ad_banner
ބިންޔަމީން ނަތަންޔާހޫގެ އަޑު ދިވެހިރާއްޖޭން ރިވެލިވެއްޖެ!؟

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

11 މޭ 2026

އިޒުރޭލުގެ ހައްދުފަހަނަޅައިފައިވާ އަނިޔާވެރި، ނިރުބަވެރި ބޮޑުވަޒީރު، ނަތަންޔާހޫ ބުނާ ގޮތުގައި [ފަލަސްތީނުމީހުން ދާނެ ތަނެއް، ދުނިޔެއިން ހޯދާން ޖެހޭނެއެވެ.]

ނަތަންޔާހޫ އެ މޭރުމުން ވާހަކަ ދައްކަމުން ދަނިކޮށް މި ދޭތެރެއަކުން ރާއްޖެއިން މި އަޑުއިވުނީ، ދިވެހިރާއްޖޭގެ އިސް މަޤާމުތަކެއް ފުރުއްވައިފައިވާ ބޭފުޅަކު ފަލަސްޠީނުގެ މުސްލިމުންނާއި، އަދި އެހެނިހެން މުސްލިމުންނަށް، ދިވެހިރާއްޖޭގެ ރަށްވެހިކަން ދޭން ގޮވައިލެއްވި އަޑެވެ. ފަހަރެއްގައި މިއީ ނަތަންޔާހޫގެ އަޑުގެ ރިވެލިވުމަކަށް ވެދާނެއެވެ. ދެ މީހެއްގެ އަޑު މި ގޮތަށް އެއްއުއިވުމަކީ އިއްތިފާޤަކަށް ނުވެދާނެއެވެ. އެއީ، ވަރަށް ރަނގަޅަށް ފިލާއަޅައިގެން، ހިސާބުޖަހައިގެން، އިއްތިފާޤުވެގެން ނޫނީ އިވޭނެ އަޑެއް ނޫނެވެ. ހަނދާންކުރަންޖެހޭ ކަމަކީ، މިއީ މި އަޑު އިވުނު ފުރަތަމަ ފަހަރު ނޫންކަމެވެ. މީގެ ކުރީން ވެސް މި ބަނދިވަރު ވަނީ ރިވެލިވެފައެވެ. މިއީ ދިވެހީން ހޭވެރިވެ ވިސްނާންޖެހޭ ނުކުތާއެކެވެ. ނަތަންޔާހޫ ގޮވައިލީ ފަލަސްޠީނީން ފޮނުވައިލާނެ ތަނެއް ތިމަންނަމެން ހޯދާން އެބަޖެހެއެވެ. މި ކަމަށް އެހީތެރިވާން މި އިސްނެގީ މުޅި ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުކަމުގައިވާ ކުޑަކުޑަ ދިވެހިރާއްޖޭގެ އަޑެކެވެ. ދިވެހިރައްޔިތުންނަށް މި އުޅެނީ ފޯހިޔާވަހިކަމުގެ ހައްގު ހޯދައިނުދެވިގެންނެވެ. ނަމަވެސް އެތައް މިލިއަން ބަޔަކަށް މި ތަނުން ރައްޔިތުކަން ދީގެން އެ މީހުންގެ ބޯހިޔާވަހިކަމުގެ ޒިންމާ ދިވެހިރާއްޖެއިން އުފުލާން ގޮވައިލާ މީހެއްގެ ހިތުގައި ދިވެހި ރައްޔިތުންނާ މެދު އޮތް ކުލުނާ މެދު ސުވާލު ނޫފެދޭތޯއެވެ؟

މި ކަން ކޮންމެ ގޮތަކަށް އޮތް ނަމަވެސް، ދިވެހިރާއްޖެއަކީ ކިތަންމެ ބޮޑު ބިން ބޮޑު، ތަނަވަސް ގައުމެއް ނަމަވެސް، ނަތަންޔާހޫގެ ބަޔާނަކީ ތާކުންތާކު ނުޖެހޭ ހޮޅި ބަޔާނެކެވެ. ސަބަބަކީ ފަލަސްޠީނީން ފޮނުވާން ޖެހޭ އެހެން ތަނެއް ނޯންނާނެއެވެ. ފަލަސްޠީނަކީ އެތައް ޤަރުނެއްގެ ކުރީއްސުރެ އެ މީހުންގެ އުފަން ވަޠަނެވެ. އެ ބިމުން ބައެއް ފޭރިގަނެގެން އެ ތަނަށް ހިޖުރަކޮށްގެން އުޅެނީ ދުނިޔޭގެ އެތަންމިތާނގައި ތެޅުނު ޞަހުޔޫނީންނެވެ. ދުނިޔެއިން ބިމެއް ހޯދާން ޖެހޭނީ ބިމެއް ނެތް މުހާޖިރުންނަށެވެ. ވީމާ ނަތަންޔާހޫގެ ބަޔާނަށް ދޭނެ ރައްދު ޖަވާބަކީ، ފަލަސްޠީނު މީހުންގެ ބިމެއް، މިހާރު ވެސް އެބައޮތެވެ. އެބިމުގެ ނަމަކީ ފަލަސްޠީނެވެ. ބިމެއް ނެތީ ކަލޭމެން ސަހުޔޫނީންގެ އަތުގައެވެ. ވީމާ، އެމެރިކާއިން ބިމެއް ހޯދައިގެން، އެމެރިކާގެ ރައްޔިތުން ދައްކާ ޓެކްސް ފައިސާ ބޭނުންކޮށްގެން ހަތިޔާރު ހޯދައި، އެމީހުން މަރައި ހުސްކުރާން އަވަހަށް، އެ ބިމަށް ކޮފޭށެވެ. ނުވަތަ ކަލޭމެން އައި ތަނަކަށް ފެއްސިގެން ހިނގައިދާށެވެ.

ފަލަސްޠީނުގެ އަހުލުވެރިންނަކީ، ޗާޓެއް ބަލައިގެން ވަގުތީ މަންޒިލެއް ހޯދަން އުޅޭ ބައެއް ނޫނެވެ. އެއީ ގޯތި ގެދޮރާއި، ތާރީޚާއި، ބިންބިމާއި، ހުވިއްޔަތާއި، ހަނދާންތަކާއި، ކާބަފައިންގެ ކަށްތަކާއި، މަގުތަކާއި، ދަނޑުތަކާއި، ސަހަރުތަކާއި، އެ ފަސްގަނޑެއްގައި ބިންވަޅު ނެގިފައިވާތާ އެތައް ހާސް އަހަރެއްވީ، ޖީލުތަކެއް ވެރި ކަންޢާނީންނެވެ. މައްސަލައަކީ ފަލަސްޠީނުގެ އަހުލުވެރިންނަށް މިލްކުވެގެންވާ ބިމެއް ނެތުމެއް ނޫނެވެ. މައްސަލައަކީ ފަލަސްޠީނުގެ އަހުލުވެރިންނަށް މިލްކުވެގެންވާ ބިމަކުން، އެމީހުން ގަދަކަމުން ބޭރުކުރާން އުޅުމެވެ. އަދި މަދު ބަޔަކު އެކަމަށް ވާގިދޭން އުޅުމެވެ. އަމުދުން ދިވެހިރާއްޖެ ފަދަ މުސްލިމު ގައުމެއްގެ ބަޔަކު ޔަހޫދީންގެ އަނިޔާވެރި ވެރީންގެ މަސައްކަތަށް ވާގިވެރިވާން ދިވެހީންނަށް އޮޅުވައިލައިގެން އުޅޭ އުޅުމެވެ.

ފަލަސްޠީނު މީހުންނަށް ]އެހެން ތަނެއް[ ހޯދުމުގެ ނަމުގައި ކުރާން މި އުޅޭ ކަމަކީ، އެ ބިމުގެ އަހުލުވެރީން ގަދަކަމުން އެ ބިމުން ބޭރުކޮށް، ފަލަސްޠީނުގެ ނަންވެސް ދުނިޔެއިން ފޮހެލުމުގެ މަސައްކަތެވެ. އިރުމަތީ ޔޫރަޕާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަލަސްޠީނަށް ގަދަކަމުން އަރައި، އެ ބިން އިސްތިޢުމާރުކޮށްގެން އުޅޭ، ނަމުން ޔަހޫދީން، ކަމުން ޞަހުޔޫނީންނަށް ޓަކައި، ފަލަސްޠީނުގެ އަހުލުވެރީން އެ މީހުންގެ ވަޒަނުން ބޭރުކުރާކަށް ނުޖެހޭނެއެވެ.

އެހެންކަމުން، ފަލަސްތީނުގެ އަހުލުވެރީން، ފަލަސްޠީނުގެ ޙަޤީޤީ ރަށްވެހީން ފަލަސްޠީނުން ބޭރުކޮށްލާން، ބިމެއް ބޭނުންވާކަމަށް މީހަކު ބުނެފި ނަމަ، ދޭނެ ސާދާ ޖަވާބަކީ [ފަލަސްޠީނުގެ އަހުލުވެރީންގެ އަތުގައި މިހާރު ވެސް ބިމެއް އެބަ އޮތެވެ. އެ ބިމަކީ ފަލަސްޠީނެވެ.] ބޭރުން އައިސް އެތަނަށް ވެރިވެގެން އުޅޭ މުސްތަޢުމިރުން، ފަލަސްޔިނު މީހުންނަށް އިޙުތިރާމުކޮށްގެން އުޅޭން ނޭނގޭ ނަމަ، އެ ބިމުން ބޭރުކުރާންޖެހެނީ އެ ތަން އިސްތިޢުމާރުކޮށްގެން އުޅޭ މުސްތަޢުމިރު ޞަހުޔޫނީންނެވެ. އދ.އަކީ ދުނިޔޭގެ ސުލްޙައަށް މަސައްކަތްކުރާ ބަޔެއް ނަމަ، މި ކަން އެ ޖުމުޢީއްޔާއިން ކުރާން އެބަ ޖެހެއެވެ.

 

ބައެއް ލަފުޒުގެ މާނަ:

ރިވެލިވުން    މ.    އަލި ނުވަތަ އަޑު ނުވަތަ ހޫނު ނުވަތަ ފެނުގެ ރާޅުތައް ދަތުރުކުރަމުންދާ ދިއުމުގައި ސަތަހައެއްގައި ޖެހުމުން އައި ފަޅިއަށް އަނބުރައި ދިއުން. reflect  

އެއްއުއިވުން   މ.    ކައުނީ ދެ ޖިސްމެއް ނުވަތަ ޖިސްމުތަކެއް ދައުރުކުރުމުގައި އެއް ރޮނގަކަށް ސީދާވުން. align

ފިލާއެޅުން    މ.    ދަތުރުކުރާ އުޅަނދު ހުރި ތަން ދެނެގަތުމަށް ޓަކައި ހިސާބުކުރުން. މިއީ ޢަރުޟާއި ޠޫލު ދެނެގަތުމަށް ޓަކައި، ސިކިސްތާނު، ނުވަތަ ގޮއިދުރުވާނުން އިރަށް ނުވަތަ ތަރިއަށް ބަލައިގެން ކުރާ ހިސާބެކެވެ.

ކޮމެންޓު
ކޮމެންޓުތައް
ފާތުން
12 މޭ 2026 19:26
މި ފަދަ މީސްމީހުންނާ މެދު ރައްޔިތުން ވިސްނައި ޚަބަރުދާރުވާނެ ނަމަ، ކިހާ ރަނގަޅު.