ad_banner
ގައުމިއްޔަތަށް އިސްކަން ދެވޭ ނަމަ، އެންމެ ފުރަތަމަ އިސްކަންދޭންޖެހޭނީ ޤައުމީ ބަހަށެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

21 ނޮވެންބަރު 2025

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު: އޮންރަބްލް އަލްއަޚު އާދަމް ނަޞީރު އިބްރާހީމް

މި ސުރުޚީ ފެނިވަޑައިގަތުމާ އެކު ތިޔަ ބޭފުޅުންގެ ހިތްޕުޅުގައި އުފެދުން އެކަށީގެންވާ ސުވާލުތަކެއް އަޅުގަނޑަށް ވިސްނެއެވެ. މިއަދުގެ ސަރުކާރަށް ވުރެ ޤައުމިއްޔަތާއި ޤައުމީ ބަހަށް އިސްކަންދޭ ސަރުކާރެއް ކޮބައިހެއްޔެވެ؟ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ މި ޒަޢާމަތުން ދިވެހިބަހާއި ސަގާފަތާއި ގައުމީ ތަރިކައަށް ޚާއްޞަކުރައްވައިގެން ވުޒާރާއެއް އުފައްދަވައިފައިވާކަން ނޭނގޭހެއްޔެވެ؟ ދައުލަތުގެ ހުރިހައި ސިޔާސަތެއް ބައްޓަންކުރައްވާނީ އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތަށް އިސްކަންދެއްވައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ވިދާޅެއްނުވޭހެއްޔެވެ؟ ދިވެހި ގައުމިއްޔަތުގެ އިސްވަރެއް އުފައްދަވައި ޤައުމިއްޔަތުގެ އެކި ދާއިރާތަކުން އިސްވާރުން ޢައްޔަނުނުކުރައްވައިހެއްޔެވެ؟ ތަރިކައާއި ސަގާފަތުގެ ދާއިރާއިން ޢިލްމީ ދިރާސާކުރާނެ މީހުން ބިނާކުރުމަށް ޓަކައި 40 ދަރިވަރަކަށް ދާދި މިދާކަށް ދުވަހު ސަރުކާރުން ސްކޮލާރޝިޕެއް ދެއްވިކަން ނޭނގޭހެއްޔެވެ؟ ފުރަތަމަ ފަހަރަށް ދިވެހިބަހުން ދިވެއްސަކު ޕީއެޗްޑީ ޙާޞިލުކުރެއްވިކަމާއި، އެ ކަން ފާހަގަކުރައްވައި ދައުލަތުން އޭނާއަށް އިނާމާއި ޝަރަފުދެއްވިކަން ފަހެ ނޭނގެނީހެއްޔެވެ؟ ދެން ތިޔަ ކިޔަނީ ކީކޭހެއްޔެވެ؟

މި ފަދަ ހުރިހައި ސުވާލެއްގެ ޖަވާބުގައި ދަންނަވާން އޮތީ ހަމަ އެއް ޖަވާބެކެވެ. [ތިޔަ ހުރިހައި ކަމަކާ އަޅުގަނޑު އެއްބަހެވެ.] ތަފުޞީލުކޮށް ތިޔަ ހުރިހައި ސުވާލަކަށް ސީދާ ޖަވާބެއް އަރުވައިވެސްފާނަމެވެ.

މިއަދުގެ ސަރުކާރަށް ވުރެ ޤައުމިއްޔަތާއި ޤައުމީ ބަހަށް އިސްކަންދޭ ސަރުކާރެއް އަޅުގަނޑަކަށް ވެސް ފެނިފައެއް ނެތެވެ. މުޙަންމަދު އަމީނާއި ޙަސަން ފަރީދު ދީދީގެ ޒަޢާމަތުގައި ދިވެހިބަހަށް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވިކަން ތާރީޚީ ލިޔުންތަކުން އެނގެއެވެ. އެ ދުވަސް އަޅުގަނޑެއް ނުދެކެމެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު މުޢިއްޒުގެ މި ޒަޢާމަތުން ދިވެހިބަހާއި ސަގާފަތާއި ގައުމީ ތަރިކައަށް ޚާއްޞަކުރައްވައިގެން ވުޒާރާއެއް އުފައްދަވައިފައިވާކަން އަޅުގަނޑަށް އެނގެއެވެ. އެ ދާއިރާއަށް ޢައްޔަނުކުރައްވައިފައިވާ ވަޒީރާ ކުރީއްސުރެ ރައްޓެހިވެސްމެއެވެ. ދައުލަތުގެ ހުރިހައި ސިޔާސަތެއް ބައްޓަންކުރައްވާނީ އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތަށް އިސްކަންދެއްވައިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ވިދާޅުވެއެވެ. ދިވެހި ގައުމިއްޔަތުގެ އިސްވަރެއް އުފައްދަވައި ޤައުމިއްޔަތުގެ އެކި ދާއިރާތަކުން އިސްވާރުން ޢައްޔަނުކުރައްވައިފިއެވެ. ތަރިކައާއި ސަގާފަތުގެ ދާއިރާއިން ޢިލްމީ ދިރާސާ ކުރާނެ މީހުން ބިނާކުރުމަށް ޓަކައި 40 ދަރިވަރަކަށް ދާދި މިދާކަށް ދުވަހު ސަރުކާރުން ސްކޮލާރޝިޕެއް ދެއްވިކަން ވެސް އަޅުގަނޑަށް އެނގެއެވެ. އެ ރަސްމިއްޔާތަށް ގޮސް އިނީން ވެސްމެއެވެ. ފުރަތަމަ ފަހަރަށް ދިވެހިބަހުން ދިވެއްސަކު ޕީއެޗްޑީ ޙާޞިލުކުރެއްވިކަމާއި، އެ ކަން ފާހަގަކުރައްވައި ދައުލަތުން އޭނާއަށް އިނާމާއި ޝަރަފުދެއްވިކަން ވެސް އެނގެއެވެ. އެއީ ވެސް ހަމަ ވަރަށް ގާތް އުޚުތެކެވެ. މި ކަންކަމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި ހުރިހައި މަސްލަޙަތުވެރީންނަށް އިޚުލާޞްތެރިކަމާ އެކު، ޝުކުރުދަންނަވަމެވެ. އެ ބޭފުޅުންގެ މަސައްކަތްޕުޅުގައި ބަރަކާތްލައްވުމަށާއި ކާމިޔާބީއަށް އެދި ދުޢާކުރަމެވެ.

އަޅުގަނޑު މި ދަންނަވަނީ ރައީސުލްޖުމްހޫރިއްޔާގެ މި ސިޔާސަތުތައް ތަންފީޒުކުރައްވާން ތިއްބަވާ ގިނަ ވެރީން ދިވެހިބަހަށް އިސްކަން ނުދެއްވާ ވާހަކައެވެ. ގިނަ ބޭފުޅުންގެ ވިސްނުންފުޅާއި ސިކުނޑިފުޅު އިނގިރޭސިބަސް އިސްތިޢުމާރުކޮށްފައިވާ ވާހަކައެވެ.

މި ކަމުގެ ތަފުޞީލަށް ދިޔުމުގެ ކުރީން، [ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު]ގެ ދެތިން މާއްދާއެއް ނަކަލުކޮށްލާނަމެވެ.

ޤާނޫނު ނަންބަރު: 2022/9 (ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު)ގެ ތިންވަނަ މާއްދާގެ (ހ)ގައި ވެއެވެ. [ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ އަދި ރަސްމީ ބަހަކީ ދިވެހިބަސްކަމަށްވުމާ އެކު، ދިވެހި ދައުލަތުގެ ރަސްމީ އެންމެހައި މުޢާމަލާތުތައް ކުރާންޖެހޭނީ ދިވެހިބަހުންނެވެ.] މި މާއްދާ މިހެން އޮއްވައި ގާނޫނުގެ މި މާއްދާއާ ޚިލާފަށް ދައުލަތުގެ ބައެއް ކުންފުނިތަކާއި މުއައްސަސާތަކުން އެ ތަންތަނުން ކުރާ ރަސްމީ މުޢާލަމަލާތްތައް އިނގިރޭސި ބަހުން އެބަ ކުރައްވައެވެ. މި ގޮތަށް ޢަމަލުކުރާން މުވައްޒަފުންނަށް އެބަ އަންގަވައެވެ. މި ކަން މި ގޮތަށް ކުރެއްވުމާއި އަދި މި ކަން މި ގޮތަށް ހިނގާކަމުގެ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާއަށް ބަސް ދެންނެވޭ ހިސާބުގައި ތިއްބަވާ މުވައްޒަފުން، ރައީސުލްޖުމުހޫރީއަށް ނޭރުވުމަކީ އެ މަނިކުފާނަށް ވެވަޑައިގެންނެވޭ ޚިޔާތެއްކަމަށާއި ޤާނޫނާ ޚިލާފު ޢަމަލެއްކަމަށް އަޅުގަނޑަށް ވިސްނެއެވެ. އެހެނީ ދައުލަތުގެ ހުރިހައި މުއައްސަސާއަކުން ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުތައް ތަންފީޒުކުރައްވާން މަސައްކަތްކުރެއްވުމަކީ އެ މުއައްސަސާތަކުގެ ހަގީގީ ހަވާލަތެވެ.

އިސްވެ ދެންނެވި ޤާނޫނުގެ ހަތަރުވަނަ މާއްދާގެ (ހ)ގައި ވެއެވެ. [ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކުން ދިވެހިންނަށް އަމާޒުކޮށްގެން ލިޔާ އެންމެހައި ލިޔުންތަކުގެ ތެރެއިން، މި ޤާނޫނުގެ ޖަދުވަލު 1 ގައި ބަޔާންކޮށްފައިވާ ލިޔުންތަކާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އިސްތިސްނާކޮށްފައިވާ ލިޔުންތައް ފިޔަވައި އެހެން ލިޔުންތައް ލިޔަންވާނީ ދވެހިބަހުން ތާނަ އަކުރުންނެވެ.] މި ޤާނޫނުގައި މި ބަޔާންކުރާ ޖަދުވަލުގައި އިސްތިސްނާކޮށްފައިވަނީ އަންނަނިވި ލިޔުންތައް އެކަންޏެވެ.

1.  ޢިލްމީ ނުވަތަ ޑޮކްޓަރީ ތަޙުލީލުތަކުގެ ރިޕޯޓު

2.  ޑޮކްޓަރުން ލިޔެދޭ ބޭސް ސިޓީ

3.  ރަސްމީ ލިޔުމަކަށް ނުވާ ގޮތަށް ކުރެވޭ ނޯޓުކުރުންތައް

4.  ދެލިކޮޕީތައް

5.  ދިވެހިބަހުން ލިޔެފި ނަމަ ޓެކުނިކަލް މައްސަލައެއް ކުރިމަތިވެދާނެ ފަންނީ ނުވަތަ ޓެކްނިކަލް ލިޔުންތައް

މި ދެންނެވި ފަސް ބާވަތުގެ ލިޔުންތައް ވެސް ދިވެހިބަހުން ތާނައިން ލިޔުމެއް މި ޤާނޫނުން މަނައެއްނުކުރެއެވެ. ނަމަވެސް ހަމައެކަނި ބޭރު ބަހަކުން މި ފަދަ ލިޔުންތައް ލިޔާން ޤާނޫނު ހުއްދަދެނީއެވެ.

ނަމަވެސް އަޅުގަނޑުމެންގެ ގިނަ މީހުންގެ ވިސްނުން އިނގިރޭސި ބަސް އިސްތިޢުމާރުކޮށްފައިވާ މިންވަރަކީ މިހައި ތަފުސީލުކޮށް އޮއްވައި ވެސް މި ޤާނޫނާ ޚިލާފަށް ދައުލަތުގެ ލިޔެކިޔުންތައް ލިޔާން ބާރުއަޅައި އެ ކަމަށް ހުއްދަދޭ މުއައްސަސާތައް ދިވެހި ދައުލަތުގައި ހުރިކަމެވެ. މިއީ މިއަދުގެ ހިތި ހަގީގަތެކެވެ.

އިސްވެ ދެންނެވި ޤާނޫނުގެ ފަސްވަނަ މާއްދާގެ ހުރިހައި އަކުރުތައް ދަންނަވައިލާނަމެވެ.

[(ހ) ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި، އޮފީސްތަކާއި، އިދާރާތަކާއި، ތަންތަނަށް ނަންކިޔުމުގައްޔާއި ނަންބޯޑު ތައްޔާރުކުރުމުގައި ދިވެހިބަހަށް އިސްކަން ދޭންވާނެއެވެ.

(ށ) މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ތަންތާނގެ ނަން ނުވަތަ ނަމުގެ މާނަ އެ ތަނެއްގެ ނަމުގެ ތިރީގައި ނުވަތަ ނަމުގެ ވާތް ފަރާތުގައި އެހެން ބަހަކުން ނުވަތަ ބަސްތަކަކުން ލިޔެފައި ހުރުމަކީ މި ޤާނޫނު މަނާކުރާކަމެއް ނޫނެވެ.

(ނ) ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޢާންމުންނަށް ފެންނަ ގޮތަށް ހަރުކުރެވިފައި ހުންނަ ކޮންމެ ނަން ބޯޑެއްގައި ވެސް އެ ތަނެއްގެ ނަން ކިޔާން އެނގޭނޭ ހެން ތާނަ އަކުރުން ލިޔެފައި އޮންނަންވާނެއެވެ.

(ރ) މި މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް ތާނަ ފިޔަވައި އެހެން އަކުރަކުން ނުވަތަ އެހެން ބަހަކުން ލިޔެފައިވާ ނަމަ، އެ ލިޔުމެއް ތާނައަކުރުން ލިޔެފައިވާ ލިޔުމަށް ވުރެ ބޮޑުވެގެންނުވާނެއެވެ.]

މި ދަންނަވައިލީ އިސްވެ ދެންނެވުނު ޤާނޫނުގެ ފަސްވަނަ މާއްދާގެ ހުރިހައި އަކުރުތަކެވެ. މި މާއްދާގެ (ހ)ގައި އެހެން އޮތަސް ތަންތަނަށް ނަންކިޔާ އިރު، ދިވެހިބަހަށް އިސްކަން ދީފައެއް ނުހުރެއެވެ. ވަރަށް ކުޑަކުޑަ ދެ މިސާލެއް ދަންނަވައިލާނަމެވެ. [ދަތުރަށް އެރުމަށާއި ދަތުރު ނިންމުމަށާއި ދަތުރުވެރިންގެ ކަންތައް ހަމަޖެއްސުމަށް ބޭނުންކުރާ ތަނުގެ] މާނައިގައި [ގިމަތަ] މި ލަފުޒު ރަދީފުގައި އޮއްވައި ހުރިހައި ގިމަތަތަކެއްގެ ނަންބޯޑުގައި ލިޔެފައި ހުންނަނީ [ޓާމިނަލް]އެވެ. ނުވަތަ [ޓާރމިނަލް]އެވެ. ޓާރމިނަލް ލިޔުމަށް ވުރެ ލިޔާން ވެސް ކިޔާން ވެސް ފަސޭހައީ [ގިމަތަ]ކަމަށް ވީނަމަވެހެވެ. [ބައިނަލްއަގުވާމީ]އާއި [ވައިގެބަނދަރު] ރަދީފުގައި އޮތަސް ބޭނުންކޮށްފައި ހުއްޓައި ފެންނަނީ [އިންޓަރނޭޝަނަލް]އާއި [އެއަރޕޯޓް]އެވެ. މި ފަދަ ބައިވަރު މިސާލުތަކެވެ.

މި ދެންނެވި މާއްދާގެ (ނ)ގައި [ކޮންމެ ނަން ބޯޑެއްގައި ވެސް އެ ތަނެއްގެ ނަން ކިޔާން އެނގޭނޭ ހެން ތާނަ އަކުރުން ލިޔެފައި އޮންނަންވާނެ]ކަމަށް ޞަރީޙަކޮށް ބަޔާންކޮށްފައި ވިޔަސް މިއާ ޚިލާފަށް ހުންނަ ނަންބޯޑުތައް ބައިވަރެވެ. އަދި ޚާއްޞަކޮށް ގިނަ ރަށްރަށުގެ ނަންބޯޑުތައް ހުންނަނީ މި މާއްދާއާ ޚިލާފަށް ހަމައެކަނި ލެޓިންއަކުރުންނެވެ.

އިސްވެ ދެންނެވުނު ފަސްވަނަ މާއްދާގެ (ރ)ގައި [... ތާނަ ފިޔަވައި އެހެން އަކުރަކުން ނުވަތަ އެހެން ބަހަކުން ލިޔެފައިވާ ނަމަ، އެ ލިޔުމެއް ތާނައަކުރުން ލިޔެފައިވާ ލިޔުމަށް ވުރެ ބޮޑުވެގެންނުވާނެ]ކަމަށް ޞަރީޙަ ބަހުން އޮތަސް ތާނައަކުރުން ކުޑަކުޑަކޮށް ލިޔެލިޔަސް ގިނަ ތަންތާނގައި ބޮޑުކޮށް ފަލަކޮށް ލިޔެފައި، އަދި އަނެއްބައި ތަނަތާނގައި ދިއްލައިފައި ހުންނަނީ ލެޓިންއަކުރުންނެވެ.

ދިވެހިރާއްޖޭގައި ބޭރު އެކަކު ދެ މީހަކު ބައިވެރިވާ ސެމިނާރެއް ނުވަތަ މަހާސިންތާއެއް ނުވަތަ ޖަލްސާއެއް ބޭއްވިޔަސް އެ ޖަލްސާގެ ފޮތިގަނޑުގައި ތާނައަކުރެއް ލިޔެލުމަކީ [ހަރާންކަމެކޭ] ހީވާހެން ވެސް ހީވެއެވެ. އެކި ޢިލްމުތަކާއި ފަންނުތަކަށް މީހަކު ކިތަންމެ މޮޅަސް، މީހުންގެ މޮޅުކަން ވަޒަންކުރާ މިންގަނޑަކަށް ބަލާ ތަން ފެންނަނީ އެ މީހަކު އިނގިރޭސިބަހަށް މޮޅު މިންވަރަކުންނެވެ. ނަމަވެސް އަޅުގަނޑުމެންގެ ފަޚުރުވެރި މާދަރީ ބަހަށް ކިތަންމެ ކޮށްޓަސް، އަދި ޢަމުދުން ހެޔޮކޮށް ދިވެހިބަހުން ކުށެއް ނެތި ވާހަކަދައްކައި ލިޔެކިޔާން ނޭނގުނަސް އެއީ މީހާގެ ފެންވަރު ދަށްކަމަކަށް ގިނަ މީހުންނެއް ނުދެކެއެވެ. މިއީ އަޅުގަނޑުމެންގެ ގިނަ މީހުންގެ ވިސްނުމާއި ފިކުރު، އިނގިރޭސި ބަސް އިސްތިޢުމާރުކޮށްފައިވާކަން ދޭހަވާ ވަރަށް ބޮޑު ހެތްކެކެވެ.

އިނގިރޭސިބަހާއި އެ ނޫނަސް ދުނިޔޭގެ މުހިންމު ބަސްބަސް ކިތަންމެ ވަރަކަށް އެނގުނަސް އެ މީހެއްގެ ޤައުމީ ބަހަށް އިސްކަންނުދޭ މީހެއްގެ ހިތުގައި އެ ގައުމަކަށް އެ ގައުމުގެ ގައުމިއްޔަތަކަށް ކުލުނެއް ހުރެދާނެކަމަށް ގަބޫލުކުރުމަކީ ހަމަ ގައިމު ވެސް އަޅުގަނޑަށް ފަސޭހަ ކަމެއް ނޫނެވެ. ރާއްޖޭގައި އިނގިރޭސިބަހަށާއި ޢަރަބިބަހަށް ވަރަށް މޮޅު ބޭފުޅުންގެ ތެރޭގައި ދިވެހިބަހަށް ވެސް ވަރަށް މޮޅު ބޭފުޅުން އެބަ އުޅުއްވައެވެ. ޢަރަބިބަހާއި އިނގިރޭސިބަހާއި އެހެނިހެން ބަސްބަހުން ނުލިޔުއްވައި ހަމަ ވަގުތުން ތަގުރީރުދެއްވާ ބައެއް ބޭފުޅުންގެ ތެރޭގައި ދިވެހިބަހުން ނުލިޔުއްވައި ތަގުރީރުދެއްވާ ބޭފުޅުން އެބަ އުޅުއްވައެވެ. އަޅުގަނޑު މި ފަދަ ބޭބޭފުޅުންގެ ނަންފުޅު، އެ ބޭބޭފުޅުން ހިތްޕުޅުހަމަނުޖެހިދާނެތީ ދަންނަވާކަށް ނެތީމެވެ.

މި މަގާލަކީ ގިނަ ބޭފުޅުން ހިތްޕުޅުހަމަނުޖެހޭނޭ، އަދި އަޅުގަނޑަށް ފާޑުކިޔުން އަމާޒުވާނޭ މަގާލެއްކަން އަޅުގަނޑަށް އެނގެއެވެ. ނަމަވެސް މި ވާހަކަ ކޮންމެވެސް ބަޔަކު ދައްކާން ވެސް އެބަޖެހެއެވެ. އަޅުގަނޑަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ މައް ދިވެއްސެކެވެ. ޤާނޫނު ނަންބަރު: 2022/9 (ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު)ގެ އިސްވެ ދެންނެވުނު މާއްދާތަކާއި އެ މާއްދާތަކުގެ އަކުރުތަކަށް ޢަމަލުކުރައްވާން ޚާއްޞަކޮށް، އަދި ޢާންމުކޮށް އެ ގާނޫނަށް ފުރިހަމައަށް ޢަމަލުކުރައްވާން ދައުލަތުގެ މުއައްސަސާތަކުގައި ދެންނެވުމަކީ އަޅުގަނޑަށް ކުރެވޭނެ ކަމެއްނޫނެވެ. ނަމަވެސް މި ކަމުގެ ހަވާލަތު އޮތް، އަދި އަހުލިއްޔަތު ލިބިފައިވާ މުއައްސަސާތަކުން މި ކަން ކުރައްވާން އެބަ ޖެހެއެވެ. ޤައުމީ ބަހަށް އިސްކަންނުދޭ ޤައުމެއްގެ ޤައުމިއްޔަތެއް އާލާއެއް ނުވާނެއެވެ.

ވިސްނައިފިކުރުކުރައްވާށެވެ!

އިސްރާއީލޭ ކިޔައިގެން އެ އުޅޭ ކިޔާނު، ފަލަސްތީނުގެ ބިން ފޭރިގަނެ ދައުލަތެއް އުފެއްދުމަށް ފަހު އެ މީހުގެ ގައުމިއްޔަތެއް ބިނާކުރާން އެންމެ އިސްކަންދިން ކަމަކީ، މަރަށް ތެޅިތެޅި ފައްޅީގައި އޮތް ޙީބްރޫ ބަސް ދިރުވައި އާލާކުރުމެވެ. މިއަދު އެ މީހުންގެ ޔުނިވަރސިޓީތަކުގައި އެ ކިޔަވައިދެނީ އެ ބަހުންނެވެ. އެ މީހުންނަށް އޭރު ރަނގަޅަށް މޮޅަށް އިނގިރޭސިބަސް އެނގެއެވެ. އެ ތަނަށް ހިޖުރަކުރި ގިނަ މީހުން ވިހައި ބޮޑުވީ އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ގައުމުތަކުގައެވެ.

ހަނގުރާމަތަކަށް ފަހު، ހިންދެމިލެވުނު އިރު، ބަލްގޭރިއާގެ ބަހުގައި ޢިލްމީ ލަފުޒުތަކެއް މަފުހޫމުތަކެއް ނެތެވެ. ޢިލްމީ ގޮތުން ކުރިއަރައިގެން އައި ދުވެލީގައި އެ ގައުމުގެ ބަހަށް ކުރިއަރާނެ ފުރުޞަތު ނުލިބުނީތީއެވެ. އެ މީހުން ހެދި ގޮތަކީ ހުރިހައި ޢިލްމީ ލަފުޒަކާއި މަފުހޫމުތަކެއް އުފައްދައިގެން، މުޅީން އާ ރަދީފެއް (ޑިކްޝަނަރީއެއް) ލިޔެ ޢާންމުކޮށް ޢިލްމީ ސިޔާގުގައި ބޭނުންކުރާންފެށީއެވެ. މިއަދު އެ މީހުން އެ ކިޔަވައިދެނީ އެ މީހުންގެ ބަހުންނެވެ.

އަޅުގަނޑުމެންގެ ކައިރި ހިސާބުތަކުގެ ގައުމުތަކަށް އިންޑިއާއަށް، މެލޭޝިއާއަށް، އިންޑޮނޭޝިއާއަށް ނަޒަރެއްދެއްވައިފި ނަމަ، އެ ތަންތާނގެ ނަންބޯޑުތަކަށް ބައްލަވައިފި ނަމަ، އެ މީހުންގެ ޤައުމިއްޔަތު ދިރުވައި އާލާކުރުމަށް ޓަކައި، އެ މީހުންގެ ބަހަށް ދޭ ސަމާލުކަން ފާހަގަކުރެއްވޭނެއެވެ.

އާދޭހެވެ! އަޅުގަނޑުމެން އިނގިރޭސި ޙިމާޔަތުން ސަލާމަތްވެ މިނިވަންވެއްޖައީމުއެވެ. ނަމަވެސް އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރާއި ޚިޔާލު މިވަނީ އެ މީހުންގެ ބަސް އިސްތިޢުމާރުކޮށްފައެވެ. މި ކަމުން ސަލާމަތްވެ، ސިކުނޑިތައް މިނިވަންކުރާން ވަރަށް ބުރަ މަސައްކަތްތަކެއް ކުރާން ވަނީ ޖެހިފައެވެ. ނަމަވެސް އެ މަސައްކަތްކުރައްވާން ތިއްބެވި ބޭފުޅުންގެ ސިކުނޑިފުޅުތައް މިނިވަންކުރުމަކީ ވަރަށް އުނދަގޫ ކަމަކަށްވާނެއެވެ. އެކަމަކު ކަށަވަރުވެ އެނގޭ ކަމަކީ [ގައުމިއްޔަތަށް އިސްކަން ދެވޭ ނަމަ، އެންމެ ފުރަތަމަ އިސްކަންދޭންޖެހޭނީ ޤައުމީ ބަހަށް]ކަމެވެ. މި ކަން ނުކޮށް ގައުމިއްޔަތު އިޢާދަކުރުމަކީ ކުރެވޭނެ ކަމެއްކަމަކަށް އަޅުގަނޑަކަށް ގަބޫލެއްނުކުރެވެއެވެ.

 

 

ބައެއް ލަފުޒުގެ މާނަ:

ހަވާލަތު      ނ.   ކަނޑައެޅިފައިވާ ބާރުތަކަކާ އެކު ރަސްމީ އިދާރާއަކާ ނުވަތަ ފަރާތަކާ ހަވާލުކުރާ މަސްއޫލިއްޔަތު ނުވަތަ މަސައްކަތް ނުވަތަ ޒިންމާ. mandate

ބައިނަލްއަގުވާމީ ނއ.  ގިނަ ގައުމުތަކެއް ޝާމިލުވާ.

ކިޔާނު      ނ.    (1) އަމިއްލަކަން ލިބިގެންވާ މުއައްސަސާއެއް ނުވަތަ ތަނެއް. (2) ހަޔަވީ ނުވަތަ ރޫޙާނީ ދިރުން ހުރި އެއްޗެއް.  entity

އަމުދުން      އ.   (1) ގަސްތުގައި. (2) އެނގި ހުރެގެން. (3) މުޅީން އަނެކާ ހީކުރާ ގޮތަށް ނޫންކަން އެންގުމަށް ބުނާ ބަހެއް. މި އަކުރު ބޭނުންކުރަނީ ބުނާ ބަހެއް ގަދަކުރުމުގެ ގޮތުންނެވެ.

ވައިގެބަނދަރު  ނ.   މަތިންދާބޯޓު ޖައްސާ ބަނދަރު.

މަގާލު       ނ.   ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް. (written) article

ގިމަތަ       ނ.   ދަތުރަށް އެރުމަށާއި ދަތުރު ނިންމުމަށާއި ދަތުރުވެރީންގެ ކަންތައް ހަމަޖެއްސުމަށް ބޭނުންކުރާ ތަން.

ކޮމެންޓު
ކޮމެންޓުތައް
އާޒިފާ
21 ނޮވެންބަރު 2025 13:52
އަޒީީީީީީީީ