ad_banner
"ފަރަގު" މީހުން (3): ގިނަ ދަތިތަކާ އެކު ވެސް ހުރިހައި ހުރަސްތަކެއް ގިރާކޮށް ޕީއެޗްޑީއާ ހަމައަށް.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

18 ޖުލައި 2025

ފާޠިމަތު ޝީނާޒު

އެކި މީހުންގެ މިޒާޖާއި ޝަޚުޞިއްތުގައި ފަރަގުތަކެއް ހުރެއެވެ. ބައެއް މީހުންނަކީ ހުރަސްތަކާ ކުރިމަތިވުމުން ފަސްޖެހި، އެ ކަމަކުން އަތްދޮވެލާ މީހުންނެވެ. އަނެއް ބަޔަކު ދެކެނީ މި ފަދަ ހުރަސްތަކާއި ނާކާމިޔާބީއަކީ އަގުހުރި ތަޖުރިބާތަކެއްކަމުގައެވެ. އަދި އެއީ ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއްކަމުގައެވެ.

ސ. ފޭދޫ ޝީން ވިޔު ފާޠިމަތު ޝީނާޒަކީ ވެސް މި ފަދަ ހިތްވަރުފުޅުގަދަ ބޭފުޅެކެވެ. އޭނާއަކީ ދިމާވާ ކަންކަމާ ކުރިމަތިލައްވައިގެން ކުރިއަށް ވަޑައިގަންނަވާން އެނގިވަޑައިގަންނަވާ ހިންގުންތެރި އަދި އިސްވާރުކަމުގެ ހުނަރު ލިބިވަޑައިގެން ހުންނެވި ނަމޫނާ އަންހެން ބޭފުޅެކެވެ. ޝީނާޒުގެ މި ސިފަތަކަކީ އެހެން ފަރާތްތަކަށް ވެސް ނަމޫނާއަކަށް ވެދާނެ ރިވެތި ސިފަތަކެކެވެ.

މިއަދު ސ. ފޭދޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމުގައި ހުންނަވައި، ސްކޫލް ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ފާތިމަތު ޝީނާޒުގެ ތަޢުލީމީ ޙާޔާތްޕުޅު ފެށުނީ ސ. ހިތަދޫ ނޫރާނީ ސްކޫލުންނެވެ. ފައުންޑޭޝަނުން ފެށިގެން ގްރޭޑް ތިނެއްގެ ނިޔަލަށް އެ ސްކޫލުގައި ކިޔަވައިވިދާޅުވުމަށް ފަހު، ގްރޭޑް ހަތަރަކުން ފެށިގެން ހަތެއްގެ ނިޔަލަށް ސ. ފޭދޫ ސްކޫލްގައި ކިޔަވައިވިދާޅުވިއެވެ. އެއަށް ފަހު މުޙިއްބުއްދީން (މިހާރުގެ ޝަރަފުއްދީން) ސްކޫލުން ސާނަވީ ތަޢުލީމު ފުރިހަމަކުރެއްވިއެވެ.

ސާނަވީ ތަޢުލީމު ނިންމެވުމަށް ފަހު، ވަޒީފާއަކަށް އެދިވަޑައިގަތް ނަމަވެސް، ވަޒީފާގެ މާޙައުލުގައި [ކަންތައްތައް ހުންނަ ގޮތުން] ވަޒީފާއެއް ލިބިވަޑައިގަންނަވާ ގޮތެއް ނުވިއެވެ. މި ހިސާބުން ޝީނާޒުގެ މަންމަ ހުށަހެޅުއްވި ވިސްނުންތެރި ޚިޔާލަކާ އެއް ގޮތަށް، ޝީނާޒު ނިންމެވީ ޕްރައިމަރީ ޓީޗިންގ ދާއިރާއިން ތަމްރީނު ހޯއްދެވުމަށެވެ. ކިޔަވައިދެއްވުމުގެ ޝައުޤުވެރިކަން ހުރުމާއެކު، [އެޑްވާންސް ސެޓްފިކެޓް އިން ޕްރައިމަރީ ޓީޗިންގ] ކޯހެއް ފުރިހަމަކުރެއްވިއެވެ.

2004ވަނަ އަހަރު، ކޯސް ނިންމެވުމާ އެކު، ފޭދޫ ސްކޫލުން ޕްރައިމަރީ ޓީޗަރެއްގެ ވަޒީފާ ލިބިވަޑައިގަތެވެ. ޝީނާޒުގެ ޝަޚުޞިއްޔަތުގައި ހުރި އިސްނެންގެމުގެ ރޫޙާއި، ކަމަށް ކަމޭހިތުމުގެ ސިފައާއި، މަސައްކަތް ފުރިހަމަކުރުމުގެ ހަރުދަނާކަން ސްކޫލުގެ ވެރީންނަށް ފާހަގަކުރެވި ސްކޫލުގެ ކަންކަމުގައި އިސް ދައުރެއް އަދާކުރެއްވުމުގެ ފުރުޞަތުތައް ޝީނާޒަށް ހުޅުވުނެވެ.

2007ވަނަ އަހަރު، ޝީނާޒަށް ވަގުތީ ގޮތުން ޕްރައިމަރީ ގްރޭޑް ސުޕަވައިޒަރުކަމާއި، އިސްލާމް ޑިޕާޓްމަންޓުގެ އިސްވެރިޔާ (އެޗް.އޯ.ޑީ)ގެ މަޤާމު ހަވާލުކުރެވުނެވެ. އިސްލާމް މާއްދާއަކީ ޝީނާޒުގެ މައިގަނޑު ދާއިރާކަމުގައި ނުވުމާއި، އެ ޑިޕާޓްމަންޓުގައި އެ ދާއިރާގެ ތަޖުރިބާކާރު އިސް ބޭފުޅުން ތިއްބެވުމާ އެކު، ފުރަތަމަ އޭނާ އެ ހުށަހެޅުމަށް އިޢުތިރާޒުކުރެއްވި ނަމަވެސް ޕްރިންސިޕަލްގެ އިތުބާރާއި ހިތްވަރުދެއްވުމުގެ ސަބަބުން، ޝީނާޒު އެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތެވެ. އަދި ހަމަ އެ އަހަރު، ބެލެނިވެރީންނާއި މުދައްރިސުންގެ ޖަމްޢިއްޔާ (ޕީ.ޓީ.އޭ)ގެ ވިލަރެސްވެރިޔާ (ކޯޑިނޭޓަރ)ގެ މަޤާމު ވެސް ޝީނާޒާ ހަވާލުކުރެވުނެވެ. މި ހުރިހައި މަސްއޫލިއްޔަތުތަކެއް އެއް ފަހަރާ ހަވާލުކުރެވުމަކީ ޝީނާޒުގެ ލީޑަރޝިޕް ހުނަރުތަކާއި، މެނޭޖްމަންޓްގެ ޤާބިލުކަމާއި، އަދި ވަޒީފާގެ އަޚްލާޤަށް ސްކޫލުގެ އިސްވެރީން ދެއްވި އިތުބާރުގެ ހެތްކެކެވެ. މި ފުރުޞަތުތަކުގެ ސަބަބުން ޝީނާޒަށް ލިބިވަޑައިގަތް ތަޖުރިބާއަކީ، އޭނާގެ ފަންނީ ކުރިއެރުމަށާއި އަމިއްލަ ކުރިމަގު ބިނާކުރެއްވުމަށް ވަރަށް މުހިންމު ބިންގަލަކަށް ވިއެވެ.

ވެރީންގެ އިތުބާރާއި ޔަގީންކަން އޮތް ނަމަވެސް، އެ އަހަރު ޝީނާޒު ހަވާލުވެވަޑައިގަތް ޕްރައިމަރީ ގްރޭޑްގެ މުދައްރިސުންގެ ތެރެއިން، ޝީނާޒަށް ވުރެ މަތީ ފާހެއް (ބެޗްލަރސް ޑިގްރީ) ޙާޞިލުކުރައްވައިފައިވާ މުދައްރިސަކަށް، ޝީނާޒު ފަދަ، [ދަށް] ސެޓްފިކެޓެއް އޮތް މުވައްޒަފެއް، އޭނާގެ މަސައްކަތްތައް ވިލަރެސްކުރައްވާން ހަމަޖެއްސެވުމަކީ ހިތްޕުޅުހަމަޖެހިވަޑައިގަންނަވާ ކަމަކަށް ނުވިއެވެ. ޝީނާޒާ ދިމާއަށް ސީދާކޮށް އޭނާ އެއްޗެއް ވިދާޅުނުވި ނަމަވެސް، ނުސީދާކޮށް ޝީނާޒަށް އަމާޒުކޮށް ކުދިކިޔުންތައް ފެއްޓެވިއެވެ. މިއީ ޝީނާޒުގެ ނަފުސަށް، މަސައްކަތުގެ މާޙައުލުގައި ފުރަތަމަ ފަހަރަށް ދިމާވި ނަފުސާނީ ގޮންޖެހުމަކަށް ވިޔަސް، މި ހާލަތާ އޭނާ ކުރިމަތިލެއްވީ ވަރުގަދަ އަޒުމަކާ އެކުގައެވެ. ޝީނާޒު ނިންމެވީ އެ ކުދިކިޔުންތަކަށް [ޢަމަލުން] ޖަވާބުދެއްވައި، ކޮންމެ މީހަކީ ވެސް ވަރުގަދަ އަޒުމަކާ އެކު، މަސައްކަތްކޮށްފި ނަމަ، ކާމިޔާބު ހޯދޭނެ މީހެއްކަން ޢަމަލީ ގޮތުން ސާބިތުކޮށްދެއްވާށެވެ. މި ތަޖުރިބާއިން ޝީނާޒަށް ދަސްވެވަޑައިގަތީ މަސައްކަތުގެ މާޙައުލުގައި ދިމާވާ ގޮންޖެހުންތަކަށް ކެތްތެރިކަމާ އެކު ކުރިމަތިލައްވައި، އަމިއްލަފުޅު ޤާބިލުކަން އިތުރުކުރެއްވުމާއި، ދަންނީ (ޕްރޮފެޝަނަލް) ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމުގެ މުހިންމުކަމެވެ.

ޝީނާޒު ޓީޗަރެއްގެ ވަޒީފާ ފެއްޓެވީ ޒަވާޖީ ޙަޔާތެއް ފައްޓަވައި، ބޭފުޅެއް ލިބިވަޑައިގަތުމުން ވަޒީފާ ދޫކޮށްލެއްވުމުގެ ވިސްނުންފުޅުގައިކަމަށް ވިޔަސް، މަސައްކަތުގެ މާޙައުލުގައި ކުރިމަތިވެވަޑައިގަތް ހުރަސްތަކުގެ ސަބަބުން އެ ދާއިރާއިން ކުރިޔަށް ވަޑައިގަތުމަށް ޢަޒުމުކަނޑައެޅުއްވިއެވެ. މި ޢަޒުމުގައި، 2010ވަނަ އަހަރު ތަޢުލީމީ ދާއިރާއިން ބެޗްލަރސް ޑިގްރީ ޙާޞިލުކުރެއްވިއެވެ. ކޯހުގެ ޓީޗިންގ ޕްރެކްޓިކަމް ފުރިހަމަކުރެއްވީ ވެސް ފޭދޫ ސްކޫލުގަގައެވެ.  ނަތީޖާއެއްގެ ގޮތުން، 2011ވަނަ އަހަރު ފޭދޫ ސްކޫލުގެ ލީޑިންގ ޓީޗަރެއްގެ މަޤާމަށް ރަސްމީކޮށް ހަމަޖެހިވަޑައިގަތެވެ.

ދާއިރާއިން ކުރިއަށް ވަޑައިގަންނަވާން އޮތް ޢަޒުމެއްގެ ވަރުގަދަކަމުން، ޝީނާޒު 2013ވަނަ އަހަރު މާސްޓަރ އޮފް އެޑިޔުކޭޝަން ޙާޞިލުކުރެއްވިއެވެ. އަދި އޭގެ ފަހުން، އެޑިޔުކޭޝަނަލް ލީޑަރޝިޕް އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ދެވަނަ މާސްޓަރސް ޑިގްރީއެއް ވެސް ފުރިހަމަކުރެއްވިއެވެ. މި ދުވަސްވަރު މަސައްކަތުގެ މާޙައުލުގައި ދިމާވި ގިނަގުނަ ގޮންޖެހުންތަކުގެ ސަބަބުން، ޝީނާޒު ވަރަށް ބޮޑަށް ނަފުސާނީ ބަލިކަމާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. މި ހާލަތުގައި، ފަސް އަހަރު ވަންދެން މެދުނުކެނޑި ނަފުސާނީ ފަރުވާ ހޯއްދެވުމަށް މަޖުބޫރުވިއެވެ. ސައިކޮލޮޖިސްޓެއްގެ ލަފާގެ މަތިން، ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރެއްވުމަށް ޓަކައި ޝީނާޒު އާދަކޮށް މޫދަށް ވަޑައިގެން ގުދުރަތީ މާޙައުލުން އުފާވެރިކަން ހޯއްދެވުމާ އެކު އަމިއްލަފުޅު އިހުސާސްތަކާއި ތަޖުރިބާތައް ލިޔުއްވުމަށް (ޖާނަލިންގ) އިސްކަންދެއްވާން ފެއްޓެވިއެވެ. މި ތަޖުރިބާއިން ޝީނާޒަށް ދަސްފުޅުވި އެންމެ މުހިންމު އެއް ފިލާވަޅަކީ، ވަޒީފާގެ ކުރިއެރުމާ އެކު، އަމިއްލަ ނަފުސުގެ ދުޅަހެޔޮކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަމެވެ.

ފޭދޫ ސްކޫލްގެ ޑެޕިޔުޓީ ޕްރިންސިޕަލް ފާޠިމަތު ޝީނާޒު

މި ހުރިހައި ތަޖުރިބާއަކާ އެކު، ޝީނާޒުގެ ވަޒީފާގެ ޙަޔާތުގައި އިތުރު ކުރިއެރުންތަކެއް ލިބިވަޑައިގަތެވެ. ފޭދޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމަށް ކުރިމަތިލައްވައި، އެ މަޤާމު ހޯއްދެވުމުގައި ކާމިޔާބު ވެވަޑައިގަތެވެ. އޭނާގެ ވަރުގަދަ އަޒުމާއި ހިތްވަރަކީ، ގޮންޖެހުންތަކާ ކުރިމަތިލައްވައި ކުރިއަށް ދިއުމުގެ ރަނގަޅު މިސާލެކެވެ.

ވަރަށް ތުއްޕުޅު އިރު މަންމައާއި ބައްޕަ ވަރިވެ އުފަން ބައްޕަގެ ލޯތްބާއި އަޅާލުން ލިބިވަޑައިނުގަތް ނަމަވެސް، ދޮންބައްޕައަކީ އުފަން ބައްޕައަކަށް ވުރެ ވެސް ބޮޑަށް އޯގާތެރިކަމާއި، އަޅައިލުމާއި ލޯބި ދެއްވި [ބައްޕަ]އެއްކަން ޝީނާޒު ފާހަގަކުރެއްވިއެވެ. އަދިޝީނާޒުގެ ކާމިޔާބީގެ އެންމެ ބޮޑު މަދަދުގާރަކީ އޭނާގެ ލޯބިވާ މަންމަކަން ފާހަގަކުރެއްވިއެވެ.

ޝީނާޒަށް ލިބިވަޑައިގެންފައިވާ ކާމިޔާބީގެ ވަރަށް ބޮޑު ޙިއްސާއެއް އޭނާގެ ލޯބިވާ ފިރިކަލުންނަށް ލިބިވަޑައިގަންނަވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އޭނާގެ ފިރިކަލުންނަކީ މީހަކަށް ލިބޭނެ އެންމެ ހެޔޮ އެންމެ އޯގާތެރި އެންމެ މަދަދުވެރި ފިރިމީހާކަމަށެވެ. އެހެންކަމުން މަންމައާއި ދޮންބައްޕައާއި ފިރިކަލުންނަށް އޭނާ ހިފެހެއްޓުމެއް ނެތި ޝުކުރުއަދާކުރެއްވިއެވެ.

ޝީނާޒުގެ ޙަޔާތްޕުޅުގައި ކުރިމަތިވެވަޑައިގަތް ގިނަގުނަ ގޮންޖެހުންތަކާ ކެރިވަޑައިގެން ކުރިމަތިލައްވައި، މިހާރު އޭނާވަނީ ޕީ.އެޗް.ޑީ ދަރިވަރެއްގެ ގޮތުގައި މަތީ ތަޢުލީމު ޙާޞިލުކުރެއްމުގެ މަގުމަތީގައެވެ. އޭނާގެ ޙަޔާތުގެ ތަފާތު މަރުޙަލާތަކުން ލިބިވަޑައިގަތް އަގުހުރި ތަޖުރިބާތަކުގެ އަލީގައި، ނަފުސާނީ ދުޅަހެޔޮކަމާއި ވަޒީފާއާ ދެމެދު އޮންނަ ގުޅުމާ މެދު ފުންކޮށް ވިސްނައިވަޑައިގެން ޚިޔާލުފުޅުކުރައްވާން މަގުފަހިވިއެވެ. އަދި މި ތަޖުރިބާތަކުން ދަސްފުޅުވި ފިލާވަޅުތައް ބޭނުންފުޅުކުރައްވައިގެން، އެހެން މީހުންގެ ދިރިއުޅުމަށް އެދެވޭ ބަދަލުތަކެއް ގެންނަވާން މަސައްކަތްޕުޅުކުރައްވާން އުފެދިފައިވާ ޝައުގުވެރިކަން ބޮޑުވިއެވެ. އެހެންކަމުން ޝީނާޒުގެ ޕީ.އެޗް.ޑީ. ފިކުރާތު (ތީސިސް) އަމާޒުކުރައްވައިފައިވަނީ މުދައްރިސުންގެ ނަފުސާނީ ދުޅަހެޔޮކަމާއި އެ ބޭފުޅުންގެ ވަޒީފާއާ ދެމެދު އޮންނަ ގުޅުމުގެ މުހިންމުކަން ދެނެގަތުމަށެވެ. މި ދިރާސާގެ ސަބަބުން، ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ އެންމެންގެ ދުޅަހެޔޮކަން އިތުރުކުރުމަށް މުހިންމު ހޯދުންތަކެއް ލިބޭނެކަމަށް އުންމީދުކުރެވެއެވެ.

ޕީ.އެޗް.ޑީ.އަށް ކިޔަވައިވިދާޅުވަމުން، ފިރިކަލުންނާއި ޢާއިލާއަށް ވަގުތު ވެސް ހުސްކުރައްވައިގެން އުޅުއްވަމުން ވެސް މިއަދު އޭނާއަކީ ފޭދޫ ސްކޫލުގެ ޙަރަކާތްތެރި ޑެޕިޔުޓީ ޕްރިންސިޕަލެވެ. ކުރައްވާ ހުރިހައި ކަމެއް ވެސް އެންމެ ފުރިހަމައަށް ކުރައްވާން އަބަދުވެސް މަސައްކަތްޕުޅުކުރައްވާ، ފާޠިމަތު ޝީނާޒަކީ އެހެންމީހުންނަށް އަންދަރުދީ (އެމްޕަތީ) ވެވަޑައިގަތުމުގެ ނަމޫނާއެކެވެ. އެހެން މީހުންގެ އިޙުސާސްތަކަށް އިޙުތިރާމްކުރައްވާ، އަދި ކަންކަމުގައި "ކޮލިޓީ"އަށް އިސްކަންދެއްވާ ހިތްޕުޅު ހެޔޮ، މުރާލި އޯގާތެރި ބޭފުޅެކެވެ. ކަމަށް ކަމޭ ހީކުރައްވައިގެން މަސައްކަތްކުރެއްވުމުގެ ސަބަބުން ދަރިވަރުންގެ ލޯތްބާއި ވެރީންގެ އިތުބާރު ހޯއްދަވައިފައިވާ ޚިދުމަތްތެރި މުރާލި ބޭފުޅެކެވެ. މިއީ އެހެން އަންހެނުންނަށް ހުރި ނަމޫނާ ޝަޚުޞިއްޔަތެކެވެ. [ފަރަގު] އެދެނީ ޝީނާޒަށް ހުރިހައި ވެސް ކާމިޔާބީއެކެވެ.

 

ބައެއް ލަފުޒުގެ މާނަ:

އަންދަރުދީ    ނ.   (1) އެހެންމީހުންގެ އިޙުސާސްތަކާއި ތަޖުރިބާއި ޖަޒުބާތާއި ޝުޢޫރުތައް ދެނެގަނެ ޙިއްސާކުރުން. (2) މި ކަމުގެ ޤާބިލިއްޔަތު.  (ރަދީފުގައި ނެތް ލަފުޒެއް)

ވިލަރެސްވެރިޔާ ނ.   ކަމެއް އިންތިޒާމުކުރުމުގައި ކަންތައްތައް ގުޅުވައިލައިގެން ގެންދިއުމުގެ މަސްއޫލިއްޔަތު ޙަވާލުވެފައިވާ މީހާ.

ފިކުރާތު      ނ.   ވަކި މައިގަނޑުނަމެއްގެ މައްޗަށް ފުންކޮށް ދިރާސާކޮށް، އާ ވިސްނުމެއް ހިމަނައިގެން ލިޔެ ހުށައަޅާ ތަފުސީލު ދިރާސާ. މިފަދަ ދިރާސާ ޚާއްޞަކޮށް ހުށައަޅަނީ ތަޢުލީމީ ގޮތުން މަތީ ދަރަޖައެއް  ހާސިލުކުރުމަށް ޓަކައެވެ.

ދަންނު       ނ.    މުސާރަ ލިބޭ ވަކި ޚާއްޞަ ދާއިރާއެއްގެ މަސައްކަތެއް. މި ފަދަ މަސައްކަތްތަކަކީ ޚާއްޞަ ގޮތެއްގައި ވަކި ކަހަލަ ތަމްރީންތަކަކާއި ދިގު މުއްދަތެއްގެ ތަޖުރިބާތަކެއް ލިބިގެން ތިބޭ މީހުން ކުރާ   މަސައްކަތްތަކެކެވެ. (ރަދީފުގައި ނެތް ލަފުޒެއް)

ދަންނީ       ނއ.    ވަކި ދަންނަކަށް ނިސްބަތްވާ (ރަދީފުގައި ނެތް ލަފުޒެއް)

ކޮމެންޓު
ކޮމެންޓުތައް
ޢަޒީޒު ޖަމާލު
19 ޖުލައި 2025 22:15
ޖުލައި 19ގައި މި މަގާލަށް "އިބްރާހީމް" ކޮމެންޓުކުރައްވަމުން ކުރެއްވި ސުވާަލަކީ ގަވާއިދުގެ ސުވާލެއްކަމަށްވާތީ، ހަމަ ޖަވާބު ނާރުވައި ނުހުރެވިގެން ދަންނަވައިލަމެވެ. އެންމެ މާތް ދަަޖައިން ވާހަކަދައްކާ އިރު، އަންހެނަކަސް ފިރިހެނަކަސް ބޭނުންކުރާނީ "ބޭފުޅުން" މި ލަފުޒެވެ. "ބޭކަލުން"ނާއި "ބޭކަނބަލުން"ނަކީ މާތް ދަރަޖައިން (ލައްބަ ދުރުވާ ދަރަޖައިން) ވާހަކަދައްކާ އިރު ބޭނުންކުރާ ގޮތެވެ. އެހެންނަމަވެސް އެހެން ނަމަކާ ގުޅުވައިގެން އެންމެ މާތް ދަރަޖައިން "ކަނބަލުން" ބޭނުންކުރާނެއެވެ. މިސާލަކަށް: ދަރިކަނބަލުން، އަނބިކަނބަލުން، މައިކަނބަލުން، މި ފަދަ ގޮތްގޮތަށެވެ. ޝުކުރިއްޔާ!
ޚާލިދު
19 ޖުލައި 2025 07:16
ޝީނާޒްގެ މަސައްކަތުގައި ބަރަކާތް ލައްވާށި. ޢާމީން
އިބްރާހީމް
19 ޖުލައި 2025 05:42
ފާޠިމަތު ސީނާޒަކީ ވެސް މި ފަދަ ހިއްވަރުފުޅުގަދަ ބޭފުޅެކެވެ. ރަނގަޅު ގޮތަކީ ބޭފުޅެއް ހެއްޔޭ، ނުވަތަ ބޭކަނބަލެއް ހެއްޔޭ!!
އައްޑޫ
18 ޖުލައި 2025 20:16
👍