އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
11 މޭ 2026
އިންސާނާ ކުރާ ކޮންމެ ކަމަކީ ނުވަތަ ކޮންމެ ޢަމަލަކީ އިސްލާމީ ޝަރީޢަތުގައި އެ ކަމަށް ވަރަށް ޚާއްޞަ ޢިނާޔަތެއް ދެއްވައިފައިވާ ކަމެކެވެ. ޙަޟާރަތްތައް ބިނާވުން އޮތީ ކުރާ ކަމެއް ރަނގަޅަށް ފުރިހަމަކޮށް ކުރާ ކުރުމުގެ މަތީގައެވެ. އުންމަތް ތަރައްޤީވެ ކުރިއަރަނީ އެ އުންމަތެއްގެ ދަރީން ކުރާ، ބިނާކުރަނިވި ޢަމަލުތަކުގެ ސަބަބުންނެވެ. އުންމަތުގެ ކަރާމަތާއި ޢިއްޒަތް ދެމި އޮންނަނީ ވަޠަން ދެކެ ލޯބިވާ ދަރީންގެ މަސައްކަތްތަކުގެ މަތީގައެވެ.
ކުރާ ޢަމަލުތައް ނުރަނގަޅު މީހެއްގެ ކިބައިގައި ތެދުވެރި އީމާންކަމެއް ނުހުންނާތެވެ. މުއުމިނު އަޅާގެ ހިތުގައި އީމާންކަން ހަރުދަނާވި ވަރަކަށް އޭނާގެ ޢަމަލުތަކުން މި ކަމުގެ އަސަރު ފެންނާނެއެވެ. ރަނގަޅު ތެދުވެރި އީމާންކަމަކީ މުއުމިނު އަޅާއަށް އޭނާގެ ޢަމަލުތައް ބަރާބަރަށް ފުރިހަމަކޮށް ކުރުމަށް ގޮވައިލާ ތަރުބަވީ މަންހަޖެކެވެ.
އީމާންކަން: ކަންކަން ފުރިހަމަކޮށް ކުރުމަށް ގޮވައިލާ
އިސްލާމްދީން ގެނެސްދެއްވައިފައިވާ ހަރުދަނާ މަންހަޖު ކަށަވަރުކޮށްދޭ ގޮތުގައި ކަންކަން ފުރިހަމަކޮށް ކުރުމަކީ ޝަރީޢަތުގެ އަމުރުތަކާއި ނަހީތަކުގެ މާތް ލަނޑުދަނޑިއެކެވެ. މާތް ﷲ މުސްލިމު އަޅާއަށް ކުރާން އަމުރުކުރައްވައިފައިވާ ކަންތައްތައް ކުރުމަށް އޭނާ މައިދާނަށް ނުކުންނަނީ މި މާނައިން އޭނާގެ ހިތް ޅީކޮށްލައިގެންނެވެ. އެ ކަމުން އޭނާއަށާއި އޭނާގެ މުޖުތަމަޢަށް ފައިދާއާއި ލާބަ ލިބިދިނުމަށެވެ. އިޚުލާޞްތެރިކަމާއި އިޙުސާންތެރިކަމުގެ ވަޑާމުން ބިނާތައް އާރާސްތުކުރުމަށް ޓަކައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًاُ [1] - ތިޔަބައިމީހުންކުރެ އެންމެ عمل ރަނގަޅީ ކާކުތޯ امتحان ކުރެއްވުމަށްޓަކައެވެ.)) މި ބަސްފުޅުގައި މި ވަނީ [އެންމެ ޢަމަލު ރަނގަޅީ]އެވެ. [އެންމެ ޢަމަލު ގިނައީ]އެކޭ އެކަލާނގެ ވަޙީއެއް ނުކުރައްވަތެވެ. މި ބަސްފުޅު އަޅުގަނޑުމެން ސަމާލުކަމަށް ގެންނަނީ ކުރާ ޢަމަލު ގިނަކުރުމަކަށްނޫނެވެ. ކުރާ ޢަމަލު ރަނގަޅަށް ފުރިހަމަކޮށް ކުރުމަށެވެ. ކީރިތި ރަސޫލާއަށް އިސްލާމްދީން އުނގަންނައިދެއްވުމަށް ޓަކައި، ޖިބްރީލުގެފާނު ވަޑައިގެން ކުރެއްވި ސުވާލުތަކުންނާއި ކައު ރަސޫލާ ދެއްވި ޖަވާބުތަކުން އެނގެނީ އަބަދު ވެސް ﷲގެ ފާރަވެރިވެވޮޑިގަތުންވާކަން ހަނދުމަކުރުމަށެވެ. ކޮންމެ ކަމެއް ކުރާ އިރު މި ކަން ދަނެ ތިމާގެ ނަފުސު އޮޑިޓަށް ހުށައެޅުމަށެވެ. އިޙުސާންތެރިކަން ބަޔާންކޮށްދެއްވައި ލޮބުވެތި ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((أَنْ تَعْبُدَ اللَّهَ كَأَنَّكَ تَرَاهُ فَإِنْ لَمْ تَكُنْ تَرَاهُ، فَإِنَّهُ يَرَاكَ [2]- އެއީ، ތިބާއަށް އެކަލާނގެ ފެންނަ ފަދައިން ތިބާ ﷲއަށް އަޅުކަންކުރުމެވެ. ފަހެ ތިބާއަށް އެކަލާނގެ ނުފެނުނުކަމުގައި ވިޔަސް އެކަލާނގެ ތިބާ ދެކެވޮޑިގަންނަވައެވެ.)) މުސްލިމު އަޅާ އޭނާގެ ހިތަށް ﷲ ގެނެސްގަނެގެން އަޅުކަންކުރާ އިރު، އޭނާ ކުރާ އަޅުކަންތަކާއި ކުރާ ޢަމަލުތައް ރިވެތިކޮށް ފުރިހަމަކޮށް ކުރާނެއެވެ. ޢަމަލުތައް ފުރިހަމަކޮށް ކުރުމުން އޭނާއަށް ދެއްވާ ސަވާބު ވެސް އިތުރުކުރައްވާނެއެވެ. ލޮބުވެތި ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((إِذَا أَحْسَنَ أَحَدُكُمْ إِسْلَامَهُ، فَكُلُّ حَسَنَةٍ يَعْمَلُهَا تُكْتَبُ لَهُ بِعَشْرِ أَمْثَالِهَا إِلَى سَبْعِمِائَةِ ضِعْفٍ، وَكُلُّ سَيِّئَةٍ يَعْمَلُهَا تُكْتَبُ لَهُ بِمِثْلِهَا حَتَّى يَلْقَى اللهَ [3]- ތިޔަބައިމީހުންކުރެ މީހަކު އޭނާގެ އިސްލާމްކަން ރިވެތިކޮށްފި ނަމަ ދަންނައެވެ. އޭނާ ﷲއާ ބައްދަލުވެއްޖައުމަށް ދާންދެން އޭނާ ކުރާ ކޮންމެ ހެޔޮ ކަމަކަށް އެ ފަދަ ދިހަ ހެޔޮކަމުން ފެށިގެން ހަތް ސަތޭކަ ހެޔޮކަމުގެ މިންވަރަށް އޭނާއަށް ސަވާބުދެއްވާނެއެވެ. އޭނާ ކުރާ ކޮންމެ ނުބައި ކަމަކަށް ދެއްވާނީ އެ ފަދަ ނުބައިކަމެއް ކުރުމުގެ ޖަޒާއެވެ.)) މާތް ﷲ ﷲ ރުއްސުންލެއްވި ޢުޘްމާނުގެފާނު ވިދާޅުވިއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ، خَرَجَتْ خَطَايَاهُ مِنْ جَسَدِهِ، حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِه [4]- މީހަކު ވުޟޫކޮށް އޭނާގެ ވުޟޫ ފުރިހަމަކޮށްފި ނަމަ އޭނާގެ ކުށްފާފަތައް އޭނާގެ ހަށިގަނޑުންނާއި ނިޔަފަތިތަކުގެ ދަށުން ނުކުމެގެންދާނެއެވެ.))
މާތް ﷲ އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޖާބިރު ބުނު ޢަބްދުﷲގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلمގެ ޞަޙާބީއަކު އަވަހާރަވުމުން އެކަލޭގެފާނު ރަނގަޅަށް ކަފުންނުކޮށް ރޭގަނޑުގެ ވަގުތެއްގައި ފަސްދާނުލީ ވާހަކަ ދެންނެވުމުން މަޖުބޫރީ ޙާލަތުގައި މެނުވީ މީހުން އެ ގޮތަށް ވަޅުނުލާން ޙަދީސްކުރެއްވިއެވެ. އެއަށް ފަހު، އެކަލޭގެފާނު އެކަމާ ނުރުހުންވެވަޑައިގެން ޙަދީސްކުރެއްވިއެވެ. ((إِذَا كَفَّنَ أَحَدُكُمْ أَخَاهُ فَلْيُحَسِّنْ كَفَنَهُ[5] - ތިޔަބައިމީހުންކުރެ މީހަކު އޭނާ އަޚާ ކަފުންކުރި ނަމަ ފަހެ އޭނާ ރިވެތިކޮށް ކަފުންކުރާހުށިކަމެވެ.))
ކައު ރަސޫލާ صلى الله عليه وسلم ވަނީ މުސްލިމު އަޅާ ކުރާ ހުރިހައި ޢަމަލުތަކެއްގައި ވެސް އީމާންކަމުގެ މާނަތައް ފުރިހަމަވާ ގޮތަށް ކުރުމަށް އަންގަވައިފައެވެ. އެންމެ މުހިންމު އެއް އަޅުކަމެއް ކަމުގައިވާ ނަމާދުން ވައްކަންނުކުރުމަށް އެކަލޭގެފާނު ވަނީ ނަސޭހަތްދެއްވައިފައެވެ. ނަމާދުން ވައްކަންކުރާ ވާހަކަ ވިދާޅުވުމުން އެކަލޭގެފާނުގެ އަޞްޙާބުން އެ ކަމާ ޙައިރާންފުޅުވެގެން ނަމާދުން ވައްކަން ކުރަނީ ކިހިނެއްތޯ ސުވާލުކުރެއްވިއެވެ. އެހިނދު ޙަދީސްކުރެއްވިއެވެ. ((إِنَّ أَسْوَأَ النَّاسِ سَرِقَةً الَّذِى يَسْرِقُ صَلاتَهُ قالوا: يا رسول الله، كيف يسرقها؟ قال: لا يُتِمُّ رُكُوعَهَا وَلا سُجُودَهَا [6]- ވައްކަންކުރުމުގައި އެންމެ ނުބައި މީހަކީ އޭނާގެ ނަމާދުން ވައްކަންކުރާ މީހާއެވެ. އެބައިމީހުން ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ! ނަމާދުން ވައްކަންކުރަނީ ކިހިނެއްތޯއެވެ؟ އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. އެއީ އެ ނަމާދުގެ ރުކޫޢުތަކާއި ސަޖިދަތައް ފުރިހަމަނުކުރުމެވެ.))
ކައުނު އިންތިޒާމުކުރެވިގެންވަނީ ރަނގަޅަށް ކަންކުރުމުގެ އަސާސުގެ މަތީގައި
ރަނގަޅަށް ކަންކަން ކުރުމަކީ ޙަޔާތުގެ މަންހަޖެވެ. ކައުނުގެ ކަންކަން ހަމަޖެހިފައިވަނީ މި ފިޠުރަތުގެ މަތީގައެވެ. ކުރާ ޢަމަލުތައް އޭގެ މަގުސަދާ ހަމައަށް ވާޞިލުވެވޭނީ އެ ކަންކަން ރަނގަޅަށް ކޮށްގެންނެވެ. ރަނގަޅުކަން ނެތިއްޖެ ނަމަ، އޮންނާނީ ދޯދިޔާކަމެވެ. އެއްވެސް ކަމެއް ކުރުމުގައި ދޯދިޔާވެއްޖެ ނަމަ، އެ ޢަމަލުގެ ލަނޑުދަނޑިއަށް ވާޞިލެއްނުވެވޭނެތެވެ. އިންސާނާގެ އަގު ވަޒަންކޮށްދޭ ތަރާދަކީ އެއެވެ. އުންމަތްތަކުގެ ޙަޟާރަތު މިނެދޭ މީޔާރަކީ އެއެވެ. ރަނގަޅަށް މަސައްކަތްކުރާން ދަންނަ ބަޔެއްގެ ކޮނޑުމަތީގައި މެނުވީ ރަނގަޅު ތަހުޒީބެއް ޤާއިމެއް ނުކުރެވޭނެތެވެ. އެއްވެސް ޙަޟާރަތެއް ފާގަތިވެ ކުރިއަރާނީ އެ ބަޔަކާ ޙަވާލުކުރެވޭ މަސައްކަތްތައް އިޚުލާޞްތެރިކަމާ ހަރުދަނާކަމާ އެކު، އަދާކޮށްގެންނެވެ.
މި ވުޖޫދާމެދު ވިސްނާ މީހާއަށް ފެންނާނީ މި ވުޖޫދުގެ ރިވެތިކަމާއި އިންތިޒާމުގެ ސިއްރަކީ ރަނގަޅުކަމާއި ފުރިހަމަކަން ކަމެވެ. ޙަޔާތް ބިނާވެގެންވަނީ އެ ކަމުގެ މަތީގައިކަމަށް ވާތީއެވެ. އެހެންކަމުން އިންސާނާ ކުރާ ކޮންމެ ކަމެއް ފުރިހަމަކޮށް ރިވެތިކޮށް ކުރުން އޭނާގެ މައްޗަށް ލާޒިމުވެގެންވެއެވެ. މިހެންވެ އިންސާނާ އޭނާ އަޅުކަންތަކުގައްޔާއި ދުނިޔަވީ ޢަމަލުތަކުގައި މި ޢުންޞުރު ހިމަނާންޖެހޭނެއެވެ. އެއީ ބިނާކުރަނިވި ޢުންޞުރަކަށް ވާތީއެވެ. މި ޢުންޞުރު ނެތިއްޖެ ނަމަ، އެ ޢަމަލެއް ވާނީ ހަލާކުކުރަނިވި ކަމަކަށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((وَٱللَّهُ يُحِبُّ ٱلْمُحْسِنِينَ[7] - إحسان ތެރީންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ.)) މާތްﷲ އިޙުސާންތެރީން ދެކެ ލޯބިވެވޮޑިގަތުމުގެ މާނައަކީ ރިވެތިކޮށް ކުރާ ޢަމަލުތައް ދެކެ ލޯބިވެވޮޑިގަންނަވާ ވާހަކައެވެ. އެ ފަދަ ޢަމަލުތަކަށް އެކަލާނގެ ހެޔޮ ޖަޒާދެއްވާނެ ވާހަކައެވެ. އިޙުސާންތެރިކަމުގެ ތެރޭގައި، ކުރާ ކަމެއް ފުރިހަމަކޮށް ކުރުމާއި ރިވެތި ގޮތުގައި ކުރުން ވެއެވެ.[8] ﷲ U ގެ ޚަލްޤުކުރެއްވުމުގެ ފުރިހަމަކަމަށް ބަލައި އަޅުގަނޑުމެން އިންސާނުން ވެސް ކުރާ މަސައްކަތް ރަނގަޅަށް ބަރާބަރަށް ފުރިހަމަކޮށް ކުރުމަށް އެންގެވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((ٱلَّذِى خَلَقَ سَبْعَ سَمَٰوَٰتٍ طِبَاقًا ۖ مَّا تَرَىٰ فِى خَلْقِ ٱلرَّحْمَٰنِ مِن تَفَٰوُتٍ ۖ فَٱرْجِعِ ٱلْبَصَرَ هَلْ تَرَىٰ مِن فُطُورٍ ﴿٣﴾ ثُمَّ ٱرْجِعِ ٱلْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ ٱلْبَصَرُ خَاسِئًا وَهُوَ حَسِيرٌ[9]- އެކަލާނގެއީ، މަތިމައްޗަށް ހަތްއުޑު ހެއްދެވި ރަސްކަލާނގެއެވެ. رحمن ވަންތަ ރަސްކަލާނގެ (އެތަކެތި) ހެއްދެވުމުގައި އެއްވެސް ކަހަލަ އުނިކަމެއް ތިބާޔަކަށް ނުފެންނާނެތެވެ. ފަހެ، تكرارކޮށް نظر ހިންގައި ބަލާށެވެ! އެއްވެސް ކަހަލަ خللއެއް ތިބާޔަށް ފެނޭހެއްޔެވެ؟ ދެން ވެސް تكرارކޮށް ދެ ފަހަރަށް نظر ހިންގައި ބަލާށެވެ! އޭރުން ދެރަވެ، ނިކަމެތިވެގެންވާ حالގައި (ތިބާގެ) نظر އެނބުރި ތިބާގެ ގާތަށް އަންނަހުށްޓެވެ.)) މާތް ﷲ ރަޙުމަތްލެއްވި އިބްނު ޢާޝޫރު ވިދާޅުވާ ގޮތުގައި [ﷲގެ އުފެއްދެވުމޭ ވަޙީނުކުރައްވައި ރަޙުމާނުވަންތަ ރަސްކަލާނގެ އުފެއްދެވުމޭ އެންގެވުމުން އެނގެނީ އެ ކަމުގައި އިންސާނާއަށް ﷲގެ ރަޙުމަތް ވާކަމެވެ. އެ ތަންތަން މާތް ﷲ ހެއްދެވީ އިންސާނާގެ ޙަޔާތަށް ބޭނުންވާ ގޮތަށްކަން އެންގެވުމެވެ. ﷲގެ މި އުފެއްދެވުމުގައި ޚަލަލެއް ގަނޑުބަޑުކަމެއްވާ ނަމަ މީސްތަކުންނަށް ބުރަތައް އުފުއްލާންޖެހޭނެއެވެ. އެހެނަސް އެކަލާނގެ މި ކައުނު އުފައްދަވައިފައިވަނީ އިންސާނާއަށް ލުއިފަސޭހަކޮށްދެއްވުމަށެވެ. އިރުން އަލިކަމާއި ހަކަތަ ލިބޭ ގޮތަށެވެ. ހަނދުން ދުވަސްތައް ފާއިތުވަމުންދާ ގޮތް ބަޔާންކޮށްދެއްވުމަށެވެ. ތަރިތަކުން ދަތުރުވެރީންނަށް މަގުދެއްކެވުމަށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ((هُوَ ٱلَّذِى جَعَلَ ٱلشَّمْسَ ضِيَآءً وَٱلْقَمَرَ نُورًا وَقَدَّرَهُۥ مَنَازِلَ لِتَعْلَمُوا۟ عَدَدَ ٱلسِّنِينَ وَٱلْحِسَابَ ۚ مَا خَلَقَ ٱللَّهُ ذَٰلِكَ إِلَّا بِٱلْحَقِّ ۚ يُفَصِّلُ ٱلْـَٔايَٰتِ لِقَوْمٍ يَعْلَمُونَ [10] - އެކަލާނގެއީ، އަލިކަމެއްކަމުގައި އިރު ލައްވައި، ނޫރެއްކަމުގައި ހަނދު ލެއްވި ރަސްކަލާނގެއެވެ. އަދި އެ ހަނދު ހިނގުމަށް منزلތަކެއް މިންވަރުކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުން އަހަރުތަކުގެ عددއާއި (މައްސަރުތަކާއި ދުވަސްތަކުގެ) حساب ދެނެގަތުމަށް ޓަކައެވެ. حق ގޮތުން މެނުވީ، اللَّه، އެ ތަކެތި ނަހައްދަވައެވެ. އެނގޭ ބަޔަކަށް އެކަލާނގެ آيةތައް تفصيل ކޮށްދެއްވަތެވެ.))
ޢަމަލުތައް ފުރިހަމަކޮށް ކުރުމަކީ އިންސާނީ ޟަރޫރަތެއް އަދި ޝަރުޢީ ވާޖިބެއް
ލޮބުވެތި ރަސޫލާ ﷺ ބަޔާންކޮށްދެއްވައިފައިވާ ގޮތުގައި ކުރާ ކަމެއް ރަނގަޅަށް، ފުރިހަމަކޮށް ކުރުމަށް ﷲ عز وجل ލޯބިވެވޮޑިގަންނަވައެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((إِنَّ اللَّهَ يُحِبُّ إِذَا عَمِلَ أَحَدُكُمْ عَمَلًا أَنْ يُتْقِنَهُ [11]- ހަމަކަށަވަރުން ތިޔަބައިމީހުން ކުރެ މީހަކު ޢަމަލެއް ކުރާ އިރު، އެ ކަމެއް ފުރިހަމަކޮށް ކުރުމަށް ﷲ ލޯބިވެވޮޑިގަންނަވައެވެ.)) މި މާތް ޙަދީސްފުޅުގައި ބަޔާންކުރައްވައިފައި މި ވަނީ އަޅުގަނޑުމެންގެ މުޅި ޙަޔާތް އެ ކަމުގައި ޝާމިލުވާ ގަވައިދެކެވެ. ހަމައެކަނި އަޅުކަންތަކެއްނޫނެވެ. ދުނިޔެއާއި އާޚިރަތެވެ. ޢިބާދާތާއި މުޢާމަލާތާއި އަޚުލާޤާއި ސުލޫކެވެ.
ވުހައިބު ބުނުލް ވަރްދު ވިދާޅުވިއެވެ. [ތިޔަބައިމީހުން ކުރެ އެކަކު ވެސް ޢަމަލުތައް މަދުވެގެން ކަންބޮޑުނުވާށެވެ! ކަންބޮޑުވާންވީ މި ޢަމަލުތައް ރިވެތިކޮށް ބަރާބަރަށް ފުރިހަމައަށް ނުކުރެވިދާނެތީއެވެ. ފަހަރެއްގައި އަޅާ ﷲއަށް އުރެދެމުން ނަމާދުކުރަމުން ހިނގައިދާނެއެވެ. ﷲއަށް އުރެދެމުން ރޯދަހިފަމުން ހިނގައިދާނެއެވެ.][12]
ވީމާ ކަމެއް ފުރިހަމަކޮށް ކުރުމަކީ: އެ ކަމެއް ކުރާން ޖެހޭ އެންމެ ރިވެތި ގޮތަށް، ރަނގަޅު ގޮތަށް އެ ކަމެއް ކުރުމެވެ. އިޚުލާޞްތެރިކަމާއި އަމާނަތްތެރިކަމާއި ތެދުވެރިކަމާ އެކުގައެވެ. އޭނާގެ މަގުސަދަކަށް ވާންޖެހޭނީ މީހުންނަށް އެއިން ލާބަ ލިބިދިނުމެވެ. ގެއްލުން ލިބުނަނުދިނުމެވެ. ޢަމަލުގެ ނިޒާމުގެ އިމުގެ ތެރޭގައި މީސްތަކުންނަށް ލުއިފަސޭހަކޮށްދިނުމެވެ.[13]
ކުރާ ކަމެއް ފުރިހަމަކޮށް ބަރާބަރަށް ކުރުމަކީ އީމާންކަމުގެ ތެދުވެރިކަން ރިވެލިކޮށްދޭ ކަމެކެވެ. ﷲ އޭނާގެ ޢަމަލުތަކަށް ބައްލަވައިވޮޑިގެންވާކަން ދައްކައިދޭ ކަމެކެވެ. އެ ކަމުގެ ސަބަބުން ޙައްޤުވެރީންނަށް އެ މީހުންގެ ޙައްޤުތައް ލިބެއެވެ. ފުރިހަމަކޮށް ކަންކުރުން ދީނީ ވާޖިބަކަށް ވަނީ މިހެންވެގެންނެވެ. އިންސާނީ ޟަރޫރަތަކަށް ވަނީ މިހެންވެގެންނެވެ. رسول الله ﷺ ޙަދީސްކުރެއްވިއެވެ. ((إِنَّ اللهَ كَتَبَ الْإِحْسَانَ عَلَى كُلِّ شَيْءٍ [14]– ހަމަކަށަވަރުން މާތް ﷲ ހުރިހައި އެއްޗެއްގެ މައްޗަށް އިޙްސާންތެރިވުން ލާޒިމުކުރެއްވިއެވެ.)) އިބްނު ޢައްލާނުލްމައްކީ ވިދާޅުވާ ގޮތުގައި [އިޙުސާންތެރިކަމުގެ ތެރޭގައި، ކުރާ ކަންކަން ފުރިހަމަކޮށް ބަރާބަރަށް ކުރުމާއި އޯގާވެރިކަން ހިމެނެއެވެ. އިޙުސާންތެރިކަމަކީ އީމާންކަމުގެ މަދެވެ. އެއީ އީމާންކަމުގެ ގޮތްޕެއްނޫނެވެ. އެއީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެއް ވެސް ނޫނެވެ."[15]
ކީރިތި ޤުރްއާނުގެ އެތައްއެތައް އާޔަތްތަކެއްގައި، ކުރާ މަސައްކަތެއް ރަނގަޅަށް ފުރިހަމަކޮށް ކުރުމަށް އިޝާރަތްކުރައްވައިފައިވެއެވެ. ޛުލްޤަރްނައިނި ރަސްގެފާނު ޔައުޖޫޖުމައުޖޫޖު ޑޭމު ބިނާކުރެއްވި ގޮތުގެ ފުރިހަމަކަން މާތް ﷲ އަލްކަހްފު ސޫރަތުގައި އަންގަވައިފައިވެއެވެ. ((فَأَعِينُونِى بِقُوَّةٍ أَجْعَلْ بَيْنَكُمْ وَبَيْنَهُمْ رَدْمًا ﴿٩٥﴾ ءَاتُونِى زُبَرَ ٱلْحَدِيدِ ۖ حَتَّىٰٓ إِذَا سَاوَىٰ بَيْنَ ٱلصَّدَفَيْنِ قَالَ ٱنفُخُوا۟ ۖ حَتَّىٰٓ إِذَا جَعَلَهُۥ نَارًا قَالَ ءَاتُونِىٓ أُفْرِغْ عَلَيْهِ قِطْرًا ﴿٩٦﴾ فَمَا ٱسْطَٰعُوٓا۟ أَن يَظْهَرُوهُ وَمَا ٱسْتَطَٰعُوا۟ لَهُۥ نَقْبًا [16]- ފަހެ، ތިޔަބައިމީހުން ބާރެއްލައިދީ، ތިމަންނާއާ ވާގިވެރިވާށެވެ! އޭރުން ތިޔަބައިމީހުންނާ އެއުރެންނާ ދެމެދު ހުރަހެއް ލައިދޭހުށީމެވެ (95) . ތިމަންނާއަށް ދަގަނޑުގެ އެތިއެތިގަނޑު ގެނެސްދޭށެވެ! ދެން އެ ދެ ފަރުބަދަ ދޭތެރޭގައި އޮތް ތަން އެއްވަރުވީ ހިނދު، އޭނާ ވިދާޅުވިއެވެ. އެ ދަގަނޑުތައް ދޮންވެ އަލިފާނަށް ވެއްޖައުމަށް ދާނދެން ތިޔަބައިމީހުން ފުމޭށެވެ! އޭނާ ވިދާޅުވިއެވެ. ވިރުވައިފައިވާ ރަންވަންލޮއި އޭގެ މައްޗަށް އޮއްސައިލުމަށް ތިމަންނަޔަށް ގެނެސްދޭށެވެ. (96) ފަހެ، އެ ހުރަހުގެ މަތީން އެއުރެންނަށް އެރުމަކަށް ކުޅަދާނައެއް ނުވިއެވެ. އަދި އެ ހުރަސް ފޫއަޅުވައިލުމަކަށް ވެސް، އެއުރެންނަކަށް ކުޅަދާނައެއް ނުވިއެވެ. (97))) އިބްނު ކަޘީރު ވިދާޅުވެފައިވާ ގޮތުގައި ޛުލްޤަރްނައިނި މި ޑޭމް ބިނާކުރެއްވީ ލޮޔާއި ދަނގަނޑުންނެވެ. މިއަށް ވުރެ ވަރުގަދަ އަދި މީސްތަކުންނަށް ފައިދާ ބޮޑު ބިނާއެއް ބިނާކުރި ވާހަކަ ތާރީޚުން ފެންނާކަށް ނެތެވެ.[17]
((ނުނިމޭ))
ބައެއް ލަފުޒުގެ މާނަ:
ޙަޟާރަތު ނ. ރަނގަޅު ފެންވަރެއްގެ ދިރިއުޅުމަކަށް ވާޞިލުވުމަށް ޓަކައި އިންސާނާ އުފައްދާ އުފެއްދުންތަކާއި ހޯދާ ހޯދުންތަކާއި ވިސްނާ ވިސްނުންތަކާއި ޤުދުރަތީ މުއްސަނދިކަން ބޭނުންކުރުމަށް ޓަކައި ކުރާ މަސައްކަތްތައް. Civilization
ރިވެލި ނ. (1) ހިޔަނި. (2) ކަނޑުގެ ބާނިތަކަށް އަލީގެ ސަބަބުން އެޅިފައި ހުންނަ ދަޅަ. (3) ގޭގެ ދޮރުން ބޭރަށް ނުކުމެފައި ހުންނަ އަލި. reflection
އުންސުރު ނ. (1) އެއްވައްތަރެއްގެ އެޓަމްތަކަކުން އެކުލެވޭ، ކީމާވީ ވަސީލަތަކުންކުރެ ވަސީލަތަކުން ބައިބައި ނުކުރެވޭނެ މާއްދާ. މިސާލަކަށް އޮކްސިޖަން. (2) އެއްޗެއް އޭގެ ޒާތުގައި ފުރިހަމަ ވުމަށް ޓަކައި އޭގައި ހިމެނޭން ޖެހޭ އަސާސީ ބައިތައް. މިސާލަކަށް ޚަބަރެއްގައި ނަމަ ފަސް ކާފު ހިމެނޭން ޖެހޭނެއެވެ. (3) ޤާނޫނުގައި ކުށެއް ކަމަށް ކަނޑައަޅައިފައި ވާ ކަމެއް، ކުށެއްގެ ގޮތުގައި ފުރިހަމަ ވުމަށް ޓަކައި ހުރުން ގާނޫނު ލާޒިމުކުރާ އަސާސީ ބައިތައް. ޢާއްމުކޮށް ކުށެއްގައި ހިމެނޭ އުންސުރުތަކަކީ އެ ކުށުގެ ޢަމަލު ކަމަށް ބެލެވޭ ބަޔާއި، ކުށުގެ ގަސްދާއި ނިޔަތެވެ. element
އިންތިޒާމު ނ. ކަމެއް ބަލާން ވީގޮތަށް ބަލަހައްޓާ ބެލެހެއްޓުން. (2) ތަރުތީބު ހަމަޖައްސާ ހަމަޖެއްސުން.
ވުޖޫދު ނ. އުފެދޭ އުފެދުން. existence
މީޔާރު ނ. (1) އިޚުތިޔާރުލިބިގެންވާ ފަރާތަކުން އެއްޗަކާ މެދު ނުވަތަ ކަމަކާ މެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު. (2) އާންމުކޮށް ބަލައިގަނެވޭ ވަރަށް ފޭރާން ހެޔޮ ނުވަތަ ފެންވަރު ރަނގަޅު. (3) އާންމު ހަމަ. standard
ތަހުޒީބު ނ. (1) ރަނގަޅު ރީތިގޮތްތައް. (2) ޒަމާނާ އެއް ގޮތަށް ބަދަލުވާ ބަދަލުވުން.
ޑޭމު ނ. ދެމެމުން އަންނަ ފެންގަނޑެއް ވަކި ބޭނުމަކަށް ޓަކައި ވަކި މިންވަރަކަށް ހިފެހެއްޓުމަށް ހަދައިފައި ހުންނަ ހުރަސް. dam
މަރުޖާ
[1] - الملك: 2
[2] - أخرجه البخاري (50) ومسلم (9)
[3] - متفق عليه
[4] - أخرجه أحمد (476)، وابن أبي شيبة (49)، والبزار (433)
[5] - أخرجه مسلم ( 943 ) و النسائي (1895)
[6] - صحيح ابن حبان (5/ 209) (1888)، الشّافي في شرح مسند الشّافعي (1/613)، الكاشف عن حقائق السنن (3/1020)، التنوير (2/373)، نيل الأوطار (2/ 311)
[7] - آل عمران: 134
[8] - التفسير الوسيط - مجمع البحوث
[9] - الملك: 3 - 4
[10] - يونس : 5
[11] - أخرجه أبو يعلى الموصلي (4386)، والطبراني في ((المعجم الأوسط)) (897)، والبيهقي في ((شعب الإيمان)) (4929)
[12] - صفة الصفوة
[13] - موسوعة الأخلاق للخراز
[14] - أخرجه أبو داود (2815)، ومسلم (1955)، والترمذي (1409 )
[15] - الفتوحات الربانية على الأذكار النووية، لمحمد بن علان المكي
[16] - الكهف : 95 - 97
[17] - البداية والنهاية، لابن كثير