ad_banner
މާވަށުގެ ފަހުގެ ތާރީޚުގައި ދިމާވި އެންމެ ހިތާމަވެރި އެއް ހާދިސާ

އަބާ މުޙަންމަދު

3 އޭޕްރިލް 2025

ހޮޅުދޫ ބޯޓުގައި އަލިފާން ރޯވެފައިވަނިކޮށް އެމްއެންޑިއެފުން އާންމުކުރި ވީޑީއޯއަކުން ނަގައިފައިވާ އިސްކިރީނުޝޮޓެއް

މި މަހު ފުރަތަމަ ދުވަހު (އަންގާރަ ދުވަހު) މާވަށުން ފުރައިގެން ތ. އަތޮޅުގެ ބައެއް ރަށްރަށުން ވެސް މުދާ ބަރުކޮށްގެން ބުދަދުވަހު ހަވީރު ތ. ހިރިލަންދޫން މާލެއަށް މިސްރާބު ޖަހައިފައިވަނިކޮށް މުދާ އުފުލާ ބޯޓެއްގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއަކީ މި ފަހުގެ ތާރީޚެއްގައި މާވަށަށް އެންމެ ބޮޑު ކުއްލި ހިތާމައެއް ގެނުވި އެއް ހާދިސާއެވެ. އަލިފާން ރޯވެ އަދައި ހުލިވެފައިވަނީ މާވަށާއި މާލެއާ ދެމެދު ދަތުރުކުރާ "ހޮޅުދޫ ބޯޓު" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެކެވެ.

ބޯޓުން ދަތުރުކުރި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުން ގެންދާ އެމްއެންޑީއެފުން އާންމުކުރި ވީޑިއޯއެއްގައި ފެނުނު ގޮތުން އެ ބޯޓުގައި އެކީއެކަށް ރޯވެ އަނދަމުންދާ މަންޒަރު ފެނިފައިވެއެވެ. މުޅި ބޯޓު ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ.

އެމްއެންޑީއެފްގެ އިތުރަށް ތ. އަތޮޅު ކަނޑޫދުވާއި އެހެން ބައެއް ރަށްރަށުގެ ޑިންގީތަކާއި ދޯނިފަހަރު ވެސް މީހުން ސަލާމަތްކުރެވޭތޯ މަސައްކަތްކުރިއެވެ. މި މަގާލު މި ނޫހުގައި ދެންމެ ޝާއިޢުކުރުމާ ހަމައަށް އެކަކު ފިޔަވައި އެހެން ހުރިހައި މީހުން ސަލާމަތްކުރެވިފައިވާކަން އެނގިފައިވެއެވެ. ނަމަވެސް ލ. މާވަށު އަހިމާގޭ ޢުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤު ފެނިފައިވާކަމުގެ މަޢުލޫމާތެއް މިހައި ތަނަށް މިނޫހަކަށް ލިބިފައެއް ނެތެވެ. ލ. މާވަށާއި ތ. ކަނޑޫދޫން އަޅުގަނޑުމެންނަށް ޚަބަރު ލިބުނު ގޮތުގައި ޢަލީ މުޝްފިޤު ފެނުނުކަމުގެ އެއްވެސް ޚަބަރެއް ރަސްމީ ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އޭނާ ފެނުނުކަމަށް ވެސް، ކަށަވަރުނުވާ ބައެއް މަސްދަރުތަކުން ތަންކޮޅެއް ކުރީން ރިޕޯޓުކުރިއެވެ. ނަމަވެސް މާވަށު ކައުންސިލްގެ ކައުންސިލް އެގްޒެކެޓިވް ޢަލީ މުޙަންމަދާއި ކައުންސިލްގެ ރައީސް އަޙުމަދު މޫސާ ވިދާޅުވެފައިވަނީ އެ ކަހަލަ ޚަބަރެއް ފެތުރިފައި ވިޔަސް ރަސްމީ ގޮތެއްގައި އެ ޚަބަރު އަދި ކަށަވަރުނުވާކަމަށެވެ. ކަނޑޫދޫން "ފަރަގު" ނޫހަށް މަޢުލޫމާތުދެއްވި ބޭފުޅަކު ވިދާޅުވީ މީހުން ސަލާމަތްކުރާން އުޅުނު ޑިންގީތަކުން ބުނާ ގޮތުން އަދި ޢަލީ މުޝްފިޤު ފެނުނުކަމުގެ މަޢުލޫމާތެއް ލިބިފައެއް ނެތެވެ. ސަލާމަތްކުރެވުނު މީހުން ކަނޑޫދުވަށް ގެންދެވުނުކަމަށް ވެސް ޚަބަރު ލިބިފައިވެއެވެ.

ބޯޓުން މޫދަށް ފުންމައިލި މީހުންގެ ތެރެއިން ސަލާމަތްކުރެވުނު ބައެއް މީހުން ކަނޑޫދޫގައި. އެކަކު އަދިވެސް ނުފެނިވާކަމަށް ބެލެވެއެވެ. (ފޮޓޯ: ކަނޑޫދޫން ޙާމިދު ރިޔާޒު)

ބޯޓުން ސަލާމަތްކުރެވުނު މީހުން މާވަށަށް ގެންދިޔުމަށް ޓަކައި މާވަށުން ދެ ލާންޗެއް އެ ސަރަހައްދަށް ފުރައިފައިވާކަމަށް ރޭ މެންދަމު 11:15ގައި "ފަރަގު" ނޫހަށް މަޢުލޫމާތު ލިބިފައިވެއެވެ. މިއިން ލާންޗަކުން އަދި ނުފެނިގެން ހޯދާ (ﷲގެ ރަޙުމަތްފުޅުން އޭނާ އަދި ދިރިހުއްޓައި ދައްކަވާށިއެވެ!) ޢަލީ މުޝްފިޤުގެ ބައްޕަ މުޙަންމަދު ޝަރީފު ވެސް ވަނީ އެ ސަރަހައްދަށް ފުރުއްވައިފައެވެ. މުހަންމަދު ޝަރީފަކީ މާވަށު އެންމެ ބޮޑު މިސްކިތްކަމަށްވާ މަސްޖިދު ބިލާލުގެ އިމާމެވެ.

ކައްޕިތާނާ އެކު ޖުމުލަ 18 މީހުން ދަތުރުކުރި "ހޮޅުދޫ ބޯޓު"ގައި ރޯވެ އަނދައިދިޔަ ހިތާމަވެރި ހާދިސާއާ ގުޅިގެން މާވަށުގައި ހިނގަމުން އައި އީދު ކުޅިވަރު މުބާރާތްތައް ވަގުތުން މެދުކަނޑައިލާން ކައުންސިލްގެ ރައީސް އަމުރުކުރައްވައި އެ އަމުރު ވަނީ ތަންފީޒުކޮށްފައެވެ.

ޚަބަރު ލިބިފައިވާ ގޮތުގައި ބޯޓުން ދަތުރުކުރި އެންމެންނަކީ ވެސް (ހަމަ ގައިމު ވެސް ޒިންމާ އުފުއްލާން ތިބި އެންމެންނަކީ ވެސް) މާވަށުގެ ރައްޔިތުންނެވެ. ކައްޕިއަކީ މާވަށު ވަރުގޭ ޢަލީ އަޙުމަދެވެ.

މި ބޯޓުގައި ރޯވީ ކިހިނެއް ވެގެންކަން އަދި ސާފެއް ނުވެއެވެ. ބޯޓުގައި ރޯވެފައިވާކަމަށް ބެލެވެނީ ކަފިދޫ ކިޔާ ފަޅުރަށަކާ ދިމާއިންނެވެ. ތ. ކަނޑޫދޫން ޚަބަރު ލިބިފައިވާ ގޮތުގައި މުޅި ބޯޓު ރޯވި އިރު، ބޯޓު އޮތީ ކަނޑުދުވާ ވަރަށް ކައިރީގައިކަމަށް ވާތީ ބޯޓު އަނދަމުން ދިޔަ އިރު، އަލިފާނުގެ ހުޅުގަނޑުގެ ސަބަބުން ރަށުގެ ފަޅުތެރެއާއި ގޮނޑުދޮށް ވެސް އޮތީ ވަރަށް ގަދައަށް އަލިވެ ހުޅުދާންވެފައެވެ. ނަމަވެސް ބޯޓުގެ އިންޖީނު ނިއްވައިލާނެ ވަގުތެއް ނުލިބި އެންމެން މޫދަށް ފުންމައިލުމުގެ ސަބަބުން އޭރު ވެސް މަޑު ދުވެއްޔެއްގައި ބޯޓު ދުވަމުން ކުރިއަށް ދިޔައެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ޚާއްޞަކޮށް އަދި ނުފެނިވާ ޢަލީ މުޝްފިޤު ހޯދުމުގެ މަސައްކަތުގައި އަދި ވެސް އެމްއެންޑީއެފުން ޙަރަކާތްތެރިވަމުން ގެންދާކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

އަޅުގަނޑުމެންގެ އިޚުލާޞްތެރި ދުޢާއަކީ ހެޔޮ ޙާލުގައި ވަނިކޮށް ޢަލީ މުޝްފިޤު ފެނުމުގެ ތައުފީޤު މާތް ﷲ މިންވަރުކުރެއްވުމެވެ. އަދި މި ނުރައްކާތެރި ހާދިސާގައި ޖާނީ ގޮތުންނާއި މާލީގޮތުންނާއި ނަފުސާނީ ގޮތުން ގެއްލުން ލިބުނު އެންމެހައި ފަރާތްތަކަށް ކެތްތެރިކަމާއި ސާބިތުކަން މިންވަރުކުރައްވާށިއެވެ.  އާމީން!

ކޮމެންޓު