އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
26 މޭ 2025
ހައްޖުގެ އަޅުކަން އަދާކުރުމަށް ޓަކައި އަވައްޓެރި ގައުމަކުން ފުރައިގެން ދެ އަހަރު ދުވަހުގެ ދަތުރެއް ކުރާން ޖެހިދާނެކަމަށް ގަބޫލުކުރެވޭހެއްޔެވެ؟ ގަބޫލު ނުކުރެވުނު ނަމަވެސް މަޣުރިބުކަރައިގެ ރައްޔިތެއްކަމަށްވާ ޢުމުރުން 82 އަހަރުގެ މުނީރާ ބުނި ގޮތުގައި މީގެ 70 އަހަރު ކުރީން އޭނާގެ ކާފަ ހައްޖަށް ދިޔައީ ފައިމަގުގައެވެ. އެތައް ގައުމެއް ހުރަސްކޮށްފައެވެ. އެ ދަތުރަށް ގާތްގަނޑަކަށް ދެ އަހަރު ހޭދަވިއެވެ. އެއީ ނުރައްކާތެރި އަދި އުނދަގޫ ދަތުރެކެވެ.
[އަޅުގަނޑު ކުޑަ އިރު، އަޅުގަނޑުގެ ބައްޕަ އަޅުގަނޑަށް ކިޔައިދޭ އެއް ވާހަކައަކީ އަޅުގަނޑުގެ ކާފަގެ ހައްޖު ދަތުރުގެ ބުރަކަމާއި އުނދަގޫކަމުގެ ވާހަކައެވެ.] މުނީރާ ހަނދާން އާކުރިއެވެ. [އަޅުގަނޑު ބޮޑުވީ ހައްޖު ދަތުރަކީ ވަރަށް ބުރަ ބޮޑު، އަދި އެތައް ޤުރުބާނީތަކެއް ވާން ޖެހޭ އަޅުކަމެއްކަމަށް ހިތުގެ އަޑީން ގަބޫލުކޮށްގެން ހުރެއެވެ.]
މުނީރާ އޭނާގެ އަމިއްލަ ތަޖުރިބާ ޙިއްސާކުރަމުން ބުނި ގޮތުގައި [އަރާމު ގޮނޑިއެއްގައި އިށީނދެ އިނދެގެން ހައެއްކަ ގަޑި އިރުން މައްކާއަށް އުދުހިލެވިދާނެކަމަށް މީގެ ކުރީން ޚިޔާލުކުރެވިފައެއް ވެސް ނެތެވެ.]
މުނީރާ ބުނި ގޮތުގައި ކަސަބުލަންކާގެ އެއަރުޕޯޓުން ފުރައިގެން އަމާންކަމާ އެކު، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މައްކާއަށް ފޯރައްޖެއެވެ. ފުރިހަމަކުރާން ޖެހުނު ހުރިހައި އިޖުރާތުތަކަކީ ވެސް [ރަނގަޅަށް އިންތިޒާމުކުރެވިފައިވާ] ވަރަށް ހިތްހަމަޖެހޭ އިޖުރާތުތަކެއްގެ ގޮތުގައި މުނީރާ ސިފަކުރިއެވެ. އެއްވެސް ލަސްވުމެއް ނެތެވެ.
ސުޢޫދީ ޢަރަބިއްޔާއަށް ފޯރުމުން [މައްކާ މަގުގެ އިސްނެގުމުގައި] (މައްކާ ރޫޓު އިނިޝިއޭޓިވްސް) އޭނާއަށް ލިބުނު މެހުމާނުދާރީއާއި، ސުޢޫދީ ޢަރަބިއްޔާއިން ކީ މަރުޙަބާއަކީ ޙައްޖުވެރީންނަށް މި ފަހަރުގެ ޙައްޖުގައި ކުރެވޭ ވަރަށް އުފާވެރި ތަޖުރިބާއެއްކަމަށް އޭނާ ގަބޫލުކުރެއެވެ.
މި ވާހަކަ މުނީރާ ބަޔާންކޮށްފައިވަނީ އޭނާ އިހަކަށް ދުވަހު، ޙައްޖުގެ އަޅުކަން އަދާކުރުމަށް ޓަކައި މައްކާއަށް ދިޔުމަށް ފަހު، ދާދިފަހުން ސުޢޫދީ ޢަރަބިއްޔާއިން ތަޢާރަފުކުރި [މައްކާ މަގުގެ އިސްނެގުން] (މައްކާ ރޫޓު އިނިޝިއޭޓިވްސް)ގެ ފަސޭހަކަން ބަޔާންކޮށްދިނުމުގެ ގޮތުންނެވެ. މިއީ ޙައްޖުގެ ކަންކަމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމަކާއި ފަސޭހަ ކަމެއްކަމަށް އޭނާ ބަޔާންކުރެއެވެ.
މި ފަސޭހަ ޚިދުމަތުގައި މި އަހަރުން ފެށިގެން މި ކުޑަކުޑަ ދިވެހިރާއްޖެ ބައިވެރިކުރައްވާން ސުޢޫދީ ޢަރަބިއްޔާ ސަރުކާރުން ކަނޑައަޅުއްވައި، އެ ކަމާ ބެހޭ އިންތިޒާމުތައް ހަމަޖެއްސެވުމަށް ޓަކައި އެ ގައުމުގެ ކަމާ ބެހޭ މުއައްސަސާތަކުގެ ފަންނީ ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފުދެއް މިހާރު ރާއްޖޭގައި އެބަ ޙަރަކާތްތެރިވެއެވެ. މި ފަހަރު ޙައްޖަށް ދާ އެންމެންގެ ޙަޔަވީ ޑޭޓާ އެއްކުރުމުގެ މަސައްކަތް މިހާރު ކޮންމެ ދުވަހަކު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އެބަ ކުރިއަށް ދެއެވެ.
މި ކަމަށް ޓަކައި ރާއްޖެ ވަޑައިގަތް ވަފުދާ، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ރަސްމީ ގޮތުން ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ، [މައްކާ ރޫޓު އިނީޝިއޭޓިވް] ފަދަ މުހިންމު އަދި ޙައްޖުވެރިންނަށް ލުއިފަސޭހަވާނެ ފަދަ ޚިދުމަތެއްގައި ރާއްޖެ ހިމެނުއްވުމަށް ނިންމެވީތީ ސުޢޫދީ ރަސްގެފާނު އަލްމަލިކު ސަލްމާން ބިން ޢަބްދުލްޢަޒީޒަށާއި ވަލީޢަހުދު އަދި ބޮޑުވަޒީރު އަލްއަމީރު މުޙައްމަދު ބިން ސަލްމާންއަށް ޝުކުރު އަދާކުރައްވައިފައެވެ.
[މައްކާ ރޫޓު އިނީޝިއޭޓިވް]ގެ ކަންކަން ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ދިވެހި ސަރުކާރުގެ ކަމާ ގުޅޭ ހުރިހައި އިދާރާތަކެއް ގުޅިގެން ފުރިހަމަ މަސައްކަތްތަކެއް ކުރައްވާނެކަމަން ވަޒީރު ވަނީ ވިދާޅުވެފައެވެ.
[މައްކާ މަގުގެ އިސްނެގުން] މިއަދު ރާއްޖޭގައި ރަސްމީކޮށް ފައްޓަވައިދެއްވާނެއެވެ. މި ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުކަމަށް 'ފަރަގު މީޑިއާ'އަށް މަޢުލޫމާތު ލިބިފައި ވެއެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި [މައްކާ ރޫޓު އިނިޝިއޭޓިވް] ކޮމިޓީގެ ޗެއަރމަން އަދި ސުޢޫދީ ޢަރަބިއްޔާގެ ދާޚިލީ ކަންތައްތަކާ ބެހޭ ވަޒީރުގެ އެޑްވައިޒަރ ލެފްޓިނެންޓް ޖެނެރަލް ހިޒް އެކްސެލެންސީ ސުލައިމާން ބިން ޢަބްދުލްޢަޒީޒު އަލްޔަޙުޔާ ރޭ ވަނީ މާލެވަޑައިގެންފައެވެ. އެ މަނިކުފާނުގެ އަރިހުގައި ސުޢޫދީ ޚާރިޖީ ވުޒާރާގެ ޙައްޖާއި ޢޫމްރާއާއި އައުޤާފާ ބެހޭ ޑިޕާޓްމަންޓްގެ ޑިރެކްޓަރ-ޖެނެރަލް ހިޒް އެކްސެލެންސީ މޭޖަރ-ޖެނެރަލް ޢަބްދުލްމުންޢިމް ބިން ޢަބްދުއްރަޙުމާން އަލްމަޙުމާދާއި މައްކާ ރޫޓް އިނިޝިއޭޓިވް ސްޓިއަރިންގ ކޮމިޓީގެ އަމީން ޢާންމު މުޙަންމަދު ބިން ނަޞީރު އަލްޙައްލާފު ވެސް ވަޑައިގަތެވެ. މީ ބޭބޭ ފުޅުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދެވެ.
މައްކާ ރޫޓް އިނިޝިއޭޓިވްގެ ބޭފުޅުންނަށް ރަސްމީކޮށް މަރުޙަބާ ދެންނެވުން މިއަދު 9:30ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮންނާނެކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
ރާއްޖެއިން މިއަހަރު ޙައްޖަށް ފުރާ ޙައްޖުވެރީންގެ ފުރަތަމަ ގުރޫޕު ވެސް މިއަދު ފުރާނެއެވެ. މިއަދު ފުރާ ގުރޫޕުގައި 235 ޙައްޖުވެރީން ހިމެނޭކަމަށް އެނގިފައި ވެއެވެ.
މައްކާ ރޫޓު އިނިޝިއޭޓިވްގައި ދިވެހިރާއްޖޭ ހިމެނުއްވީ އެ ކަމަށް ޓަކައި ސުޢޫދީ ސަރުކާރުން ކަނޑައަޅުއްވައިފައި ހުރި ހުރިހައި ޝަރުޠުތަކަކުން އިސްތިސްނާކޮށް ރާއްޖެއަށް ދެވުނު ޚާއްޞަ ޢިނާޔަތެއްގެ ދަށުންކަން ފާހަގަކޮށްލެވެއެވެ. މިއީ ސުޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު އަލްމަލިކު ސަލްމާން ބިން ޢަބްދުލްޢަޒީޒުގެ ޚާއްޞަ އިރުޝާދުގެ ދަށުން ދިވެހިރާއްޖެއަށް ދެއްވައިފައިވާ ޚާއްޞަ ޢިނާޔަތެއްކަން ފާހަގަކޮށްލެވެއެވެ.
[މައްކާ މަގުގެ އިސްނެގުމު]ގައި ރާއްޖެއިން ބައިވެރިވުމުން ދިވެހި ޙައްޖުވެރީންނަށް އެތައް ބައިވަރު ލުއިފަސޭހަތަކެއް ލިބޭނެއެވެ. މަތީންދާބޯޓުން ފައިބާ ގޮތަށް އިތުރު އެއްވެސް ކަމެއް ނުކޮށް ސީދާ މައްކާއަށް ދަތުރުކުރެވޭނެއެވެ. ހޫނުގަދަ މި ދުވަސްވަރު ސުޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރާ ދިވެހި ޙައްޖާޖީންނަށް މިއީ މި ފަހަރު ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެހައިމެ ބޮޑު ލުއި ފަސޭހައެކެވެ.
(ބައެއް މަޢުލޫމާތު: ޢަރަބްނިއުސް)