ad_banner
"ފަރަގު" މީހުން (9): އައްޝައިޚު އިމްތިޠާއު ޢައްބާސް

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

22 ޖަނަވަރީ 2026

އައްޝައިޚު މުޙަންމަދި އިމްތިޠާއު ޢައްބާސް: ޒަކާތު ހައުސްގެ މިހާރުގެ ޑިރެކްޓަރ-ޖެނެރަލް

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން މި ދިޔަ އަހަރު އެންމެ ފަހުން ފާސްކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައިވާ ޤާނޫނަކީ، ޤާނޫނު ނަންބަރު 2025/27 (ޒަކާތުގެ ޤާނޫނު)އެވެ. މި ޤާނޫނުގެ 13ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޑިރެކުޓަރު ޖެނެރަލްގެ މަޤާމަށް ޢައްޔަނުކުރައްވައިފައިވަނީ އައްޝައިޚު އިމްތިޠާއު ޢައްބާސެވެ. މި މަގާމަށް މީހަކު ޢައްޔަނުކުރަނީ މި ކަމަށް އެދި ކުރިމަތިލާން ޢަންމުކޮށް އިޢުލާނުކުރުމުން އެ ކަމަށް އެދި ކުރިމަތިލާ މީހުންނާ އެ ކަމަށް ޚާއްޞަކުރެވިފައިވާ އިންޓަރވިއު ޕެނެލަކުން ބަސްދީގަތުން ބާއްވައި އެ ކަމަށް އެންމެ އެކަށީގެންވާކަމަށް ކައުންސިލަށް ފެންނަ މީހެކެވެ.

އައްޝައިޚު އިމްތިޠާއު ޢައްބާސް މި މަގާމަށް ޒަކާތު ކައުންސިލުން ހަމަޖެއްސެވީ އެ މަގާމަށް އެދި ކުރިމަތިލުމަށް އިޢުލާނުކުރުމުން ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން އޭނާއަކީ ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަވާ އަދި އެ ކަމަށް ވަރަށް ޤާބިލު ތަޖުރިބާކާރު ކަށަވެތި ބޭފުޅަކަށްވާތީއެވެ.

ނ. ހޮޅުދޫ ބައްޕައަކާއި ޅ. ނައިފަރު މަންމައަކަށް، ފާދިއްޕޮޅު ނައިފަރުގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް އިމްތިޠާއު، އިބްތިދާއީ ތަޢުލީމު ޙާޞިލުކުރެއްވީ ހޮޅުދޫ މޭނާ ސުކޫލުންނާއި ނައިފަރު މަދްރަސަތުލްއިފުތިތާޙުންނެވެ. ސާނާވީ ތަޢުލީމު ފުރިހަމަކުރެއްވީ މާލޭ ދަރުމަވަންތަ ސުކޫލުންނެވެ. އަދި މަތީސާނަވީ ތަޢުލީމު ފުރިހަމަކުރެއްވީ ސެންޓަރ ފޮރ ހަޔަރ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ)އިންނެވެ.

ޢިލްމުވެރި އަދި ތަޢުލީމީ ސަގާފަތެއްގެ ތެރެއިން ޅަފަތުގެ ތަރުބިޔަތު ލިބިވަޑައިގައތ އިމްތިޠާއު މަތީތަޢުލީމުގެ ފުރަތަމަ ޑިގްރީ ޙާޞިލުކުރެއްވީ މަދީނާގެ އިސްލާމީ ޔުނިވަރުސިޓީއިން ޢިލްމުލްޙަދީޘާއި އިސްލާމިކް ސްޓަޑީޒްގެ ދާއިރާއިންނެވެ. ޝައިޚަކީ އޭގެ ފަހުން ޖުޑިޝަލް ސަރވިސަސް އެންޑް ޝާރީޢާ ޕޮލިސީގެ ދާއިރާއިން މާސްޓަރސް ޑިގްރީ ވެސް ޙާޞިލުކުރައްވައިފައިވާ ޢިލްމުވެރިއެކެވެ. މިހާރު ގެންދަވަނީ އިސްލާމިކް ޖުޑީޝަލް ސައެންސަސް އެންޑް ޝަރީޢާ ޕޮލިސީގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ (ޕީއެޗްޑީ) ޙާޞިލުކުރެއްވުމަށް ޓަކައި ކިޔަވައިވިދާޅުވަމުންނެވެ.

 ޒަކާތުގެ ޤާނޫނުގެ ދަށުން ފުރަތަމަ އުފެދުނު "ޒަކާތު ކައުންސިލު"ގެ ފުރަތަމަ ޖަލްސާ: ޑިރެކްޓަރ-ޖެނެރަލްކަމަށް ޝައިޚު އިމްތިޠާޢު ހަމަޖެއްސެވީ މި ޖަލްސާގައެވެ.

ޝައިޚު އިމްތިޠާޢަކީ ޢަރަބިބަހަށާއި އިނގިރޭސިބަހަށާއި ދިވެހިބަހަށް ވެސް ކުޅަދާނަފުޅު ފާގަތި ބޭފުޅެކެވެ. މީގެ އިތުރަށް ޝައިޚަކީ ފަލަކީ ޢިމްލަށް ވެސް ލޯފުޅު ހުޅުއްވިފައިވާ ޢިލްމުވެރިއެކެވެ.

ޒަކާތާ ބެހޭ ޤާނޫނުގެ ދަށުން ޒަކާތު ހައުސްގެ ފުރަތަމަ ޑިރެކްޓަރ-ޖެނެރަލްގެ މަގާމަށް އިމްތިޠާއު ހަމަޖެހުނުކަމަށް ވިޔަސް އޭގެ ކުރީން ވެސް ޝައިޚަކީ، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފައްދަވައިފައިވާ ޒަކާތު ހައުސްގެ ޝަރީޢާ ކައުންސިލުގެ ވައިސް ޗެއަރޕާރސަނެވެ.

ޒަކާތު ހައުސް ޑިރެކްޓަރ-ޖެނެރަލްގެ މަޤާމަށް އިމްތިޠާއު ހަމަޖައްސަވަންދެން އެ މަނިކުފާނު ހުންނެވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނާއިބުގެ މަގާމުގައެވެ. އޭގެ ކުރީން ހަމަ އެ ވުޒާރާގެ ސީނިއަރ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަޤާމާއި ހެޑް އޮފް އިންޓަރނޭޝަނަލް އެފެއަރޒް ފަދަ އިސް މަގާމުތައް އެ މަނިކުފާނުވަނީ އަދާކުރައްވައިފައެވެ. އަދި މަޝްވަރާ ދެއްވުމުގެ ގިނަ ކޮމިޓީތަކެއްގައި އެ މަނިކުފާނު ވަނީ ޚިދުމަތްކުރައްވައިފައެވެ.

ސުކޫލު ދައުރުގައި ވެސް ޝައިޚު އިމްތިޠާޢު ފާހަގަކުރެވިފައިވަނީ ޢިލްމާއި އަދަބީ ކަންކަމަށާއި ހުނަރުތަކަށް ލޯބިކުރެއްވި ތޫނުފިލި ކުއްޖެއްގެ ގޮތުގައެވެ. އެހެންކަމުން ވަޒީފާގެ މާޙައުލުގައި އެ މަނިކުފާނު ގެންދަވަނީ އެ ގާބިލުކަމާއި އިޚުލާޞްތެރިކަމާއި ކަށަވެތިކަން ދައްކަވަމުންނެވެ.

ފަރަގު އުންމީދުކުރަނީ، ޝައިޚު އިމްތިޠާއު ޢައްބާސްގެ ރިއާސަތުގައި ޒަކާތު ހައުސް، އާ މޭލުގާތަކެއް ޙާޞިލުކުރާނެކަމަށެވެ. މުއައްސަސާ ހިންގެވުމުގައި ފަރަގު ދައްކަވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދި ޒަކާތު ހައުސް ޤާނޫނީ ބާރުލިބި ޤާނޫނީ މުއައްސަސާއަކަށް ވުމުގެ ކުރީން ޒަކާތުހައުސްގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވީ ޝައިޚު ޢިއްޒުއްދީނު ޢަދުނާނެވެ. މިހާރު އެ މަނިކުފާނަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވާޢިޡެކެވެ.

ފަރަގުގެ އިޚުލާޞްތެރި ދުޢާއަކީ ޝައިޚު އިމްތިޠާއު ޢައްބާސްގެ ޤާބިލު ޤިޔާދަތުގައި ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާވެ، ދިވެހިރާއްޖެއިން ފަގީރުކަން ނައްތައިލެވި، ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރުގައިވާ ފަދައިން 2040 އަންނަ އިރު ދިވެހިރާއްޖެއަކީ ތަރައްގީވެފައިވާ ގައުމުތަކު ލިސްޓުން ޖާގަލިބޭ ގައުމެއްކަމުގައި މާތް ﷲ މިންވަރުކުރެއްވުމެވެ. "ފަރަގު" އެދެނީ ޝައިޚަށް ހުރިހައި ވެސް ކާމިޔާބީއެކެވެ. އަދި ޒަކާތުގެ ނިޒާމަށް ހަލި ތަރައްގީއެކެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހަލި       ނއ.   (1) އަވަސް. (2) ހަލުވި. swift/rapid/quick/prompt/fast  (3) ފަސޭހަ.  easy

ރިޔާސަތު    ނ.    ވެރިކަން.  presidency/ leadership

ކަށަވެތި     ނއ.   (1) ޒިންމާދާރުކަމާއި ޝައުގުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަ ހުރި.  committed (2) ކަށަވަރު

ކާމިޔާބީ     ނ.    (1) މޮޅުވާ ވުން. (2) ފަތަހަ ލިބޭ ލިބުން. (3) ނަޞްރު ލިބޭ ލިބުން.  victory

މުއައްސަސާ   ނ.    އާންމު ޚިދުމަތެއް ދިނުމަށް ޓަކައި ނުވަތަ ވަކި މަގުސަދަކަށް ޓަކައި ގާއިމުކޮށްފައި ހުންނަ އިދާރާ.  institution

މޭލުގާ      ނ.    ކަމެއްގެ ތާރީޚުގައި ނުވަތަ މީހެއްގެ ހަޔާތުގައި ހިނގައިފައިވާ މުހިންމު ހާދިސާއެއް.  milestone

ފަލަކީ ޢިލްމު  ނ.    ކައުނުގައިވާ ތަރިތަކާއި ގުރަހަތައް ފަދަ ޖިސްމުތަކުގެ ބޮޑުމިނާއި ދުރުމިނާއި ޙަރަކާތާއި ދައުރުކުރާ ގޮތާއި އެ އެއްޗެހީގެ މާއްދީ އަދި ކީމީ ސިފަތައް ދިރާސާކުރުމުގެ ޢިލްމު. astronomy

ތޫނުފިލި     ނއ.   (1) ވިސްނުންތޫނު ނުވަތަ ހިތްއަލި. intelligent (2) ކަޅިރަވައާއި މޫނުމަތި ރީތި. (3) މީހުންގެ ހިތްދަމައިގަތުމުގެ ބާރާއި ޖެހިލުންވާ ގޮތް މޫނުމަތީގައި ހުރި.

ޤިޔާދަތު     ނ.    ލީޑަރޝިޕު. leadership

ކޮމެންޓު