އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
4 ޖުލައި 2025
ބައެއް މީހުން މުޖުތަމަޢަށް ތަޢާރަފުވެފައިވަނީ ހަމަ އެކަނި މަތިމަތީން ފެންނަ ކަމެއްގެ ސަބަބުންނެވެ. ނުވަތަ ކޮންމެވެސް ޙާދިސާއެއްގެ ސަބަބުންނެވެ. މި ފަދަ މީހުންގެ ހަގީގަތް އޮންނަނީ ނޭނގުމެއްގެ ތެރޭގައެވެ. މިއަދު މި ކޮލަމުގައި އަޅުގަނޑު މި އުޅެނީ މި ފަދަ ބޭފުޅަކާ ބެހޭ ގޮތުން އަޅުގަނޑަށް އެނގިހުރި މަޢުލޫމާތެއް ކިޔުންތެރީންނާ ޙިއްޞާކޮށްލެވޭތޯއެވެ.
އަލްފާޟިލް ޙަމްދޫން ޢަބްދުﷲ ޙަމީދު ގިނަ ބަޔަކަށް އެނގިފައިވަނީ އެއީ އަލްއުސްތާޒު ޢަބްދުﷲ ޙަމީދު (رحمه ﷲ)ގެ ބޭފުޅެއްކަމާއި އެއީ ވަޒީރުކަން ކުރެއްވި ބޭފުޅެއްކަމެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވިކަން ވެސް ބައެއް މީހުން ދަނެއެވެ. ސިންގަޕޫރުގެ ސަފީރުކަން ކުރެއްވިކަން ވެސް ކޮންމެވެސް ބަޔަކަށް އެނގޭނެތާއެވެ.
ނަމަވެސް މިއީ ޙަމްދޫނުގެ ޚިދުމަތާ އަޅައި ބަލާ އިރު، މަދު މިންވަރެކެވެ. އޭނާގެ ތަޢުލީމީ ފެންވަރާއި އޭނާ ގައުމަށް ކުރެއްވި ޚިދުމަތްތަކާއި އަދި ވަރަށް ޚާއްޞަކޮށް ދިވެހިބަހަށް އެ މަނިކުފާނު ހިލޭ ސާބަހަށް ކުރައްވާ ޚިދުމަތް ދަންނަ މީހުން ވަރަށް މަދެވެ.
ކަން ދިމާވި ގޮތުން އޮނަރަބްލް ޙަމްދޫން ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރެއްވި ފަސް އަހަރު އަޅުގަނޑަށް ވެސް އެ މަޖިލީހުގައި އުޅެވުނެވެ. އެ މަނިކުފާނު ހިމެނިވަޑައިގަތް ކޯލިޝަންގައެވެ. އަދި އޭގެ ފަހުން އަދަބީ މަސައްކަތުގައި ވެސް އެކުގައި މަސައްކަތްކުރެވޭތާ ލައްކަ ދުވަސް ވެއްޖެއެވެ. އެހެންކަމުން އެކި ދުވަސްވަރު ބަދަލުކުރެވިފައި ހުރި ވާހަކަތަކުން ލައްކަ ގިނަ މަޢުލޫމާތު – ގިނަ ބަޔަކަށް ނޭނގޭ މަޢުލޫމާތު – އަޅުގަނޑަށް އެނގިފައިވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އަޅުގަނޑަށް ވެސް އެ މަނިކުފާނުގެ ޒާތީ މާ ގިނަ މަޢުލޫމާތެއް ނޭގެއެވެ. އެއީ އެ ފަދަ ކަންކަމާ އަޅުގަނޑު ސުވާލުކޮށް ނަހަދާތީކަމަށް ވެދާނެއެވެ.
އަލްފާޟިލް ޙަމްދޫނު ޢަބްދުﷲ ޙަމީދަކީ ބައްޕާފުޅު ފާދިއްޕޮޅު އަތޮޅުވެރިކަމުގައި ހުންނެވި ދުވަސްވަރު ޅ. ނައިފަރު ރޭނިގޭ ޢާއިޝާ މޫސާ (رحمهاﷲ)އާއި ކުރެއްވި ކާވެނީގައި އެ ދެކަނބަލުންނަށް ލިބިވަޑައިގަތް ފުރަތަމަ ދަރިކަލުންނެވެ. އުފަންވެވަޑައިގަތީ ވެސް ނައިފަރުގައެވެ. ތަޢުލީމީ މާޙައުލެއް އޮތް ހެންވޭރު މީނާޒުގައި އުފެދުނު ހަރުދަނާ ޢާއިލާއަށް ނިސްބަތްވާ ބޭފުޅެކެވެ. ޙަމްދޫނުގެ ތަޢުލީމީ ޙަޔާތުގެ ކުރީކޮޅު ހޭދަކުރެއްވީ މާލޭ ނާސިރިއްޔާ މޮންޓެސޫރީ ސްކޫލާއި މަޖީދިއްޔާ ސްކޫލުގައެވެ. އަދި މަޖީދިއްޔާގެ ގްރޭޑް ދޭއްގައި އުޅުއްވަނިކޮށް ލިބިވަޑައިގަތް ފުރުސަތުގެ ދަށުން ބޮޑުދައިތަ މުއުމިނާ ޢަބްދުލްޤައްޔޫމް (رحمهاﷲ) ގެ ބެލެނިވެރިކަމުގައި ސްރީ ލަންކާއަށް ބަދަލުވެވަޑައިގެން، ގްރޭޑް ތިނަކާއި ހަތަރަކާއި ފަހެއް ފުރިހަމަކުރެއްވީ އެލެގްޒެންޑްރާ ކޮލެޖުގައެވެ. އެ ދުވަސްވަރު ސްރީ ލަންކާގެ ސިޔާސީ މަސްރަހު ގޯސްވުމުގެ ސަބަބުން އަލުން އެނބުރި މާލެ ވަޑައިގެން އަނެއްކާ މަޖީދިއްޔާއަށް ވަދެވަޑައިގަތީ ގްރޭޑް ހަތަރަކުންނެވެ. އެއީ ގްރޭޑް ފަހެއްގެ ޢުމުރު ހަމަނުވާތީއެވެ. ގްރޭޑް ހަތަރަކުން ފެށިގެން ސާނަވީ ތަޢުލީމު ނިމެންދެން އުޅުއްވީ މަޖީދިއްޔާގައެވެ.
ޙަމްދޫނުގެ ތަޢުލީމީ ޅަފަތުގައި ކިޔަވައިވިދާޅުވި ތަންތަނުގެ ސަބަބުންނާއި އެ މަނިކުފާނުގެ ހުންނަ ތޫނުފިލިކަމެއްގެ ސަބަބުން ސާނަވީ ތަޢުލީމު ނިންމެވި އިރު ވެސް އެއީ އިނގިރޭސި ބަހަށް ވަރަށް ފާގަތި ބޭފުޅެކެވެ.
މަތީ ސާނަވީގައި – ގްރޭޑް 11ގައި – ވެސް އުޅުއްވީ މަޖީދިއްޔާގައެވެ. އަދި ގްރޭޑް 12ގައި އުޅުއްވި އަހަރު، ސައެންސް އެޑިޔުކޭޝަން ސެންޓަރު (އެސްއީސީ)ގެ ނަމުގައި މަތީ ސާނަވީ ތަޢުލީމުގެ ވަކި މުއައްސަސާއެއް އުފެދި، އޭގެ ދުވަސްކޮޅެއް ފަހުން މަޖީދިއްޔާގެ މަތީ ސާނަވީ އާޓްސް ސްޓްރީމް ވެސް އެސްއީސީއަށް ބަދަލުވުމާ އެކު، ޙަމްދޫނު އެސްއީސީގައި ވެސް ދުވަސްކޮޅަކު އުޅުއްވިއެވެ. އޭރު ކުލާހުގައި ތިބެނީ ހައެއްކަ ދަރިވަރުންނެވެ. އެސްއީސީގައި ވެސް ކިޔަވައިދެއްވަނީ މަޖީދިއްޔާގެ ޓީޗަރުންކަމަށް ވާތީ، ޓީޗަރުންނަށް ބަރާބަރަށް ގަޑިއަށް ވަޑައިނުގެންނެވުން ފަދަ ކަންތައްތައް ދިމާވާތީ ދުވަސްކޮޅަކުން ކުލާހުގައި ދަރިވަރުން މަދުވެ އެންމެ ދެތިންކުދީންނަށް ވެއްޖެއެވެ.
އެހެންކަމުން އެ މާޙައުލުގައި އުޅުއްވާ ހިތްޕުޅެއް ޙަމްދޫނެއް ނުވިއެވެ. ބޭނުންފުޅުވީ ވަކިވެވަޑައިގަންނަވާށެވެ. ނަމަވެސް ސްކޫލުން ވަކިކުރައްވާކަށް ސްކޫލުގެ މެނެޖްމަންޓަކުން ބޭނުންފުޅެއްނުވިއެވެ. އޭރު އެސްއީސީ (މިހާރުގެ ސީއެޗްއެސްއީ)ގެ ނާޒިރަކަށް ހުންނެވި ޑރ. މާލިކު، އޭނާގެ އަރިހަށް ޙަމްދޫން ގެންދަވައިގެން ވަރަށް ނަސޭހަތްދެއްވިވެސްމެއެވެ. ނަމަވެސް އެ އަހަރު އެ ތާނގައި އޭލެވެލް އިމްތިހާނާ ހިސާބަށް ނުދެވޭނެތީ ކިޔެވުން ކުރިއަށް ގެންދަވާކަށް - ވަގުތު ބޭކާރުކުރައްވާކަށް - ޙަމްދޫން ބޭނުންފުޅެއްނުވިއެވެ.
ޙަމްދޫން ދެން ގަސްތުކުރެއްވީ، އެސްއީސީން ރަސްމީކޮށް ވަކިނުކުރިއަސް ވަޒީފާއަކަށް ވަޑައިގަންނަވާށެވެ. މި މަގުން ޓިވީ މޯލްޑިވްސް ޚިޔާރުކުރައްވައި އޭރު އެ ތަން ހިންގަވާން ހުންނެވި އަލްފާޟިލް ޙުސައިން ޝިހާބުއާ ބައްދަލުކުރައްވައިގެން، ވަޒީފައެއް ހޯއްދެވީއެވެ. ފުރަތަމަ ލިބިވަޑައިގަތީ އިނގިރޭސި ސެކްރެޓަރީއެއްގެ ވަޒީފާއެވެ. އެއީ ޕްރޮގްރާމް ސެކްރެޓަރީކަމެވެ. އޭރު ޓިވީ ޓެލެކާސްޓުކުރަނީ ކުޑަ ވަގުތުކޮޅަކަށްކަމަށް ވާތީ ޓެލެވިޜަން މޯލްޑިވްސްގައި މަސައްކަތްކުރެއްވީ މެންދުރުފަހާއި ރޭގަނޑުގައެވެ. އެއީ 1979ގެ ފަހުކޮޅުއެވެ. ޙަމްދޫނު ޓީވީގައި އުޅުއްވަނިކޮށް، އޭރުގެ ފިނޭންސް މިނިސްޓްރީ ހިންގަވާން ހުންނެވި (ލަފާކުރެވޭ ގޮތުން އޭރު އެއީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭސް) އިސްމާޢީލް ފަތުޙީއާ ދިމާވީއެވެ. އަޅުގަނޑަށް ލިބިފައިވާ މަޢުލޫމާތު ކުށްކަމުގައި ނުވާ ނަމަ، ފަތުޙީއަކީ ޙަމްދޫނުގެ މަންމާފުޅު ފަރާތްޕުޅުގެ ޢާއިލީ ތިމާގެ ވެސް ބޭފުޅެކެވެ.
ފަތުޙީގެ އެދިވަޑައިގަތުމަކަށް ޖެނުއަރީ 1980ގައި ޙަމްދޫން ބަދަލުވެވަޑައިގަތީ ފިނޭންސް މިނިސްޓްރީއަށެވެ. ހަމަ އިނގިރޭސި ސެކްރެޓަރީއަކަށެވެ.
އެ ދުވަސްވަރަކީ އެކި ދާއިރާތަކުން ހުނަރުވެރި މުވައްޒަފުން ރައީސް އޮފީހަށް ބަދަލުކުރެއްވި ޒަމާނެކެވެ. ޙަމްދޫނަކީ ކުރީން ވެސް ދެންނެވި ފަދައިން އިނގިރޭސި ބަހަށް މޮޅު ބޭފުޅަކަށްވާތީ މާ ގިނަ ދުވަސްތަކެއް ނުވެ ރައީސް އޮފީހަށް ބަދަލުކުރައްވައިފިއެވެ. ބަދަލުކުރެއްވީ އެސިސްޓެންޓް ސެކްރެޓަރީއަކަށެވެ. އެހެން އިދާރާތަކުގެ ސެކްރެޓަރީއަކަށް ވުރެ ރައީސް އޮފީހުގެ އެސިސްޓެންޓް ސެކްރެޓަރީގެ މަގާމު އިސްވެފައި މުސާރަ ބޮޑެވެ. އެހެންވީމާ، ޙަމްދޫނުގެ އިޢުތިރާޒެއް ނެތެވެ. މި ހުރިހައި ވަޒީފާތަކެއްގައި ކަންތައް ވެސް މި ހިނގީ ހަމަ އެންމެ ދިހަވަރަކަށް މަހުގެ ތެރޭގައެވެ.
މި ދުވަސްވަރު މަތީ ތަޢުލީމުގެ ފުރުޞަތު ލިބިވަޑައިގަންނަވައިތޯ ޙަމްދޫން ގެންދެވީ މަސައްކަތްކުރައްވަމުންނެވެ. ޙަމްދޫން ތަޢުލީމު ޙާޞިލުކުރައްވާން ބޭނުންފުޅުވީ އިގުތިސާދިއްޔަތު (އިކޮނޮމިކްސް)ގެ ދާއިރައިންނެވެ. އޯލެވެލް ނިންމެވުމާއެކުހެން މުޅިން ވެސް ލިބިވަޑައިގަތީ ކިޔަވައިދިނުމުގެ (ޓީޗިންގ) ދާއިރާގެ ފުރުޞަތުތައް ކަމަށް ވާތީ އެ ފުރުޞަތުތައް ދޫކޮށްލެއްވީއެވެ. އޭރު އިގްތިޞާދީ ދާއިރާގެ ސްކޮލަރޝިޕެއް ލިބޭތޯ ބެއްލެވުމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވެސް އެއްކިލާހުގެ ގާތް އެކުވެރިޔަކާއެކު ޙަމްދޫން ވަޑައިގަތް ކަމަށްވެއެވެ. މި އެކުވެރިޔަކީ ފަހުން ރާއްޖޭގެ ފިނޭންސް މިނިސްޓްރީ ވެސް ހިންގެވި ކުޅަދާނަ އިގްތިޞާދީ މާހިރު އޮނަރަބްލް ޢާރިފް ޙިލްމީއެވެ. އެ ދެބޭފުޅުންނަށް ލިބިވަޑައިގަތީ އުންމީދުނުކުރައްވާ ކަހަލަ ޖަވާބެކެވެ. ރާއްޖެއަށް އިކޮނޮމިކްސް އެއީ އެހައި މުހިންމު ދާއިރާއެއް ނޫންކަމުގެ ޖަވާބެވެ. އޭރު މި ޖަވާބު ލިބިވަޑައިގަތް ދެ ބޭފުޅުންނަކީ އޭގެ ވިއްސަކަށް އަހަރު ފަހުން ރާއްޖޭގެ ތަރައްގީގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ނިޒާމީ ގޮތެއްގައި ހިންގަވާން ފެއްޓެވި ދެބޭފުޅުންނަށް ވެގެން ދިޔަ ކަމީ ވެސް ކޮން ފަދަ އިއްތިފާގެއްތޯއެވެ!
ޙަމްދޫން ރައީސް އޮފީހުގެ ވަޒީފާގައި އުޅުއްވިއިރު، އޭރުގެ ނޭޝަނަލް ޕްލޭނިންގ އޭޖެންސީ (އެންޕީއޭ)ގެ ވެރިޔާ އޮނަރަބްލް ޢަބްދުއްރަޝީދު ޙުސައިނާ ވަރަށް ދިމާވެއެވެ. ރާއްޖޭގައި ފުރަތަމަ އުފެދުނު ނޭޝަނަލް ޕްލޭނިންގ އޭޖެންސީ އޭރު ހުންނަނީ ރައީސް އޮފީސް ހުންނަ ޢިމާރާތުގެ ދެކުނުން ހުންނަ ޢިމާރާތެއްގައެވެ. މިހާރުގެ ރައީސް އޮފީސް ބިނާކޮށްފައި ވަނީ އެ ބިން ވެސް ހިމަނައިގެންނެވެ.
އޭރު ޢަބްދުއްރަޝީދު ރައީސް އޮފީހަށް ވަދެވަޑައިގެން ނުކުމެވަޑައިގެން އުޅުއްވަނީ ދެ އޮފީސް ދޭތެރޭ ހުންނަ ދޮރަކުންކަމަށް ވާތީ، ވަރަށް ގިނައިން ޙަމްދޫނާ ދިމާވެއެވެ. އެހެންކަމުން ޙަމްދޫން އެންޕީއޭއަށް ވަޑައިގަންވާން ޢަބްދުއްރަޝީދު ދަޢުވަތުދެއްވައެވެ. އަދި ބޭރޫތުން އިކޮނަމިކްސްގެ ދާއިރާއިން ކިޔަވައިވިދާޅުވުމުގެ ފުރުޞަތު އޮނަރަބްލް ޢަބްދުއްރަޝީދު ފަހިކޮށްދެއްވިއެވެ. އަދި ކޯހުގައި ޙަމްދޫން ފުރައިވަޑައިގަތުމާ އެކު، އެންޕީއޭގެ ސްޓެޓިސްޓިކަލް އޮފިސަރ (ޓްރޭނީ)ގެ މަގާމަށް ޙަމްދޫން ބަދަލުކުރެއްވިއެވެ.
ކޯހުގެ މުއްދަތުގައި ޗުއްޓީގައި މާލެ ވަޑައިގަންނަވާ ފަހަރުފަހަރު ވެސް ވަޒީފާއަށް ނުކުމެވަޑައިގަންނަވާން ޙަމްދޫނަށް ޖެހިވަޑައިގަތެވެ. އަދި ކޯސް ފުރިހަމުރެއްވުމަށް ފަހު ވެސް ވަޒީފާ އަދާކުރެއްވީ ހަމަ އެ މުއައްސަސާގައެވެ.
މި ތަފުޞީލުތައް ތަންކޮޅެއް ދިގުވެސްވެއްޖެއެވެ. ކުރުކޮށްލުމަށް ފަހު ދަންނަވާނީ، ޙަމްދޫނުގެ ވަޒީފާގެ ޙަޔާތްޕުޅުގެ ބޮޑުބައި ހޭދަކުރެއްވީ ޕްލޭނިންގ ދާއިރާގައެވެ. ނޭޝަނަލް ޕްލޭނިން އެޖެންސީ ވުޒާރާއަކަށްވެ، އެކި ނަންނަމުގައި ހިނގަމުން އައިސް ފަހުން މިނިސްޓްރީ އޮފް ޕްލޭނިން އެންޑް ނޭޝަނަލް ޑިވެލޮޕްމެންޓްގެ ނަމުގައި ހުރެ އުވިގެންދާންދެން ޙަމްދޫނުގެ މަސައްކަތްޕުޅު ޚާއްޞަވީ، އެ ވުޒާރާގައި، ޤައުމު ބިނާކުރެއްވުމުގެ މަސައްކަތުގައެވެ. އެ މިނިސްޓްރީގެ ޓްރޭނީއެއްގެ މަގާމުން ފެށިގެން ޕްރޮޖެކްޓް އޮފިސަރުކަމާއި ޑިރެކްޓަރުކަމާއި، ޑިރެކްޓަރޖެނެރަލްކަމާއި، މިނިސްޓަރުގެ ނާއިބުކަމާއި މިނިސްޓަރުކަން ވެސް ކުރެއްވިއެވެ. އެހެންވީމާ، ގައުމީ ތަރައްގީގެ އަލިފުން ފެށިގެން ޔާއަށް ޙަމްދޫނު ދެނެވަޑައިގަންނަވާނެކަމާ މެދަކު އަޅުގަނޑު ޝައްކެއްނުކުރަމެވެ.
އެ މިނިސްޓްރީގައި ގައުމީ ތަރައްގީގެ މަޝްރޫޢުތައް (ނޭޝަނަލް ޑިވެލޮޕްމެންޓް ޕްލޭންތައް) އެކުލަވައިލުމުގެ މަސައްކަތާއި ބޯހިމެނުމުގެ މަސައްކަތްތަކުގައި ޙަމްދޫން ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން ވަރަށް ބުރަކޮށް މަސައްކަތްޕުޅުކުރައްވައިފައިވެއެވެ. އަދި ވިހިވިހީގެ ތަޞައްވުރާއި އެންމެ ފަހުގެ ގައުމީ ތަރައްގީގެ މަޝްރޫޢު (ހަތްވަނަ މަޝްރޫޢު) އެކުލަވައިލައިފައިވަނީ ޙަމްދޫނުގެ ޢަމަލީ މޭސްތިރިކަމުގެ ދަށުންނެވެ.
ގައުމީ މި މަސައްކަތްޕުޅުގައި އުޅުއްވަމުން މުޅީން އެހެން ބާވަތެއްގެ ޚިދުމަތަކާ ވެސް ކުރިމަތިލައްވާން ޖެހިވަޑައިގަތެވެ. އެއީ އަވަށު މަދަރުސާއެއްކަމަށްވާ ހެންވޭރު ސްކޫލް ނުވަތަ މަދްރަސަތުލްއަމީރު އަޙުމަދު (ފަހުން ނާޒިރެއްގެ ހައިސިއްޔަތުން) ހިންގެވުމުގެ ޚިދުމަތެވެ. ޅެންވެރިކަމުގެ ތެރެއަށް ވަދެވަޑައިގެންނެވުނީ މި ދޮރޯށީންނެވެ. ސްކޫލްކުދީންގެ ފުރަތަމަ ލަވަ މުބާރާތަށް (އޮރިޖިނަލް ދެ މިޔުޒިކަކަށް) ލަވަ ހައްދަވާން ދެ ޅެންވެރިއަކަށް ދަންނަވައިގެން އެ ކަން ކުރެއްވޭ ގޮތް ނުވުމުން ޙަމްދޫން އެ ކަމާ ކުރިމަތިލެއްވީއެވެ. ފުރަތަމަ ހެއްދެވި ލަވަ ރާއްޖޭގައި "ހިޓު" ލަވައަކަށްވިއެވެ. ވަނަ ލިބުނު ލަވައެކެވެ. އެއީ ހެންވޭރު ސްކޫލުން ހުށަހެޅި ކޯރަސް ލަވައެކެވެ. "މާތްވި އިސްލާމް ދީނާ ގައުމަށް ޓަކައި........" މި ލަވައެވެ. މިއަދު ވެސް އެއީ މަޝްހޫރު ގައުމީ ލަވައެކެވެ. ރާގަކީ ޙަމްދޫނުގެ ކޮއްކޯފުޅު ޝަމްޢޫން އުފެއްދެވި އަމިއްލަ ރާގެކެވެ. އެ ލަވަޔާ އެކު، ހުށަހެޅުނު އަނެއް ލަވަ "ދިވެހީންގެ ވަޠަން" ވެސް ހަމަ އެ ހައި މަޝްހޫރުވިއެވެ. މި ލަވައިގެ ރާގު ހައްދަވައިފައި ވަނީ ޚުދު ޙަމްދޫން އަމިއްލަފުޅަށެވެ. ޢާއިލާގެ މިއުޒިކީ ހުނަރު ވެސް މި ކަމުން ވަރަށް ސާފުކޮށް ފެނެއެވެ.
އިނގިރޭސިބަހަށް، އަދި ބޭރު އެކި ބަސްބަހަށް މޮޅު ބޭފުޅުން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ބަސް ކޮމެޓީއަށް ލެއްވި ދުވަސްވަރު އެ ކޮމިޓީއަށް ޙަމްދޫން ލެއްވީ އިނގިރޭސިބަހަށް މޮޅުފުޅުކަމުންކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވެއެވެ. އެ ހިސާބުން ފެށިގެން ދިވެހިބަހާ މެދު ޚާއްޞަ ކުލުނެއް ހިތްޕުޅުގައި އުފެދުނުކަމަށް އަޅުގަނޑު ގާތު ޙަމްދޫން ވިދާޅުވެފައި ވެއެވެ.
ސަރުކާރުން ޤައުމީ މަރުކަޒު އުވައިލެއްވުމުން ރައްޔިތުންގެ މަޖިލީހުން ފާސްކުޅަ ޤާނޫނަކުން އުފެއްދި ދިވެހިބަހުގެ އެކެޑަމީގެ ބަސްކޮމެޓީއާއި ފަންނީ ކޮމެޓީގައި ވެސް ޙަމްދޫން މުހިންމު މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު ދިރާސާކުރެއްވި ކޮމިޓީކަމަށްވާ އިޖުތިމާޢީ ކޮމިޓީގައި ވެސް މުހިންމު މަސައްކަތްޕުޅުތަކެއް ޙަމްދޫން ކުރެއްވިއެވެ.
އާދޭހެވެ! މިއަދު އަދަބީ ޚިދުމަތުގައި ޙަމްދޫން ކިތަންމެ ޚިދުމަތެއް ކުރެއްވިޔަސް އެ ކަން އެނގެނީ އަޅުގަނޑު ފަދަ މަދު ދެތިން މީހަކަށެވެ. ދިވެހިބަހާ މެދު ޙަމްދޫނުގެ ހިތްޕުޅުގައި އޮތް ލޯބީގެ ސަބަބުން، އެއީ ކޮންމެ ދުވަހަކު ވެސް ހިލޭ ސާބަހަށް ދިވެހިބަހަށް ޚިދުމަތްކުރައްވާ އަދި ދިވެހިބަސް ޒަމާނީކުރުމުގެ މަސައްކަތުގައި އުޅުއްވާ މަދު ބޭފުޅުންގެތެރޭގައި އެންމެ ޙަރަކާތްތެރި އެއް ބޭފުޅެކެވެ. ބަޔަކަށް އެނގިފައި ނެތަސް މިއަދު ރަސްމީ ކޮންމެ ދުވަހަކު ބަސްކޮމެޓީގެ ފަންނީ ބައްދަލުވުންތަކުގައި ބައިވެރިވެޑައިގެން އަދި ރިޔާސަތު ބަލަހައްޓަވަނީ ހިލޭސާބަހަށެވެ. ދިވެހިބަހުގެ ޑޭޓާބޭސްކަމުގައިވާ ބަސްދާރު އުފައްދަވައި ލަފުޒު އެއްކުރުމާއި މާނަތައް އަދާހަމަކުރުމާއި އާ ލަފުޒުތައް ރަދީފަށް އިތުރުކުރުމުގެ މަސައްކަތް އެ ހިންގަވައިދެއްވަނީ ހިލޭ ސާބަހަށެވެ. އަޅުގަނޑުމެންނަށް އަގުވަޒަންނުކުރެވުނަސް އެއީ ކޮން ފަދަ މަތިވެރި ޚިދުމަތެއްތޯއެވެ!
ޙަމްދޫނު ގަބޫލުފުޅުކުރައްވާ ގޮތުގައި އެ މަނިކުފާނަށް ދިވެހިބަހުން ކުށްމަދުކޮށް، ހެޔޮކޮށް، ވާހަކަފުޅުދައްކަވާން އެނގިވަޑައިގަންނަވާ ނަމަ، އެ ކަމުގެ ހުރިހައި ވެސް ޝުކުރެއް ޙައްގުވަނީ ދެ ފަރާތު ބޮޑު ޢާއިލާއަށެވެ. ޙަމްދޫނުގެ ބައްޕާފުޅަކީ މަޝްހޫރު އަދީބެކެވެ. މުގައްރިރެކެވެ. މަންމާފުޅު ޢާއިޝާ މޫސާ (رحمهاﷲ)އަކީ ވެސް ވަރަށް ތަޢުލީމީ އަދި ދިވެހިބަހަށް ލޯބިކުރައްވާ ޅ. ނައިފަރު ރޭނިގޭ ޢާއިލާގެ ބޭފުޅެކެވެ. ވުމާ އެކު ގޭތެރެއިންނާއި ގާތްތިމާގެ ގޭގެއިން އަބަދު ވެސް އިވިވަޑައިގެންފައިވަނީ ދިވެހިބަހުން ހެޔޮކޮށް ވާހަކަދައްކަވާ އަޑުފުޅެވެ. އެ ޢާއިލާގެ ކޮންމެ ބޭފުޅަކަށް ވެސް ދިވެހިބަހުގެ ތިން ދަރަޖައިންމެ ވާހަކަފުޅުދައްކަވާން އެނގިވަޑައިގަންނަވަނީ އެހެންވެގެންކަމަށް ޙަމްދޫން ޤަބޫލުފުޅުކުރައްވައެވެ. އެހެންކަމުން ދަރީންގެ ތަރުބިއްޔަތުގައްޔާއި ދިވެހިބަހަށް ދަރީން ލޯބިޖައްސައި މޮޅުކުރުމުގައި މަންމައިންނާއި ބޮޑު ޢާއިލާގެ ދައުރުގެ މުހިންމުކަން މި ކަމުން ވެސް ހާމަވެއެވެ.
އެކަމަކު ޙަމްދޫނަކީ ހަމައެކަނި އަދަބީ ޚިދުމަތުގެ ބޭފުޅެއް ނޫނެވެ. އެއީ ދިވެހިރާއްޖެއަށް މިހާރު އެންމެ ބޭނުން ބޮޑު އެއް ދާއިރާކަމަށްވާ އިޤްތިޞާދިއްޔަތާއި ގައުމީ ތަރައްގީގެ މާހިރެއްވެސްމެވެ.
ޙަމްދޫން ޢަބްދުﷲ ޙަމީދަކީ ހިތްޕުޅު ތިރި، ޚުލްޤުފުޅު ހެޔޮ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގައި ޙަމްދޫން ހޭދަކުރެއްވި ފަސް އަހަރުގެ ރެކޯޑުތަކުން އަޅުގަނޑެކޭ އެއް ފަދައިން ކޮންމެ ރައްޔިތަކަށް ވެސް އެ ކަން އެނގޭނެއެވެ.
އާދޭހެވެ! ޙަމްދޫނާ ބެހޭ ގޮތުން އަޅުގަނޑުމެންނަށް ނޭނގޭ ވަރަށް ގިނަ މަޢުލޫމާތު އަދި ވެސް ހުންނާނެއެވެ. އަޅުގަނޑު ހަމައެކަނި މި ހާމަކޮށްލީ އަޅުގަނޑަށް އެނގިފައިވާ މަދު މަޢުލޫމާތުކޮޅު އެކަންޏެވެ. އަޅުގަނޑު އެދެނީ ބަހާއި އަދަބުގެ އިތުރަށް އިޖުތިމާޢި، ޤައުމީ ހުރިހައި މައިދާނެއްގައި ވެސް ޙަމްދޫނުގެ ޚިދުމަތް ދިވެހި ޤައުމަށް ލިބުމެވެ. ހުރިހައި ވެސް ކާމިޔާބީއަކަށް އެދެމެވެ.