ad_banner
ކުރު ވާހަކަ: ކަނޑާ ހަމަވެ، ނުބީހުނު ނުބީހުން

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

25 މާރިޗް 2025

ނުބީހެންޏާ ކަނޑާ ހަމައެވެ.

ދަރިފުޅު ވަރަށް އުފަލުން އައިސް ބައްޕައަށް ނަންގަތެވެ. "ބައްޕާއެވެ! އަޅުގަނޑު މީހަކާ އިންނާން ގަސްދުކޮށްފީމެވެ. އޭނައަކީ ވަރަށް ވެސް ރަނގަޅު ކުއްޖެކެވެ. އޭނާ ދެކެ އަޅުގަނޑު ވަރަށް ލޯބިވަމެވެ."

ބައްޕަ ބުނުއްވިއެވެ. "އެންމެ ރަނގަޅެވެ. ތިޔަ ކަމަކީ ވީހައި ވެސް އަވަހަކަށް ކުރާން ވެއްޖެ ކަމެކެވެ. އެހެންވެ، އެންމެ ފުރަތަމައިން ތިޔަ ކުއްޖަކީ ކާކުކަން ބައްޕަ ގާތު ބުނެބަލާށެވެ! ކުއްޖާގެ މައިން ބަފައިންނާ ބައްދަލުކޮށް ވާހަކަދައްކައިލާން ޖެހޭނެ ނޫންހެއްޔެވެ؟"

ބައްޕަގެ ޖަވާބު އަޑުއަހައި ދަރިފުޅު އުފާކޮށް ބައްޕައަށް ކިޔައި ދިނެވެ. "ބައްޕާއެވެ. އެއީ އަޅުނޑުމެންގެ އަވައްޓެރިޔާގެ ދަރިފުޅެވެ."

ކުއްލި ސިހުމެއް ބައްޕަގެ މޫނަށް ވެރިވި ތަން ދަރިފުޅަށް ފާހަގަކުރެވުނެވެ. ދެން ބައްޕަ ބުނުއްވި ވާހަކައިން ދަރިފުޅުގެ ހިތް މަރުވިއެވެ.

"ދަރިފުޅާއެވެ!" ބައްޕަ ވަރަށް ދެރަވެލައްވައިފައި ބުނުއްވިއެވެ. "މި ވާހަކަ އެކެއް ގާތު ވެސް ނުބުނައްޗެވެ. އަދި ޚާއްސަކޮށް މަންމައަށް މި ކަން އެނގުނަ ނުދެއްޗެވެ. ތިޔަ ކުއްޖަކީ ދަރިފުޅުގެ އަންހެން ކޮއްކޮއެކެވެ."

ދަރިފުޅު ވަރަށް ދެރަވި ނަމަވެސް، ބައްޕަގެ ވާހަކަ އަހައި ބައްޕަ ބުނުއްވި ގޮތަށް ކަންތައް ކުރިއެވެ. ދެން، ކުރިއެކޭ އެއްފަދައިން ދުވަސްތައް ފާއިތުވެ، މާޒީވަމުން ދިޔައެވެ.

އަނެއްކާ ވެސް އެހެން ދުވަހަކެވެ. ދަރިފުޅު އައިސް، އެހެން ކުއްޖަކާ އިންނާން ބޭނުން ވާހަކަ، ބައްޕައަށް، ނަންގަނެފިއެވެ. ދެން އަނެއްކާ ވެސް، އެއީ ކާކުތޯ ބައްޕަ އެއްސެވިއެވެ. ޖަވާބުގައި ދަރިފުޅު ބައްޕައަށް ނަންގަތެވެ. "އެއީ ވެސް ހަމަ އަވައްޓެރި ކުއްޖެކެވެ. ގޭ ކުރިމަތީ އެހުރި އަވައްޓެރި ގޭ ވެރިޔާގެ ކުއްޖާއެވެ."

އަނެއްކާ ވެސް ބައްޕަ ދެރަވެލައްވާފައި ބުނުއްވިއެވެ. "އެއީ ވެސް ހަމަ ދަރިފުޅުގެ އުޚުތެކެވެ. ތިޔަ ކަން ކުރެވޭނީ ކިހިނެއްހެއްޔެވެ؟"

މިފަހަރު، ދަރިފުޅަށް ކެތްކުރެވޭ ގޮތެއް ނުވިއެވެ. ރޮވިފައި ގޮސް، މަންމަ ގާތު ހުރިހައި ވާހަކައެއް ކިޔައިދިނެވެ. އަވައްޓެރި ތިން ހަތަރު ކުއްޖަކާ ރައްޓެހިވެ، އިންނަ ހިސާބަށް ގޮސް، އެ ވާހަކަ ބައްޕައަށް ނަންގަތުމުން، އެއިން ކޮންމެ ކުއްޖަކީ ވެސް ތިމަންނާގެ އުޚުތެކޭ ބައްޕަ ބުނުއްވި ވާހަކައެވެ.

ދެން، މަންމަ ދަރިފުޅު ގާތު ބުންޏެވެ. "ތިޔައީ އެހައި ކަންބޮޑުވާ ވަރުގެ ކަމެއް ނޫނެވެ. "ތިޔަ ކުދީންގެ ތެރެއިން ދަރިފުޅު ބޭނުން ކުއްޖެއް އިޚުތިޔާރުކޮށް އެ ކުއްޖަކާ ދަރިފުޅު އިންނާށެވެ. ދަރިފުޅުގެ ބައްޕައަކީ މުޅީން އެހެން މީހެކެވެ!"

އާދޭވެ! މީހުން ބުނާ ގޮތުގައި، ކަނޑާ ހަމަވެ، ("ނުބީހެންޏާ ކަނޑާ ހަމައެވެ."ބުނާ އުސޫލުން) ނުބީހި ދިޔުމުގެ މި ވާހަކައިން، ބައެއް މުޖުތަމައު، އޭގެ ތެރެއަށް ވެއްޓި، އަދި ވެއްޓެމުންދާ، އަޚުލާގީ އަނދަވަޅު ރަމްޒުކޮށްދެއެވެ!

ކޮމެންޓު