ކުރީގެ މަންޒަރުތަކުން ވެސް ފެނުނެވެ. އަސީރުންގެ މޫނުމަތީން ފެންނަ އުފާވެރިކަމުގެ އިތުރަށް އަސީރުންނާއި ހަމާސްގެ ހަނގުރާމަވެރީންނާ އޮތް ގާތް ގުޅުންތައް އެ ތަސްވީރުތައް ވެސް ކިޔައިދިނެވެ.
ޒަޔަނިސްޓުން ހައިރާންވީ އަސީރުން ބަދަލުކުރުމުގެ ކަންތައްތައް ހަމާސުން ރޭވުންތެރިކަމާ އެކު، އެންމެންގެ ކުރިމަތީގައި ކުރިއަށް ގެންދިޔަ ގޮތުންނެވެ. ހަމާސްގެ ހަނގުރާމަވެރީންނަށް ޣައްޒާގެ ރައްޔިތުންގެ ހިތްތަކުގައި އޮތް ވަރުގަދަ ލޯބި ފެނުމުންނެވެ. އެ ރައްޔިތުންގެ މައްޗަށް ހަމާސަށް އޮތް އިތުބާރު ފެނުމުންނެވެ.
އެ ހާމަ މައިދާނުގައި ހަދައިފައި ހުރި ކުޑަ އިސްޓޭޖަށް އެތައް ކެމެރާއެއްގެ ލެންސު ހުރީ އަމާޒުކޮށްފައެވެ. ދުނިޔޭގެ އެތައް މިލިއަން ބަޔަކު ތިބީ އެ މަންޒަރު ބަލާށެވެ. އިޒުރޭލުގެ ވެރިރަށް ޓެލްއަވީވްގެ "އަސީރުންގެ މައިދާނު"ގައި ވެސް އަސީރުންގެ އާއިލާތަކާއި ހެޔޮ އެދޭ އެތައް ބަޔަކު އެ މަންޒަރު ވަގުތުން ބަލާން ތިއްބެވެ. ހަމާސް ޖަމާޢަތާއި ރެޑްކްރޮސް ޖަމާޢަތާ ދެމެދުގައި ހަތަރު އަސީރުން ހަވާލުކުރިކަމުގެ ލިޔުމުގައި ސޮއިކުރެވުނެވެ. އެއަށް ފަހު އިޒްރޭލް ޔުނިފޯމުގައި ތިބި އިޒްރޭލުގެ ހަތަރު އަންހެން ސިފައިން ވެހިކަލެއްގައި ގެނެސް އިސްޓޭޖަށް އެރުވިއެވެ. ތިބީ ވަރަށް ރީއްޗަށެވެ. އުފަލުންނެވެ. ކޮންމެ ކުއްޖެއްގެ އަތުގައި ހަދިޔާ ކޮތަޅަކާއި ހަނދާނީ ލިޔުމެއް އޮތެވެ. ޒަޔަނިސްޓުން އެންމެ ދެރަވާނީ އެ ކުދީން ހިނިތިންވުމާއެކު ފަލަސްތީނުގެ ރައްޔިތުންނަށް އަތް ހޫރައި ސަލާންކުރާ މަންޒަރު ފެނުމުންނެވެ. އަދި އެ ކުދީން އަތުގެ އިޝާރާތުން "ބަރާބަރު"ކަމަށް ބުނާން ފެށުމުންނެވެ. އަދި އެ ސިފައިން އަރައި ތިބި އިސްޓޭޖުގެ ކުރިމަތީގައި ހިބުރޫ ބަހުން "ޒަޔަނިޒަމަށް ކާމިޔާބެއް ނުލިބޭނެ"ކަމަށް ލިޔެފައި އޮތުމުންނެވެ. އަދި ޒަޔަނިސްޓް ލީޑަރުންގެ ފޮޓޯ ޖަހައި އެ މީހުން ފޭލުވެއްޖެކަމަށް ލިޔެ އެ މީހުންގެ ފޮޓޯތައް ފައިން އެރޭ ގޮތަށް ބިންމަތީގައި ބަހައްޓައިފައި ހުރުމުންނެވެ.
ވަގުތުން މުޅި ދުނިޔެ ބަލަމުން ދިޔައީ މުސްލިމުންގެ އަޚުލާޤިއްޔަތެވެ. މުސްލިމުންގެ ކެތްތެރިކަމެވެ. އަހުދަށް ވަފާތެރިވުމުގައި މުސްލިމުންގެ ސާބިތުކަމެވެ. ޚާއްޞަކޮށް ޣައްޒާގެ ރައްޔިތުންގެ އީމާންތެރި ވަރުގަދަ ހިތްތަކުގެ ބިޔަކަމާއި ތަނަވަސްކަމެވެ.
__________________________________________________
ބައެއް ލަފުޒުގެ މާނަ:
ހާމަ ނއ. (1) ނިވަލެއް ނެތް. (2) ހުރަހެއް ނެތް. (3) ދިމާއަށް
އިސްޓޭޖު ނ. (1) ކުޅިވަރުކުޅުމާއި ލަވަކިޔުމާއި މި ފަދަ ބައެއް ކަންތައްތައް ކުރާ އިރު، އެ ކަން ކުރާ ބަޔަކު ގިނަ ބަޔަކަށް ފެންނާނޭހެން ތިބޭން، ހަމަ ބިމަށްވުރެ އުސްކޮށް ތައްޔާރުކޮށްފައި ހުންނަ ތަން. (2) ތަގުރީރުކުރުން ފަދަ ކަންތަކުގައި ގިނަ މީހުންނަށް ފެނުން ފަސޭހަވުމަށް ޓަކައި އެ ކަމެއް ކުރާމީހާ އަރައި ހުންނާން ހަދައިފައި ހުންނަ އެއްޗެއް.
ވަފާތެރި ނއ. (1) ތެދުވެރި. (2) އިޚުލާޞްތެރި
މައިދާން ނ. (1) ހާމަޔަށް އޮންނަ ތަނަވަސް ބިން. (2) ޚާއްޞަ ކަންކަމަށް ޓަކައި މީހުން ނުކުމެ ތިބޭ ތަން. (3) ވަކި ޚާއްޞަ ރޮނގެއް
ތުހުމަތު ނ. ކުށެއް ނުވަތަ ނުބައި ކަމެއް ކުރިކަމަށް، ނުވަތަ ކުރާކަމަށް ކުރާ ޝައްކު.
ލެންސު ނ. އައިނާއި ކެމެރާއާއި ދުރުމިފަދަ އެއްޗެހިން ތަނެއް، ނުވަތަ އެއްޗެއް ސާފުކޮށް، ބޮޑުކޮށް ނުވަތަ ކުޑަކޮށް ބަލަން ހުންނަ ބިއްލޫރި ފަދަ އެއްޗެއް. މީގެ ދެފުށް ނުވަތަ އެއްފުށް ހުންނާނީ ފުއްޕުން ލައިފައެވެ.
ސާބިތުކަން ނއނ. ޔަޤީންކަން.