އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
16 އޯގަސްޓް 2026
އީރާނުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ގަލްފުގެ ވައިގެ ދަތުރުފަތުރުގެ ހަބެއްކަމަށްވާ ދުބާއީއަށް ދަތުރުކުރާ މީހުންގެ އަދަދު ދަށަށް ދިއުމާ ގުޅިގެން، ދުބާއީ ފަހަތަށް ޖައްސައިލުމަށް ފަހު މި އަހަރުގެ އެންމެ ކާރޫބާރޫ ބޮޑު ބައިނަލްއަގުވާމީ އެއަރުޕޯޓުގެ މަގާމު ދެކުނު ކޮރެއާގެ ސޯވްލް އިންޗިއޮން އެއާޕޯޓުން ހޯދުމަކީ އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން މެދުއިރުމައްޗަށް ކުރިމަތިވި އިގުތިސާދީ ހީނަރުކަން ހާމަވާ ކަމެކެއެވެ.
ދުނިޔޭގެ ދަތުރުފަތުރުގެ ހަބެއްކަމަށްވާ ދެކުނު ކޮރެއާގެ މި އެއަރުޕޯޓުން ހާމަކުރި ގޮތުގައި، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި 38.4 މިލިއަން ބައިނަލްއަގުވާމީ ފަސިންޖަރުންނަށް އެ އެއަރުޕޯޓުން ވަނީ ޚިދުމަތްދީފައެވެ. އެހެންކަމުން މިހާރު އިންޗިއޮން އެއަރުޕޯޓު މި ވަނީ ލަންޑަންގެ ހީތުރޯ އެއަރުޕޯޓާއި ސިންގަޕޫރުގެ ޗަންގީ އެއަރުޕޯޓަށް ވުރެ ވެސް ކުރިއަށް ޖެހިލައިފައެވެ. 2025ވަނަ އަހަރު، އިންޗިއޮން އެއަރުޕޯޓު އޮތީ ދުބާއީ އާއި ހީތުރޯގެ ފަހަތުން ތިންވަނައިގައެވެ. އޭގެ ފަހަތުގައި އޮތީ ޗަންގީ، އެމްސްޓަޑާމްގެ ޝިޕޯލާއި އިސްތަންބޫލްގެ އައިޖީއޭ އެއަރުޕޯޓެވެ.
ޖުމްލަގޮތެއްގައި ބަލާއިރު، އެމެރިކާގެ އެޓްލާންޓާ ހާޓްސްފީލްޑް-ޖެކްސަން އަކީ ދުނިޔޭގެ އެންމެ ކާރޫބާރު ބޮޑު އެއަރުޕޯޓެވެ. ނަމަވެސް އެ އެއަރުޕޯޓުން ގިނައިން ޚިދުމަތްދީފައިވަނީ އެތެރޭގެ އުދުހުންތަކުގެ ފަސިންޖަރުންނަށެވެ
އެއާޕޯޓްސް ކައުންސިލް އިންޓަނޭޝަނަލް (އޭސީއައި) އިން އާންމުކޮށް، އިންޗިއޮން އިން ބުރާސްފަތި ދުވަހު ނެރުނު ވަގުތީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދުބާއީއަށް ޒިޔާރަތްކުރި ފަތުރުވެރީންގެ އަދަދު ކުއްލިއަކަށް ދަށަށްދިއުމާ ގުޅިގެން ދުބާއީ ވަނީ ގަދަ 10އަށް ވެސް ލައްވައިނުލައިފައެވެ. އޭސީއައި އިން ބަޔާންކޮށްފައިވަނީ މި ތަފާސްހިސާބުތަކަކީ [އެންމެ ފަހުގެ ކަށަވަރުކުރުންތަކަށް ބޭނުންވާ] މައުލޫމާތުތަކެއްކަމަށާއި، ފުރިހަމަ ނިހާއީ މައުލޫމާތު އަންނަ މަހު ޝާއިޢުކުރާނެކަމަށެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު އީރާނާ ދެކޮޅަށް އެމެރިކާއިން އެއްވެސް ހައްގަކާ ނުލައި ހަނގުރާމަ ފެށި ދުވަސްކޮޅު ގަލްފުގެ ހުރިހައި އެއަރުޕޯޓުތައް ކަހަލަ ގޮތަކަށް ބަންދުކުރިއެވެ. އެމިރޭޓްސް އެއަރލައިނުން ދުވަސްކޮޅެއްގެ ތެރޭގައި އަލުން ދަތުރުތައް ފެށި ނަމަވެސް، އެ އެއަރުޕޯޓަށް އަންނަ އަދި އެއަރޕޯޓު މެދުވެރިކޮށް ދަތުރުކުރާ މީހުންގެ އަދަދު ހަނގުރާމައިގެ ކުރީން ހުރި މިންވަރާ ކައިރިއަކަށް ވެސް އަދި އިއާދައެއް ނުވެއެވެ.
އޭސީއައިގެ މައުލޫމާތުތަކުން ދައްކާ ގޮތުގައި ދުބާއީގެ ބައިނަލްއަގުވާމީ ފަސިންޖަރުންގެ އަދަދު ފެބްރުއަރީ މަހު 7.4 މިލިއަނުން ޢަދަދުކުރެވިފައި ވިޔަސް މާރިޗު މަހު އެ ޢަދަދު ވަނީ 2.5 މިލިއަނަށް ދަށަށް ގޮސްފައެވެ. ނަމަވެސް ޖޫން މަހު އެ އަދަދު ވަނީ 4.7 މިލިއަނަށް އުފުލިފައެވެ.
ވިލާތާއި އޭޝިއާގެ އެއަރލައިންތަކުން ފާހަގަކޮށްފައިވާ ގޮތުގައި، މެދުއިރުމަތީގައި މަޑުކުރުމުގެ ބަދަލުގައި އެ ދެ ސަރަހައްދުގެ މެދުގައި ސީދާ ދަތުރުކުރާ ފަސިންޖަރުންގެ އަދަދު ވަނީ އިތުރުވެފައެވެ. މި ބަދަލުގެ ފައިދާ އިންޗިއޮން އެއަރުޕޯޓަށް ލިބިފައިވާ އިރު، ކޮރެއާގެ ސަރަހައްދަށް ސީދާ ދަތުރުކުރުމަށް ފަހު އެހެން ސަރަހައްދުތަކަށް ބަދަލުވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.
އެއަރުޕޯޓުން ބަޔާންކޮށްފައިވާ ގޮތުގައި، ވިލާތުން އިންޗިއޮންއަށް ގޮސް އެހެން ފްލައިޓްތަކަށް ބަދަލުވާ މީހުންގެ އަދަދު، ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާ އިރު މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވަނީ ދެބައިކުޅަ އެއްބަޔަށް ވުރެ އިތުރުވެފައެވެ.
[އެމެރިކާ އާއި އީރާނުގެ ހަނގުރާމައިގެ ސަބަބުން ދުބާއީ ފަދަ މެދުއިރުމަތީގެ އެއަރުޕޯޓުތަކުން ފްލައިޓް ބަދަލުކުރުމުގެ ޚިދުމަތް ދަށްވުމާ ގުޅިގެން، ދުބާއީއަށް ބޭނުންވާ ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތައް (ދުބާއީއާއި ވިލާތާ ދެމެދު ކުރާ ދަތުރުތައް ހިމެނޭ ގޮތަށް) ވަނީ އިންޗިއޮން އެއަރުޕޯޓު މެދުވެރިކޮށް ސީދާ އަދި ގުޅުވައިދޭ ދަތުރުތަކަށް ބަދަލުވެފައެވެ.] އެއަރުޕޯޓުން ބަޔާންކޮށްފައި ވެއެވެ.
ދެކުނު ކޮރެއާއަށް ފަތުރުވެރީން ޒިޔާރަތްކުރާ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި ކުރިއެރުން އައިސްފައިވަނީ ޗައިނާއާއި ޖަޕާނުން އަންނަ ފަތުރުވެރީންގެ އަދަދު އިތުރުވުމާއި، "ކޭ-ޕޮޕް ޑީމަން ހަންޓާސް" ފިލްމު ފަދަ ސަގާފީ އުފެއްދުންތަކުގެ މަގުބޫލުކަމުގެ އިތުރަށް، އެ ގައުމުގެ ފަންނިއްޔާތާއި ރީތިވުމާ ގުޅުން ހުރި ސިނާއަތަށް އައި ކުރިއެރުމުގެ ސަބަބުންނެވެ. [ވާޖިން އެޓްލާންޓިކް]އިން ވެސް ވަނީ މި އަހަރު ހީތުރޯއިން އިންޗިއޮންއަށް ދަތުރުތައް ފަށައިފައެވެ.
2001ވަނަ އަހަރު ހުޅުވި މި އެއަރުޕޯޓަކީ، ފްލައިޓް ބަދަލުކުރާ ފަސިންޖަރުންނަށް ކަމުދާ ފަދަ އިތުރު ޚިދުމަތްތައް ފުޅާކޮށް ތަރައްގީކުރަމުން އަންނަ އެއަރުޕޯޓެކެވެ. އޭގެ ތެރޭގައި ގިމަތަތަކުގެ ތެރޭގައި ފެންވަރުމަތީ ހޮޓަލެއް ހުޅުވުމާއި 24 ގަޑި އިރު ހިދުމަތްދޭ ސައުނާއެއް ހިމެނެއެވެ. މީގެ އިތުރަށް، ހިލޭ ނިދައިލެވޭ ސަރަހައްދުތަކާއި، ދާރުލްއާސާރެއްގެ އިތުރަށް މަގުއޮޅޭ ދަތުރުވެރީންނަށް މަގުދައްކައިދޭ ރޮބޮޓުތައް ވެސް މި އެއަރުޕޯޓުގެ ގިމަތައިގައި ޚިދުމަތްދޭން ތިބެއެވެ.
މި މައުލޫމަތުގެ މައްޗަށް ބިނާކޮށް އެއްޗެއް ދަންނަވާ ނަމަ، އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ގެއްލުން ލިބުނީ ހަމައެކަނި އީރާނާއި އެމެރިކާއާއި އިސްރާއީލަކަށް ނޫނެވެ. މި ހަނގުރާމައަށް ހުތްފިތައި ހިތްވަރުދީ، ސިއްރުން އެހީތެރިވެ ދިން ގަލްފުގެ ގައުމުތަކަށް ލިބުނު މާއްދީ އަދި އިގުތިސާދީ ގެއްލުންތައް ވެސް ވަރަށް ބޮޑެވެ. އެހެންކަމުން މި ހަނގުރާމަ ހުއްޓުވާން މިހާރު ގަލްފުގ ގައުމުތަކުން ވެސް ބޭނުންވެއެވެ. ކޮންމެއަކަސް މި ހަނގުރާމައިގެ ސަބަބުން ދެކުނު ކޮރެއާއަށް ލިބުނު ޝުހުރަތާއި މަގުބޫލުކަމާއި އިގުތިޞާދީ ފައިދާ ވަރަށް ބޮޑެވެ.
މަރުޖާ
(https://www.ft.com/content/f3f3c945-6a75-4663-b8ec-d5251438c1c5?syn-25a6b1a6=1)