ad_banner
ފަރަގު މީހުން (12): އިންސާނީ ޙައްޤުތަކުގެ ދިފާޢުގައި ވަރުގަދަ އަޑެއް

އަބާ މުޙަންމަދު

9 މޭ 2026

މިއަދު [ފަރަގު މީހުން] ކޮލަމުގައި ބަލައިލާނީ ބައިނަލްއަގުވާމީ ޝަޚުޞިއްޔަތެއްގެ މައްޗަށެވެ. އެއީ އެމެރިކާއާއި އިސްރާއީލުގެ ފިއްތުންތަކާ އެކު ވެސް އިންސާފާއި ހައްގަށް ވާކާލާތުކުރެއްވުމުގައި ސާބިތު ޝަޚުޞިއްޔަތެކެވެ. އެއީ އިޓަލީވިލާތުގެ ފްރާންސެސްކާ އަލްބަނީޒެވެ. މި އަދު މި ބަލައިލަނީ އޭނާގެ މަތިވެރި ޚިދުމަތާއި އުނދަގޫ މަގާމުގެ މައްޗަށެވެ.

އިޓަލީވިލާތައް އުފަން ފްރާންސެސްކާ އަލްބަނީޒަކީ ބައިނަލްއަޤްވާމީ ޤާނޫނީ މާހިރެއްގެ ގޮތުންނާއި، އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރައްވާ ވަކީލެއްގެ ގޮތުން މުޅި ދުނިޔޭގެ ސަމާލުކަން ހޯއްދަވައިފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް، ފަލަސްޠީނުގެ މައްސަލައިގައި އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަކީ މިއަދު މުޅި ދުނިޔޭގައި އިންސާފަށް ލޯބިކުރާ އެންމެން ތައުރީފުކުރާ އަދި އެ މަސައްކަތްތަކާ މެދު ދުނިޔޭގެ ފެންވަރުގައި ބޮޑެތި ބަހުސުތައް ހިނގާ ވެފައިވާ މަސައްކަތްޕުޅުތަކެކެވެ. އޭނާއާ ދެކޮޅަށް ވާހަކަދައްކާ ހަމައެކަނިދެ ގައުމަކީ ދުނިޔޭގައި ހަމައެއްލަމައެއް ނެތް ބޭއިންސާފު ދެ ކިޔާނުކަމަށްވާ އެމެރިކާއާއި އިޒުރޭލެވެ.

ފްރަންސެސްކާ އަލްބަނީޒް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1977 މާރިޗު 30ގައި އިޓަލީވިލާތުގެ އަރިއާނޯ އިރުޕީނޯގައެވެ. އޭނާގެ ތަޢުލީމީ ހަޔާތް ބިނާކުރެއްވީ ޤާނޫނީ ދާއިރާއިންނެވެ. އޭނާ ވަނީ، އިޓަލީގެ ޔުނިވަރސިޓީ އޮފް ޕީސާއިން ޤާނޫނީ ދާއިރާގެ ފުރަތަމަ ޑިގްރީ ހާސިލުކުރެއްވުމަށް ފަހު، ލަންޑަންގެ އެސް.އޯ.އޭ.އެސް ޔުނިވަރސިޓީން އިންސާނީ ޙައްޤުތަކުގެ ދާއިރާއިން މާސްޓާޒް ޑިގްރީ ހާސިލުކުރައްވައިފައެވެ.

އޭނާ މެސިމިލާނޯ ކެލީއާ ކާވެނިފުޅުބައްލަވައިގެން ދެ ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ.

އަލްބަނީޒްގެ ވަޒީފާއަކީ އދ.ގެ ވަޒީފާއެއް ނަމަވެސް އެއީ ޢިލްމީ ވަޒީފާއެކެވެ. އާދޭހެވެ! އދ.ގެ ޚާއްޞަ ރެޕަޓުއަރއެކެވެ. އޭނާގެ ޢިލްމީ މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ ގޮތުން ލިޔުއްވައިފައިވާ ފޮތްތަކާއި ދިރާސާތަކެވެ.

1967އިން ފެށިގެން އިސްރާއީލުން ހިފައިފައިވާ ފަލަސްޠީނުގެ ބިންތަކުގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ބަލައި ރިޕޯޓުކުރާ، އދ. ގެ ޚާއްޞަ ރެޕަޓުއަރގެ މަޤާމަށް 2022ވަނަ އަހަރު މޭމަހު އަލްބަނީޒް އައްޔަންކުރެވުނެވެ. މިއީ އަންހެން ބޭފުޅަކު މި މަޤާމަށް އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ. އޭނާގެ މަސައްކަތްޕުޅަކީ ފަލަސްޠީނުގައި ހިނގަމުންދާ އިންސާނީ ޙައްޤުތަކާ ޚިލާފު އަމަލުތައް ބައްލަވައި ދިރާސާކުރައްވައި، އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހަށް ރިޕޯޓު ހުށަހެޅުމެވެ.

އަލްބަނީޒްގެ ރިޕޯޓުތަކަކީ ފަލަސްޠީނުގެ ޙާލަތު، ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އަލީގައި ވަރަށް ތަފުޞީލުކޮށް ބަޔާންކޮށްދޭ ރިޕޯޓުތަކެކެވެ. މި ފަދަ ވަރަށް ގިނަ ރިޕޯޓުތައް އޭނާ ވަނީ ތައްޔާރުކުރައްވައި މަޖިލީހަށް ހުށަހަޅުއްވައިފައެވެ. އޭގެ ތެރެއިން އެންމެ މުހިންމު ބައެއް ރިޕޯޓުތަކަކީ:

1.    "އެނަޓޮމީ އޮފް އަ ޖެނޮސައިޑް" (2024): މި ރިޕޯޓުގައި އޭނާ ވަނީ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަމަލުތަކަކީ ނަސްލުހޭދު (Genocide)ގެ އަމަލުތަކެއްކަމަށް ބަޔާންކުރައްވައި އެ ކަން ސާބިތުކޮށްދެއްވައިފައެވެ.

2.    ނަސްލީ ތަފާތުކުރުންތަކާއި އިސްތިއުމާރު: އިސްރާއީލުގެ އިސްތިއުމާރީ ސިޔާސަތުތަކަކީ ނަސްލީ ތަފާތުކުރުމުގެ ސިފަތައް އެކުލެވިގެންވާ ސިޔާސަތުތަކެއްކަމަށް އޭނާ ތަކުރާރުކޮށް ބަޔާންކުރައްވައިފައިވެއެވެ.

3.    ކުޑަކުދިންގެ ޙައްޤުތައް: ފަލަސްޠީނުގެ ކުޑަކުދީންނަށް ކުރިމަތިވަމުންދާ އަނިޔާތަކާއި، އެ ކުދިންގެ ކިޔެވުމާއި ދިރިއުޅުމުގެ ޙައްޤުތައް ނިގުޅައިގަނެވިފައިވާ މިންވަރު އޭނާ ވަނީ ހާމަކޮށްދެއްވައިފައެވެ.

އަލްބަނީޒްގެ ހިތްވަރުފުޅުގަދަ ޢަމަލުފުޅުތަކާއި ބަސްމަގާއި، އިސްރާއީލުގެ އަމަލުތަކަށް ވިދާޅުވާ ފާޑުވިދާޅުވުންތަކުގެ ސަބަބުން އޭނާއަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. އިސްރާއީލާއި އެމެރިކާ ފަދަ ޤައުމުތަކުން އޭނާގެ އިސްތަށިފުޅުގައި [ޔަހޫދީންނާ ދެކޮޅު] ބޭފުޅެއްކަމުގެ ތުހުމަތުއަޅުވައި، އޭނާ މަޤާމުން ވަކިކުރާން ބާރުއަޅާން ފެށިއެވެ. 2025ވަނަ އަހަރު ފަހުކޮޅު، އެމެރިކާއިން އޭނާއާ ދެކޮޅަށް ފިޔަވަޅުއަޅައި، ބައެއް ޔުނިވަރސިޓީތަކާ އެކު އޮތް ގުޅުންތައް ކަނޑައިލާން މަޖުބޫރުކުރުވިއެވެ. މީގެ އިތުރަށް، އޭނާއާއި އޭނާގެ އާއިލާއަށް މަރުގެ އިންޒާރުތައް ލިބިވަޑައިގަންނަވާކަމަށް ވެސް އޭނާ ވަނީ ހާމަކުރައްވައިފައެވެ.

މި ހުރަސްތަކާއި ދަތި އުނދަގޫތަކާ އެކު ވެސް، ދުނިޔޭގެ ގިނަ ޤައުމުތަކަކާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމުޢިއްޔާތަކުން ގެންދަނީ އޭނާއަށް ތަޢުރީފާ އެކު، ތާއީދުކުރަމުންނެވެ. 2026ވަނަ އަހަރު، ސުޕޭނުގެ ސަރުކާރުން ވަނީ އޭނާގެ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެ ޤައުމުގެ އެންމެ މަތީ އެއް ޝަރަފުކަމަށްވާ [އޯޑަރ އޮފް ސިވިލް މެރިޓް] (އޯސީއެމް)ގެ ޝަރަފު އޭނާއަށް އަރުވައިފައެވެ. ސުޕޭނުގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ސިފަކުރެއްވި ގޮތުގައި އަލްބަނީޒަކީ [ދުނިޔޭގެ ފިކުރު] ދަމަހައްޓައިދޭ އަޑެވެ.

މި މަގާމުގައި ފާހަގަކޮށްލާންޖެހޭ މުހިންމު ނުކުތާއަކީ އޭނާއަށް އިސްޕޭނުގެ އެންމެ މަތީ ޝަރަފު ލިބިވަޑައިގަތްކަމެއް ނޫނެވެ. ޔޫރަޕުގެ ގައުމެއްގެ ރައްވެއްސަކު ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރާކަމާއި، އަދި އިސްރާއީލުގެ ޢަމަލުތައްކުށްވެރިކޮށް އަޑުއުފުއްލައިފައިވާތީ ހަމަ ޔޫރަޕުގެ ގައުމަކުން އެ ކަން ބަލައިގަތްކަމެވ. މި ކަމުން ދޭހަވަނީ މިއަދު ދުނިޔެ ދެކޭ ގޮތް ބަދަލުވެފައިވާ މިންވަރެވެ. އަދި އިޒުރޭލުގެ އަނިޔާވެރިކަމާއި ނުބައި ނުލަފާކަން ޚުދު ވިލާތުގެ ގައުމުތަކުން ވެސް ގަބޫލުކުރާކަމެވެ. މިއީ ދުނިޔޭގެ ސިޔާސަތުތަކަށް އަންނަމުންދާ ބަދަލުތައް ވަރަށް ސާފުކޮށް ފެންނަ ކަމެކެވެ.

އާދޭހެވެ! ފްރަންސެސްކާ އަލްބަނީޒަކީ ހަމައެކަނި އދ.ގެ މުވައްޒަފެއް ނޫނެވެ. އޭނާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ހުރުމަތް ދެމެހެއްޓުމަށާއި، އަނިޔާ ލިބެމުންދާ މީހުންގެ ޙައްޤުގައި އެއްވެސް ބިރުފުޅެއް ނެތި އަޑުފުޅު އުފުއްލެވުމުގެ ވަރަށް ފުރިހަމަ ނަމޫނާއެކެވެ. މުރާލިފުޅު ޤާނޫނީ ވަކީލެކެވެ. އޭނާގެ މަސައްކަތްޕުޅުގެ ސަބަބުން ދުނިޔެއަށް އަންނަނީ ފަލަސްޠީނުގެ ހަގީގީ ހާލަތާއި އިސްރާއީލުގެ ޙަޤީޤީ ސޫރަ ފެންނަމުންނެވެ.

ކޮމެންޓު