އަބާ މުޙަންމަދު
29 މާރިޗް 2025
މިޔަންމާރަށް ހުކުރުދުވަހު މެންދުރު އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ދެކުނުއިރުމަތީ އޭޝިއާގެ ބައެއް ގައުމުތަކުގެ ރައްޔިތުން މިހާރު ތިބީ ބިރާސްވެފައެވެ. މިއަދު މިޔަންމާރު ގަޑީން 12:57ގައި މިޔަންމާރަށް 7.7 މެގްނިޓިޔުޑްގެ ބާރު މިނުގައި އައި ބިންހެލުމުގެ ސަބަބުން ލިބުނު ހިތާމަޔާއި ކަންބޮޑުވުމުގައި ބިރާސްވެފައި ތިއްބައި އެ ބިންހެލުމާ ގުޅިގެން އައި ކުއްލި ހަރަކާތުގެ ރާޅުތަކުގެ އަސަރު މިޔަންމާރުގެ އިތުރަށް ތައިލެންޑާއި އަވައްޓެރި އެހެން ގައުމުތަކަށް ވެސް ފޯރިއެވެ. މިޔަންމާރުގެ އެންމެ ޙުރުމަތްތެރި، އެންމެ މުގައްދަސްކަމަށް ބަލާ ބުދުފައްޅި ވަނީ ތިރާވެ، އެ ހާދިސާގައި 11 މީހުން މަރުވެފައެވެ. މިހައި ތަނަށް ރިޕޯޓުކޮށްފައިވާ ގޮތުގައި މިޔަންމާރުން އެކަނި ވެސް 150 އަށް ވުރެ ގިނަ މީހުން މި ބިންހެލުމުގައި ވަނީ މަރުވެފައެވެ. އަދި 800އެއްހައި މީހުންނަށް ވަނީ ބޮޑެތި ޒަޚަމުތަކެއް ލިބިފައެވެ.
ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ ޗަތުޗެކު މާރުކޭޓު ސަރަހައްދުގައި ހަދަމުންދިޔަ ޒަމާނީ އުސް ބުރުޖެއް (ޓަވަރެއް) ވަނީ މި ބިންހެލުމުގައި ބިމާ ހަމަވެފައެވެ. މި ތަން ތިރާވުމާ އެކު އެރި ހިރަފުހުން ބޮޑު ވިލާގަނޑެއް އުފެދުނެވެ. ބައެއް މަސައްކަތްތެރީން އެ ޢިމާރާތުގެ ދާސުގައިވާނެކަމަށް ބެލެވޭތީ ސަލާމަތީ އޮފިޝަލުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެބަ ކުރެއެވެ. ގާތްގަނޑަކަށް 10ވަރަކަށް މީހުން މަރުވަފައިވާކަމަށާއި މަސައްކަތްކުރާ ސަރަހައްދުގައި ހަރަކާތްތެރިވި 100 ވަރަކަށް މީހުން އަދިވެސް ހޯދިފައި ނުވާކަމަށް ވެސް ޚަބަރު ލިބިފައިވެއެވެ. ލޮޅުންތައް އެރުމާ އެކު، އެތައް ސަތޭކަ ބަޔަކު ވަނީ އިމާރާތްތައް ދޫކޮށް މަގުތަކަށް ނިކުމެފައެވެ. ލޮޅުންތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ތައިލެންޑުގެ އުތުރުގައި އޮތް ފަތުރުވެރީންގެ މެދުގައި މަޤުބޫލު ޗިއަންގ މާއީއަށެވެ.
ބިންހެލުމުގެ ސަބަބުން މުޅި ސިޓީ ގުޑައިގެން ދިޔުމާ އެކު، ރައްޔިތުން ބިރާސްވެ ދެކޮޅުދެކޮޅަށް ދުވާން ޖެހުމުގެ ސަބަބުން ވެސް ބޮޑެތި ހާނީއްކަތައް ވަމުން ދިޔައެވެ.
ތައިލެންޑްގެ އިތުރަށް ވިއެޓްނާމަށް ވެސް މި ބިންހެލުމުގެ އަސަރު ވަނީ ކޮށްފައެވެ. މިހާރު މިޔަންމާރާއި ތައިލެންޑްގައ ވަނީ އިމަޖެންސީ އިއުލާނުކޮށްފައެވެ. އުސް ޢިމާރާތްތައް ފުނޑުފުނޑުވެގެން ފައިބަނީއެވެ. މަގުތައް ކަނޑަކަނޑައިގެން ދިޔުމުގެ ސަބަބުން ބައެއް ވެހިކަލްތައް، ގެއްލި، ހަލާކުވެ، ވަނީ ތާށިވެފައެވެ.
އެމެރިކާގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވަނީ ބިންހެލުމުގެ ފުރަތަމަ ލޮޅުންތައް އައިސްފައި ވަނީ މިޔަންމާރުގެ ސައްގާއީ ސަރަޙައްދުގެ 16 ކިލޯމީޓަރު ހުޅަނގުއުތުރަށް ބިމުގެ ސަތަހައިގެ 10 ކިލޯމީޓަރު އަޑިއަށް ކަމުގައެވެ. ބިންހެލުމާ ގުޅިގެން މިޔަންމާރުގެ ނޭޕިޔެޑޯއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. މި ގޮތުން، މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް އިމާރާތްތަކުގެ ފުރާޅާއި ފަނގިފިލާ ވެއްޓިފައިވާކަމުގައި ރިޕޯޓުތައް ލިބިފައިވެއެވެ.
މިޔަންމާރުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ބުދުފައްޅިއަށްކަމަށް ވިޔަސް، މުސްލިމުންގެ މިސްކިތަކަށް ވެސް ބޮޑެތި ގެއްލުންތައް ލިބި އެކަކު މަރުވެފައިވާކަމަށް ވެސް މިޔަންމާރުން ޚަބަރު ލިބިފައި ވެއެވެ.
މި އައި ނުރައްކާތެރި ބިންހެލުމުގެ އަސަރު ރާއްޖެއަކަށް ނުކުރާނެކަމަށް ދިވެހިރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާއިން އިއްޔެ ވިދާޅުވެފައި ވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި މިޔަންމާރުގައި ބިންހެލުން އައި ސަރަހައްދާއި މާލެއާ ދެމެދު ހުރި ދުރުމިނަކީ 3121 ކިލޯމީޓަރެވެ.
މި ބިންހެލުމުގެ އެއްވެސް އަސަރެއް ރާއްޖެއަށް ނުކުރާނެ ކަމަށާއި، ނުރައްކާވާނެކަމަށް ނުބެލެވޭ ކަމަށް ވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ރާއްޖެއާ ކައިރި ބައެއް ސަރަހައްދުތަކަށް އަންނަ ބިންހެލުންތަކުގެ އަސަރު ބައެއް ފަހަރު ރާއްޖެއަށް ކުރެއެވެ. އެގޮތުން 2004ވަނަ އަހަރު ރާއްޖެއަށް ސުނާމީގެ އަސަރުކޮށްފައިވަނީވެސް އިންޑޮނޭޝިއާގެ ސުމަޓްރާއަށް އައި ބިންހެލުމަކާ ގުޅިގެންނެވެ. ނަމަވެސް އިއްޔެ މި އައި ބިންހެލުން ކިތަންމެ ނުރައްކާތެރި ވިޔަސް މި ބިންހެލުމުގެ އަސަރު ރާޖެއަށް ނުކުރާ ގޮތްވުމަކީ ﷲގެ މަތިވެރި ނިޢުމަތެކެވެ.
ބައެއް ލަފުޒުގެ މާނަ:
ބިންހެލުން ނ. (1) ޒަލްޒަލާ، (2) މިއީ ބިމުގެ ވަރަށް އަޑީގައި ހިނގާ ހަމަނުޖެހުމެއްގެ ސަބަބުން ބިމުގެ ތޮށިގަނޑު ތެރޭގައި ފިއްތުމުގެ ރާޅުބާންޏަކުން އުފެދޭ ލޮޅުމެކެވެ. ބޮޑެތި ބިންހެލުންތައް އަންނަނީބިމުގެ އަޑީގައިވާ ހިލަތަކުގެ ފަށަލަތަކުގައި ހުންނަ ދެރަކަމެއްގެ ސަބަބުން އެ ފަށަލަތައް ހަލާކުވުމުގެ ސަބަބުންނެވެ. ކުދިކުދި ބިންހެލުންތައް ކަނޑުގެ ރާޅުތަކާއި ޖައްވީ ފިއްތުންތަކުގެ ސަބަބުން އަތުވެދާނެއެވެ. ބިންހެލުމުގެ ބާރުމިން މިނަނީ ރެކްޓަރ މިންގަޑުންނެވެ. މިއީ 1 ން 9 އަށް ދަރަޖަ ބަހައިފައިވާ މިންގަޑެކެވެ. އިންސާނުންނަށް ބިންހެލުމެއް އިޙްސާސްވާނީ މި މިންގަޑުން އެންމެ ކުޑަވެގެން 1.5އާ ހަމަވުމުންނެވެ.
ބިރާސްވުން ނ. ކުއްލި ހާސްކަމާއި ކަންބޮޑުވުމެއްގެ ސަބަބުން މީހާ ގަންނަ އާދަޔާ ޚިލާފު ބިރު
ސުނާމީ ނ. ކަނޑުއަޑިއަށް އަންނަ ބިންހެލުމެއްގެ ސަބަބުން ނުވަތަ ކަނޑުއަޑީގައި އަލިފާންފަރުބަދައެއް ގޮވުމުގެ ސަބަބުން ނުވަތަ ގިނިހިލައެއް ކަނޑަށް ވެއްޓުމުގެ ސަބަބުން އުފެދޭ ބޮޑު ރާޅެއް. މިއީ ވަރަށް ބާރު ދުވެއްޔެއްގައި ދަތުރުކުރާ ރާޅެކެވެ. ސުނާމީ ރާޅެއްގެ ފުޅައު މިނަކީ ސަތޭކަ ކިލޯމީޓަރާ ވިހި ކިލޯމީޓަރާ ދެމެދުގެ މިންވަރެކެވެ. މާސިންގާ ކަނޑުތަކުގައި މި ރާޅު ގަޑިއަކު ހަތް ސަތޭކަ ފަންސަވީސް ކިލޯމީޓަރާ އަށްޑިހަ ކިލޯމީޓަރާ ދެމެދުގެ ބާރުމިނެއްގައި ދަތުރުކުރެއެވެ.