ad_banner
ކޮލަމް ހަމަ (48): ލިޔެވޭ އެއްޗަކަށް ވިސްނައިލިއްޔާ ވަރަށް ފަސޭހަވާނެއެވެ. - ދަޢުވަތުއެރުވުން، ވަޑައިގެންދެއްވުން،

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

19 ނޮވެންބަރު 2025

ދިވެހިބަހުން ލިޔާ އިރު، ލަފުޒު ދުރުކޮށްގެން ލިޔުމަކީ، އެ ކަމަށް އެދޭ މީހަކަށް އެއްވެސް އުނދަގޫ ކަމެއްނޫނެވެ. ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ. ދިވެހިބަހުން ލިޔާ އިރު ހެޔޮކޮށް ގަވާއިދާ އެއް ގޮތަށް ލިޔުމަކީ ކޮންމެހެން ކުރާން ޖެހޭ ކަމެއްކަން ގަބޫލުކުރުމެވެ. ދެން އެކަށައެޅިފައި ހުރި ގަވާއިދުތައް މުޠާލިއާކޮށްލައިގެން އެ ގަވާއިދަށް ޢަމަލުކުރީމާ ލިޔެވޭނީ ރަނގަޅަށެވެ.

ދިވެހިބަހުން ލިޔާ އިރު ލަފުޒު ދުރުކޮށްގެން ލިޔުމުގެ ގަވާއިދަކީ، ދިވެހިބަހުގެ ޖުމުލަތަކުގައި ހުންނަ ލަފުޒުތައް ބަހައިލެވޭ އަށް ބައި (ނަން، ކަން، ނަންއިތުރު، ކަންއިތުރު، ނަންއިތުރުގެނަން [ސިފަ ނަން]، މަސްދަރު [ކަމުގެ ނަން]، އިތުރު، އަކުރު) ވަކިކުރާން އެނގޭ މީހަކަށް ވަރަށް ފަސޭހަ ގަވާއިދެކެވެ. އެ ގަވާއިދުގެ މައިގަނޑު ޚުލާޞާ އަޅުގަނޑު ދަންނަވައިލާނަމެވެ.

ކުރީން މި ބަޔާންކުރި ލަފުޒުތައް ބަހައިލެވޭ އަށް ބައިގެ ތެރެއިން، 'އަކުރު' ފިޔަވައި އެހެން ކޮންމެ ބައެއް ވެސް ކުރީ ލަފުޒާ ދުރުކޮށްގެން ލިޔުމަކީ އެންމެ އާންމު ހަމައެވެ. ދެން 'އަކުރު'ތަކުގެ ތެރޭގައި ހިމެނޭ މެހޭ އަކުރެއް ނަމަ، ހުރިހައި ހާލަތެއްގައި ވެސް ކުރި ލަފުޒާ ދުރުނުކޮށް ލިޔުމާއި؛ އެއްވެސް ޙާލަތެއްގައި ނުމެހޭ އަކުރެއް ނަމަ، ހުރިހައި ޙާލަތެއްގައި ވެސް ކުރީ ލަފުޒާ ދުރުކޮށްގެން ލިޔުމެވެ. ލަފުޒު ދުރުކުރުމުގެ އާންމު އަސާސީ ހަމަތަކަކީ މިއީ އެވެ. ކިހައި ފަސޭހަތޯއެވެ؟

އަކުރު މެހުމޭ ބުނެވެނީ ބައެއް ޙާލަތުގައި ކުރީ ލަޒުގެ ފަހު އަކުރަށް އަންނަ ބަދަލުގެ ސަބަބުން ދެ ލަފުޒު އެއް ލަފުޒެއްކަމުގައި ވުމަށެވެ.

މިސާލަކަށް:   ވިލިނގިލި+އަކީ = ވިލިނގިއްޔަކީ،

          ރަށް+އެވެ. = ރަށެވެ.

          އަތޮޅު+އަށް = އަތޮޅަށް

މި މިސާލުތަކަށް ބަލާ އިރު، އަކީ، އެވެ، އަށް، މި އަކުރުތަކަކީ ބައެއް ޙާލަތްތަކުގައި ކުރީ ލަފުޒާ މެހޭ އަކުރުކަން އެބަ ސާބިތުވެއެވެ. ވީމާ، މި ފަދަ ހުރިހައި އަކުރެއް ވެސް ކޮންމެ ޙާލަތެއްގައި ވެސް (މެހުނަސް ނުމެހުނަސް) ލިޔާންވާނީ ކުރީ ލަފުޒާ ދުރުނުކޮށް ހަމަ ކައިރީގައެވެ.

މިސާލަކަށް:   ފަހަލަ+އަކީ = ފަހަލައަކީ

          ރާއްޖެ+އެވެ. = ރާއްޖެއެވެ.

          އެމެރިކާ+އަށް = އެމެރިކާއަށް

ނުމެހޭ އަކުރަކީ، ކުރީން ދެންނެވި ފަދައިން އެއްވެސް ހާލެއްގައި ކުރީ ލަފުޒާ ނުމެހޭ އަކުރެވެ.

މިސާލަކަށް:   ވެސް، ނަމަވެސް، އެހެންނަމަވެސް، ފަދަ، ނަމަ، ވުރެ، ޓަކައި، މި ފަދަ އަކުރުތައް.

ފަހުން މި ދެންނެވި މިސާލުތަކުގައި ހުރި އެއްވެސް ލަފުޒެއް އެއްވެސް ހާލަތެއްގައި ކުރީ ލަފުޒަކާ ނުމެހޭނެއެވެ. އެހެންވީމާ، މިފަދަ އަކުރުތައް އަބަދު ވެސް ލިޔާނީ ކުރީ ލަފުޒާ ދުރުކޮށްފައެވެ.

މި ބަޔާންކުރެވުނީ ލަފުޒު ދުރުކޮށްގެން ލިޔާ އިރު، ހަނދާނުގައި ބަހައްޓާން ޖެހޭ އެންމެ އާންމު އަސާސީ ހަމަތަކެވެ. ތަފުސީލުކޮށް ދަސްކުރައްވާން ބޭނުންފުޅު ނަމަ، ލަފުޒު ދުކޮށްގެން ލިޔުމުގެ އެންމެ ފަހުގެ ގަވާއިދު ދިވެހިބަހުގެ އެކެޑަމީގެ ވެބުސައިޓުން ޑައުންލޯޑުކުރެއްވޭނެއެވެ.

އިސްވެ ދަންނަވައިލެވުނު ގަވާއިދުގެ މައްޗަށް ބަލާ އިރު [އައުން] [އައިސްދިނުން] [ދަޢުވަތުދިނުން] މި ފަދަ ލަފުޒުތަކުގެ މެދުން ބުރިކޮށް، ދުރުކުރެވޭނެ ހަމައެއް ނެތެވެ. [އައުން] މި މަސްދަރުގެ އެންމެ މާތް ގޮތަކީ [ވަޑައިގަތުން] އެވެ. [އައިސްދިނުން] މި މަސްދަރުގެ އެންމެ މާތް ގޮތަކީ [ވަޑައިގެންދެއްވުން]އެވެ. [އައިސްދިނުން]، [ވަޑައިގެންދެއްވުން] އެއީ މި ސިޔާގުގައި ވަކި މުސްތަގިއްލު ދެ ލަފުޒެވެ. އެހެންވީމާ ލަފުޒުގެ މެދުން ބުރިކޮށްލައިގެން ދުރުކުރެވޭނެ ހަމައެއް ނެތެވެ.

ނަމަވެސް [އައުން]އާއި ދިނުން] [ވަޑައިގަތުން]އާއި [ދެއްވުން] ވަކި ދެ ލަފުޒެއްގައި އެހެން ސިޔާގެއްގައި ލިޔާ ނަމަ، ދިވެހިބަހުގެ ލަފުޒުތައް ދުރުކުރުމުގެ ހަމައިގެ މަތީން ދުރުކުރާންޖެހޭނެއެވެ.

މިސާލަކަށް:       އެ ގަމީސް މީހަކު އަތަށް ދީފައި ފޮނުވުމަށް ވުރެ، މި ގެއަށް އައިސް ދިނުން މާ ރަނގަޅުވީސްތާއެވެ.

              އެ ގަމީސް މީހަކު އަތަށް ދެއްވައިފައި ފޮނުއްވުމަށް ވުރެ މި ގެއަށް ވަޑައިގެން ދެއްވުން މާ ރަނގަޅުވީސްތާއެވެ.

މި ދެ މިސާލަށް ފުންކޮށް ބައްލަވައިލައްވައިފި ނަމަ، [ވަޑައިގެންދެއްވުން] މި ލަފުޒުން ދޭހަވާ މާނައާއި [ވަޑައިގެން]އާއި [ދެއްވުން] މި ދެ ލަފުޒުން ދޭހަވާ މާނަ ވަރަށް ބޮޑަށް ތަފާތުކަން ފާހަގަކުރެއްވޭނެއެވެ. ދަޢުވަތު ކާޑުތަކުގައި އޮންނަ [ވަޑައިގެންދެއްވުން] އެއީ އެއް ލަފުޒެކެވެ. މިއީ [އައިސްދިނުން] މި މަޞްދަރު އެންމެ މާތް ބަހުރުވައިން ބުނާނެ ގޮތެވެ. މި ޙާލަތުގައި މި ލަފުޒުގެ މެދުން ބުރިކޮށް ދުރުކޮށްފި ނަމަ، ދޭހަވާ މާނަ ވަރަށް ތަފާތުވާނެކަން މަންޠިޤީ ގޮތުން ވެސް ވިސްނިވަޑައިގަންނަވާނެއެވެ.

ދެން ދަޢުވަތު ކާޑުތަކުގައި ލިޔެފައި ހުންނަ، [ދައުވަތުއެރުވުން]، [ދަޢުވަތުދެއްވުން]، [ދަޢުވަތުއެރުއްވުން] މިއީ ވެސް ވަކިވަކި ތިން ލަފުޒެކެވެ. [ވަޑައިގެންދެއްވުން] މިއީ ވެސް އެއް ލަފުޒެކެވެ. މި ފަދަ ލަފުޒުގެ މެދުން ބުރިކޮށް ދުރުކޮށްފި ނަމަ، ދޭހަވާ މާނަ ތަފާތުވާނެއެވެ. އޭރުން އެ ވާނީ ވަކިވަކި ދެ ލަފުޒަކަށެވެ.

އަޅުގަނޑު މި ވާހަކަ މިއަދު މި ލިޔެލީ، ބައެއް ދަޢުވަތު ކާޑުތަކުގައި [ދަޢުވަތުއެރުވުން] މި ލަފުޒާއި [ވަޑައިގެންދެއްވުން] މި ލަފުޒު މެދުން ބުރިކޮށް ދުރުކޮށް ލިޔުމަކީ، އެއީ ރަނގަޅު ގޮތެއް ނޫނޭ ދަންނަވައިލާން ވެގެންނެވެ. ހެޔޮ ނިޔަތުގައި އިސްލާޙަށް އެދިގެންނެވެ. އަޅުގަނޑު މި ދެންނެވި ވާހަކަތައް އަލުން ވިދާޅުވެބައްލަވާށެވެ! ހެޔޮ ގޮތް ވިސްނިވަޑައިގަންނަވާނެއެވެ. ވީމާ ލަފުޒު ދުރުކުރައްވާ އިރު، ލިޔުއްވޭ އެއްޗަކާއި އޭގެ މަގުސަދާއި ސިޔާގަށް ނުވަތަ ބުނެވޭ އެއްޗަކަށް ވިސްނައިލިއްޔާ ވަރަށް ފަސޭހަވާނެއެވެ.

 

ލަފުޒެއްގެ މާނަ:

ސިޔާގު      ނ.       ލަފުޒެއްގެ ނުވަތަ އިބާރާތެއްގެ މާނަ ދޭހަކޮށްދޭ ވެށި ނުވަތަ ހާލަތު. context

ކޮމެންޓު