ad_banner
ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެއެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

13 އޯގަސްޓް 2025

"ފަހެ، ހަމަކަށަވަރުން 'ނަމަ' މި ލަފުޒުން ޝައިޠާނާގެ މަސައްކަތަށް ދޮރު ހުޅުވިގެން ދެއެވެ."

ވަކި ކަމެއް ވަކި ގޮތަކަށް ވީމާ، ނުވަތަ ކުރެވުނީމާ، ނުވަތަ ހިނގީމާ، އެ ކަމާ ގުޅުވައި މި ވެނި ކަމެއް މި ވެނި ހެން ވީނަމައޭ، ބުނެ އުޅުމަކީ ބޭކާރުކަމެއްކަން ބުނެދިނުމަށް ޓަކައި [ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެޔޭ] ބުނެ އުޅެއެވެ. މިއީ އާދައިގެ މުސްކުޅި ބުނުމެއްކަމަށް އަޅުގަނޑުމެން ހީހުރިއަސް އެއީ މާ ސިރިއަސް ވާހަކައެކެވެ. ކާބަފައިން ބުނެފައިވާ މި ފަދަ ބުނުންތައް ބުނެފައި ހުންނަނީ އަސްލެއްގެ މައްޗަށް ނުވަތަ ހަރުދަނާ އަސާސެއްގެ މައްޗަށެވެ. އަޅުގަނޑުމެންނަށް ނޭނގެނީއެވެ.

އަޅުގަނޑުމެންގެ ކާބަފައިން އެހެން ބުނެ އުޅެނީ ކައުސާހިބާ ޙަދީސްކުރައްވައިވާ ބަސްފުޅެއްގެ އަލީގައެވެ. އެކަލޭގެފާނުގެ ޙާދީސް ބަސްފުޅެއްގެ މާނައިގައި ވެއެވެ. [ތިބާއަށް މަންފާކުރާނެ ކަންތައް ޙާޞިލްކުރުމަށް ގަދައަޅައި މަސައްކަތްކުރާށެވެ! އަދި އެ ކަމަށް ގެ ޙަޟުރަތުން އެހީތެރިކަމާއި ވާތްގަށް އެދޭށެވެ! އަދި ނުކުޅެދުންތެރިވެނުގަންނާށެވެ! ފަހެ ތިބާއަށް ކަމެއް ދިމާވެއްޖެ ނަމަ، "އަހުރެން މި ވެނި ގޮތަކަށް ޢަމަލުކުރި ނަމަ މިވެނި ގޮތަކަށް ވީހެވެ." މިހެން ނުބުނާށެވެ! އެހެނެއްކަމަކު "މިއީ މިންވަރުކުރެއްވި ގޮތެވެ. އެކަލާނގެ އިރާދަކުރެއްވި ގޮތަކަށް ކަންތައް ވީއެވެ." މި ހެން ބުނާށެވެ!  ފަހެ، ހަމަކަށަވަރުން "ނަމަ" މި ލަފުޒުން ޝައިޠާނާގެ މަސައްކަތަށް ދޮރު ހުޅުވިގެން ދެއެވެ.] (ޞަޙީޙު މުސްލިމް)

މި ހަދީސުން އަޅުގަނޑުމެންނަށް މި އެނގެނީ ފާއިތުވެ ހިނގައްޖެ ކަމަކާ މެދު، ނަމަނަމަ ކިޔައި އުޅުމަކީ އިސްލާމްދީނުގައި މަނާކުރައްވައިފައިވާ ކަމެއްކަމެވެ. އެހެނީ އަޅުގަނޑުމެންނަށް ރަނގަޅު ގޮތާއި ނުބައި ގޮތެއް އަޅުގަނޑުމެންނަކަށް ނޭނގޭނެއެވެ. ކޮންމެ ކަމެއް ވެސް  މިންވަރުކުރައްވާނީ އެކަލާނގެ އަޅުތަކުންނަށް އެންމެ ލާބަ ހުރި ގޮތަށެވެ. އެހެނީ އަޅުގަނޑުމެންނަކީ އެކަލާނގެ އަޅުންނެވެ. އަޅުގަނޑުމެންގެ ވެރި ފަރާތަކީ، ރައްބަކީ މާތް އެވެ. އެއްވެސް އެއްޗެއްގެ ވެރި ފަރާތަކުން އެ ފަރާތެއްގެ މިލްކުގައިވާ އެއްޗަކަށް ދެރަކޮށް ކަންތަކެއް ނުކުރާނެއެވެ. އެހެންވީމާ، ގެ އަޅުންނަށް  އެކަލާނގެ ކަންތައްކުރައްވާނީ އެ އަޅުންނަށް އެންމެ ލާބަ ހުރި ގޮތަށްކަމަށް ގަބޫލުކުރާން ޖެހެއެވެ. މި ކަން ހިމެނޭނީ މިންވަރަށް އީމާންވުމުގެ ތެރެއިންނެވެ. ޝުކުރުވެރިވުމުގެ ތެރެއިންނެވެ. މި ފަދަ ކަންކަމާ ހިތްކަމަ ނުޖެހިގެން ނަމަނަމަ ކިޔާ ނަމަ، އެދެވެނީ ކުފުރާ ދިމާއަށެވެ.

މާތް ވަޙީކުރައްވައިފައިވަނީ މި ފަދައިންނެވެ. ) وَعَسَى أَنْ تَكْرَهُوا شَيْئًا وَهُوَ خَيْرٌ لَكُمْ وَعَسَى أَنْ تُحِبُّوا شَيْئًا وَهُوَ شَرٌّ لَكُمْ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ( ([އަދި ތިޔަބައިމީހުން ނުރުހޭ ކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރި ކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭ ކަމެއް، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރި ކަމަކަށް ވެދާނެތެވެ. އަދި اللَّه ހުރިހައި ކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ.]) (سورة البقرة:216). މުސްލިމުންގެ ޢަޤީދާއަކަށް ވާން ޖެހޭނީ މި ޢަޤީދާއެވެ. މި ކަން ގަބޫލުނުކުރެވޭ ނަމަ، އެއީ ނުރައްކާތެރި ކަމެކެވެ.

އަޅުގަނޑުމެންނަށް ނުލިބިވާ ނިޢުމަތްތަކާ މެދު ވިސްނައި ފިކުރު ބޮޑުކުރުމާއި ތިމާއަށް ވުރެ ރަނގަޅު ޙާލަތުގައިވާ(ކަމަށް ފެންނަ) މީހަކާ ތިމާގެ ޙާލަތާ އަޅައި ކިޔުމަކީ ތިމާއަށް ޙަސަދައާއި ކުފުރާ ދިމާއަށް މިސްރާބުޖެހޭ ކަމެކެވެ. ނަމަވެސް ތިމާއަށް ލިބިފައިވާ އެތައް ހާސް ނިޢުމަތްތަކާ މެދު ވިސްނައި ފިކުރުކޮށް ތިމާއަށް ވުރެ ނިކަމެތި ޙާލުގައި އުޅޭ މީހުންނާ ތިމާއާ އަޅައި ކިޔާ ނަމަ، ތިމާގެ ހިތް ޝުކުރުން ފުރޭނެއެވެ. ހިތުގައި ޙަސަދައަކަށް ޖާގައެއް ނޯންނާނެއެވެ.

މާތް اللَّه ވަޙީކުރައްވައިފައިވެއެވެ. ﴿ وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ﴾ )[އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكرކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافرވެއްޖެ ނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ.]( (سورة إبراهيم: 7)

މާތް اللَّه ވަޙީކުރައްވައިވާ ފަދައިން އަޅުގަނޑުމެންނަށް އެ ކަލާންގެ ދެއްވައިފައިވާ، އަޅުގަނޑުމެންނަށް ލިބިފައިވާ، ނިޢުމަތްތައް ގުނައި ޢަދަދުކުރުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނޫނެވެ. އެއް ބަޔަކު ކާން ނުލިބިގެން ބަނޑަށް މަރުވާ އިރު، އަޅުގަނޑުމެންނަށް ކާން ލިބެއެވެ. އެއް ބަޔަކު ނިދާނެ ތަނެއް ނެތި މަގުމަތީގައި ނިދާ އިރު އަޅުގަނޑުމެން ކުޑަ ޖިފުޓިގަނޑެއްގައި ނަމަވެސް ބޯހިޔާކޮށްލާން އެބަ ލިބެއެވެ. އަޅުގަނޑުމެންގެ އަތްފައި އެބަ ހުއްޓެވެ. ކަންފަތަށް އަޑުއިވެއެވެ. ދެފައިން ހިނގެއެވެ. ލޮލަށް ފެނެއެވެ. މިހެން ގޮސް ...... މިއީ ލިޔެވޭނެ ލިސްޓެއް ނޫނެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ﴿وَإِن تَعُدُّوا نِعْمَةَ اللَّهِ لَا تُحْصُوهَا ۗ إِنَّ اللَّهَ لَغَفُورٌ رَّحِيمٌ﴾ ([ތިޔަބައިމީހުން اللَّهގެ نعمة ހިމަނައި، عددކުރަން އުޅުނަސް، ތިޔަބައިމީހުންނަކަށް އެ نعمةއެއް ނުހިމެނޭނެއެވެ. ހަމަކަށަވަރުން، اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ رحيمވަންތަ ރަސްކަލާނގެއެވެ.]) (سورة النّحل: 18)

ވީމާ، ކަންކަމާ ފިކުރު ބޮޑުނުކޮށް، ގެ ނިޢުމަތްތަކާ މެދު ފިކުރުކޮށް ޝުކުރުވެރިވާން ދަސްކުރަމާ ހިންގަވާށެވެ! އަޅުގަނޑުމެންނާ މެދު މިންވަރުކުރައްވާނީ އަޅުގަނޑުމެންނަށް އެންމެ ލާބަހުރި ގޮތަށްކަމަށް ގަބޫލުކޮށް މިންވަރަށް އީމާންވަމާ ހިންގަވާށެވެ! އޭރުން ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބޭނެއެވެ. އެހެން ނޫން ނަމަ، އެއީ ރަސޫލާ އަންގަވައިފައިވާ ފަދައިން [ޝައިޠާނާގެ މަސައްކަތަށް] ދޮރުހުޅުވައިދިނުމެކެވެ. އޭރުން ދުވަހަކު ވެސް ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އަބަދުވެސް ހިތުގައި އުފެދޭނީ ޝަކުވާއާއި ޙަސަދައެވެ. ވީމާ، ނަމަނަމަ ކިޔައިގެން ހިތަށް އުނދަގޫނުކުރަމާތޯއެވެ! އަޅުގަނޑުމެންނަށް ލިބިފައިވާ ގިނަގުނަ ނިޢުމަތްތަކާ މެދު ޝުކުރުވެރިވެ، އެ ނިޢުމަތްތައް އިތުކޮށްދެއްވާން ގެ ޙަޟުރަތުން އުންމީދުކުރަމާތޯއެވެ! މިއީ ނަފުސާނީ ބަލިތަކުން ސަލާމަތްވާން ވެސް އޮތް އެންމެ ބޮޑު ފަރުވާއެވެ. އާދޭހެވެ! ނަމައަކުން ކެއްކޭނެ ރިހައެއް ނޯންނާނެއެވެ.

ކޮމެންޓު