ad_banner
ޖީބު ކަނޑާ ދެމަފަރިއަކަށް ލިބުނު ކުއްޖެއްގެ ވާހަކަ

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

2 ޑިސެންބަރު 2025

ޖީބުކަނޑާ މީހުންނަށް ސާމާލުވާށެވެ!

ރަށު ތެރޭގައި ވައްކަމާ މަގުފޭރުން އާންމުވެފައި އޮތުމުން، އެ ކަމާ ގުޅޭ އެހެން މަސައްކަތްތައް ވެސް ކުރުމަށް ރަށުގެ މީހުން ކުރިމަތިލިއެވެ. އެއްބަޔަކު، މުވާސަލީ ވަސީލަތްތައް ބޭނުން ކޮށްގެން، ނުހައްގު ގޮތުގައި، މީސްތަކުން އަތުން ފައިސާ ހޯދުމުގެ މަސައްކަތްކުރެއެވެ. މިސާލަކަށް ފޯނުން ގުޅުމަށް ފަހު، ކަނޑައަޅާ އަގަކަށް ތިމާގެ އަމިއްލަ ބަރަހަނާ ފޮޓޯ ފޮނުވުމުގެ މަސައްކަތެވެ. މި ކަމުގައި ގިނައިން އުޅެނީ ޒުވާން އަންހެން ކުދިންނެވެ. އެމީހުންގެ ޝިކާރައަކަށް ވެދާނެހެން ހީވާ ކަހަލަ މެދު އުމުރުގެ މީހުންނާ ނުވަތަ ދުވަސްވީ ފިރިނެނުންނާ ފޭސްބުކުން ނުވަތަ ސްނެޕްޗެޓުން ރަހުމަތްތެރިވެ، މިފަދަ 'ޚިދުމަތްތައް' ހުށަހަޅައިލައިގެންނެވެ. ނުވަތަ ޓެލެގްރާމުން ބަރަހަނާ ފޮޓޯއާއި ވީޑިއޯ ޗެނެލްތައް ހަދައިގެން ވަރަށް ފުޅާ ދާއިރާއެއްގައެވެ. މި މަސައްކަތުގައި ޒުވާން އަންހެންކުދީންނާއި ފިރިހެންކުދީން ގުޅިގެން އެކި ގްރޫޕްތައް ހަދައިގެންނެވެ.

އަނެއް ބަޔަކު، މުވާސަލީ ވަސީލަތްތައް ބޭނުންކޮށް، ދޮގު އިޝްތިހާރުކޮށްގެން ފައިސާ ހޯދައެވެ. ތިމާގެ މިވެނި މީހަކު ބޮޑު ބައްޔެއްގެ ވޭން އުފުލަމުންދާކަމާއި އެ ކަމަށް ބޮޑު ހޭދައެއްކުރާން ޖެހިފައިވާކަމާއި އަދި އެހެންވެ، އެންމެންގެ ދީލަތި އެހީއަށް ބޭނުންވާ ވާހަކަ ބުނެއެވެ. މީގެ އިތުރަށް ވެސް މާލީ މުއައްސަސާތަކުގެ ނަމުގައި ފޯނުކޮށް އޮޅުވައިލައިގެން އެކައުންޓުތަކުގެ މައުލޫމާތު ހޯދައިގެން ފައިސާ ހޯދާން މަސައްކަތްކުރެއެވެ.

މި ފަދަ ދުވަސްވަރެއްގައި ރަށުގައި އުޅުނު އަންހެނަކާއި ފިރިހެނަކު ވެސް، ވައްކަމާއި މަކަރު ހެދުމުގެ ވިޔަފާރީގެ މަސައްކަތުގެ ތެރެއަށް ވަންނާން ގަސްތުކުރިއެވެ. އެ ދެ މީހުން ޚިޔާރުކުރީ ޖީބު ކެނޑުމުގެ މައިދާނަށް ނިކުތުމަށެވެ. ދެން، މީސްތަކުން ބައިބޯހެން ހީވާ ތަންތަނަށް ގޮސް، މީސްތަކުންގެ ޖީބު ކަނޑައި ފައިސާ ހޯދަމުން މި ދެމީހުންގެ ރޮނގުގައި ކުރިއަށް ދިޔައެވެ. އަދި، ދާދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ވަގުންގެ ތެރޭގައި މި ދެމީހުންނަކީ ޖީބު ކެނޑުމުގައި ވަރަށް ވެސް ހުނަރުވެރި، އެ ފަދަ ދެވަނައެއް ނުވާ ދެމީހުންނަށްވެ، އެ ގޮތުން މަޝްހޫރުކަންހޯދައެވެ. އަދި، މީހުންގެ 'ގަދަރާއި އިހުތިރާމު ހޯދައި އިއްޒަތެރި'ވެސްވިއެވެ.

ކޮންމެއަކަސް ދެ މީހުންނަކީ އެއް މައިދާނެއްގައި މަސައްކަތްކުރާ ދެ މީހުންނަށް ވުމުން، ވަރަށް ގިނައިން އެކަކު އަނެކަކާ ދިމާވާ ގޮތް ވެއެވެ. އެ ގޮތުން ދެ މީހުން ދެކެފަރިތަވެ، ރައްޓެހިވެ، ރައްޓެހިކަން ބަދަހިވެ، އެންމެ ފަހު ރައްޓެހިކަން ލޯތްބަށް ވެސް ބަދަލުވިއެވެ. ދެން، އެ ދެ މީހުން، އާދެ، ރަށުގައި ޖީބުކަނޑާން އެންމެ ކުޅަދާނަ ދެމިހުން ކައިވެނިކުރާން ނިންމިއެވެ.

ކައިވެނިކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ، އަންހެން ޖީބުކަނޑާ ބަލިވެ އިނެވެ. އަދި، ދުވަސްފުރައި، ރަނގަޅު ސިއްހަތެއްގެ ކުއްޖެއް ވިހެއެވެ. ނަމަވެސް، ތުއްތު ކުއްޖާ ވިހޭ އިރު، އޭނާގެ އަތް އޮތީ މުށްކެވިފައެވެ. ޑަކުޓަރުންނާއި ނަރުހުން ކުޑަ ބާރެއް ލައިގެން ވެސް، ތުއްތު ބޭބީގެ އަތް ހުޅުވޭ ގޮތެއް ނުވިއެވެ. ބޭބީގެ އަތަށް ގެއްލުމެއް ލިބިދާނެތީ، މާ ބޮޑަށް ބާރު ނުލުމަށް ޑަކުޓަރު ބުންޏެވެ. އަދި، ދަރިފުޅު ގޮވައިގެން ނަފްސާނީ އިލްމުވެރިއަކަށް ދެއްކުމަށް ދާން ވެސް ޑަކުޓަރު އިރުޝާދުދިނެވެ.

ދެން، އަޅުގަނޑުމެންގެ ދެ ޖީބުކަނޑާއިން، އެ މީހުންގެ ދަރިފުޅު ގޮވައިގެން ރަށުގެ އެންމެ މޮޅު ނަފްސާނީ އިލްމުވެރިޔާ ކައިރިއަށް ދިޔައެވެ. އަދި، އޭނާ ގާތު، އެ މީހުންގެ ދަރިފުޅުގެ މައްސަލައިގެ ވާހަކަ ކިޔައިދިނެވެ. ނަފްސާނީ އިލްމުވެރިޔާ އެންމެންގެ މޫނަށް ބަލައިލައިފައި އެކިއެކި ސުއާލުކުރާން ފެށިއެވެ. އަދި، ދެމަފިރިންގެ މަސައްކަތަކީ ކޮބައިތޯ ވެސް އެއްސެވެ. ޖަވާބުގައި ދެމަފިރިން ބުންޏެވެ. ތިމަންމެންނަކީ ޖީބުކަނޑާ ބަޔަކީމުއެވެ. އަދި، ވަރަށް ފަޚުރުވެރިކަމާ އެކު، ޖީބުކެނޑުމުގެ މަސައްކަތުގެ އެންމެ ހުނަރުވެރިންނަކީ އެ މީހުންކަމުގައި ވެސް ބުންޏެވެ.

މި ހިސާބުން، ސަލާމަތް ފިތުރަތުގެ މީހުންގެ ހިތުގައި އުފެދިދާނޭ ސުއާލަކާއި އޭގެ ޖަވާބު ލިޔެލާން ޖެހެއެވެ. ހަމަ އެހާ ފާޅުގައި، އެހައި ކެރިގެން، ޖީބުކަނޑާ ދެމަފިރިން އެމީހުންގެ މަސައްކަތާއި އެ ކަމުގެ ހުނަރުގެ ވާހަކަ ދައްކައިފާނެހެއްޔެވެ؟ އެއީ ގާނޫނީ ގޮތުންނާއި އަޚުލާގީ ގޮތުން ވެސް ނުރަނގަޅު ކަމަކަށްވާތީއެވެ. އެ ސުއާލުގެ ޖަވާބުގައި ބުނާން ޖެހެނީ، ވައްކަމާއި ފަސާދަ އާންމުވެ، އެންމެންހެން- އެންމެ މަތީ މީހާއިން ފެށިގެން އެންމެ ތިރީ މީހާއާ ހަމައަށް- އެ ކަމުގައި ޝާމިލުވެ، އެ ކަމަކީ އެންމެ ރަނގަޅު ކަމައްކަމުގައި ދުށުމުން، އެ ފަދަ ވާހަކަތައްދައްކައި އެ ކަމާ ފަޚުރުވެރިވުން އެއީ ގޯސްކަމަކަށް ނުދެކެއެވެ. އެ ފަދަ ހާލަތަކަށް ތަނުގެ ހާލަތު ދިޔުމުން، މީހުންގެ ލަދު ހަޔާތް ނެތި، އެ މީހުންގެ ޟަމީރު ވެސް މަރުވެދެއެވެ. އަދި، ވައްކަމާއި ފަސާދަ ހިންގާ މީހުންނަކީ ބަތަލުންނަށް ވެދެއެވެ. ކަލަކު ވޮޑިގެންވާކަން ގަބޫލުނުކުރުމާއި އާޚިރަތަކީ ނެތް ދުވަހެއްކަމަށް ދެކެފި ނަމަ، މަނާވާނޭ އެއްވެސް ކަމެއް ނޯންނާނެތާއެވެ. ރޫސީ އަދީބު ޑޮސްޓޯއެވްސްކީ ބުނެފައި އޮންނަ ފަދައިން، އިލާހަކު ވޮޑިގެން ނުވާ ނަމަ، ހުރިހައި ކަމެއް ހުއްދަވެދެއެވެ. ވައްކަމާއި ފަސާދައާއި އަޚުލާގީ ގޮތުން މަނާ ހުރިހައި ކަމެކެވެ. މުޖުތަމައުގެ ގަވާއިދުތަކާއި ގާނޫނުތައް ވެސް ހިތަށް އެރި ގޮތަކަށް، ހިތަށް އެރި ވަގުތަކު، ހަވާ ނަފްސު އެދޭ ގޮތަކަށް ބަދަލުކޮށްލެވެއެވެ. މުޖުތަމައީ ދުސްތޫރުކަމުގައިވާ ގާނޫނު އަސާސީއަކީ މޮޑޭ ފުށްގަނޑަކަށް ވެއެވެ. އެ ވަގުތު އެ މީހެއްގެ، ނުވަތަ އެ ބަޔެއްގެ، އަތުގައި ބާރު އޮތް މީހަކު ނުވަތަ ބަޔަކު އެ މީހުން ބޭނުން ގޮތަކަށް އެ ފުށްގަނޑު މޮޑެއެވެ. އެ މީހުން ބޭނުން ނަމަ، ގާނޫނީ ފުށްގަނޑުން، ގުޅަ ނޫނީ ބަޖިޔާ ނޫނީ ރޮށި ފިހެއެވެ. މުޖުތަމައުގެ މުޖުތަމައީ ހާލަތު އެ ހިސާބަށް ގެންދާން ބޭނުންވާ މީހުންގެ އަތް މައްޗަށް މުޖުތަމައުގެ ލަގަން ލިބުމުން، ރަނގަޅާއި ނުބައި އެއީ އޮތް ކަމަކަށް ނުވެ، ކޮންމެ ކަމެއް ކުރުން ވެސް ހުއްދަވަނީއެވެ. މިސްކިތްތަކާއި ފާޚާނާތައް ވަކި ނުކުރެވެނީއެވެ. އަދި، ކުޅުޖަހާން ބަހައްޓައިފައި ހުންނަ ބާލިދީއަކާއި މުގައްދަސު މާތް އިލާހީ ކަލާންފުޅަކީ ވެސް، މުޖުތަމައުގެ ހާލަތު މި ދެންނެވި ހިސާބަށް ދިޔުމުން، ތަފާތެއް ނުކުރެވި، އެ ދޭއްޗާ މެދު ވެސް އެއް ސިފައެއްގައި މުއާމަލާތުކުރެވެނީއެވެ. މިހެން ކަންތައްތައް ވުމުން، ވައްކަމާއި ފަސާދަ، މަކަރާއި އޮޅުވައިލުން، ފޭރުމާއި ޖީބު ކެނޑުން މޮޅު ކަންކަމަށްވެ، އެ ކަންކަން ކުރުމާ މެދު ފަޚުރުވެރިވެ، އެ ފަދަ ވާހަކަތައް ވެސް ދެއްކޭ ގޮތްވެފައި އޮންނަނީއެވެ. އެހެންވެ، އަޅުގަނޑުމެންގެ ޖީބުކެނޑުމުގެ ބަތަލުންނަށް އެމީހުންގެ މޮޅުކަމުގެ ވާހަކަ ދައްކާން ވެސް އެއްވެސް ޖެހިލުމެއް ނުވާނެ ނޫންހެއްޔެވެ؟

ކޮންމެއަކަސް ޖީބުގަނޑާ މީހުންގެ ވާހަކަ ނަފްސާނީ އިލްމުވެރިޔާ އަހައިފައި ދިމާވެގެން އުޅޭ މައްސަލަ ހައްލުކުރާން ނަފްސާނީ ހަކީމު ކުރިމަތިލިއެވެ. ނަފްސާނީ އިލްމުވެރިޔާ އޭނާގެ ޖީބުން ސަތޭކަ ރުފިޔާގެ ނޫޓެއް ނަގައި ކުޑަ ދަރިފުޅުގެ މުށްކަވާފައި އޮތް އަތް މަތިން ކުޑަކޮށް ވިހުރުވާލަމުން، މަޑުމަޑުން، ހުރަސްކޮށްލައި ގެންދިޔައެވެ. އެ ވަގުތު އެއްކަލަ ތުއްތުތުއްތު މުށްކަވައިފައި އޮތް އަތް މަޑުމަޑުން ހުޅުވައިލި ތަން ފެނުނެވެ. އަދި، އަތު ތެރެއިން، މަންމަ ވިއްސާން އުޅުނު ނަރުހުގެ ރަން އަނގޮޓި ފެންނާން އޮތެވެ!

ދަރިފުޅުގެ އަތް ހުޅުވި، ރަނގަޅުވުމުން ޖީބުކަނޑާ ދެމަފިރިން ވަރަށް ވެސް އުފާކުރިއެވެ. އަދި އެއަށް ވުރެވެސް ބޮޑަށް އުފާވީ އެ ދެމަފރިންގެ ހުނަރު، ދަރިފުޅަށް ލިބިފައިވާކަން އެނގުނީތީއެވެ! އަދި، ވައްކަމާއި ފަސާދައިގެ މައިދާނުގައި ދަރިފުޅު ކުރިއަރައިދާނެކަމުގެ ހެޔޮ ފާލަކަށް އެ ކަން ވާނެކަމަށް ގަބޫލުކުރެވޭތީ ވެސް މެއެވެ. އާދެ، ކުޑަ ދަރިފުޅުގެ މުސްތަގުބަލު ވަރަށް ވެސް އަލިވާނެކަން ޔަގީންވީތީއެވެ! އަދި، ގައުމުގެ މުސްތަގުބަލު ވެސް ރޯޝަނީވެ، އުޖާލާވާނެކަން ހީކުރެވޭތީ ވެސް މެއެވެ.

ކޮމެންޓު