ad_banner
ދުނިޔެއަށް ގިނިހިލައެއް ވެއްޓެނީ! ވަރަށް ބޮޑު ގެއްލުންތަކެއް.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

25 ފެބްރުވަރީ 2025

2024 ވައިއާރު 4ގެ ނަން ދީފައިވާ ގިނިހިލައެއް

މި ކައުނުގައި ހިނގާ ހުރިހައި ކަމެއް އަޅުގަނޑުމެންނަށް އެނގޭ ނަމަ، އަޅުގަނޑުމެން އަބަދު ވެސް ތިބޭން ޖެހޭނި ބިރުން ވިރިވިރިއެވެ. މި ފަދަ ޙަރަކާތްތައް އަޅުގަނޑުމެންގެ ލޯމަތީން ވަންހަނާކުރައްވައިފައިވާކަމީ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ދެއްވައިފައިވާ ވަރަށް ބޮޑު ރަޙުމަތެކެވެ.

މި ކާއިނާތުގައި އެނބުރޭ ތަފާތު ބާރުތަކާއި ގިނިހިލަތަކުގެ ޙަރަކާތްތަކެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ. ހަމަ ގައިމު ވެސް ނުފެންނަ ކިތަންމެ ބާރުތަކެއް މި ކާއިނާތުގައި އަދި އަޅުގަނޑުމެންގެ މާޙައުލުގައި ހިނގާނެއެވެ. ޓީވީއިން މަންޒަރު ފެންނަނީ އަދި ފޯނުން އަޑު ލިބެނީ ގައިމު ކޮންމެވެސް ކަމެއްގެ ސަބަބުންތާއެވެ. ރަފާތު ރޭޑިއޭޝަން އަޅުގަނޑުމެންގެ ހަށިގަނޑު ތޮރުފަމުން ވެސް ދާނެތާއެވެ. މިއީ ލޮލަށް ނުފެންނަ ބާރުތަކެކެވެ. މާނަވީ ތަކެއްޗެވެ. ނުވަތަ ކުދިކަމުން ކަވިކަމުން ހަމަ ލޮލަށް ނުފެންނަ މާއްދާތަކަކެވެ.

މިއާ ޚިލާފަށް ބޮޑެތި ޖިސްމުތައް ވެސް އަޅުގަނޑުމެންނާ ދުރުކަމުން ލޮލަށް ނުފެނި އެބަ ޙަރަކާތްތެރިވެއެވެ. ކައުނުގައި ދައުރުވާ ތަފާތު ތަރިތަކާއި ގިނަހިލަތައް ފަދަ ތަކެތީގެ ޙަރަކާތްތައް ވެސް އަޅުގަނޑުމެންނަކަށް ނުފެނެއެވެ. ގިނިހިލައެއް ވެއްޓިއްޖެ ނަމަ، ވެއްޓިއްޖެކަން އެނގެއެވެ. މާ ބާރަށް ތަރިއެއް ދަތުރުކުރާ ނަމަ، އެއީ ތަރިއެކޭ ނުވަތަ ގިނިހިލައެކޭ ކިޔަމުއެވެ. މި ކަމާ ބެހޭ ޢިލްމުވެރީން މި ފަދަ ތަކެއްޗަށް ތަފާތު ނަން ދޭނެތާއެވެ.

މި ފަދަ ޙަރަކާތެއްގެ ތެރެއިން ބޮޑު ގިނިހިލައެއް 2032 ވަނަ އަހަރު ޑިސެންބަރު މަހު 22ގައި ދުނިޔޭގެ ބިމުގައި ޖެހޭނެކަމަށް މި ފަދަ ކަންކަން ދިރާސާކުރައްވާ ތަޖުރިބާކާރުން މިހާރު އެބަ ލަފާކުރައްވައެވެ. މި ގިނިހިލައިގެ ބޮޑުމިނެއްކަމަށް ލަފާކޮށްފައިވަނީ ދިގުހުރަސްހުގައި 0ފުޅާ މިނުގައި) 130 ނުވަތަ 300 ފޫޓެވެ. މި ގިނިހިލަ ދަތުރުކުރަނީ ވަރަށް ބާރު ދުވެއްޔެއްގައިކަމަށް ވާތީ އެ ގިނިހިލަ ދުނިޔޭގައި ޖެހިއްޖެ ނަމަ، ވަރަށް ބޮޑު ހަލާކެއް، ގެއްލުމެއް ދުނިޔެއަށް ލިބޭނެއެވެ. ނަމަވެސް ތަޖުރިބާކާރުން ވިދާޅުވަނީ މި ކަން ވަރަށް ގާތުން މުރާގިބުކުރަމުން ދާތީ، އެ ކަމުން އަދި ކުއްލި ނުރައްކަލެއް ނެތްކަމަށެވެ.

ނާސާއިން ލަފާކޮށްފައިވަނީ 2024 YR4ގެ ނަން ދެވިފައިވާ މި ގިނިހިލަ ދުނިޔޭގައި ޖެހުމުގެ ފުރުޞަތު އޮތީ އެންމެ 3.1 އިންސައްތަކަމަށެވެ. މި ގިނިހިލަ ދުނިޔެއަށް ވެއްޓިއްޖެ ނަމަ، ނުވަތަ އެ އަންނަ ބާރު މިނުގައި މި ބިމަށް ޖެހިއްޖެ ނަމަ، ދުނިޔެއަށް ލިބޭނެ ގެއްލުމަކީ މި ޒަމާނީ ހޯދުންތަކުގެ އަލީގައި މި ފަދަ ކަންކަން ބެލޭން ފެށި ފަހުން ދުނިޔެއަށް ލިބޭނެ އެންމެ ބޮޑު ގެއްލުމަށްވާނެއެވެ. ގާތްގަނޑަކަށް 300 ފޫޓު (90 މީޓަރު)ގެ ފުޅާމިނެއް ހުންނަ ބޮޑު ހިލައެއް، ގަޑިއަކު 40 ހާސް މޭލު ބާރު މިނުގައި ދަތުރުކުރަމުން އައިސް ދުނިޔޭގެ ބިމަށް ޖެހިގަތުމުން ދުނިޔެއަށް ވާނީ ކިހިނެއްކަމެއް ލަފާކުރާކަށް ވެސް ނޭނގޭނެއެވެ. މި ގިނިހިލަ އެ ހައި ބާރުމިނުގައި އެބަ ދަތުރުކުރާކަމަށް ވެއެވެ.

2024 YR4ގެ ނަންދީފައިވާ މި ގިނިހިލަ ފުރަތަމަ ހޯދައިފައިވަނީ ޗިލީގެ އަލްސައުސް އޮބްޒަރވޭޓަރީއިންނެވެ. މި ގިނިހިލައިގެ ސައިޒު 130 ފޫޓާއި 300 ފޫޓާ (40-90 މީޓަރު) ދެމެދުގެ ފުޅާމިން ހުންނަ ކަމަށް ލަފާކޮށްފައިވަނީ 2023 ޑިސެންބަރ 27ގައި، ނާސާއިންނެވެ. ނާސާއަކީ އެމެރިކާގެ ޖައްވީ މަރުކަޒެވެ. މި ގިނިހިލަ ދުނިޔޭގެ ޖައްވުގެ ތެރެއަށް ވަދެއްޖެ ނަމަ، ވަރަށް ބޮޑު ގެއްލުމެއް ލިބޭނެކަމަށް ވެސް މި އިދާރާއިން ލަފާކުރެއެވެ. އަދި ދުނިޔޭގެ ޖައްވަށް މި ގިނިހިލަ ވަދެއްޖެ ނަމަ، ގޮވުމުގެ ފުރުސަތު އެބަ އޮތްކަމަށް ލަފާކުރެވެއެވެ. މި ގޮވުމުގެ ފުރުސަތު ހީރޯޝީމާ ބޮމުގެ 500 ގުނަ ބާރުމިނުގައި ގޮވާނެއެވެ. މި ގިނިހިލަ ދުނިޔޭގެ ޖައްވުގެ ތެރެއަށް ވަނުމުގެ ފުރުޞަތު އެއް އިންސައްތައަށް މަތިވާނެކަމަށް ލަފާކޮށް އިންޓަރނޭޝަނަލް އެސްޓަރޮއިޑް ވާރނިންގ ނެޓުވާރކް (IAWN)އިން އިންޒާރު ނެރެފައިވަނީ ޖަނަވަރީ 29ގައެވެ.  މިހާރު ޔޫރަޕިއަން ސްޕޭސް އެޖެންސީ (ESA)އިންލަފާކޮށްފައިވަނީ 2.8 އިންސައްތައަށް ވުރެ ދަށްވާނެއެވެ.

ކާއިނާތުގައި މި ހިނގާ ކަންކަން އަޅުގަނޑުމެންގެ ހަމަ ލޮލަށް ފެންނާނެ ނަމަ، ކިހައި ކަންބޮޑުވީސްތޯއެވެ؟ މި ފަދަ ކަންކަން އިންސާނުންގެ ހަމަ ލޮލަށް ނުފެނުމަކީ މާތް ﷲ އިންސާނުންނަށް ދެއްވައިފައިވާ ވަރަށް ބޮޑު ނިޢުމަތެކެވެ. އެކަމަކު އިންސާނުންނަނީ ޝުކުރުކުރުން މަދު ބަޔެކެވެ.

ކޮމެންޓު