Advertisement

ދިވެހީންނަށް ޝުކުރުއަދާކޮށް ފަލަސްޠީނުން އަސަރުގަދަ ޚިޠާބެއް

16 Oct 2023 | 09:58
.

ފަލަސްތީނިއަން ޕްރޮގްރެސިވް  އެސޯސިއޭޝަން - މެލޭޝިއާ (ޕީޕީއޭ މެލޭޝިއާ)ގެ ޑރ. ޗީފު އެގްޒެކެޓިވް އޮފިސަަރ  ޑރ. ޙިނައިނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ވީޑިއޯ ޚިޠާބެއް އިއްޔެ ވަނީ ދެއްވައިފައެވެ. ޙަމަދު ޞަލަވާތާއި ސަލާމަށްފަހު އެންމެ ފުރަތަމަ ވެސް ފައްޓވައިފައިވަނީ "ދިވެހިރާއްޖޭގައި ތިއްވެބި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް" މި ޢިބާރާތުން މުޚާޠަބުކުރައްވަމުންނެވެ.

މީސްމީޑިއާގައި މިހާރު (ދިވެހި ތަރުޖަމާއާއެކު) ވިރަވެފައިވާ މި ޚިޠާބުގައި އެންމެ ފުރަތަމަ ވަރަށް އަސަރާއެކު ބަޔާންކުރައްވައިފައިވަނީ ފަލަސްޠީނުގެ މި ވަގުތުގެ ޙާލަތެވެ. "ފަލަސްޠީނުގެ ބިން ހިފައިގެން އުޅޭ ޔަހޫދީ އިސްތިޢުމާރީ ސިފައިން މި ވަގުތު ވެސް ގެންދަނީ ޣައްޒާ ފަނާކުރަމުން"ކަމަށާއި، "ޣައްޒާގައި ތިބި ރައްޔިތުންނަށް އެމެރިކާއާއި އިނގިރޭސިވިލާތާއި ޖަރުމަނުވިލާތުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން ގެންދަނީ އަނިޔާވެރިކަމާއެކު ވަރުގަދަ ޙަމަލާތައް ދެމުން"ކަމަށް ވިދާޅުވިއެވެ. އަދި "ހުރިހައި ދިމާއަކުން ފެންނަނީ ފުނޑުފުނޑުވެ ސުންނާފަތިވެފައިވާ ޢިމާރާތްތަކާއި ވީރާނާކަން"ކަމަށާއި "ކުޑަކުދީންނާއި އަންހެނުންނާއި މުސްކުޅީންނާއި އެންމެން ދަނީ ކަތިލެވި ޝަހީދުވަމުން"ކަމަށް ވިދާޅުވިއެވެ.

އޭނާގެ ޚިޠާބު ކުރިއަށް ގެންދަވަމުން އަސަރާއެކު ވިދާޅުވެފައިވަނީ "ޝަހީދުންނާއި ޒަޚަމްވެފައީ މީހުންގެ ޢަދަދު އެތައް ހާހަކަށް އަރައިފި"ކަމަށެވެ. "އަޅުގަނޑުމެން ބޭނުންވަނީ އިސްލާމީ އުންމަތާއި އަދި ލޮބުވެތި ދިވެހި އަޚުންގެ ފަރާތްޕުޅުން ފަލަސްޠީނުގައި ތިބި ތިޔަބޭފުޅުންގެ އަޚުންނާއި އުޚްތުންނަށް އެހީތެރިވެވަޑައިގަތުމަށެވެ." "އަނިޔާވެރި ކާފަރުންގެ އަތްތަކުން ޝަހީދުވާން ފަލަސްޠީނުގެ ރައްޔިތުން އެކަނި ދޫކޮށްނުލައްވާށެވެ! އަޅުގަނޑުމެން އިސްލާމީ އުންމަތުގެ ފަރުދުން ވާންޖެހޭނީ ގުޅިފައިވާ އެއް ހަށިގަނޑެއް ފަދައިން އެއް ބަޔަކު އަނެއް ބައެއްގެ އެހީތެރިންކަމުގައެވެ." އޭނާ ވިދާޅުވެފައިވެއެވެ.

އިއްޔެ، ޑރ. ޙިނައިނީ ފޮނުއްވި ވީޑިއޯ މެސެޖްގައި "ދިވެހިރާއްޖޭގެ ލޮބުވެތި އަޚުން"ނާ މުޚާޠަބުކުރައްވައި އޭނާ ވިދާޅުވެފައިވެއެވެ.

މިވަގުތު ޓީވީއިން ތިޔަ ފެނިވަޑައިގަންނަވާ ފަދައިން ހައްދެއްނެތި، މަތީން ގެންދަނީ މިސައިލާއި ބޮމުގެ ޙަމަލާތައް އޮއްސަމުން"ނެވެ. "ހުރިހާ ދިމާއަކުން ފެންނަނީ ޝަހީދުންގެ ކަޅިވެފައިވާ ލެއެވެ. ދުޝްމަނުން ބޭނުންވަނީ މަސްޖިދުލްއަޤްޞާ ދިފާޢުކުރަމުން ގެންދާ، މި މަދު މީސްކޮޅު އެކީއެކަށް ޝަހީދުކޮށް ހުސްކޮށްލާށެވެ. އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ އެ ތަނަކަށް އިސްރާކުރައްވައި، އެ ތަނަކުން މިއުރާޖު އަރައިވަޑައިގަތް މަސްޖިދުލްއަޤްޞާ ރައްކާތެރިކޮށްދެއްވުން އެދި، އެންމެ މަތިވެރި ރަސްކަލާނގެ ﷲތަޢާލާގެ ޙަޟްރަތުގައި އަޅުގަނޑުމެން ދުޢާދަންނަވަމުއެވެ."

"ދިވެހިރާއްޖޭގެ ޚިދުމަތް ޖަމުޢިއްޔާ މެދުވެރިކުރައްވައި ފޮނުއްވި ފައިސާއަކީ މި ތާނގައި ތިބި އަޚުންނަށް ލިބޭ ވަރަށް ބޮޑު އެހީއަކަށާއި އެ މީހުން ބަރުދާސްތުކުރަމުންދާ ވޭންތަކަށް ލިބޭ ލުޔެއްކަމުގައި ވާނެކަން ތިބޭފުޅުންނަށް ޔަގީންކޮށްއރުވަމެވެ. ތިޔަބޭފުޅުން މީގެ ކުރީން ވެސް ފޮނުއްވި އެހީއިން ވަނީ މަންޒިލެއް، ގެއެއްދޮރެއް ނެތް މީހުންނަށް އެބައިމީހުން އުޅެވޭނެ ގޮތްތައް ހޯއްދަވައިދެއްވައިފައެވެ. މި ވަގުތު ލައްކަ އަކަށްވުރެއް ގިނަ މީހުންގެ ގެއަކީ ނުވަތަ ފުރާޅަކީ އުޑެވެ. އަދި ގޮދަޑިއަކީ ހިނގައިބިނގައިވެ އުޅޭ ބިމެވެ." އޭނާގެ ޚިޠާބު ކުރިއަށް ގެންދަވަމުން އަސަރާއެކު ވިދާޅުވެފައިވެއެވެ.

ދިވެހީންނާއި އަދި މުޅި އިސްލާމީ އުންމަތާ މުޚާޠަބުރައްވައި އޭނާ އިތުރަށް ވިދާޅުވެފައިވެއެވެ. "މި އަދު ތިޔަ ބޭފުޅުންގެ ވާޖިބަކީ މީގެ ކުރިން ވެސް ގެދޮރު ބިނާކުރުމުގައި އެހީވެވަޑައިގަތް ފަދައިން މިއަދު ޙާލުގަައި ޖެހިފައިވާ މީހުންނަށާއި، ކާބޯތަކެއްޗަށް މުހުތާދުވެފައިވާ މީހުންނަށާއި ފޭރާމަށް ބޭނުންވެފައިވާ މީހުންނަށް އެހީ ފޯރުކޮށްދެއްވުމެވެ. ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން ޔަހޫދީންވަނީ ފަލަސްޠީން ޙިޞާރުކޮށް، ކާބޯތަކެތި އެތެރެކުރުން މަނާކޮށް، ފެނާއި ކަރަންޓު ވެސް ކަނޑައިލައި ޣާއްޒާގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ވަރަށް ލާއިންސާނީ ދަތިޙާލު ޖައްސައި މުޅި އަވަށް އެއްކޮށް ޙިސާރުކޮށް ވަށައިލައި ބައްދައިލައި ބަންދުކޮށްފައެވެ. އަދި މި ހާލުގައި ރައްޔިތުން އުޅެމުން ގެންދަނިކޮށް ވެސް އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ އިސްރާއީލަށް ހަނގުރާމައިގެ ހަތިޔާރާއި ބޮންއަޅާނޭ ވަސީލަތްތަށް ފޯރުކޮށްދީފައެވެ."

"ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ލަސްނުކުރައްވާށެވެ! ހަމަކަށަވަރުން ﷲ ގަންދީ ދަންނަވަމެވެ. ތިޔަލޮބުވެތި ދިވެހީންނަކީ އަޅުގަނޑުމެންގެ ލޮބުވެތި އަޚުންނާއި އުޚްތުންނެވެ. އަދި އެހާމެ ހެޔޮ ރަނގަޅު އަޚުންނާއި އުޚްތުންނެވެ. އަޅުގަނޑުމެންނަށް އެހީ ފޯރުކޮށްދެއްވައިފައިވާ ރަނގަޅު ބަޔެކެވެ. މާތްﷲ ތިޔަ ބޭފުޅުންނަށް (އެ ކަންކަމުގެ) ހެޔޮޖަޒާ ދެއްވާށިއެވެ! ﷲ ސުބްޙާނަހޫ ވަޠަޢާލާ ތިޔަ ބޭފުޅުންނާއި، ތިޔަބޭފުޅުންގެ ޒުވާނުންނާއި ތުއްޕުޅު ބޭފުޅުންނާއި އަންހެނުންނާއި މުސްކުޅީން ރައްކާތެރި ކޮށްދެއްވާށިއެވެ!" "ތިޔަ ދެއްވި އެހީއަކީ މަސްޖިދުލްއަޤްޞާ ހިމާޔަތްކުރުމުގައި ވެދެއްވި އެހީތެރިކަމެއް ކަމުގައި ވާނެތެވެ."

ދެން ދައްކަވައިފައިވަނީ ވަނީ ވަރަށް ހިތްވަރުގަދަ ބަސްފުޅުތަކެކެވެ. "ދެންފަހެ، ޣައްޒާގެ އަހުލުވެރީން، އަލް-އަޤްޞާގެ ދިފާޢުގައި އެ މީހުންގެ ލެޔާއި ފުރާނައިން ޤުރުބާންވަމުން އެބަ ގެންދެއެވެ، އަލް-އަޤްޞާގެ ދިފާޢުގައްޔާއި އިސްލާމް ދީނުގެ ދިފާޢުގައެވެ." ދެން ދައްކަބައިފައިވަނީ ޝުކުރުވެރިކަމާއެކު ދައްކަވައިފައިވާ އުންމީދީ ޢަޒުމު ވަރުގަދަ ބަސްފުޅުތަކެކެވެ. ވިދާޅުވެފައިވެއެވެ. "ދެންފަހެ، ތިޔަ ލޮބުވެތި ދިވެހީންނަކީ މިކަމުގައި ނަޞްރުދޭ ބަޔެއްކަމުގެ އުފާވެރިކަން ހުއްޓެވެ! އަދި ތިޔަބޭފުޅުން އަލް-އަޤްޞާގެ ދިފާޢުގައި ބައިވެރިވެވަޑައިގެންފީމުއެވެ. ތިޔަ ދެއްވި އެހީއަށް ޝުކުރު އަދާކުރަމެވެ. އަދި މުސްތަޤުބަލުގައި ދެއްވާނޭ އެހީއަށްވެސް ޝުކުރު އަދާކުރަމެވެ. އަދި ޚިދުމަަތް ޖަމްޢިއްޔާއަށް ވެސް ޝުކުރު އަދާކުރަމެވެ. އެބައިމީހުންނަކީ މި ދަތި އުނދަގޫ ދަނޑިވަޅުގައި ވެސް، އަޅުގަނޑުމެންނާއި އެއްސަފެއްގައި ސާބިތުވެ ތިއްބެވި ބަޔެކެވެ. މާތްﷲ ތިޔަ އެންމެހާ ބޭފުޅުންނަށް ހެޔޮޖަޒާ ދެއްވާށިއެވެ!

ޚިޠާބު ނިންމަވައިލައްވައިފައިވަނީ އަންނަނިވި އަސަރުގަދަ އަޒުމު ވަރުގަދަ ޢިބާރާތްތަކުންނެވެ. "އަދި ﷲ އިރާދަފުޅުކުރެއްވިއްޔާ މިކަން ވާހުށީ ނަޞްރާއި ކާމިޔާބީއަކަށެވެ. އަދި ފަލަސްޠީނު މިނިވަންވުމަށް ލިބޭ ބާރުވެރިކަމަކަށެވެ. އަދި މި މާތް ބިން މާތްﷲ ޠާހިރު ކުރަށްވާނެތެވެ. އެއްވެސް ޔަހޫދީ އަދުއްވެއް މި ބިމުގައި ބާކީ ނުހުންނާނެ ދުވަސް އިރާދަކުރެއްވިއްޔާ އަންނާނެއެވެ. އޭރުން ޤުދުސް ވާހުށީ ފަލަސްޠީނުގެ ވެރިރަށްކަމުގައެވެ. އަދި ހުރިހައި މުސްލިމުންގެ ވެރިރަށް ކަމުގައެވެ. އަދި ތިޔަ ބޭފުޅުން އިރާދަކުރެއްވިއްޔާ ޤުދުސަށް ޒިޔާރަތްކުރައްވައި އަޅުގަނޑުމެންނާ އެކުގައި އަލް-އަޤްޞާގައި ނަމާދު ޤާއިމްކުރައްވާނެއެވެ. ޤުދުސް މިނިވަންވާ ޙާލުގައި އަދި ތަޢުހީދުގެ ދިދައިގެ ހިޔާވަހިކަމުގައެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ!"

_______________________________

ދެ ލަފުޒެއްގެ މާނަ

ވިރަވުން: ޚަބަރެއް ނުވަތަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ފަދަ އެއްޗެއް ޖާލުގެ ޒަރީއާއިން ހަލުވިކަމާއެކު ފެތުރިގެން ދިޔުން

ޖާލު:   ސާވަރުތަކަކުން ކޮންޕިޔުޓަރުތައް ގުޅުވައިދޭ ވިޔުގަ

Advertisement

ކޮމެންޓް
ސާމިޔާ ޢަލީ
އަސަރުގަދަ ތަގުރީރެއް. އޮރިޖިނަލް ސްޕީޗް ހިމަނައިލި ނަމަ................................
16 Oct 2023
.
ޖާލުގެ މާނަ އަކީ ކޮބާ
17 Oct 2023
އާމިނާ
إن شاء الله މުއުމިނުންނަށް ނަޞްރު ލިބުން ވަނީ ދާދި ގާތުގައި. يا رحمان يا رحيم، އަޅަމެންގެ ފައިތިލަތައް ސާބިތު ކުރައްވާ، ޢަޒުމު ވަރުގަދަ ކުރައްވާ، ހިތްތައް އީމާންތެރިކަމުން ފުރާލައްވާންދޭ!
19 Oct 2023