އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
25 ޖަނަވަރީ 2025
އެމެރިކާއާއި ހުޅަނގުގެ އެހީއާއި ވާގިވެރިކަމާއި ތާއީދާ އެކު، ޞިހްޔޫނީ ކިޔާނުން ފަލަސްޠީނުގެ ޣައްޒާގައި ހިންގައިފައިވާ ނަސްލުހޭދުގެ ޢަމަލުތަކާއި ގަތުލުއާންމުތަކާއި އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތައް ފަޅައިއަރައި މުޅި ދުނިޔެއަށް ފެނި, އިވުމަށް ފަހު، ހުޅަނގުންނާއި އެމެރިކާއިންނާއި އިސްރާއީލުން އިންސާނީ ޙައްޤުތަކާއި ތިމާވެށީގެ ޙައްޤުތަކާ ބެހޭ ގޮތުން ރަނގަޅުވާނީ ވާހަކަނުދައްކައި ހަނު އޮތުމެވެ. އުނުގައި އޮތް "ތޫތު" ފަތް ވެއްޓި، އެ މީހުންގެ ޢައުރަ ކަޝްފުވެއްޖެއެވެ.
ރައީސް ޓްރަމްޕްގެ "ހެޔޮވިސްނުންފުޅު"ގެ ދަށުން އޭނާ މިހާރު ވަނީ ތިމާވެށްޓާ ބެހޭ ޕެރިސް މުޢާހަދާއިން ވަކިވެވަޑައިގެންފައެވެ. އެމެރިކާ ފުށުން ތިންވަނަ ދުނިޔެއަށް ލާބައެއް ލިބިދާނެތީ އޭނާ ވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން އެމެރިކާ ވަކިވެއްޖެކަން އިޢުލާންކުރައްވައިފައެވެ.
އުދަލިކާރުންނާއި ތިމާވެށީގެ ޙައްޤުތައް ރައްކައުތެރިނުކުރާ ބޮޑެތި ކުންފުނިތަކާ ދެކޮޅަށް އައު ޓެކުހެއް ތަޢާރުފުކުރާނެ ވާހަކަ މި ހުސްވި ޑިސެންބަރު މަހު ޔޫރަޕުގެ އިއްތިޙާދުން އިޢުލާނުކުރިއެވެ. ޢާންމު ގޮތެއްގައި މި ބުނާ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހުޅަނގުގެ ކުންފުނިތަކެއް ނުހިމެނޭނެއެވެ.
ޙަޤީޤަތަށް ބަލާ އިރު، އިންސާނީ ޙައްޤުތަކާ އެންމެ ބޮޑަށް ޚިލާފުވެފައި ވަނީ ހުޅަނގުގެ ބޮޑެތި ކުންފުނިތަކުންނެވެ. މި ފަދަ ކުންފުނިތަކުގައި މަސައްކަތްކުރުވާ "ލޯ ނޫ ނޫން" އިންސާނުންނާ މެދު ޢަމަލުކުރަނީ މުޅީން އެހެން ތަރާދަކުންނެވެ. އެ މީހުން ލައްވައި މަސައްކަތްކުރުވަނީ އެކަށީގެންނުވާ މާޙައުލެއްގައެވެ. މި ތަންތާނގައި ރައްކައުތެރިކަމުގެ ސަލާމަތީ ފިޔަވަޅުތައް އަޅައިފައެއް ނުހުރެއެވެ. މަސައްކަތްކުރާން އެއްބަސްވެފައިވާ ގަޑިއަށް ވުރެ އިތުރަށް އެމީހުން ލައްވައި މަސައްކަތްކުރުވައެވެ. އިތުރު އުޖޫރައެއް ނުދީއެވެ. ނުވަތަ "ލޯ ނޫ" މީހުންނަށް ދޭ ވަރަށް ވުރެ، މާ ކުޑަ އެއްޗެއް ދީގެންނެވެ. އެމެރިކާގައި މަސައްކަތްކުރާ މެކްސިކޯ މީހުންނާއި ޖަރުމަނުގައި މަސައްކަތްކުރާ ތުރުކީ މީހުންނާއި ފަރަންސޭސިވިލާތުގައި މަސައްކަތްކުރާ އެފުރިކާ ބަރޫދުގެ މީހުންނާއި އިނގިރޭސިވިލާތުގައި މަސައްކަތްކުރާ އިންޑިޔާ ޕާކިސްތާނު މީހުންނަކީ މި ކަމުގެ ހެޔޮ މިސާލުތަކެކެވެ.
މި ގޮތަށް އެމީހުންގެ ޢަމަލުތައް ހުންނަ އިރު "ލަދުވެތިކަމެއް ނެތި" އޭޝިޔާއަށާއި މެދުއިރުމައްޗަށާއި އެފުރިކާއަށާއި ލެޓިން އެމެރިކާއަށް ގޮސް ހުޅަނގުގެ ގިޔަމުތަކާއި، އިންސާނީ ޙައްޤުތަކާއި، މިނިވަންކަމާ ބެހޭ ގޮތުން ދަރުސްތައް ދޭނެއެވެ. އަދި މިއަދު ވަނީ މި ސުރުޚީތަކަށް ކުޑަކުދީންނާއި އަންހެނުންގެ ވާހަކަތަކާއި އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ބަދުއަޚުލާޤީ ވާހަކަތައް ވެސް އިތުރުކޮށްފައެވެ. ހުޅަނގުގެ މީޔާރުތަކާ އެއް ގޮތްވާ ގޮތުގެ މަތީން ނަސޭހަތްދޭނެތެވެ. ހުޅަނގުގެ އެންމެ ބޮޑު އެކުވެރިޔާ އިސްރާއީލުން، ޣައްޒާއާއި ހުޅަނގު އައްސޭރިއާއި ލުބުނާނުގައި މި ޙައްޤުތަކާ ދިމާ އިދިކޮޅަށް ޢަމަލުތައް ހިންގަމުން ކުޑަކުދީންނާއި އަންހެނުންނާއި މުސްކުޅީން މަރައި ހުސްކުރަމުންދާ އިރު، ހުޅަނގަށް މި ކިޔާނުގެ އެއްވެސް ގޯސް ކަމެއް ނުފެނެއެވެ. އެއިން ވާހަކައަކާ ބެހޭ ރިޕޯޓެއް ލިޔެއެއްނުލައެވެ.
އަޤްޞާ ޠޫފާނާ ވިދިގެން އިސްރާއީލުން ޣައްޒާގައި ހިންގި ޤަތުލުއާންމާއި ނަސްލުހޭދުގެ ޖަރީމާތަކުގެ މައްސަލަތައް ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން ބަލަން ފެށުމުން އެމެރިކާއާއި ޔޫރަޕުގެ އިއްތިޙާދުން މި ކޯޓު ކުށްވެރިކުރިއެވެ. އެއީ އިސްރާއީލުގެ އަމިއްލަ ނަފުސުގެ ދިފާޢުގައި ކޮށްފައިވާ ކަންތައްތަކެއްކަމަށް ބުނެ އިސްރާއީލު ދިފާޢުކުރިއެވެ. ސަލާމަތީ މަޖިލީހަށް މި މަސްއަލަ ހުށައެޅޭ ކޮންމެ ފަހަރަކު ވީޓޯކޮށްގެން އިސްރާއީލު ދަފަރާކުރެތެވެ. ޣައްޒާގައި އިސްރާއީލުން ހިންގި ޖަރީމާތައް ރާވައި ހިންގުމުގެ ކުށުގައި އިސްރާއީލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ ހައްޔަރުކުރުމަށް ބައިނަލްއަޤްވާމީ ބޮޑު ނައިބު އަމުރު ނެރުއްވުމުން އެމެރިކާއާއި ހުޅަނގުން ބޮޑު ނައިބު މަޤާމުން ވަކިކުރުމަށް ގޮވައިލިއެވެ. މިއީ އެމެރިކާއާއި ހުޅަނގުން ގެންގުޅޭ ދެ މިންގަނޑުގެ ސިޔާސަތު ސާފުކޮށް ދައްކައިދޭ ޢަމަލުތަކެކެވެ.
ޔޫރަޕުގެ އިއްތިޙާދުގެ ގައުމުތަކުގައި އޭޝިޔާއާއި އެފުރިކާއާއި ލެޓިން އެމެރިކާ ފަދަ ލޯ ނޫ ނޫން މީހުން ލައްވައި މަސައްކަތްކުރުވަމުންދަނީ އަޅުމަސައްކަތްކުރުވާ ބީދައިންނެވެ. މަސައްކަތުގެ ވެށީގައި ރައްކައުތެރިކަމާއި އަމާން ފިޔަވަޅުތަކާ ނުލައެވެ. މި ފަދަ ތަންތާނގައި މަސައްކަތްކުރުވާ މީހުންގެ ތެރެއިން މީހަކު މަސައްކަތުގައި އުޅެނިކޮށް މަރުވިޔަސް ހުޅަނގުން ރިޕޯޓެއް ނުލިޔާނެތެވެ. އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާއަކުން އެ ފަދަ ވާހަކައެއް ދައްކައިފި ނަމަ، ބުނާނީ އެއީ ފަރުދީ ޚާއްޞަ ޙާލަތެއްކަމަށެވެ. އެއީ ހުޅަނގުގެ އުޞޫލުތަކާ ޚިލާފަށް މަސައްކަތެއް ކުރުވި ކުންފުންޏެއްގެ ކަމެއްކަމަށެވެ.
މި ފަދަ ކަމެއް އޭޝިޔާގެ ނުވަތަ އެފުރިކާގެ ގައުމެއްގައި ހިނގައިފި ނަމަ، އެ ކަމަކާ ބެހޭ ގޮތުން ހުޅަނގުން އެތައް ސަތޭކަ ރިޕޯޓެއް ޝާއިޢުކުރާނެއެވެ. އެއީ އެ ގައުމުގެ ސަރުކާރާއި އެ ގައުމުގެ އުޞޫލުތަކުގެ ދޯދިޔާކަމުން ވީ ކަމެއްކަމަށް ބުނާނެތެވެ. މި ޙާދިސާގެ މަސްއޫލިއްޔަތު އެ ދައުލަތުގެ ބޮލުގައި އަޅުވާނެތެވެ. ކަންކަން މިނުމަށް ގެންގުޅޭ މިންގަނޑު ކިހާ ތަފާތުހެއްޔެވެ؟
ޔޫރަޕުގެ އިއްތިޙާދުން ފާސްކޮށްފައިވާ އައު ޤާނޫނުގެ ދަށުން ދުނިޔޭގެ ކުންފުނިތަކުން ޓެކުހުގެ ގޮތުގައި ނަގާން މި އުޅޭ 5 % އަކީ ދުނިޔޭގެ ތިމާވެށްޓަށް ޓަކައި ނަގާ އެއްޗެއްކަމަށް ބުނެއެވެ. މި ތާނގައި އުފެދޭ ސުވާލަކީ ތިމާވެށި ހަލާކުކުރަނީ ކޮން ބަޔެއްހެއްޔެވެ؟ ޖައްވު ވިސަޑުކޮށް އިންސާނުން މަރަނީ ކޮން ބަޔެއްހެއްޔެވެ؟ ދަނޑުފަނގުތަކާއި މާކަނޑުތައް ޚަރާބުކޮށް މުރަކަތަކާއި މަސްމަހާމެހި ސުންނާފަތިކުރަނީ ކޮން ބަޔެއްހެއްޔެވެ؟ ޔޫރަޕުގެ އިއްތިޙާދުގެ ދައުލަތްތަކާއި އެމެރިކާއާއި އިސްރާއީލު ނޫންހެއްޔެވެ؟ ބައިނަލްއަޤްވާމީ ޤާނޫނުން، އުކައިލުން މަނާކުރާ ކުނިތަކާއި ނިޔުކްލިޔަރ ކުނިބުނިތަކާއި އުފެއްދުން މަނާ ހަތިޔާރުތަކުގެ ދަގުއިތައް ޔޫރަޕުގެ އިއްތިޙާދުންނާއި އެމެރިކާއިން އުކައިލަނީ ތިންވަނަ ދުނިޔޭގެ ގައުމަތަކަށެވެ. ހީރޯޝީމާއަށާއި ނަގަޒާކީއަށް އެޅި ޒައްރީ ބޮމުގެ ސަބަބުން އެ ރަށްރަށުގެ މީހުންނަށާއި ވެށްޓަށާއި ބިމުގެ ފަސްގަނޑަށް ލިބުނު ގެއްލުންތަކުގެ ވާހަކަ ދައްކަނީ ވަރަށް މަދުންނެވެ. ވިއެޓްނާމަށް ދީފައިވާ ގެއްލުންތައް ކޮބައިހެއްޔެވެ؟ އަފްޣާނިސްތާނަށާއި ޢިރާޤަށާއި ހުޅަނގު އެފުރިކާގެ ބައެއް ގައުމުތަކަށް ދީފައިވާ ގެއްލުންތައް ކިހައި ބޮޑުހެއްޔެވެ؟ ޖަޒާއިރުގައި ފަރަންސޭސީން ކޮށްފައިވާ ނިޔުކްލިޔަރ ތަޖުރިބާތަކުގެ ސަބަބުން އެ ގައުމުގެ ބައެއް ސަރަޙައްދުތަކަށް ލިބިފައިވާ ގެއްލުންތަކަށް ބަދަލުދިނުމާ ޕެރިސް ދެކޮޅުހަދައެވެ. މި ކަންކަމަށް ބަދަލުދިނުމާ ބެހޭ ގޮތުން ވާހަކަދެއްކުމަކީ ޕެރިސް އެދޭ ކަމެއްނޫނެވެ.
އެފުރިކާގެ މުއްސަނދިކަމާއި ޚައިރާތުތައް ފޭރިގަންނަމުން އެ ދަނީ ރޯމާ ދުވާލުގައެވެ. މި ކަމާ ދެކޮޅަށް އެއްވެސް މީހަކަށް ފާޑުކިޔުމުގެ ބާރެއް ލިބިގެންނެއް ނުވެއެވެ. އެފުރިކާގެ ބައެއް ގައުމުތަކުގެ ހުރިހައި ފައިސާއެއް ބަހައްޓާންޖެހެނީ ފަރަންސޭސިވިލާތުގެ މަރުކަޒީ ބޭންކުގައެވެ. މި ގައުމުތަކުގެ ބަޖެޓަށް ލިބޭނީ ފަރަންސޭސި ސަރުކާރުން ދިން "ހުސްފުޅު" ކޮޅެކެވެ.
ތިންވަނަ ދުނިޔޭގެ ގައުމެއްކަމުގައިވާ ޤަޠަރުގައި އުދަލިކާރުންގެ ޙައްޤުތައް ޖާމިނުކޮށްދިނުމަށާއި އެ މީހުންނަށް އަމާން ދުޅަހެޔޮ މަސައްކަތު ވެށްޓެއް ތަނަވަސްކޮށްދިނުމަށް ޓަކައި ޚާއްޞަ ފަންޑެއް ވަނީ ހުޅުވައިފައެވެ. ޔޫރަޕުގެ އިއްތިޙާދުގައި މި ފަދަ މަޝްރޫޢެއް އެބަ އޮތްހެއްޔެވެ؟ ހުޅަނގުގެ މީޑިޔާތަކުން ޤަޠަރުގެ މި މަޝްރޫޢާ މެދު ޚަބަރުތައް ޝާއިޢުނުކުރަނީ ކީއްވެގެންހެއްޔެވެ؟
ހޫނު މޫސުމުގައި ގަދަ އަވީގައި މަސައްކަތްކުރާ މީހުންގެ ޙައްޤުތަކާ ބެހޭ ގޮތުން ޤާނޫނުތައް ހަދައިފައި ވާ އިރު، ހުޅަނގުގެ ގައުމުތަކުގައި ހުޅުވިފައިވާ ތަންތާނގައި ގަދަ ފިނީގައި މަސައްކަތްކުރާ މީހުންގެ ޙައްޤުތައް ރައްކައުތެރިކޮށްދޭ ތަނެއް ނުފެނެއެވެ. އެއީ ދޮން މީހުންނާ ބެހޭ ކަމަކަށް ނުވާތީއެވެ. އެ މީހުންނާ ބެހޭ ކަމަކަށް ވާތީ، އެހެން މީހުން މި ކަމާ ބެހިގެންނެއް ނުވާނެއެވެ.
އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އޭޝިޔާއާއި އެފުރިކާއާއި ލެޓިން އެމެރިކާ ގައުމުތަކުގެ ޤުދުރަތީ މުއްސަނދިކަމާއި ޚައިރާތުތައް ފޭރުމަށް މަސައްކަތްކުރެއެވެ. އިސްތިޢުމާރު، ބޮޑުދޮރުން ނުކުތަސް ކުޑަދޮރުތަކުން ދަނީ ވަންނަމުންނެވެ. ތަފާތު ނަންނަމުގައްޔާއި ތަފާތު ބަހަނާތައް ދައްކައިގެންނެވެ. އެ މީހުންގެ ޚާއްޞަ މަޞްލަޙަތުތަކާ އެއް ގޮތްވާ ގޮތުގެ މަތީންނެވެ. އިސްތިޢުމާރީ ޒަމާނުގައި ވަގަށް ނެގި އެއްޗެހިތައް ހުސްވަމުންދާތީއެވެ. ޔޫރަޕު މުސްކުޅިވެ ބާރުވެރިކަން ނެތެމުންދާތީއެވެ. އެމީހުންނަށް ކުރިމަގު ބަނަވަމުންދާ ތަން ފެންނާތީއެވެ.
______________________________________
ބައެއް ލަފުޒުގެ މާނަ:
ނަސްލުހޭދު ނ. އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު.
އުދަލިކާރު ނ. އުދަލީން ވަޅުކޮނުމުގެ މަސައްކަތް އުޖޫރައަށް ކޮށްއުޅޭ މީހާ.
ވިސަޑު ނ. އިތުރު އެއްޗެއްގެ ސަބަބުން ވައި ނުވަތަ ފެން ފަދަ ޠަބީޢީ އުންސުރެއްގެ ސާފުކަން ގެއްލޭ ގެއްލުން ނުވަތަ އަންނަ ނޭދެވޭ ބަދަލު.
މީޔާރު ނ. (1) އާންމު ހަމަ. (2) އާންމުކޮށް ބަލައިގަނެވޭ ވަރަށް، ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު. (3) އިޚުތިޔާރު ލިބިގެންވާ ފަރާތަކުން އެއްޗަކާ މެދު، ނުވަތަ ކަމަކާ މެދު، ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު. (4) މާލީ ނިޒާމުގައި ތަކެތީގެ އަގު ކަނޑައެޅުމަށް ޓަކައި ގެންގުޅޭ މިންގަނޑު ނުވަތަ އަސާސް.
މީޑިއާ ނ. ޚަބަރާއި މައުލޫމާތު ފަތުރާ ވަސީލަތްތަކަށް ކިޔާ ޖަމާނަން.
ދަފަރާ ނ. ކަމަކުންވާ ދިފާޢު ނުވަތަ ސަލާމަތް.
ގަތުލުއާންމު ނ. ރަހުމުކުޑަ ގޮތެއްގައި ނުވަތަ އަނިޔާވެރިކޮށް އެތައް ބައިވަރު ބަޔަކު މަރައިލުމުގެ ޢަމަލު.
ގިޔަމު ނ. ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް.