އަބާ މުޙަންމަދު
17 ފެބްރުވަރީ 2025
ޖައްވީ ހޯދުންތައް ހޯދާ ފަލަކީ ޢިލްމުވެރީންނާއި ސައިންސީން އެ މީހުންގެ މަސައްކަތުގައި ވަރުބައްޔެއް ނުވެއެވެ. ދިރިއުޅޭން ދުނިޔެ ނޫން ތަނެއް ލިބޭތޯ ވެސް އެ މީހުން އަބަދު ގެންދަނީ މަސައްކަތްކުރަމުންނެވެ. އެ ގައުމަކަށް ކެރިކުޅަދާނަވީ މިންވަރަކުން އެ ކަމަށް ބޮޑެތި ޚަރަދުތައް ކުރެއެވެ. ލެބުތަކާއި ދިރާސާ މަރުކަޒުތައް ހަދައިގެންނެވެ. އަދި ޖައްވީ އިސްޓޭޝަންތައް އުފައްދައިގެން ވެސް މެއެވެ. ދުނިޔޭގައި ކުރިއަރައިފައިވާ ގައުމުތަކުން މި ކަމުގައި އަވަދިނެތި މަސައްކަތްކުރަމުން ގެންދާ އިރު އޭޝިއާ ބައްރުގެ ގައުމުތަކުން ވެސް މި ކަމަށް ވަކި ދުލެއް ނުދެއެވެ.
ދާދި ފަހުން މި ވަނީ ޖައްވީ ހޯދުންތަކުގެ ކާމިޔާބީއެއް އިންޑިއާއިން ހޯދައިފިކަމަށް މައުލޫމާތު ފެތުރިފައެވެ. އަޙުމަދީ އާބާދުގައި ހުންނަ ފިޒިކަލް ރިސާރޗް ލެބޯރެޓަރީގެ ދިރާސާވެރީން މި ވަނީ ސޫރުދަ ނިޒާމުގެ ބޭރުން ވަރަށް ބިޔަ، އޭލިއަން ގުރަހައެއް ހޯދައިފައެވެ. [އެގްޒޯޕްލެނެޓް TOI-6038A]ގެ ނަން ދީފައިވާ މި ގުރަހައަކީ ދުނިޔެއަށް ވުރެ 78 ގުނަ ބިޔަ ގުރަހައެއްކަމަށް އެ މީހުން ބުނެއެވެ.
ބައެއް މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ހޯދުން ހޯދައިފައިވަނީ ބައިނަލްއަގުވާމީ ސައެންސީންގެ ޓީމަކުންނެވެ. މި ޓީމުގެ އިސްވާރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ އިންޑިއާގެ ގުޖުރާތު އިސްޓޭޓުގެ އަޙުމަދުއާބާދު ސިޓީގެ ޕްރޮފެސަރެއްކަމަށްވާ އަބީޖީތު ޗަކްރަބާތީއެވެ. މި ގުރަހައަކީ މުޝްތަރީ (ޖުޕިޓަރ)އަށް ވުރެ 13 ގުނަ ބޮޑު ގުރަހައެއްކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. މި ގުރަހަ ހޯދައިފައިވަނީ ސޫރުދަ ނިޒާމުގެ ބޭރުން، ދުނިޔެއަށް ވުރެ 731 އަލިއަހަރު ދުރުންކަމަށް ބުނެއެވެ. މި ގުރަހަ ތަރިއެއްގެ ވަށައިގެން ދައުރުވުމަށް ދުނިޔޭގެ ދުވާލުގެ މިނަށް ބަލާ އިރު 7.24 ދުވަސް ހޭދަވާކަމަށް ވެސް ބުނެއެވެ.
ޖައްވީ މި ހޯދުމާ ބެހޭ ތަފުސީލުތައް ވަނީ ފަލަކީ ޢިލްމާ ބެހޭ ޖާނަލެއްގައި ޝާއިޢުކޮށްފައެވެ. އަދި އިންޑިއަން ސްޕޭސް ރިސަރޗް އޮގަނައިޒޭޝަން (ISRO)އިން ވަނީ މި މަޢުލޫމާތު އާންމުކޮށް ބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ވާ ގޮތުން ވެސް އެ ގުރަހަ ދުނިޔެއަށް ވުރެ އެތައް ގުނައެއް ބޮޑެވެ. މި ގުރަހަ ނަފުތޫން (ނެޕްޗޫން)އަށް ވުރެ ބޮޑު ނަމަވެސް ޒުހުލު (މާސް)އަށް ވުރެ ކުޑައެވެ. ޒުހުލަކީ ސޫރުދަ ނިޒާމުގައި ހަވަނަޔަށް އިރާ އެންމެ ކައިރީގައި ހުންނަ ގުރަހައެވެ. މިއީ މާގުރަހައެކެވެ. މި ގުރަހަ ހުންނަނީ މުޝްތަރީ (ޖުޕިޓަރ)އާއި ޔަރުނާސް (ޔުރޭނަސް)އާ ދެމެދުގައެވެ. މި ގުރަހައިގައި ފާޅުކަންބޮޑު ގުރަހައުޅާތަކެއް ހުރެއެވެ.
ސޫރުދަ ނިޒާމުން ބޭރުން އަލަށް މި ފެނުނުކަމަށް ބުނާ ކުރަހައަކީ ޒުހުލަށް ވުރެ ތަންކޮޅެއް ކުޑަ ނަމަވެސް ގާތްގަނޑަކަށް އެ ސައިޒުގެ ގުރަހައެއްކަމަށް އެ މީހުން ބުނެއެވެ. މިއި އިރަށް ވުރެ ހޫނު، އަދި އަލިގަނދަ ތަރިއެއްކަމަށް ވެސް ސައެންސީން ވަނީ ބުނެފައެވެ. މި ތަރި (ގުރަހަ) އިރަށް ވުރެ 1.5 ގުނަ ނުވަތަ ފަސް ގުނަ އަލި ގަދަކަމަށް ވެސް އެ މީހުން ބުނެއެވެ.
ރައްޔިތުންނަށް ބޭނުންވާ އަސާސީ އެތައް ޚިދުމަތެއް ފައިސާ ނެތިގެން ނުވަތަ ތަނަވަސްކަން ނެތިގެން ނުވަތަ ގަސްތުގައި ނުދެވި ވިޔަސް މި ބާވަތުގެ ކަންކަމަށް މިލިއަންމިލިޔަނުން ކޮންމެ އަހަރަކު ޚަރަދުކުރަނީ ދުނިޔޭގެ ކުރިއަރައިފައިވާ ގައުމުތަކާ ވާދަކުރާށެވެ! މި ފަދަ ހަގީގަތްތައް ހޯދުނަސް އަދި މިއީ ހަގީގަތެއްކަމަށް ވިޔަސް ނުވިޔަސް މި ފަދަ ހޯދުމެއް ހޯދި ގައުމެއްގެ ރައްޔިތުންގެ ދިރިއުޅުމަށް ލިބޭނެ އެއްވެސް ފައިދާއެއް އޮންނާނެކަމަކަށް ނުބެލެވެއެވެ. ނަމަވެސް ބައިނަލްއަގުވާނީ މައިދާނުގައި އެ ގައުމަށް، ގައުމުގެ ސަރުކާރަށް، ލިބޭ ޝުހުރަތާއި ގަދަރު މަތިވެދާނެއެވެ. ނަމަވެސް ގިނަ ރައްޔިތުން ތިބެނީ މި ފަދަ މަޢުލޫމާތެއް ލިބޭ މިންވަރަށް ވުރެ ވެސް މާ ދަށު ދަރަޖައެއްގައެވެ.
ބައެއް ލަފުޒުގެ މާނަ:
އަލިއަހަރު ނ. ގާތްގަނޑަކަށް ހަ ޓުރިލިއަން މޭލު ނުވަތަ ނުވަ ޓްރިލިއަން ކިލޯމީޓަރު (ރަދީފަކު ނެތް.)
ފަލަކީ ޢިލްމު ނ. ކައުނުގައިވާ ތަރިތަކާއި ގުރަހަތައް ފަދަ ޖިސްމުތަކުގެ ބޮޑުމިނާއި ދުރުމިނާއި ޙަރަކާތާއި ދައުރުކުރާ ގޮތާއި އެ އެއްޗެހީގެ މާއްދީ އަދި ކީމީ ސިފަތައް ދިރާސާކުރުމުގެ ޢިލްމު. (astronomy)
ގުރަހަ ނ. (1) ނާރެސް ތަރިއެއްގެ ވަށައިގެން ދައުރުކުރާ، އޭގެ އަމިއްލަ ދަމާބާރުގެ ސަބަބުން ވަށް ބައްޓަމެއް ހިފެހެއްޓުމާއެކު އޭގެ ފަލަކު މުޅިން ސާފުކޮށް، އަމިއްލަކޮށްފައިވާ ކައުނީ ޖިސްމެއް. (2) ގުރަހަލި
ސައެންސީން ނ. މާއްދީ އަދި ޠަބީޢީ ޢިލްމުން އެނގޭ މިންވަރަށް ވުރެ އިތުރަށް ހޯދުންތައް ހޯދާން ދިރާސާކުރާ މީހުން ނުވަތަ މި ފަދަ މަޢުލޫމާތު ލިބި ތިބި ތަޖުރިބާކާރު މާހިރުން. (މި ލަފުޒެއް ރަދީފަކު ނެތް.)
ޖައްވީ ނއ. ޖައްވާ ބެހޭ (މި ލަފުޒެއް ރަދީފަކު ނެތް.)
ޖައްވު ނ. (1) އުޑާއި ބިމާ ދެމެދު. (2) ފަޒާ. (3) ހަވާ.