Advertisement

އަނެކާއާ މުޚާޠަބުކުރާން އޭނާ އެންމެ އެދޭ ނަމަކުން މުޚާޠަބުކުރުން

03 Feb 2024 | 06:51
ޢާއިލީ ނަމުން އެހެން މީހުން މުޚާޠަބުކުރުމަކީ ބޭއަދަބީ ކަމެކެވެ.

ފަރަގު

ދޭދޭ ފަރުދީ ގުޅުމުގައި އެންމެ ގިނައިން ކުރާންޖެހޭ ކަމަކީ ތިމާއާއި އަނެކަކާ ދޭތެރޭ އަނގަބަހުން މުއާޞަލާތުކުރުމެވެ. އަނގަބަހުގެ މުއާޞަލާތު މި މާނަކުރަނީ ވައިބަރާއި މި ނޫނަސް މިސްމީޑިއާގެ ހުރިހާ އޮޅިތަކެއްގައި ކުރެވޭ މުއާމާލަތްތައް ވެސް ހިމެނޭ ގޮތުންނެވެ. އަނގަބަހުގެ މުޢާމަލާތަކީ ދޭދޭ ފަރުދީ ގުޅުމުގައި އެންމެ މުހިންމު ބައެވެ. މިއީ ތިމާއާއި އަނެކާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ވެސް އެންމެ މުހިންމު ވަސީލަތެވެ. މި ކަމަށް ސަމާލުކަން ނުދީ މުވާސަލާތުކުރާ ނަމަ، އަނެކާ ތިމާއާ ދުރުހެލިވާން މަސައްކަތްކޮށްފާނެއެވެ. މާނައަކީ ދޭދޭ ފަރުދީ ގުޅުމަށް ބުރޫއަރާ ގޮތްވުމެވެ.

އާދޭހެވެ! ކޮންމެ މީހަކީ ވެސް މުޖުތަމަޢުގައި ތަފާތު ޙާލަތްތަކުގައި ތަފާތު މަޤާމު އަދާކުރާ މީހެކެވެ. އޭނާއަކީ އޭނާގެ ދަރީންގެ ބައްޕައެވެ. ނުވަތަ މަންމައެވެ. ނުވަތަ ބޭބެއެވެ. ނުވަތަ ދައްތައެވެ. ނުވަތަ ކޮއްކޮއެވެ. ދަރިފުޅެވެ. ދޮންބޭބެއެވެ. ތިއްތިބެއެވެ. ތުއްތުބެއެވެ. ނުވަތަ ބޮޑުބޭބެއެވެ. ނުވަތަ ކުޑަބެއެވެ. މިއަށްވުރެ ދުރުތާ ތިމާގެ މީހުން އެ މީހެއްގެ ނަން ބޭނުންކޮށްފައި ބޭބެ ކިޔައެވެ. މިސާލަކަށް: ޙަސަން ޙަލީމްއަށް އޭނާގެ ތިމާގެ މީހުން ހަސަންބެ ކިޔައިފާނެއެވެ. ޙަލީމްބެ ވެސް ކިޔައިފާނެއެވެ. ޞާދިޤާށް ޞޯދުބެ ވެސް ކިޔައިފާނެއެވެ. މި ފަދަ ނަންނަން އެ މީސްމީހުން އެ ކިޔަނީ ވަކި ހައިސިއްޔަތަކުންނެވެ. ތިމާ މިއިން ނަމެއް މިފަދަ ހައިސިއްޔަތެއް ނެތި ބޭނުންކުރުމަކީ އަދަބުވެރި ގޮތެއް ނޫނެވެ. ވީމާ ޙަސަން ޙަލީމަށް އޭނާގެ ޢާއިލާގެ މީހުން ޙަސަންބެ ކިޔާ އަޑު އިވޭ އިރަށް ތިމާ އޭނާއަށް ހަސަންބެއޭ ކިޔައި މުޚާޠަބުކުރުމަކީ އޭނާ ހިތްހަމަޖެހޭނޭ ކަމެއް ނޫނެވެ. އެއީ ހައިސިއްޔަތު އޮޅުވައިލުމެކެވެ. ޤަދަރުކުޑަކޮށްލުމެކެވެ. ވީމާ ތިމާއާ އޭނާއާ މިފަދަ ގުޅުމެއް ނެތް ނަމަ، ހަމައެކަނި އޮތީ ދެކެފަރިތަ ރައްޓެހިކަމެއް ނަމަ، ނުވަތަ މި ފަދަ ގާތްކަމެއް ވެސް ނެތް ނަމަ، އެންމެ ރަނގަޅު ގޮތަކީ ޙަސަން ޙަލީމް ނުވަތަ ޙަސަން ކިޔުމެވެ. އޭނާ އެދޭ ނަމަކުން މުޚާޠަބު ކުރުމެވެ. އެދޭ ނަމެއް ޔަގީން ނުވާ ނަމަ، ތިމަންނަ މުޚާޠަބު ކުރާނީ ޙަސަންތޯ ނުވަތަ ޙަލީމްތޯ ސުވާލުކޮށްލެވިދާނެވެ. އޭރުން އެ މީހަކު ބޭނުންވާ ނަމެއް ބުނާނެއެވެ. އޭރުން އެ ނަމަކުން މުޚާޠަބުކުރާނީއެވެ. އެހެން ނޫންނަމަ، ތިމާ އަނެކާއާ މުޚާޠަބުކުރާންޖެހޭނީ ތިމާއާ އެ މީހަކާ ގުޅުން އޮންނަ ހައިސިއްޔަތަކުންނެވެ. އެހެން މީހުން އެ މީހުންގެ ދެމެދުގައި އޮންނަ ގާތްކަމެއްގެ ސަބަބުން މުޚާޠަބުކުރުމަކީ ބޭއަދަބީކަމެކެވެ.

ބައެއް ރަސްމީ ޖަލްސާތަކާއި ބައްދަލުވުންތަކުގައި ވެސް ތިމާއާ ޢާއިލީ ގޮތުން ނުވަތަ އެ ނޫން ވެސް ގޮތަކުން ގާތް މީހަކާއެކީގައި މަޝްވަރާކުރާން ޖެހިދާނެއެވެ. ޖަލްސާއެއްގައި މުޚާޠަބު ވެސް ކުރާންޖެހިދާނެއެވެ. މި ފަދަ ޙާލަތްތަކުގައި އެއީ ތިމަންނަގެ ބައްޕަ ނުވަތަ ތިމާގެ މީހެއްކަމަށް، އަދި ނުވަތަ ގާތް މީހެއްކަމަށް ވާތީ އެ ނަމަކުން މުޚާޠަބުކުރުމަކީ ބޭއަދަބީ ކަމެކެވެ. އެހެނީ އެ ތަނަށް ޙާޒިރުވެ މި ތިބީ ގާތްކަމުގެ ހައިސިއްޔަތަކުންނެއް ނޫނެވެ. ރަސްމީ ހައިސިއްޔަތުންނެވެ. ވީމާ، ރަސްމީ ޖަލްސާއެއް، ބައްދަލުވުމެއް ނުވަތަ އިޙުތިފާލެއްގައި ނަމަ، މީސްމީހުންނާ މުޚާޠަބުކުރާން ޖެހޭނީ ރަސްމީ ޙައިސިއްޔަތުންނެވެ. ތިމާގެ ބޭބެއަކަށް ނުވަތަ ދައްތައަކަށް ވާތީ ޢާއިލީ ނަމެއް، (ހައްވައްތަ، ދޮންބެ، ދޮންތަ، ދަރިފުޅު، ޔޫސުއްބެ، އަފީއްބެ ފަދަ ގާތް ނަމެއް) ބޭނުންކުރުމަކީ އަދަބާ ޚިލާފުނަމެކެވެ. މި ފަދަ ޙާލަތްތަކުގައި އޭނާއާ މުޠާޠަބުކުރާންޖެހޭނީ ރަސްމީ ހައިސިއްޔަތުންނެވެ. މިސާލަކަށް: ޖަލްސާއެއްގައި ވާހަކަދައްކާން ފަށަމުން މުޚާޠަބުކުރާ ނަމަ، ސައެންސާއި ހަކަތައާ ބެހޭ ވަޒީރު، ޑރ. ޔަޢުޤޫބު އިބްރާހީމް މި ފަދަ ގޮތަކަށް މުޚާޠަބުކުރާށެވެ. މަޝްވަރާ ބައްދަލުވުމެއްގައި ނަމަ، ޑރ. ޔަޢުޤޫބު، ނުވަތަ ޢިއްޒަތްތެރި ވަޒީރު ފަދަ ގޮތަކަށް މުޚާޠަބުކުރެވިދާނެއެވެ. އެއްވެސް ޙާލެއްގައި ރަސްމީ މި ފަދަ ޖަލްސާ، ބައްދަލުވުން ނުވަތަ އިޙުތިފާލުތަކުގައި ބޭބެ، ދައްތަ، ބައްޕަ، މަންމަ، ލޯބިވާ ފަދަ ޢާއިލީ ނަންނަން ބޭނުންކުރުމަކީ އަދަބުކުޑަ ކަމެކެވެ.

އަދި ގިނަ މީހުން ތިބޭ ތަނެއްގައި ތިމާއަށް އަދަބު ކުޑަ ވާ ގޮތަކަށް ދުރު ހިލޭ މީހަކު، އެ މީހަކަށް ހައިސިއްޔަތު ނެތް ނަމަކުން ހައްވައްތައޭ، އާދަންބެއޭ ކިޔައި ގޮވައިލުމަކީ އަދަބުކުޑަކަމެކެވެ. ގިނަ ބަޔަކު ތިބޭ ތަނެއްގައި އެހެން މީހަކަށް ގޮވައިލާންވާނީ ވެސް އެ މީހަކު ލަދު ނުގަންނަ ނަމަކުންނެވެ. ހައިސިއްޔަތު އޮތް މީހެއް ނަމަ، ޝައިޚު، އުސްތާޒު، ޑޮކްޓަރ، ސަރ، މުދައްރިސް ފަދަ ނަމަކުން ވެސް މުޚާޠަބުކުރެވިދާނެއެވެ. ރަނގަޅީ ވެސް މި ގޮތެވެ. އެހެން ނޫންނަމަ، ނަން ބޭނުންކުރެވިދާނެއެވެ. އެހެން މީހަކު ދައްތަ ކިޔާތީ ހުސްނާއްތަ، އެހެން މީހަކު ބޭބެ ކިޔާތީ، އާދަންބެ، ކިޔާކަށް ނުޖެހެއެވެ. އެއީ ތިމާއަށް ހައިސިއްޔަތު ނެތް ކަމަކަށް ވާތީއެވެ.

މި ފަދަ ކަންކަމަކީ ކުދިކުދި ކަންކަންކަމަށް ހީވިޔަސް މި ކަމުގެ ސަބަބުން ތިމާގެ ނަޒަރުން އެކަހެރިވާން އެ މީހަކު މަސައްކަތްކޮށްފާނެއެވެ. ނަތީޖާއަކަށް ވާނީ ދޭދޭ ގުޅުމަށް އަސަރުކުރުމެވެ. ގުޅުން ކެނޑުމެވެ. ތިމާއަށް ގަދަރުކުޑަކޮށް މުޚާޠަބުކުރާ މީހަކާ ތިމާ ގުޅުން ބާއްވާކަށް ބޭނުމެއް ނުވާނެއެވެ. ވީމާ، ދޭދޭ ފަރުދީ ގުޅުމަށް ނޭދެވޭ އަސަރެއް ފޯރުވާން ތިމާ ބޭނުން ނުވާ ނަމަ، މި ބާވަތުގެ "ކުދިކުދި" ކަންކަމަށް ވެސް ސަމާލުކަން ދޭން އެބަ ޖެހެއެވެ.

____________________________________

Advertisement

ކޮމެންޓް
އަލީ
ތިޔައީ ސަތޭކައިގެއެއް ވެސް ނޫން، އެއްހާހުގެ ވާހަކައެއް.
23 Feb 2024