ޙުސައިން ޞަލާޙު ޔޫސުފު
11 އޮކްޓޯބަރު 2025
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (ފަރަގު މީހާ)
ހުރިހައި ދާއިރާއަކުން ވެސް އިޖުތިމާޢީ ހެޔޮ ފަރަގެއް ގެނައުމުގެ މަގުސަދުގައި [ފަރަގު] ކުޑައިގެ ދަށުން ހިންގަމުން ގެންދާ [ފަރަގު] ނޫހަށް މިއަދު މި ފުރުނީ ދެ އަހަރެވެ. މިއަދު ފަރަގު ނޫސް ވެފައި ވަނީ މި ދިވެހި މުޖުތަމަޢަށް ބޭނުންވާނޭ އެކި ބާވަތްތަކުގެ މަޢުލޫމާތު ފޯރުކޮށްދޭ ވަސީލަތަކަށެވެ. [ފަރަގު]ގެ ހަޔާތުން މި ވޭތުވީ އަދި އެންމެ ދެ އަހަރުކަމުގައި ވިޔަސް މިއަދު ފަރަގު ނޫސް ހިމެނިފައި ވަނީ ކިޔުންތެރިންގެ ތަރުހީބު ލިބިފައިވާ ނޫހަކަށެވެ. ހަމަ އެހެންމެ މި ނޫހުގައި ޝާޢިއުކުރެވޭ އެކިއެކި ޢިލްމީ ލިޔުންތަކުގެ ސަބަބުން މިއަދު މި ނޫސްވެފައި ވަނީ ސުކޫލުތަކާއި ކޮލެޖު ޔުނިވަސިޓީތަކުގެ ދަރިވަރުންގެ ވެސް މަޢުލޫމާތުގެ ބައިވެރިއަކަށެވެ. އިޖުތިމާޢީ ރިވެތި އުސޫލުތައް ހަނދާންކޮށްދޭ މުޖުތަމަޢުގެ މުރުޝިދަކަށެވެ. ރާއްޖެއާއި ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި ހިނގަމުންދާ އެތައް ކަންތައްތަކެއްގެ މަޢުލޫމާތާއި ތާރީޚުގައި ހިނގައިފައިވާ މުހިންމު ކަންތައްތައް ވެސް ކިޔުންތެރިންނާ ހަމައަށް ގެނެސްދޭ ސަވާރީއަކަށެވެ. އިސްލާމީ ތާރީޚުގެ އެތައް ފިލާވަޅުތަކެއް ގެނެސްދީފައިވާ، އަދި ދިވެހިތާރީޚާއި ދިވެހިބަހުގެ އެތައް ފިލާވަޅުތަކެއް ގެނެސްދީފައިވާ ޢިލްމީ މުދައްރިސަކަށެވެ.
ލިޔުންތެރިކަމާއި ފޮތް އުފެއްދުމުގެ މަސައްކަތްތަކާއި މީޑިއާއާއި ގުޅުންހުރި ތަފާތު ގިނަ މަސައްކަތްތަކެއްކުރުމުގެ ބޭނުމުގައި އުފެދުނު ފަރަގު މީޑިއާއިން ހިންގަމުން މި އަންނަ ފަރަގު ނޫހުގެ އިތުރަށް މުޖުތަމަޢުގެ ހުރިހައި ދާއިރާއަކުން ވެސް ހެޔޮ ފަރަގެއް ގެނައުމަށް ޓަކައި ފަރަގުގެ އިތުރު ގުނަވަންތައް ވެސް މިއަދު ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ. އެ ގޮތުން ސަރުކާރު ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ހިމެނޭހެން އެކި ދާއިރާތަކުން މިހައި ތަނަށް އެތައް ތަމްރީނު ޕްރޮގްރާމެއް ހިންގައިފައިވާ "ފަރަގު އެކެޑަމީ"ގެ ޚިދުމަތްތައް ވެސް ފާހަގަކޮށްލާން ޖެހެއެވެ. ”ފަރަގު ފައުންޑޭޝަން“ ވުޖޫދުވާން އުޅޭކަމުގެ އުފާވެރި ޚަބަރު ލިބިފައިވާއިރު ޝައްކެއް ވެސް ނެތް ގޮތުގައި ކުރިއަށް އޮތް ތަނުގައި "ފަރަގު"ގެ ޚިދުމަތްތައް ދާނީ ދުވަހެއް ދުވަހަކަށް ގިނަވަމުންކަން ކަށަވަރެވެ.
މިއަދު ފަރަގު މީޑިއާގެ ދެވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާ އިރު އެންމެ ބޮޑަށް ފާހަގަކޮށްލާން ބޭނުންވާ އެއް ބޭފުޅަކީ، ހުރިހައި ދާއިރާއަކުން ވެސް އިޖުތިމާޢި ހެޔޮ ފަރަގެއް ގެނައުމަށް އިސްނަންގަވައިގެން ހަރަކާތްތެރިވެވަޑައިގަންނަވަމުންގެންދަވާ، - އަޅުގަނޑުގެ ބަހުރުވައިން ދަންނަވާ ނަމަ - "ފަރަގު މީހާ"އެވެ. މި ދެންނެވި "ފަރަގު މީހާ"އަކީ ފަރަގު މަރުކާގެ ބާނީއެވެ. ދިވެހި މުޖުތަމަޢަށް އެ ބޭފުޅެއްގެ އެތައް ޚިދުމަތްތަކެއް ލިބިފައިވާ [ފަރަގު މީހާ]އަކީ މިއަދު ވެސް އެތައް ޚިދުމަތްތަކެއްކުރައްވަމުން ގެންދަވާ އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރެވެ. އެއީ ފަރަގުގައި ހިމެނޭ ހުރިހައި ގުނަވަންތަކެއްގައި ވެސް އެންމެ އިސް ސަފުގައި އުޅުއްވާ އާދަޔާޚިލާފު ހުނަރުތަކެއްގެ ވެރިއެކެވެ. އެހެންކަމުން މިއަދު ފަރަގު މީހުން ކޮލަމުގައި މި ލިޔަނީ "ފަރަގު މީހާ"ގެ ވާހަކައެވެ. ވަރަށް ކުރުކޮށެވެ. ހުރިހާ ޚިދުމަތްތަކެއްގެ ވާހަކަ ދައްކަންޏާ އަޅުގަނޑު ޖެހޭނީ އޭނާގެ "ޙަޔާތުނާމާ"އެއް ލިޔާށެވެ. އެއީ ވެސް ކޮންމެވެސް ދުވަހަކުން ފުރިހަމަކުރާން އަޅުގަނޑު ހިތުއަޅައިގެން ހުރި އުންމީދެކެވެ.
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ޓީޗަރ އެޑިއުކޭޝަނާއި ސްކޫލް މެނޭޖްމެންޓް އެންޑް އެޑިއުކޭޝަންގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވައިގެން 25 އަހަރުގެ ދިގު މުއްދަތަކަށް ސުކޫލުތައް ހިންގަވާން އުޅުއްވި ޚިދުމަތްތެރިއެކެވެ. އެތައް ދަރިވަރުންނެއްގެ ހެޑްމާސްޓަރެކެވެ. ތަޢުލީމީ ދާއިރާގެ އިތުރަށް ބަހާއި އަދަބިއްޔާތުގެ ދާއިރާއިންނާއި ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ވެސް މަތީތަޢުލީމު ޙާޞިލުކުރައްވާފައިވާ ޢިލްމުވެރިއެކެވެ. އެއީ ދިވެހިބަހަށް ޚާއްސަ ސަމާލުކަމެއް ދެއްވި ބޭފުޅެކެވެ. ކުޅަދާނަ ލިޔުންތެރިއެކެވެ. 1989އިން ފެށިގެން ރާއްޖޭގެ އެކި ނޫސް މައްޖައްލާތަކަށް ގިނަ ޢަދަދެއްގެ ލިޔުންތައް ލިޔުއްވައިފައިވާ އަދި މިހާރު ވެސް ލިޔުއްވަމުން ގެންދަވާ މޮޅު ލިޔުންތެރިއެކެވެ. ލިޔުއްވުންތަކުގެ ތެރޭގައި ބަހާއި އަދަބުގެ ދާއިރާއާއި ދީނީ ތަފާތު އެކިއެކި މަޢުލޫމާތާއި އިސްލާމީ ތާރީޚާ ގުޅުން ހުރި ލިޔުންތަކާއި އިޖުތިމަޢީ ދާއިރާއިން ވެސް ލިޔުންތައް ލިޔުއްވައިފައިވެއެވެ. އެއީ އުނގަންނައިދިނުމުގެ ތަޖުރިބާކާރެކެވެ. މިއަދުގެ އެތައް އުސްތާޒުންނެއްގެ އުސްތާޒެވެ. ޤާނޫނީ ވަކީލެއް ވެސް މެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވައިފައިވެއެވެ. މީހުން ބިނާކުރެއްވުމުގައި ނަމޫނާ ބޭފުޅެކެވެ. ވާހަކަދެއްކުންތެރިކަމާއި ލިޔުންތެރިކަމަށް މީހުން ތަމްރީނުކޮށްދެއްވައެވެ. މީގެ އިތުރަށް ވާހަކަދެއްކުންތެރިކަމުގެ ޤައުމީ އެތައް މުބާރާތްތަކެއްގައްޔާއި އަދަބީ އެކިއެކި އެހެން މުބާރާތްތަކާއި އަތުލިޔުމުގެ މުބާރާތުގައި ފަނޑިޔާރުކަމާއި އިސްފަނޑިޔާރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އެއީ ޚަޠީބުންގެ ތަމްރީނު ޕްރޮގްރާމްތަކުގައި "ޚުޠުބާ ހުށަހަޅާނެ ގޮތް" ކިޔަވައިދެއްވާ އަދި މާލޭ މިސްކިތްތަކުގައި މިހާރު ވެސް ޚަޠީބުކަން ކުރައްވާ ކުޅަދާނަ ޚަޠީބެކެވެ.
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ ރާއްޖޭގެ ފުރަތަމަ އިންފޮރމޭޝަން ކަމިޝަނަރުކަން ވެސް ފާހަގަކޮށްލަމެވެ. ސަރުކާރުގައި ދިގުމުއްދަތެއްގައި ނުހަނު ޤާބިލުކަމާއި ކަށަވެތިކަމާ އެކު 40 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވާ ޚިދުމަތްތެރިއެކެވެ. އާދޭހެވެ! [ފަރަގު މީހާ]އަކީ ހަމަ ފަރަގު ބޭފުޅެކެވެ.
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރަކީ، ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޤައުމީ އިނާމު ވެސް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ ދިވެހިބަހަށް ކުރައްވައިފައިވާ ގިނަގުނަ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ދިވަހިބަހަށް ޚިދުމަތްކުރުމުގެ ދާއިރާއިން ހިތްވަރުދިނުމުގެ ޤައުމީ އިނާމާއި، ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރެއްވުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޙާޞިލުކުރައްވާފައިވެއެވެ. އަދި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރުމުގެ ދާއިރާއިން "އިހައްދޫ ޝަރަފުވެރިކަމުގެ އިނާމު" ވެސް ވަނީ ލިބިވަޑައިގެންފައެވެ.
މި ދަންނަވައިލެވުނީ އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ކުރައްވާ އަދި ކުރައްވަމުން ގެންދަވާ ޚިދުމަތްތަކުގެ ވަރަށް ކުޑަ މިންވަރެކެވެ. މިއަދު މަސައްކަތްކުރައްވަމުން އެ ގެންދަވަނީ ފަރަގުގެ ހިޔާވަހިކަމުގެ ދަށުން އުފައްދަވައިފައިވާ އެކި ގުނަވަންތަކުން ފަރަގުގެ ޚިދުމަތްތައް ފުޅާކުރައްވައި، ދިވެހީންގެ ސިކުނޑިތައް ތަރައްގީވާނޭހެން، އެހެން ގޮތަކަށް ދަންނަވާ ނަމަ އިޖުތިމާޢީ ”ފަރަގުވެރީން“ ގިނަވާނޭހެން، ދިވެހި މުޖުތަމަޢަށް ލާބަ ހުރި ފަރަގެއް ގެނައުމުގެ މަސައްކަތްޕުޅެވެ. މިއަދު ފަރަގު ނޫސް ވެސް ވެފައިވަނީ ރާއްޖޭގެ އެތައް މަޝްހޫރު ލިޔުންތެރިންނެއްގެ ލިޔުއްވުންތައް ޝާއިޢުކުރަމުން ގެންދާ، އަދި އަގުހުރި އެތައް މަޢުލޫމާތުތަކެއް ގެނެސްދޭ މަޢުލޫމާތުގެ ހަޒާނާއަކަށެވެ. އެއީ ހަމައެކަނި ނޫހެއް ނޫނެވެ. އެއީ ޢިލްމީ ނޫހެކެވެ. ޢިލްމު ފަތުރާ ނޫހެކެވެ. މި ނޫހަށް ލިޔުއްވާ ރާއްޖޭގެ މަޝްހޫރު ލިޔުންތެރިންގެ ތެރޭގައި އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ، އަސްމާ އަބޫބަކުރު، އަލްއުސްތާޒު އަޙުމަދު މާޖިދު، ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ޙަސަން ލުޠުފީ، ކަނީރު ޢަބަދުއްރަޙީމް، އައްޝައިޚު ޝަފީޢު ޢަބްދުﷲ، ޑރ. މޫސާ އަންވަރު ޙަސަން، އައްޝައިޚު އިބްރާހީމް އަޙުމަދު، ޢަބްދުﷲ ސަޢީދު، ޙުސައިން ޞަލާޙް ޔޫސުފް، ޒަޖައުޖަތު އަޙުމަދު، އަބާ މުޙަންމަދު، ޙުސައި ނައުޝާދު ފަދަ އެތައް ލިޔުންތެރިންނެއް ހިމެނިވަޑައިގަންނަވައެވެ. އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރުގެ އެތައް ލިޔުމެއް ކޮންމެ ދުވަހަކު ހެން ފަރަގު ނޫހުން ފެނިވަޑައިގަންނަވާނެއެވެ.ފަރަގު މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން ގެންދަވާ ޚިދުމަތްތަކުގެ ފަހަތުގައި ހުންނެވި ފަރަގު މީޑިއާގެ ސީއީއޯ، އޭގެ ދަށުން ހިންގާ ފަރަގު ނޫސް (faragu.mv) ގެ ޗީފް އެޑިޓަރ އަދި ފަރަގު އެކެޑަމީގެ ޗެއަރމަން އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރުގެ ޚިދުމަތްތައް ފާހަގަކޮށް ވަރަށް ޚާއްސަ ޝުކުރެއް އަރިސްކުރަމެވެ. އަދި ފަރަގު ނޫހުގެ އަހަރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ވެސް އަރިސްކުރަމެވެ.