ad_banner
ފަރަގު މީހުން (13): ދިވެހިރާއްޖެ ފަޚުރުވެރިވުން ޙައްޤު ދަރިއެއް – ކަނބަލުން ނަމޫނާ ލިބިގަންނާން ޖެހޭ ޚާއްޞަ ޝަޚުޞިއްޔަތެއް.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

11 އޯގަސްޓް 2026

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައިއައިޔޫއެމް)އިން ދޭ ]އެލަމްނައި އައިކަން[ އެވޯޑް ޕްރޮފެސަރ ޑރ. އާއިޝަތު މުނީޒާއަށް ލިބިވަޑައިގަތުމަކީ އެއްވެސް މީހަކު ހައިރާންވާނެ ކަމެއް ނޫނެވެ. އެ ކަމަނާއަކީ ޢިލްމީ ގޮތުން ދިވެހިރާއްޖެ ފަޚުރުވެރިވުން ޙައްގު ދަރިއެކެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ޕްރޮފްސަރ ޑރ. ޢާއިޝަތު މުނީޒާ، އެ ކަމަނާގެ ފުރަތަމަ ޑިގުރީއާއި މާސްޓާރސް ޑިގުރީއާއި ޕީއެޗްޑީ ވެސް ފުރިހަމަކުރެއްވީ މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިންނެވެ.

ޕްރޮފްސަރ ޑރ. ޢާއިޝަތު މުނިޒާއަކީ، ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނާއިބުކަމާއި މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޓްރެޜަރީގެ ނާއިބުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. މީގެ އިތުރަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ހެޑް އޮފް އިސްލާމިކް ފައިނޭންސްގެ މަގާމު ވެސް ފުރުއްވައިފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ.

ޕްރޮފެސަރ މުނީޒާއަކީ އިސްލާމީ ފިގުހު އެކަޑަމީ (ރާއްޖޭގެ ފަތުވާ މަޖިލިސް)ގެ މެންބަރުކަމާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހައްޖު ފަންޑުގެ ފުރަތަމަ ޗެއަރޕާސަންކަމުގެ އިތުރަށް، މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސް ލިމިޓެޑްގެ ޗެއަރޕާރސަންކަން ވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. މޯލްޑިވްސް ސެންޓަރ ފޮރ އިސްލާމިކް ފައިނޭންސްއަކީ ރާއްޖެއަކީ ދެކުނު އޭޝިއާގެ އިސްލާމީ މާލީ ނިޒާމުގެ މަރުކަޒަކަށް ހެދުމަށް ޓަކައި ދިވެހި ސަރުކާރުން އުފެއްދެވި ކުންފުންޏެކެވެ. މީގެ އިތުރަށް، ރާއްޖޭގެ ފުރަތަމަ އިސްލާމީ މައިކްރޯ ފައިނޭންސް މަޝްރޫޢު އެކުލަވައިލުމުގައި އިސްލާމީ މާލީ ނިޒާމުގެ ކޮންސަލްޓަންޓެއްގެ ގޮތުން އެ ކަމަނާ ވަނީ މުހިންމު މުހިންމު މަސައްކަތްޕުޅުތަކެއްކުރައްވައިފައެވެ.

އަދި ރާއްޖޭގައި މިހައިތަނަށް ދޫކޮށްފައިވާ ހުރިހައި ވިޔަފާރި ސުކޫކުތަކާއި، އިސްލާމީ ޓްރެޜަރީ އިންސްޓްރޫމަންޓްތަކުގެ ޝަރީޢާ އެޑްވައިޒަރުކަންކުރެއްވީ ވެސް ޕްރޮފެސަރ މުނީޒާއެވެ. ރާއްޖޭގެ އިސްލާމީ ކެޕިޓަލް މާކެޓްގެ ގާނޫނީ އޮނިގަނޑު އެކުލަވައިލުމުގައި ވެސް ކޮންސަލްޓަންޓެއްގެ ގޮތުން އެ ކަމަނާ މަސައްކަތްޕުޅުކުރެއްވިއެވެ. 2013ވަނަ އަހަރުން ފެށިގެން އެ ކަމަނާއަކީ ސީ.އެމް.ޑީ.އޭ.ގައި ރަޖިސްޓަރީކުރެވިފައިވާ، އިސްލާމީ ކެޕިޓަލް މާކިޓްގެ އުފެއްދުންތައް ފަރުމާކުރުމުގެ ދާއިރާގެ ޚާއްޞަ ޝަރީޢާ އެޑްވައިޒަރެކެވެ. މީގެ އިތުރަށް އެ ކަމަނާއަކީ މެލޭޝިޔާގެ ސެކިއުރިޓީޒް ކޮމިޝަންގެ ރަޖިސްޓަރޑް ޝަރީޢާ އެޑްވައިޒަރެއް ވެސް މެއެވެ.

2011އިން 2022 އަށް ސީއެމްޑީއޭ.ގެ ޝަރީޢާ އެޑްވައިޒަރީ ކައުންސިލްގެ ރިޔާސަތު ބެލެހެއްޓެވީ ޕްރޮފެސަރ މުނީޒާއެވެ. މިހާރު ވެސް އެކަމަނާ ގެންދަވަނީ ތަފާތު އެކި މުއައްސަސާތަކުގެ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީތަކުގެ މުގައްރިރުކަން ކުރައްވަމުންނެވެ. އަދި މެލޭޝިޔާގެ [ސީ.އައި.އެމް.ބީ. އިސްލާމިކް]އާއި އޭއޯއައިއެފްއައިގެ ޕަބްލިކް އިންޓަރެސްޓް މޮނިޓަރިންގ ކޮންސަލްޓޭޓިވް ކޮމިޓީގެ މެންބަރުކަންކުރައްވައެވެ.

ޕްރޮފެސަރ މުނީޒާ، މިހާރު މަސައްކަތްޕުޅުކުރައްވަމުން ގެންދަވަނީ، މެލޭޝިޔާގެ އިންސީފް ޔުނިވަރސިޓީގެ ޕްރޮފެސަރެއްގެ ގޮތުންނެވެ. މީގެ އިތުރަށް އެ ކަމަނާއަކީ އެ ޔުނިވަރސިޓީގެ [އެސޯސިއޭޓް ޑީން ފޮރ ސްޓޫޑެންޓްސް އެންޑް އިންޓަނޭޝަނަލައިޒޭޝަން]އެވެ.

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން ދޭ އެލަމްނައި އައިކަން އެވޯޑަކީ، ލާމަސީލު ކާމިޔާބީތަކާއި، ފާހަގަކޮށްލެވޭ ފަދަ ލީޑަރޝިޕްގެ ހުނަރާއި، މުޖުތަމައަށާއި އަމިއްލަ ދާއިރާއަށް އަދި ޔުނިވަރސިޓީއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައިވާ، ފާހަގަކޮށްލެވޭ ދަސްވެނީންނަށް ދެވޭ ވަރަށް ޝަރަފުވެރި އެވޯޑެކެވެ.

މި އެވޯޑުގެ މައިގަނޑު މަގުސަދަކީ ވަޒީފާގެ ދާއިރާއިން ހޯދައިފައިވާ އާދަޔާޚިލާފު ކާމިޔާބީތަކާއި، މުޖުތަމައަށް ކޮށްދީފައިވާ އިޖުތިމާއީ ޚިދުމަތްތަކުގެ ޒަރީއާއިން، ޔުނިވަރސިޓީއަށް ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ރީތި ނަން ހޯދައިދޭ ދަސްވެނީންގެ އަގު ވަޒަންކުރުމެވެ.

ޕްރޮފްސަރ، މުނީޒާ، ޕީއެޗްޑީ ހެއްދެވީ، މެލޭޝިޔާގެ އިސްލާމީ ބޭންކިންގ ނިޒާމަށް ކުރިމަތިވާ ގާނޫނީ ފުށުއެރުންތަކުގެ މައްޗަށެވެ. ބެޗްލާސް ޑިގްރީއާއި މާސްޓަރސް ޑިގްރީ ހެއްދެވި ޤާނޫނީ ދާއިރާއިންނެވެ.
ޕްރޮފްސަރ ދރ. މުނީޒާއަށް ]އެލަމްނައި އައިކަން[ އެވޯޑް ލިބިވަޑައިގަތުމުން، އެ ކަމަނާއަށް މަރުހަބާވިދާޅުވެ، އިންސީފް  ޔުނިވަރސިޓީއިން ބަޔާންކޮށްފައިވަނީ، އެ ކަމަނާއަށް އެރުވުނު ފަޚުރުވެރި އެ އެވޯޑަކީ، އިލްމީ ދާއިރާއާއި، އާންމު ޚިދުމަތުގެ އިތުރަށް ދުނިޔޭގެ އިސްލާމީ މާލީ ނިޒާމު ކުރިއެރުވުމަށް ޓަކައި އެ ކަމަނާ ކުރައްވަމުންގެންދަވާ އަގުނުކުރެވޭ ފަދަ ޚިދުމަތްތަކާއި ޙިކުމަތްތެރި އިސްވާރުކަމާއި މެދުނުކެނޑި ދެއްވަމުންގެންދަވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ކަމަނާއަށް އެރުވުނު އެވޯޑެއްކަމަށެވެ.

ޕްރޮސަރ ޑރ. މުނީޒާ، މިހާތަނަށް 10 ފޮތެއް ލިޔުއްވައިފައިވެއެވެ. މި ހުރިހައި ފޮތެއް ވެސް މައިގަނޑު ގޮތެއްގައި ބިނާކުރައްވައިފައިވަނީ އިސްލާމީ މާލީ ނިޒާމާ ގުޅޭ ގޮތުންނެވެ.

]އެލަމްނައި އައިކަން[ އެވޯޑް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދަށް 2022ވަނަ އަހަރު ވަނީ ލިބިވަޑައިގެންފައެވެ.

ކޮމެންޓު
ކޮމެންޓުތައް
ޙަސަނާތު ތަރި
12 އޯގަސްޓް 2026 20:11
މި ޚަބަރުގެ ފޮޓޯގައި މިވަނީ ކޮން ބޭފުޅެއްތޯ؟