ad_banner
އެމެރިކާއަށް އަނެއްކާ ބޮޑު "ބޮލުގައި ރިހުމެއް"

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

5 މާރިޗް 2025

ޤަޠަރާއި އީރާނުގުޅިގެން ހަދާ ކަނޑުއަޑިގެ މަގުގެ ކުރެހުމެއް

ނިޔުކުލިޔަރު ހަތިޔާރު ހެދުމުގެ ޤާބިލުކަން އީރަށް ލިބި، އެ ކަހަލަ ހަ ބޯ (ބޮން) އުފެއްދުމާ ހިސާބަށް އީރާނަށް ވާސިލުވެވިއްޖެކަމަށް ކަމާ ބެހޭ އިދާރާތަކުން މި ދިޔަ ހަފުތާގައި އިޢުލާނުކުރުމާ ގުޅިގެން އެމެރިކާގެ ޓުރަންޕާއި އިސްރާއީލުގެ ނަތަންޔާހޫ ހާސްވެ ތެޅިގަތެވެ. އީރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި އީރާނާއި ދުނިޔެއާ އެކަހެރިކުރެވޭތޯ އެމެރިކާއަށް ވެވުނުހައި މަސައްކަތެއް ކުރަމުން ގެންދާތާ އެތައް ޒަމާނެއް ވެއްޖެއެވެ. ނަމަވެސް އެމެރިކާގެ ކުރިމަތީގައި އީރާނު ބޯ ގުދެއް ނުކުރެއެވެ.

ދުނިޔޭގެ އެންމެ ބޮޑު މިސްކިތު އެކުވެންޏެއްގެ ލަގަބު އީރާނުގެ ތެރެރާނުގައި ހުންނަ މުޞައްލާ މިސްކިތަށް ލިބިފައިވަނިކޮށް، އަނެއްކާ މި ލިބުނީ އެމެރިކާއަށް ކެތްނުވާ ފަދަ ޚަބަރެކެވެ. އީރާނާއި ޤަޠަރު ގުޅިގެން ދުނިޔޭގެ އެންމެ ދިގު ޓަނަލު (ކަނޑުއަޑީގެ އެންމެ ދިގު މަގު) ހެދުމުގެ ތަދުބީރު މި ދިޔަ ހަފުތާގެ ބުދަ ދުވަހު ޤަޠަރުގެ އަމީރު ޝައިޚު ތަމީމް ބިން ޙަމަދު އާލް ޘާނީ ތެހެރާނަށް ވަޑައިގެން ވަނީ ކުރައްސަވައިފައެވެ. ކަނޑުއަޑީން ދެ ގައުމު މި ގުޅައިލެވޭ ގުޅައިލުމުގެ ސަބަބުން މެޑިޓަރޭނިއަން ކަނޑު ފަހަނަޅައި ކެސްޕިއަން ކަނޑާއި ދެކުނު އޭޝިއާއަށް ފުޅާކުރުމަށް ވެސް އުންމީދުކުރެއެވެ. ޤަޠަރުގެ އަމީރު ވަނީ މި މަޝްރޫޢާ ގުޅޭ ގޮތުން ޤަޠަރުގެ ކަށަވެތިކަން ހާމަކުރައްވައިފައެވެ. 

ހަގީގަތުގައި މި ޚިޔާލު ފުރަތަމަ އުފަންވީ އީރާނުގެ ކުރީގެ ރައީސް ޝަހީދު އިބްރާހީމް ރައީސީ 2022 ފެބުރުވަރީ މަހުގެ ތެރޭގައި ޤަޠަރަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ. މިއީ ކުރެވިދާނެ އަދި އެކަށީގެންވާ ކަމެއްތޯ ބެލުމަށް ދިރާސާކުރުމަށް ފަހު، ދެ ގައުމަށް އެންމެ ފައިދާ ލިބެނިވި ގޮތަކަށް ދެ ގައުމުގެ މަންދޫބުންގެ ފަންނީ ކޮމެޓީއެއްގެ މަޝްވަރާގެ މަތީން އެ މަޝްރޫޢު ކުރިއަށް ގެންދާން އޮތީ ހުށަހަޅުއްވައިފައެވެ.

ޤަޠަރުގެ ޒިޔާރަތުގައި، އީރާނުގެ އިންޤިލކާބުގެ އިސްވާރު، އާޔަތުﷲ ސައްޔިދު ޚާމަނާއީއާއެކު ޝައިޚު ތަމީމް ބޭއްވެވި ބައްދަލުވުމުގައި އެ މަނިކުފާނު ކަށަވަރުކޮށްދެއްވައިފައިވަނީ މި ކަމާ ގުޅޭ ކޮމެޓީ އުފައްދައި ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ފަށައިގަނެވޭނެކަމަށެވެ. މި ކަމުން ރަމްޒުކޮށްދިނީ މި މަޝްރޫޢުގެ ފޮނި ނަތީޖާއަށް ޤަޠަރުން އުންމީދުކުރާ މިންވަރާއި މި މަޝްރޫޢާ މެދު ޤަޠަރުގެ ކަށަވެތިކަމެވެ.

މި ބިންގަރާސް މަގަކީ ޗައިނާގެ ޗެންގޑޫގައި އޮންނަ 68 ކިލޯމީޓާރުގެ މަގުގެ ތިން ގުނަ ދިގު މަގަކަށް ވާނެއެވެ. އަދި އީރާން-ޤަޠަރުގެ މި ބިންގަރާސް މަގަކީ ބިމުގެ އަޑީން ވިޔަސް ކަނޑު އަޑީން ވިޔަސް މިހައި ތަނަށް ހެދިފައިވާ މަގުތަކަށް ވުރެ ދިގު މަގަކަށް ވުމުގެ ރެކޯޑު ގާއިމުކުރާނެ މަގަކަށް ވާނެއެވެ.

މި ފަދަ މަސައްކަތެއްގެ އަގަކީ ޚިޔާލަށް ގެންނާން އެހައި ފަސޭހަ އަދަދަކަށް ނުވާނެއެވެ. ނަމަވެސް ޤަޠަރަކީ އެ ގައުމުގެ އާމަދަނީގެ ވަރަށް ކުޑަކުޑަ ބައެއްކަމަށްވާ ގޭހުން އެކަނި ވެސް އަހަރަކު 200 ބިލިއަށް ޑޮލަރުގެ އާމަދަނީ ލިބޭ ގައުމެކެވެ. ވީމާ މި ފަދަ މުހިންމު މަޝްރޫޢަކަށް ޚަރަދުކޮށްލުމަކީ ޤަޠަރަށް އެއްވެސް ކަމެއް ނޫނެވެ.

ޤަޠަރަށް މި ކަނޑު އަޑީ މަގަކީ އީރާނު ތެރެއިން ލައިފައި ވިލާތާއި އޭޝިއާގެ ބާޒާރަށް ވާސިލުވާން ލިބޭ ވަރަށް އިސްތިރާޖީ ފުރުސަތަކަށްވާނެއެވެ. ގަލްފުގެ ގިނަ ދައުލަތްތަކެކޭ އެއް ފަދައިން އެކުވެރި އަރަބު އިމާރާތް (ޔޫއޭއީ) ވެސް މިއަދު ހަމައެކަނި ބަރޯސާވާން ޖެހިފައިވަނީ ސައޫދީ ޢަރަބިއްޔާގެ ބިމުގެ މަގުތަކަށެވެ. އެހެންކަމުން ޤަޠަރާއި އިރާނުން އަލަށް މި ހަދާ މަގުގެ ސަބަބުން ޤަޠަރުގެ މިއަދުގެ މަގާމު ވަރުގަދަވާނެއެވެ. ޤަތަރަކީ މިބުގެ ގޮތުން ކުޑަ ދައުލަތެއް ނަމަވެސް މެދުއިރުމަތީގައި ނުފޫޒު ކުޑަ ގައުމެއް ނޫނެވެ.

ކަޑު އަޑިން މި ހަދާ ބިންގަރާސް މަގުން ހަމަ އެކަނި ފައިދާ ވާނީ ޤަޠަރަކަށް ނޫނެވެ. އެފުރިކާގެ ގައުމުތަކާއި މެދުތެރޭގެ ގައުމުތަކާއި އޭޝިއާގެ ގައުމުތައް ވެސް ވިލާތުގެ ބާޒާރާ ގުޅުވައިލުމަކީ ހުރިހައި ގައުމަކަށް ވެސް އިގުތިސާދީ ގޮތުން ވަރަށް މުހިންމު ފުރުސަތަކަށް ވާނެއެވެ.

އަމި މަޝްރޫޢަކީ، މެދު އިރުމަތީގެ ގައުމުތައް ބައިބައިކުރާން އެމެރިކާއިން ހިންގާ ނުބައި ކަމާކެމިތަކުން ސަލާމަތްވެވި މެދުއިރުމަތީގެ ގައުމުތަކުގެ ގުޅުން ބަދަހިވަމުން އަންނަކަމުގެ ނިޝާނެއްކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެހެންކަމުން މި މަޝްރޫޢު ކާމިޔާބީއާ އެކު، ނިމުމަކީ އެމެރިކާއަށް އަޅައިނުލައި ތިބެވޭވަރުގެ ކަމަކަށް ނުވާނެއެވެ. މިއީ ހަގީގަތުގައި ވެސް އެމެރިކާއަށް ބޮޑު "ބޮލުގައި ރިހުމެއް"ކަމަށް ވާނެއެވެ. މި މަޝްރޫޢާ ބެހޭ ގޮތުން އެމެރިކާއަކުން އަދި ވަކި އެއްޗެއް ނުބުނެއެވެ. (ބައެއް މަޢުލޫމާތު: ޕްރެސް ޓީވީ)

ބައެއް ލަފުޒުގެ މާނަ:

ބިންގަރާސް   ނ.   (1) ބިމުގެ އަޑީގައި ހަދާފައި ހުންނަ ކޮޓަރި، ނުވަތަ ގުދަން. (2) ބިމުއަޑީން އެއް ތަނުން އަނެއް ތަނަށް ދެވޭނޭހެން ހަދާފައި އޮންނަ މަގު.

ކަށަވެތިކަން  ނއނ. (1) ކަމެއް ކުރާނެކަމަށް ދޭ ކަށަވަރުކަން ނުވަތަ ވާ ވައުދު. (2) ޒިންމާދާރުކަމާއި ޝައުގުވެރިކަމާ އެކު ކަމެއް ކުރުމުގެ ސިފަ.

ކަމާކެމި      ނ.  (1) ކަމެއްގައި އެކުލެވިގެންވާ ހުރިހާ ކަމެއް. (2) ޕުރޮގުރާމު

ތަދުބީރު      ނ.   (1) ކަމެއްގެ މައްޗަށް ފުންކޮށް ވިސްނައި ރާވާރޭވުން. (2) ޙިކުމަތް.

ކޮމެންޓު