ވޯޓުދޭން ޖެހޭތަ؟ ކީއްވެ؟
މި ދުވަސްވަރަކީ ދިވެހީންނަށް ވަރަށް ޚާއްޞަ ދުވަސްވަރެކެވެ. ކޮންމެ ފަސް އަހަރުން އެއް ފަހަރު އަންނަ އިންތިޚާބީ އީދެވެ. މާލެއާއި ރާއްޖޭގެ އަތޮޅުތަކުން އެކި ރަށްރަށުން ފެންނަނީ މި ކަމުގެ ފާޅުކަން ބޮޑު ހެކިތަކެވެ. އެކި ގޮތްގޮތަށް ދަމައިފައިވާ އެކި ކުލަކުލައިގެ ފޮތިތަކުން މަގުތަކަށް ވަނީ ހިޔާދީފައެވެ. މިއީ ގައުމުގެ އެންމެ މަތީ ވެރިކަމަށް ވަޑައިގަންނަވާނޭ ބޭފުޅަކު ކަނޑައަޅާން ރައްޔިތުންނަށް ލިބޭ ފުރުސަތެވެ. ޑިމޮރެސީއޭ މިކިޔާ ނިޒާމުގައި ރައްޔިތުންނަށް ލިބޭ ހަމައެކަނި ފުރުސަތަކީ މިއީކަމަށް ވެސް ދެންނެވިދާނެއެވެ. އެހެނީ ވޯޓުން ވެރިއަކު ހޮވުމަށް ފަހު ވެރި މީހާއާ މުޅި ދައުލަތް ހަވާލުވުމުން އަޅުގަނޑުމެންގެ މައްޗަށް ހިންގާނީ އެ ވެރިއެއްގެ އަމުރެވެ. އަޅުގަނޑުމެން ނުރުހޭ ގޮތަށް ކަން ކުރައްވައިފި ނަމަ، އޭނާ ބަދަލުކުރުމުގެ ބާރު އަނެއްކާ ވެސް ލިބޭނީ ފަސް އަހަރު ފަހުން އަންނަ އިންތިޚާބުގައެެވެ.
ވޯޓުލުމުގެ ފުރުސަތު މި ފަހަރު އަލަށް ލިބޭ ޒުވާނުން(ގެ ތެރެއިން ބައެއް ޒުވާނުން) ތިމަންނާ ވޯޓުދޭން ބޭނުން މީހަކު ނެތްކަމަށް ބުނެ ވޯޓު ނުދޭނަމޭ ބުނާ އަޑު ވެސް އިވެއެވެ. މި ފަހަރު އިންތިޚާބުގައި ވާދަކުރައްވާ އަށް ފުރަދާރުންގެ ތެރޭގައި ތިމަންނަ ވޯޓުދޭން ޖެހޭ ފުރަދާރަކު ނެތޭ ވެސް ބައެއް މީހުން އެބަ ބުނެއެވެ. މިއީ ރަނގަޅު ވިސްނުމެއް ބާވައެވެ!
ތިމާއަށް ކަމުދާ ފުރަދާރަކު ނެތްކަމަށް ބުނެ ތިމާ ވޯޓު ނުދިނަސް ގިނަ ބަޔަކު ވޯޓުދޭނެއެވެ. ވޯޓުދޭ މީހުންގެ ތެރެއިން އަޣުލަބިއްޔަތު ލިބޭ ފުރަދާރަކަށް އިންތިޚާބު ކާމިޔާބުވީކަމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާއިން އިޢުލާނުކުރާނެއެވެ. ނޮވެންބަރުމަހު 17 ވަނަ ދުވަހުން ފެށިގެން ފަސް އަހަރު ދުވަހަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ އެ ބޭފުޅެކެވެ. އެ ހިސާބުން އަޅުގަނޑުމެންގެ މައްޗަށް އަމުރުމަޢުރޫފު ހިންގެވުމުގެ ގާނޫނީ ހުރިހާ ބާރެއް އެ ބޭފުޅެއްގެ އަތްޕުޅަށް ލިބިވަޑައިގަންނަވާނެއެވެ. އަޅުގަނޑުމެން ރުހުނަސް ނުރުހުނަސް އަޅުގަނޑުމެން ފަސް އަހަރު ވަންދެން ތިބޭން ޖެހޭނީ އެ ބޭފުޅެއްގެ އަމުރުވެރިކަމުގެ ދަށުގައެވެ.
ކަން މިހެން އޮތުމާއެކު، ޤައުމުގެ ވެރިއަކު އިންތިޚާބު ކުރުމުގައި ބައިވެރިވުމުގެ ފުރުސަތަކީ ސަމާސާ ކަމެއް ނޫނެވެ. އަޅުގަނޑުމެން އެންމެ އެދޭ ފުރަދާރަކު (ކެންޑިޑޭޓަކު) ނެތަސް އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އެންމެ ރަނގަޅުކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ ކެންޑިޑޭޓަކަށް ވޯޓުދިނުމަކީ ލާޒިމު ކަމެކެވެ. އަޅުގަނޑުމެން ވޯޓު ނުދީފި ނަމަ، އެއީ އަޅުގަނޑުމެން ނުރުހޭ ފުރަދާރަކަށް ދެވޭ ދެ ވޯޓެކެވެ. އެހެނީ އަޅުގަނޑުމެންނަށް އެންމެ ރަނގަޅުކަމަށް ފެންނަ ފުރަދާރަށް އެ ވޯޓު މަދުވާނެއެވެ. އޭގެ ސަބުން އަނެއް ފުރަދާރަށް ލިބޭ ވޯޓު އިތުރުވާނެއެވެ.
އަޅުގަނޑުމެން ކުރާ (ހުއްދަ) ކޮންމެ ކަމެއް ވެސް އިޚުލާޞްތެރިކަމާއެކު ﷲއަށް ޓަކައި ކޮށްފި ނަމަ، އެއީ ސަވާބު ލިބެނިވި އަޅުކަމަކަށް ވާނެއެވެ. ވީމާ ވޯޓު ދޭންޖެހޭނީ އިޚުލާޞްތެރިކަމާއެކުގައެވެ. އަޅުގަނޑުމެންގެ ހިތުގައިވާ ކޮންމެ ކަމެއް ﷲ ދެނެވޮޑިގެންވެއެވެ.
އިޚުލާޞްތެރިކަމުގެ މާނައަކީ "އޮޅުވައިލުމާއި ދެފުށްދެގޮތްކަމެއް ނެތްކަން." ނުވަތަ "ވަފާތެރިކަން" ނުވަތަ "ތެދުވެރިކަން"ކަމަށް "ދިވެހިބަހުގެ ރަދީފު"ގައި އޮވެއެވެ. އޭގެ މާނައަކީ ކަންދެއްކުމާއި ގޮތް ދެއްކުމާއި އޮޅުވައިލުމާއި މަކަރުހެދުމާއި ނިފާޤުކަން ނެތުމެވެ.
ހަގީގަތުގައި މުސްލިމުންގެ ޙައްޤުގައި އިޚުލާޞްތެރިކަމަކީ އެ މީހަކު ކުރާ ހުރިހާ ކަމެއް، މާތް ﷲގެ ރުހިވޮޑިގަތުން އެދިގެން ތެދުވެރިކަމާއެކު ކުރުމެވެ. އެހެން އެއްވެސް ނިޔަތެއް، އޮޅުވައިލުމެއް، ކަންދެއްކުމެއް ނެތި ތެދުވެރިކަމާއެކު ކޮންމެ ކަމެއްވެސް ކުރުމެވެ. މުސްލިމަކު ކުރާ ކޮންމެ ހެޔޮ ޢަމަލެއް ވެސް ކުރާން ވާނީ ތެދުވެރި ހިތަކާއިގެންނެވެ. މީހުންނަށް ދެއްކުމަށް ޓަކައެއް ނޫނެވެ. އަމިއްލަ އެދުމަށް ޓަކައެއް ނޫނެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاء وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ وَذَلِكَ دِينُ الْقَيِّمَةِ" ("ބާޠިލު މަގުން އެއްކިބާވެ ތިބެ، اللَّهއަށް އަޅުކަން ޚާލިޞްކުރާ ޙާލު، اللَّهއަށް އަޅުކަންކުރުމަށާއި، ނަމާދު ގާއިމުކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ.") (سورة البينّة:5)
އިޚުލާޞްތެރިކަމަކީ ކޮންމެ މުސްލިމެއްގެ ކިބައިގައި ހުރުން ލާޒިމުވެގެންވާ ސިފައެކެވެ. ކޮންމެ ކަމެއް ކުރިކަމުގައި ވިޔަސް ކޮންމެ ޢަމަލެއް ކުރިކަމުގައި ވިޔަސް ވެހެވެ. މުސްލިމަކު ނަމަ ހުއްދަ ޢަމަލެއް ނޫނީ (ގަސްތުގައެއް) ނުކުރާނެއެވެ. ޝަރުޢުގައި ކަނޑައެޅިފައިވާ ޢިބާދާތުގެ އެކި ޢަމަލުތައް ފިޔަވައި ހުއްދަ ކޮންމެ ކަމެއް ވެސް ﷲއަށް ޓަކައި އިޚުލާޞްތެރިކަމާއެކު ކޮށްފި ނަމަ، އެއީ ސަވާބު ލިބެނިވި ހެޔޮ ޢަމަލެއްކަމުގައި ވާނެއެވެ. އެއީ ވޯޓުލުން ކަމަށް ވީނަމަވެހެވެ. މުސްލިމަކު ނަމަ އޭނާ އެ ކަން ކުރާނީ ﷲގެ ރުހިވޮޑުގަތުން ހޯދުމަށް ޓަކައެވެ. އިޚުލާޞްތެރިވުމަށާއި އިޙުސާންތެރިވާން މާތް ﷲ އަންގަވައިފައިވާތީއެވެ. އެ ކަމަށް ޓަކައި އޭނާ ރިޝްވަތެއް ނުހިފާނެއެވެ.
މުސްލިމުން ކުރާ ކޮންމެ ޢަމަލެއްގައި ވެސް އިޚުލާޞްތެރިވާނެއެވެ. އެއީ ނަބީ ބޭކަލުންނާއި ރަސޫލުބޭކަލުންގެ ކިބައިގައިވާ މާތް ސިފަތަކުގެ ތެރެއިން ޚާއްޞަ ސިފައެކެވެ.
އެއް ދުވަހަކު ކީރިތި ރަސޫލާ (ﷺ) އަރިހަށް މީހަކު ގޮސް ދެންނެވިއެވެ. "އޭ ﷲގެ ނަބިއްޔާއެވެ. ތިމަންނާ ﷲއަށް ޓަކައި ހިތްވަރުގަދަކަން ދައްކަމެވެ. އަދި ތިމަންގެ ހިތްވަރުގަދަކަން މީހުންނަށް ފެންނާން ވެސް ލޯބިކުރައްވަމެވެ." މީނާގެ ވާހަކާ ގުޅިގެން ވަކިއެއްޗެއް ހަދީސްނުކުރައްވައި ﷲގެ ވަޙީއަށް އިންތިޒާރުކުރެއްވިއެވެ. އެއަށްފަހު ސޫރަތުލްކަހުފުގެ 110 ވަނަ އާޔަތް މާތް ﷲ ބާވައިލެވުމުން އެ މީހާއަށް ޖަވާބުދެއްވިއެވެ.މާތް ﷲ ވަޙީކުރައްވައިފައިވަނީ މިފަދައިންނެވެ. " قُلْ إِنَّمَا أَنَا بَشَرٌ مِّثْلُكُمْ يُوحَى إِلَيَّ أَنَّمَا إِلَهُكُمْ إِلَهٌ وَاحِدٌ فَمَن كَانَ يَرْجُو لِقَاء رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا." ("ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ތިޔަބައިމީހުންކަހަލަ އާދަމުގެދަރިޔަކު ކަމުގައެވެ. ތިމަންކަލޭގެފާނަށް ވަޙީ އިއްވަވަނީ، ތިޔަބައިމީހުންގެ އިލާހަކީ، އެއް އިލާހެއް ކަމުގައެވެ. ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާ ޞާލިޙު ޢަމަލުކުރާ ހުށިކަމެވެ! އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސްމީހަކު ބައިވެރި ނުކުރާހުށިކަމެވެ!") (سورة الكهف:110)
ކޮންމެ ޢަމަލެއް ވެސް ބިނާވެގެންވަނީ އޭނާގެ ނިޔަތުގެ މައްޗަށްކަން ދޭހަވާ ޙަދީޘެއް އޮވެއެވެ. "إِنَّماالْأعمَالُ بِالنياتِ" ("ހަމަ ކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތްތަކުގެ މައްޗަށެވެ.") މިއީ ވަރަށް މަޝްހޫރު ހާދިސާއަކާ ގުޅިގެން ރަސޫލާ ކުރެއްވި ޙަދީސެކެވެ. އެއީ އަޞްހާބު ބޭކަނބަލެއްކަމަށްވާ އުންމުޤައިސް، މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި ހާދިސާއެވެ. ފަހެ އެ ކަމަނާ މަދީނާއަށް ހިޖުރަކުރެއްވުމުން މީހަކު އެ ކަމަނާގެ ކާވެންޏަށް އެދިގެން އެ ކަމަނާގެ ފަހަތްޕުޅުން ހިޖުރަކުރިއެވެ. އޭނާ ހިޖުރަކުރީ ﷲގެ ދީނަށް ނަޞްރުދިނުމުގެ ނިޔަތެއްގައެއް ނޫނެވެ. ހަމައެކަނި އެ ކަމަނާގެ ކާވެންޏަށް އެދިގެންނެވެ. މި ޙާދިސާއާ ގުޅިގެން ކައު ރަސޫލާ (ﷺ) ޙަދީޘްކުރެއްވިއެވެ. " عن عمر بن الخطاب رضي الله عنه، «قال: سَمِعْتُ عُمَرَ، رَضِيَ اللَّهُ عَنْهُ يَقُولُ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ إِنَّمَا الْأَعْمَالُ بِالنِّيَّةِ وَلِكُلِّ امْرِئٍ مَا نَوَى فَمَنْ كَانَتْ هِجْرَتُهُ إِلَى اللَّهِ عَزَّ وَجَلَّ فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ وَمَنْ كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا أَوْ امْرَأَةٍ يَنْكِحُهَا فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ. ("ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށްމެ އޭނާ ނިޔަތްގަތްކަމެއް ވެއެވެ. ފަހެ اللَّهِ ޢައްޒަ ވަޖައްލައަށް ޓަކައި ހިޖުރަކޮށްފި މީހާގެ ހިޖުރަ ވާހުށީ އޭނާ އެ ހިޖުރަ ކުރި ކަމަކަށް ޓަކައެވެ. އަދި ދުނިޔަވީ ބޭނުމަކަށް ޓަކައި މީހަކު ހިޖުރަކޮށްފި ނަމަ، ފަހެ އޭނާގެ ހިޖުރަ ވާޙުށީ އޭނާ އެ ހިޖުރަކުރި ކަމަކަށް ޓަކައެވެ.") (ބުޚާރީ: 1، މުސްލިމް:1907)
އިޚުލާޞްތެރި މުއިމިނުން ޝާއިޠާނާގެ ނުބައިކަމުން ސަލާމަތްކުރައްވައިފައިވާކަން ޝައިޠާނާގެ ދުލުން އިޤުރާރުވެފައިވާ ވާހަކައާއި ﷲ އެކަލޭގެއަށް ދެއްވި ޖަވާބު މާތް ﷲ ކީރިތި ޤުރުއާނުގައި ޒިކުރުކުރައްވައިފައިވެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. " قَالَ رَبِّ بِمَآ أَغْوَيْتَنِي لأُزَيِّنَنَّ لَهُمْ فِي الأَرْضِ وَلأُغْوِيَنَّهُمْ أَجْمَعِينَ. إِلاَّ عِبَادَكَ مِنْهُمُ الْمُخْلَصِينَ. قَالَ هَذَا صِرَاطٌ عَلَيَّ مُسْتَقِيمٌ. إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ إِلاَّ مَنِ اتَّبَعَكَ مِنَ الْغَاوِينَ" ("އެކަލޭގެ ދެންނެވިއެވެ. ތިމަންއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ތިމަންއަޅާ މަގުފުރެއްދެވިކަމުގެ ސަބަބުން، ނުބައިކަމުގެ މަގު، ހަމަކަށަވަރުން، އެއުރެންނަށް ބިމުގައި ތިމަންއަޅާ ޒީނަތްތެރިކޮށްދޭހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންއަޅާ އެ އެންމެން މަގުފުރައްދާހުށީމެވެ. އެއުރެންގެ ތެރެއިން، އިނބަރަސްކަލާނގެ އަޅުންކުރެ ޚިޔާރުކުރައްވައިފައިވާ މީހުން މެނުވީއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. މިއީ، ތިމަންރަސްކަލާނގެ ޙަޟުރަތަށް އޮތް ސީދާވެގެންވާ ތެދުމަގެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންގެ މައްޗަށް ކަލޭގެއަކަށް ބާރު ލިބިގެނެއްނުވެއެވެ. މަގުފުރެދިގެންވާ މީހުންގެތެރެއިން ކަލޭގެއަށް ތަބާވާ މީހުން މެނުވީއެވެ.") (سورة الحِجْر:39-42) (މި ތަރުޖަމާގައި "ޚިޔާރުކުރައްވައިފައިވާ މީހުން"ނޭ އެ އޮތީީ އިޚުލާޞްތެރީންނަށެވެ.)
ކަން މިހެން ހުރުމާއެކު ކޮންމެ ދިވެއްސަކު ވެސް އިޚުލާސްތެރިކަމާއެކު ވޯޓުދޭން ޖެހެއެވެ. ދިވެހި ޤައުމުގެ ލާބައާއި މަންފާއަށް ޓަކައެވެ. ކެންޑިޓޭޓަކު (ނުވަތަ ފުރަދާރަކު) އިޚުތިޔާރު ކުރާންޖެހޭނީ އަމިއްލަ މަޞްލަޙަތަށް އިސްކަންދިނުމެއް ނެތިއެވެ. އަމިއްލަ މަޞްލަޙަތު ދޫކޮށް މުޖުތަމަޢުގެ މަޞްލަޙަތަށް ޓަކައެވެ. އަމިއްލަ ފައިދާއޭ ހީކުރިޔަސް ހަގީގަތުގައި އަމިއްލަ ފައިދާ ވެސް އޮންނާނީ މުޖުތަމަޢުގެ މަޞްލަޙަތުގައެވެ. ވަގުތީ ގޮތުން އަމިއްލަ ފައިދާއެއް ލިބުނޭ ހީވި ކަމަށް ވިޔަސް ކުރިމަގުގައި މުޖުތަމަޢަށް ލިބޭ ފައިދާއެއް ނޫނީ ފަރުދުންނަކަށް ނުލިބޭނެއެވެ. ތިމާއަކީ ތިމާ ދިރިއުޅޭ މުޖުތަމަޢަށް ލިބޭ ކޮންމެ ގެއްލުމަކާއި ފައިދާއެއްގެ ހިއްސާދާރެކެވެ.
ބައެއް މީހުން ދެކޭ ގޮތުގައި މީހެއްގެ އަތުން، ވޯޓު ދޭނަމޭ ކިޔައިގެން ރިޝްވަތު ހިފިއްޖެ ނަމަ ވޯޓު ނުދިނުމަކީ ވަރަށް ނުބައި ކަމެކެވެ. ދަންނަވަންތޯއެވެ؟ ރިޝްވަރު ދިނުމާއި ރިޝްވަތު ހިފުމަކީ މާތް ﷲ ލަޢުނަތް ލައްވައިފައިވާ ކަމެކެވެ. އެއީ ވަރަށް ބޮޑު ނުބައި ކަމެކެވެ. ނަމަވެސް އެ ރިޝްވަރު ހިފި މަގުސަދު ހާސިލުވާ ގޮތަށް ޢަމަލުކުރުމަކީ އަނެއްކާ އިތުރު ނުބައެކެވެ. ނުބައި ކަމެއް ކުރެވުމުން އިތުރު ނުބައި ކަމެއް ތަކުރާރުކުރާކަށް ނުޖެހޭނެއެވެ. ޖެހޭނީ ކުރެވުނު ނުބައިކަންތަކާ މެދު ހިތާމަކޮށް ތައުބާ ވާށެވެ. ވީމާ ތިމާއަށް ނޭނގުމެއްގެ ތެރޭގައި ނުވަތަ ހަވާނަފުސުގެ އަވާގައި ޖެހިގެން ރިޝްވަތު ހިފުނަސް، ވޯޓު ދިނުމުގައި ރަނގަޅު މީހާ އިޚުތިޔާރުކުރުމަކަށް ހުރަހެއް ނެތެވެ. އެ ފަދަ ނުބައި ކަމެއް ދެން ދުވަހަކު ވެސް ނުކުރާން ޢަޒުމު ކަނޑައަޅައި ތައުބާވެ، އެ ގޮތުގައި ދެމި ހުންނާންވީއެވެ. އަދި، މާތް ﷲއަށް ޓަކައި، އެންމެ ރަނގަޅު، ތެދުވެރި ޤާބިލު މީހާއަށް ވޯޓު ދިނުމަކީ ތިމާއަށް ދެ ދުނިޔޭގައި ވެސް އެންމެ ފައިދާ ހުރި ގޮތެވެ.
އެއްވެސް ޝައްކެއް ނެތެވެ. ﷲއަށް ޓަކައި އިޚުލާޞްތެރިކަމާއެކު ކޮންމެ މީހަކު ވެސް ވޯޓުދޭން ޖެހޭނެއެވެ. އެހެންނޫނީ އެއީ ތިމާއާ ޑިމޮކްރެސީ ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތަކުން ތިމާ ރެކިގަތީއެވެ. އެއީ މުސްލިމެއްގެ ހައިސިއްޔަތުން ތިމާއާ ޙަވާލުވެފައިވާ އަމާނާތަކަށް ޚިޔާނާތްތެރިވީއެވެ. މިއީ މި އުންމަތުގެ ކޮންމެ ބޮޑު މީހެއްގެ މައްޗަށް އިޖުތިމާޢީ ގޮތުންނާއި ޤައުމީ ގޮތުން އޮތް ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ. އެހެނީ ރައްޔިތުން މި ހޮވަނީ، ބައިނަލްއަޤުވާމީ ދުނިޔޭގައި ދިވެހި ޤައުމުގެ ޝަރަފާއި ކަރާމާތާއި އަބުރު ޙިމާޔަތްކޮށް ދިވެހިރާއްޖެ ޝުހުރަތު ކުރާނޭ ވެރިއެކެވެ. ޤައުމުގެ ރައްޔިތުންގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ކޮށްދީ ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައިދޭނެ ވެރިއެކެވެ. ދިވެހި ޤައުމިއްޔަތާއި މާތްވެގެންވާ އިސްލާމް ދީން ޙިމާޔަތްކުރާނޭ ވެރިއެކެވެ. މުޅި ރާއްޖޭގެ ބިނާރު ގާއިމުކޮށް ޤައުމު ތަރައްޤީކުރާނެ ވެރިއެކެވެ. އެހެންކަމުން އިޚުލާޞްތެރިކަމާއެކު ތިމާއަށް ފެންނަ އެންމެ ތަޢުލީމީ، އެންމެ ހުނަރުވެރި، އެންމެ ތަޖުރިބާކާރު، އެންމެ ދީންދެކެ ލޯބިވާ، އެންމެ އިޚުލާޞްތެރި، އެންމެ ގާބިލު ކެނޑިޑޭޓަކަށް ވޯޓުދިނުމަކީ ލާޒިމު ކަމެކެވެ. އެއީ ކާކުކަން ކަނޑައަޅާނީ މީހަކު ބުނެގެންނެއް ނޫނެވެ. މާތް ﷲއަށް ޓަކައި ތިމާ އަމިއްލައަށެވެ. އިޚުލާޞްތެރިކަމާއެކީގައެވެ.
ވީމާ، ތިމާ ދޭ ވޯޓާ މެދު ވެސް ތިމާ ޖަވާބުދާރީވާން ޖެހޭނެ ދުވަހެއް އެބަ އޮތްކަން ހަނދާންކޮށް އިޚުލާޞްތެރިކަމާއެކު ވޯޓުދިނުމަށް ދިވެހި އެންމެހައި ލޮބުވެތި އަޚުންނާއި އުޚުތުންނަށް ގޮވައިލަމެވެ. އަޅުގަނޑުގެ އަނބިދަރީންނާއި، އަޑުގަނޑު ކިޔަވައިދީފައިވާ އަދި ކިޔަވައިދެމުންގެނދާ އެންމެހައި ދަރިވަރުންނާއި ގާތްތިމާގެ އަދި ރަޙުމަތްތެރީންގެ ކިބައަކުން ވެސް ވަކި ބޭފުޅަކަށް ވޯޓު ދޭކަށް ނޭދެމެވެ. އަޅުގަނޑުގެ އެދުމަކީ އަދި އިލްތިމާސަކީ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ހަމަ ކޮންމެ ރައްޔިތަކު ވެސް ޤައުމުގެ ޙައްޤުގައި އަޅުގަނޑުމެންގެ މުސްތަޤުބަލަށް ޓަކައި އިޚުލާޞްތެރިކަމާއެކު ވޯޓުދެއްވުމެވެ. ތިމާ ދޭ ވޯޓަކީ ވެސް ސަވާބު ލިބެނިވި ހެޔޮ ޢަމަލެއްކަމުގައި ލިޔުއްވޭނޭ ގޮތުގެ މަތީން މާތް ﷲއަށް ޓަކައި ވޯޓުދެއްވުމެވެ. ތިމާގެ ސިކުނޑީޏް ވިސްނައިގެންނެވެ. އަޅުގަނޑުގެ އިލްތިމާސަކީ މިއީއެވެ. ރަނގަޅު ގޮތް އިޚުތިޔާރުކުރުމުގައި އުނދަގޫތަކެއް ހުރެއްޖެ ނަމަ، އިޚުލާޞްތެރިކަމާއެކު އިސްތިޚާރާ ނަމާދެއްކުރައްވާށެވެ! ދެން ތިމާގެ ހިތަށް އިލްހާމުވާ ގޮތަކަށް މާތް ﷲއަށް ޓަކައި އިޚުލާޞްތެރިކަމާއެކު ތިމާގެ ސިކުނޑީން ވިސްނުމަށް ފަހު ވޯޓުދެއްވާށެވެ! އަދި އެއީ ސަވާބު ލިބެނިވި ހެޔޮ ޢާމަލެއްކަމުގައި ވޭތޯ މަސައްކަތްކުރައްވާށެވެ!
_________________________________