އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
23 ޖަނަވަރީ 2025
ދިވެހި ތާރީޚާއި ސަގާފަތުން ސާބިތުވާ ގޮތުގައި މީގެ ގާތަގަނޑަކަށް ހަތަ ޤަރުނުގެ ކުރީއްސުރެ ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރީންނަކީ މުޖުތަމަޢުގައި އެންމެ މަތީ ދަރަޖައިގެ އިޙުތިރާމާއި ޤަދަރު ލިބިވަޑައިގެންފައިވީ ބަޔެކެވެ. އަދި މުޖުތަމަޢުގެ އިސްލާޙަށް ޓަކައި އެންމެ ބޮޑަށް މަސައްކަތްޕުޅުކުރައްވައިފައި ވަނީ ވެސް ދީނީ ޢިލްމުވެރީންކަމަށް ތާރީޚު ހެކިދެއެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ވެސް އެންމެ ބުރަދަން ބޮޑު ބަޔަކީ ވެސް ދީނީ ޢިލްމުވެރީންނެވެ. ރާއްޖޭގެ ދީނީ ޢިލްމުވެރީން ވަނީ ދީނީ، ޢިލްމީ، ސިޔާސީ އެންމެހައި މާއިދާންތަކެއްގައި އެންމެ ނުފޫޒުގަދަ ޤާއިދުންކަމުގައި ވެވަޑައިގެންފައެވެ. އަދި އެފަދަ ޢިލްމުވެރީން ވަނީ ޖީލުތަކަކަށް ދާންދެން އެ ބޭކަލުންގެ ޒިކުރާ އާވެއާވެ ހުންނާނޭ ފަދަ އަގުހުރި ޝަޚުޞިއްޔަތުތަކަކަށް ވެވަޑައިގެންފައެވެ. ދިވެހި އުންމަތަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައެވެ. މި ފަދަ ބައެއް ބޭބޭފުޅުންގެ ޚިދުމަތްތަކަށް ވަރަށް ޚުލާޞާ ގޮތެއްގައި ބަލައިލާން ގަސްތުކުރަމެވެ.
އައްޝައިޚު މުޙަންމަދު ޖަމާލުއްދީން (ވާދޫ ދަންނަކަލޭފާނު):
ކުރީގެ ޢިލްމުވެރީންނަށް ނަޒަރެއް ހިންގައިލާ އިރު، އައްޝައިޚު މުޙަންމަދު ޖަމާލުއްދީން (ވާދޫ ދަންނަކަލޭފާނު) ހިމެނިވަޑައިގެންފައި މި ވަނީ، މި ފަދަ ޢިލްމުވެރީންގެ އެންމެ މަތީ ސަފުގައެވެ. އެ ކަލޭގެފާނު ޝަރުޢީ ޢިލްމު އުނގެނިވަޑައިގަންނަވާން ރާއްޖޭން ބޭރަށް ވަޑައިގަތީ ހިޖުރައިން ގާތްގަނޑަކަށް 935އާއި 955ވަނަ އަހަރާ ދެމެދުގެ ތާރީޚެއްގައެވެ. މި ކަލޭގެފާނު ޙަޟުމައުތުން ޢިލްމު އުނގެނިވަޑައިގެން ތިރީހަކަށް އަހަރު ފަހުން ރާއްޖެ ވަޑައިގަތީ، ޕޯޗުގީޒުންގެ ކިބައިން ބޮޑުތަކުފާނު ދިވެހިރާއްޖެ ސަލާމަތްކުރައްވައި ދިވެހީންނަށް ދިވެހިރާއްޖެ އަލުން ހޯއްދަވައިދެއްވި ދުވަސްވަރުގައެވެ. އެ ހިނދު، ބޮޑުތަކުފާނަށް އެންމެ ބޮޑަށް ދަތިފުޅުވެފައިވާ ކަމަކީ، "ދީނާއި ދުނިޔޭގެ ކަންތައް [އިސްލާހުގެ މަގުން]ހިންގަވާނެ" ޢިލްމުވެރިއަކު ދިވެހިރާއްޖޭގައި ނެތުމެވެ. މުޙައްމަދު ޖަމާލުއްދީނު މާލެ ވަޑައިގަތް އިރު، ރާއްޖޭގެ ރައްޔިތުން ވަނީ މުޙައްމަދު ތަކުރުފާނު އެ މީހުންގެ ރަސްކަލަކަށް ހޮވައިފައެވެ. ނަމަވެސް އެ މަނިކުފާނަށް ބައިޢަތު ހިފައި، އިސްލާމް ދީނަށް ވެރިކަން ހިންގެވުމުގައި އެހީތެރިވެދޭނޭ ދީނީ ޢިލްމުވެރިޔަކު ނެތުމުން، ރަސްކަމަށް އިސްވެވަޑައި ނުގެން ހުންނެވީ އިސްވާރެއްގެ ގޮތުގައެވެ. މި ދަންނަކަލޭގެފާނު ވަޑައިގަތުމުން، އެ ކަލޭގެފާނުގެ ލަފާފުޅުގެ މަތީން މުޙައްމަދު ތަކުފާނު ރާއްޖޭގެ ތަޚުތުގައި ވެޑުވުނެވެ.
ޝައިޚު މުޙަންމަދު ޖަމާލުއްދީނަށް އުތީމު ބަންޑާރައިން ވަރަށް މާތްކޮށް ހިއްތެވިއެވެ. އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުރުކަން އެ ކަލޭގެފާނަށް ދެއްވާން އެދިވަޑައިގެން އެ ކަން އެ ކަލޭގެފާނަށް ހުށަހެޅުއްވިއެވެ. އެހެންނަމަވެސް، އެ ކަލޭގެފާނުގެ "ޒާހިދުކަމާއި ވަރަޢަ ވެރިކަން ބޮޑުކަމުން" އެ ކަމަށް ރުހިވަޑައިނުގެން، އެ ކަލޭގެފާނު އެދިވަޑައިގަތީ "އެކަހެރީން ފުށި ރަށެއްގައި" ހުންނަވާށެވެ. މި ކަމަށް ރަދުން އިޒުނަދެއްވުމުން، އެ ކަލޭގެފާނު ވަޑައިގަތީ ހުވަދު އަތޮޅު ވާދުވަށެވެ. އެ އިރު ވާދޫގައި ވެރިޔަކަށް ހުންނެވީ މުޙަންމަދު ފަނޑިތްތަކުފާނެވެ. އޭނާ މި ކަލޭގެފާނަށް މާތްކޮށް ހިއްތަވައި، އޭރު އެ ރަށުގައި ހުރި ހުކުރު މިސްކިތާ މާ ދުރު ނޫން ރަނގަޅު ތަނަވަސް ހިސާބެއްގައި، އެކަލޭގެފާނަށް ގެއެއް އަޅުއްވައި ދެއްވިއެވެ. ދަންނަކަލޭގެފާނު އުޅުއްވީ މި ގޭގައެވެ.
ދަންނަކަލޭގެފާނުގެ ފުރަތަމަ ދަރިވަރަކީ މުޙައްމަދު ފަޑިއަތްތަކުފާނުގެ ދަރިކަލުން ޢަލީ ނާއިބު ތަކުފާނުކަމަށް ބުނެވެއެވެ. އެ ކަލޭގެފާނު އަރިއަހަށް ދަރިވަރުވުމަށް، ރާއްޖޭގެ ރަށްރަށުންނާއި އަދި ރާއްޖޭން ބޭރު ރަށްރަށުން ވެސް، ވަރަށް ގިނަ ކުދީން ގޮސް ތަޢުލީމު ޙާޞިލުކުރިއެވެ. މި ކަލޭގެފާނުގެ ދަރިވަރުންގެ ތެރޭގައި ހިމެނުނު އެންމެ މޮޅު ދެ ބޭކަލުންނަކީ އައްޑޫ ބޮޑު ފަނޑިޔާރުރު ތަކުރުފާނާއި އަބޫބަކުރު ފަނޑިޔާރުރު ތަކުރުފާނެވެ. މި ކަލޭގެފާނުގެ އަރިހުން ދަރިވަރުވެވަޑައިގަތް ގިނަ ޢިލްމުވެރީންނާއި އެ ޢިލްމުވެރީންގެ އަރިހުން ދަރިވަރުވެވަޑައިގަތް ގިނަ ޢިލްމުވެރީންނަކީ ބޮޑެތި ބޮޑެތި ފަޤީހުންނެވެ. މީގެ ތެރެއިން ގިނަ ބޭފުޅުންނަކީ ރާއްޖޭގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅުންނެވެ. އަދި އަދަށް ދާނދެން ވެސް ދިވެހިރާއްޖޭގެ ދީނީ ތަޢުލީމުގެ ސިލްސިލާގައި ވާދޫ ދަންނަކަލޭގެފާނުގެ ޢިލްމީ ޚިދުމަތުގެ ވަސް އެބަ ހުއްޓެވެ. އަދި އެކަލޭގެފާނުގެ ދީނީ ޚިދުމަތަކީ ދިވެހިރާއްޖެ ދެމި އޮތްހައި ހިނދަކު ފިލައިގެންދާނެ ޚިދުމަތެއް ވެސް ނޫނެވެ.
އައްޝައިޚު ޢަލިއްޔި ބިން މުޙަންމަދު ނުވަތަ ޢަލީ އެދުރު ތަކުފާނު:
އައްޝައިޚު ޢަލިއްޔި ބިން މުޙަންމަދު ނުވަތަ ޢަލީ އެރުރުރު ތަކުފާނަކީ އެ ކަލޭގެފާނުގެ ވާހަކަ މި އަދު ވެސް ދިވެހި މުޖުތަމަޢުން ފަނޑުނުވެ އޮތް ނަންފުޅެކެވެ. ދެލި ގަލަމާއި ފުޅި ބައްތީގެ ޒަމާނުގައި އެ ކަލޭގެފާނު ފިޤުހަށް ކުރައްވައިފައިވާ މަސައްކަތްޕުޅަކީ މިއަދު ކަރަންޓާއި ކޮންޕިޔުޓަރާއި ފަންނިއްޔާތުގެ ޒަމާނުގައި ވެސް އަޅުގަނޑުމެންނަށް ނުކުރެވޭ ވަރުގެ ބޮޑު މަސައްކަތެކެވެ. މީގެ ގާތްގަނޑަކަށް 270 އަހަރަށް ވުރެ ކުރީން ލިޔުއްވި ޒުހުލްކަމާލާތި ފީ އަޙުކާމިލް ޢިބާދާތި، (ދިވެހީންގެ ތެރޭގައި މަޝަހޫ ނަމުން ނަމަ "ބޮޑު ތަރުތީބު") މި ފޮތަކީ ޗާޕުވެގެން ޢަންމުންނާ ހަމައަށް ފުރަތަމަ އައި ފިޤުހު ފޮތްކަމުގައި ބެލެވިދާނެއެވެ. 570 އެތައް ސަފުހާއެއްގެ މައްޗަށް އެކުލެވޭ މި ފޮތަކީ ދުނިޔޭގެ މަޝްހޫ އެތައް ފިޤުހު ފޮތެއް ދިރާސާކުރައްވައިގެން ލިޔުއްވައިފައިވާ ވަރަށް ތަފުޞީލީ ފޮތެވެ. މި ފޮތުގައި އެންމެ ބޮޑަށް ބައްލަވައިފައިވަނީ އިބްނި ޙަޖަރުގެ ތުޚުފާކަމަށް އެ ފޮތުން އެނގެއެވެ.
ބޮޑުތަރުތީބަކީ މުޅި ރާއްޖޭގެ އެންމެން ބަލައިގެންފައިވާ، އިސްލާމް ދީނުގެ އެންމެ ޞައްޙަ މަޞްދަރުކަމަށް ދިވެހީން ގަބޫލުކުރިއެވެ. އެ ޤަދަރު އަދިވެސް ދިވެހީންގެ ތެރޭގައި އެބަ ދެމި އޮތެވެ.
އެދުރު ޢުމަރު މާފަތް ކަލޭގެފާނު:
އެދުރު ޢުމަރު މާފަތް ކަލޭގެފާނުގެ ނަންފުޅަކީ ކޮންމެ ކިޔަވާ ކުއްޖަކު މިއަދު ވެސް ހަނދާން ހުންނާނޭ ނަންފުޅެކެވެ. މި ކަލޭގެފާނަކީ 300 އެތައް ރައިވަރެއްގެ މައްޗަށް އެކުލެވޭ ލައިވަރުތަކަކުން، ތައުޙީދާއި ފިޤުހާއި ސީރަތާއި އިސްލާމީ ތާރީޚުގެ މައްޗަށް ދީނީ ފޮތެއް ލިޔުއްވި ކުޅަދާނަ ޢިލްމުވެރިއެކެވެ. އާދޭހެވެ! އަލްވަޒީރު އެދުރު އުމަރު މާފަތްކަލޭގެފާނަކީ ހިޖުރައިން 12ވަނަ ގަރުނުގެ ތެރޭގައި އުޅުއްވި އިލްމުވެރި ޅެންވެރިއެކެވެ. މި ކަލޭގެފާނުގެ އެންމެ ބޮޑު ޚިދުމަތަކަށް މިއަދު ފެންނާން އޮތީ ބޮޑު ތާހީދޭ ކިޔާ މި ރައިވަރު ފޮތެކެވެ.
މީލާދީން 1150ގައި ލިޔުއްވައިފައިވާ މި ރައިވަރު ފޮތަކީ ތިންބަސް ރައިވަރާއި ހަބަސް ރައިވަރު، ވަކި އުޞޫލަކަށް ބައްޓަންކުރައްވައިފައިވާ ފޮތެކެވެ. އޭގެ ކުރީގެ ރައިވަރުތައް ހުންނަނީ، ލަފުޒުތަކުގެ އަދަދަކަށް، ކާފިޔާ ހަމަ ކުރުމަކަށް، މާކަ ބޮޑު ބެލުމެއް ނެތި ލިޔެފައެވެ. އެހެންކަމުން ބޮޑު ތާހީދަކީ މިއަދު ވެސް ދިވެހި ޤައުމުގެ އަދަބީ ތަރިކައެކެވެ. އެދުރު ޢުމަރު މާފަތް ކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ ރައިވަރުގެ ހަމަތައް ހިފަހައްޓަވައި ދައްކަވައިދެއްވި ރައިވަރުގެ އިސް އުސްތާޒުކަމުގައެވެ.
"ބޮޑު ތާހީދު" ނަމަކަށް ކިޔުނު މި ރައިވަރު ފޮތުގައި ވަނީ، އިސްލާންދީނުގެ އަގީދާތަކާއި ހެޔޮ ނަސޭހަތްތަކުގެ ވާހަކައެވެ. ނަބީންނާއި ސަހާބީންގެ ވާހަކައެވެ. އާޚިރަތްދުވަހުގެ ވާހަކައާއި އަޒާބާއި ސަވާބުގެ ވާހަކައެވެ. މި ފޮތަކީ މިއަދު ވެސް، ދީނީ އަދި އަދަބީ ތަރިކައެކެވެ. (ނުނިމޭ)