ad_banner
ޖަޕާނު މީހުންގެ މޮޅުކަން

ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

17 ނޮވެންބަރު 2025

މިއީ އެއްދުވަހަކު، ޖުހާއާ އޭނާގެ ރަހުމަތެރި މަނިކު ބެޔާ ދެމެދު ދެކެވުނު ސަމާސާ ވާހަކައެކެވެ.

މަނިކުބެ: ޖުހާއެވެ! އަޅެ ނިކަން ދެކި ބަލާށެވެ! ޖަޕާނު މީހުންނަކީ ހާދަހާ ކުޅަދާނަ މޮޅު ބަޔެކެވެ. ހުރިހާ މައިދާނެއްގައި ވެސް އެމީހުން ކުރިއަރައިފައިވާ ވަރު ފެނޭ ނޫންހެއްޔެވެ؟

ޖުހާ:   ތިޔައީ ހަމަ ވަރަށް ރަނގަޅު ވާހަކައެކެވެ. ނަމަވެސް، ތިޔަ ކަމާ ގުޅޭ، އެހެން ވާހަކައެއް އަހަރެން ބުނެފާނަމަވެ. ކުޅަދާނަވެފައި މޮޅީކީ ހަމަ އެކަނި ޖަޕާނު މީހުންނެއް ނޫނެވެ. ކުޅަދާނަކަމާއި މޮޅުކަން އެންމެނަށް ވެސް މާތްރަސްކަލާނގެ ދެއްވިއެވެ. މަނިކުބޭމެންގެ މީހުންނަކީ ވެސް ހަމަ ކުޅަދާނަ މޮޅު މީހުންނެވެ.

މަނިކުބޭ: އަހަރުމެންގެ ކިބައިގައި ކުޅަދާނަކަމެއް ހުރިކަމަށް ވަންޏާ ހުރިހައި ކަމެއްގެ އެންމެ ފުލުގައި އަހަރުމެން މި ތިބީ ކީއްވެހެއްޔެވެ؟ އަހަރުމެންނަށް ދުނިޔޭގެ ހެވަށް ކޮށްދެވުނީ ކޮން ކަމެއްހެއްޔެވެ؟ މިވީހައި ދުވަހު، ތަރައްގީގެ މަގުގައި، އަހަރުމެންނަށް ކުރިއަށް އެޅުނު ފިޔަވަޅަކަށްވާ ކަހަލަ ފިޔަވަޅަކީ ކޮބައިހެއްޔެވެ؟ އަހަރުމެންގެ މީހުން ބޯ ހިޔާކޮށްލައިގެން އުޅޭނޭ ތަނެއް ނެތެވެ. ނިދާނޭ އެނދުގަޑެއް ވެސް ނެތެވެ. އަޅެ ނިކަން މި ކަން އަހަންނަށް ސާފުކޮށްދީ ބަލާށެވެ! ތަން މި އޮތީ ބައިބައިވެފައެވެ. ކޮންމެ ބަޔެއްގެ ވެސް އެދުމަކީ ވެރިކަމެއް ހޯދުމެވެ. މި ކަން މިގޮތަށް ދާކަމަށް ވެއްޖެ ނަމަ، ތަނުގެ ކޮންމެ ރަށަކީ ވަކި ދައުލަތަކަށް ހަނދާން އުޅުން ވެސް ދުރެއް ނޫނެވެ. އަހަރުމެންގެ ތެރެއިން ބަޔަކު، ގައުމަށް ޣަދަރުވެރިވެ ވަކިވެގަނެ، ވަކި ސަރުކާރެއް ގެނައި ތާރީޚަކީ މިހާރުގެ ބައެއް ވެރީން ބުނާ ގޮތުގައި އަހަރުމެންގެ ފުރަތަމަ ޖުމްހޫރީ ސަރުކާރެވެ! އެ ސަރުކާރުގެ ވެސް، ހުރިހާ ބާރެއް، ރައީސްކަމާއި ވުޒާރާތަކުވެ ވަޒީރުކަމާއި ނޫސްތަކުގެ އެޑިޓަރުކަމާއި މި ނޫން ވެސް ކަމަކަށްވާ ކަހަލަ ކަމެއް ނަމަ އޮތް ނަމަ، އޮތީ ހަމަ އެންމެ މީހެއްގެ މުށުގެ ތެރޭގައެވެ! ދުވަސް ކޮޅަކުން، އަހަރުމެން ނަށް ހަގީގީ މިނިވަންކަން ލިބުނު ތާރީޚަކީ ނޮވެމްބަރު ތިނެއްކަމަށް ވެގެން ހިނގައިދާނެއެވެ. އަދި، ފިސްތޯލަ ހާޖީ، ޣާޒީ ހާޖީއަށްވެ، އޭނާ ބަދަލުވެގެންދާނީ އަހަރުމެންނަށް ފުރިހަމަ މިނިވަންކަން ހޯދައިދޭން މަސައްކަތްކުރި ފުރަތަމަ ގައުމީ ބަތަލުކަމަށެވެ!

ޖުހާ:   ތިޔަހެން ކަންތައްތައް ވަމުން ދިޔަޔަސް، އަހަރެން ބުނާނީ ކަލޭމެންގެ ތެރޭގައި ވެސް ކުޅަދާނަ މޮޅެތި މީހުން ތިބިކަމެވެ. ކަންކަން ކުރުމުގެ ގާބިލިއްޔަތު ލިބިފައިވާ ދުރުވިސްނޭ މީހުން ތިބިކަމަށެވެ. ކަލޭމެންނާ ޖަޕާނު މީހުންގެ ތަފާތަކީ ކުޅަދާނަ މީހުން އެ މީހުންނަށް ވަކިކުރާން އެނގުމެވެ. އަދި، އެ މީހެއްގެ ކުޅަދާނަކަން ނިޔާކުރާ ގޮތުން އެ މީހަކާ މަސައްކަތް ހަވާލުކުރުމެވެ. މިސާލަކަށް ދިހަ މީހުންގެ ތެރެއިން އެ މީހުންނަށް މަގުދައްކައިދިނުމުގެ ކުޅަދާނަކަން ހުރި އެކަކުވެސް އެމީހުންނަށް ފެނިއްޖަ ނަމަ، އެ މީހުންނަށް މަގުދެއްކުމަށް ޓަކައި އެ މީހާ އިސްކުރެއެވެ. ނަމަވެސް، ކަލޭމެންގެ ތެރޭގައި ކަންކުރަނީ އެ ގޮތަށްހެއްޔެވެ؟ ކަލޭމެންގެ ތެރޭގައި މޮޅު މީހާކަމަށް ވަނީ އެންމެ ބާރަށް ހަޅޭއްލަވާ މީހާއެވެ. ކަލޭމެން ދެކޭ ގޮތުގައި، އަޑުގަދަ މީހާގެ ރުށް ގިނަވަނީކީ އެކަންޏެއް ނޫނެވެ. އޭނާގެ ރުށް ގިނަވާން ވެސްޖެހެއެވެ. ތަނެއް ހަލާކޮށްލުމުގެ ހުނަރަކީ ތަން ބިނާކުރުމުގެ ހުނަރުކަމުގައި ކަލޭމެން ދެކެއެވެ. ނިކަން ދެކިބަލާށެވެ! މިފަދަ އޮޅުމެއް އެއްފަހަރު އަރައިފާނެކަން އަހަރެން ގަބޫލުކުރަމެވެ. ނަމަވެސް، ކަލޭމެންނަކީ، ކަލޭމެންގެ އަތަށް، އެއް ހޮރުން، ދެ ފަހަރު، ކީއްކުރަންހެއްޔެވެ؟ ސަތޭކަ ފަހަރު ވެސް ކަށިޖަހާން އެ ހޮރަށް އައްލައިފާނޭ ބަޔެކެވެ! ދެން ކަލޭމެން އަތަށް އެތައް ފަހަރަކު ކަށި ޖެހީމާ ކަލޭމެން ކުށްވެރިކުރާނީ ހޮރުގައި ކަށި ޖަހާން އިން ސޫތްޕެކެވެ! ކަލޭމެންގެ އެއްވެސް ކުށެއް މަސްއޫލިއްޔަތެއް އޮތްކަމަކަށް ކަލޭމެން ނުދެކޭނެއެވެ. މި ކަހަލަ ބަޔަކަށް ތަރައްގީގެ މަގުގައި ހަގީގީ ފިޔަވަޅެއް އެޅިދާނެހެއްޔެވެ؟

ދެން، ކަލޭމެންގެ ކަންތައްތައް މި ފަދައިން ހުރުމުން، ދިހަ މީހުންގެ ތެރެއިން ކަލޭމެންނަށް މަގުދައްކާން ކަލޭމެން ހޮވާނީ ކަމަށް އެންމެ އެކަށިގެންވާ މީހާއެއްނޫނެވެ. އެންމެ އަޑުގަދަ މީހާއެވެ. ނުވަތަ ކަލޭމެން ނަފުރަތުކުރާ މީހާ ނޫން މީހާއެވެ. އެ މީހަކީ ރަނގަޅަށް ލިޔެ ކިޔާން ނުދަންނަ މީހަކަށް ވިޔަސް ވެހެވެ. އެ މީހަކީ ކަންކަން ޚަރާބުކުރުމުގެ ތާރީޚެއް އޮތްކަން ފެނި ތަޖުރިބާކުރެވިފައިވާ މީހެއްކަމަށް ވިޔަސް ވެހެވެ. އެ މީހަކީ އެއްވެސް ހަމައެއްގެ މައްޗަށް ބިނާކޮށް އެއްޗެއް ބުނާން ނޭނގޭ މީހަކަށް ވިޔަސް ވެހެވެ. އެ މީހަކީ ތަން ބިނާކުރުމުގެ ކުޑަ ވެސް ތަޖުރިބާއެއް ނެތް މީހަކަށް ވިޔަސް ވެހެވެ.

މިހެން ވާން ޖެހެނީ ކީއްވެހެއްޔެވެ؟ ކަލޭމެންގެ ކިބައިގައި ހުރި ނުރަނގަޅު ސިފަތަކެއް ސަބަބުންނެވެ. ހަސަދަވެރިކަމުގެ ނުބައި ސިފައެވެ. އަނެކާއަށް ހެޔޮ ނޭދުމުގެ ނުބައި ސިފައެވެ. އެއް ކޮޅުން ކަމެއްގެ ރަނގަޅުކަން ނުފެންނަ އިރު، ކަންކަމުގެ ނުރަނގަޅު ގޮތް މާ އަވަހަށް ފެންނަ ގޮތް ވުމުގެނުބައި ސިފައެވެ. ހުޅުމާލޭ ބުރިޖު މަތީން ދަތުރުނުކުރާން ގަދަހަދައިފައި ކަނޑުމަގުން މާލެ އައި މީހުންގެ މަތީން ހަނދާންކޮށްލާށެވެ! ކަލޭމެންނަށް އެއްޗެއް ނޭނގުނީމާ، ކަލޭމެންގެ ކިބައިގައި ހުނަރެއް ނެތީމާ، ކަލޭމެން ބަލަނީ އެހެން އެންމެން ވެސް ތިބޭނީ ހަމަ އެ ގޮތަށްކަމަށެވެ. މި ނުބައި ސިފަތައް ހުރުމުގެ ސަބަބުން، ހަމަ ލޮލުން ބަލައި، ހަމަ ބުއްދި ބޭނުންކޮށްގެން ކަލޭމެންނަށް މީހުންގެ އަގު ވަޒަންކުރާން ނޭނގެނީއެވެ. އަދި އެ ކަން ހެޔޮ ގޮތުގައި ކުރެވޭތޯ މަސައްކަތްކުރާން ވެސް ނޫޅެވެނީއެވެ!

މީގެ އިތުރަށް، ކަލޭމެންގެ އާދަކާދަ ނިޔާކުރަނީ، މޮޅު ރަނގަޅު މީހުން އުފެދޭން ޖެހޭނީ ހަމަ އެކަނި ދެތިން އާއިލާއެއްގެ ތެރެއިން ކަމެވެ. މޮޅު ކަމާއި ގާބިލިއްޔަތުކަން އޮންނަނީ ވަކިބަޔަކަށް ޚާއްސަވެފައި ނޫންކަން ކަލޭމެން ގަބޫލެއްނުކުރެއެވެ. ހިކި ގަޅި ގަނޑަކުން ދިޔަ ފެލޭނެކަން ކަލޭމެން ގަބޫލުކޮށް، މޮޅު އާއިލާގެ ދަރީގެ ސިކުނޑިއަކީ އެއްވެސް ތެތްކަމެއް ނެތް، ހިކިފައި އޮތް ގަޅިގަނޑެއް ފަދަ އެއްޗެއް ކަމަށް ވިޔަސް، ކަލޭމެން ބަލަނީ އޭނާގެ ސިކުނޑި ރަނގަޅުވާނޭ ކަމަށެވެ.

ތިމަންމެންނަކީ 100 އިން 100 މުސްލިމުންގެ ބަޔެކޭ ކަލޭމެން ކިޔާތާ މިހާރު އެއްހާސް އަހަރު ވާން ކައިރިވީ އިރު ވެސް، ކަލޭމެންނަކަށް އިސްލާމީ އެންމެ މުހިންމު އެއް އަސާސީ އަގުކަމުގައިވާ ހަމަހަމަކަން މިއީ ކަލޭމެން ފާހަގަކުރާން ބޭނުންވާ ކަމެއް ނޫނެވެ. އަދިވެސް ކަލޭމެންގެ ތެރޭގައި އޮތީ ކަލޭމެންގެ އިހުގެ ބުދު ދީނާއި ހިންދީ ދީނުގެ ސަގާފަތާއި އާދަކާދަތަކެވެ. ކަލޭމެންގެ ގައުމު ބަހައިލައިފައ ވަނީ ތަބަގާތުތަކަކަށެވެ. ބޭފުޅުންނާއި ބޭފުޅުނޫން މީހުންނެވެ. މާލޭ މީހުންނާއި ރާއްޖެތެރޭ މީހުންނެވެ. އުތުރާއި ދެކުނުގެ މީހުންނެވެ. މި ތަފާތުކުރުން މި ހިސާބަކުން ނުނިމެއެވެ. އަތޮޅުތަކުގެ މެދުގައި ވެސް މި ކަން އޮވެއެވެ. ބައެއް އަތޮޅުތައް ދެކެނީ އެ އަތޮޅުތަކަކީ 'މޮޅު' އަތޮޅުތައްކަމުގައެވެ. އެ ނޫން އަތޮޅުތަކަކީ 'ދެރަ' އަތޮޅުތައްކަމުގައެވެ. ރަށްރަށް ވެސް އޮތީ މިހެންނެވެ. ބައެއް ރަށްރަށް ދެކެނީ އެ ރަށްރަށަކީ ރަސް ރަށްރަށްކަމުގައެވެ. އަނެއް ބައިރަށަކީ އަޅުންގެ ރަށްރަށްކަމުގައެވެ. އެންމެންނަކީ ވެސް ހަމަހަމަ ބައެއްކަމުގައި ބަލައިގެން މެނުވީ ތަރައްގީގެ މަސައްކަތް ނުކުރެވޭނޭކަމެއް ކަލޭމެންނަކަށް ނުވިސްނެއެވެ. އަދި އެ ކަން ވިސްނާކަށް ވެސް ބޭނުމެއް ނޫނެވެ.

ފަންސަވީހަކަށް އަހަރު ދުވަހުގެ ތެރޭގައި ސިންގަޕޫރު ތިންވަނަ ދުނިޔެއިން އެއްވަނަ ދުނިޔެއަށް ނިކުތް އިރު ހަތްދިހަ އަހަރަށް ވުރެ ގިނަ އަހަރު ވީއިރު ވެސް، އިންޑިޔާ ތަރައްގީ ނުވެ ތިންވަނަ ދުނިޔޭގެ ގައުމެއްގައި އޮތީ ކީއްވެހެއްޔެވެ؟ އިލްމުވެރިން ނެތިގެންނެއް ނޫނެވެ. މުއްސަނދި ފަރުދުން ނެތިގެންނެއް ނޫނެވެ. މުޅި ދުނިޔޭގައި ވެސް މުއްސަނދި ފަރުދުން އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި އިންޑިޔާ ހިމެނެއެވެ. ނަމަވެސް، ގައުމެއްގެ ގޮތުގައި އިންޑިޔާ ތަރައްގީނުވެ އެ އޮތީ އެ މީހުންގެ ތެރޭގައި ހަމަހަމަކަން ނެތުމުންނެވެ. އެ މީހުންގެ ތަފާތުކުރުން އެ މީހުންގެ ދީނީ ޖައުހަރުކަމަކަށް ވުމުން، އެ ކަން އެ މީހުންގެ މުޖުތަމައީ އަގަކަށް ވެފައި އޮތީމައެވެ.

އެ މީހުންގެ ދީނީ އިއުތިގާދު ނިޔާކުރަނީ އެއް ބަޔަކީ އެ މީހުން އުފަންވުން ނިޔާކުރާ ގޮތުން މަތީ ދަރަޖަތައް ލިބި ވެރީންނަށް ވާން ޖެހޭ ބައެއްކަމާއި އަނެއް ބަޔަކީ އެ މީހުންގެ އުފަންވުން ނިޔާކުރާ ގޮތުން ދަށު ދަރަޖައިގެ ބަޔެއްގެ ގޮތުގައި 'ފާޚާނާ ސާފުކުރާން' އުޅޭން ޖެހޭނޭ ބަޔެއްކަމެވެ. މިހެން ކަންތައް އޮތުމުން އިހުތިރާމާއި ގަދަރު ލިބޭން ޖެހެނީ ހަމަ އެކަނި މަތީ ދަރަޖައިގެ މީހުންނަށެވެ. އިހުތިރާމާއި ގަދަރަކީ ދަށު ދަރަޖައިގެ ފާޚާނާ ސާފުކުރާ މީހުންނަށް ހައްގު އެއްޗެއް ނޫނެވެ. އެހެންކަމަށްވާ އިރު، މި ބުނާ ދަށު ދަރަޖައިގެ މީހުން ހެޔޮ ގޮތުގައި އުޅޭން ޖެހޭނޭކަން އެންމެނަށް ގަބޫލުކުރެވޭނެހެއްޔެވެ؟ ނުކުރެވޭނެއެވެ. ނަތީޖާއަކީ ކޮބައިހެއްޔެވެ؟ ފާޚާނާ ސާފުކުރުން މަތީ، ޖިފުޓިތަކުގައި އެއް އިރު ކައިގެން އަނެއް އިރު ނުކައި އެ މީހުން އުޅުން އެއީ އެ މީހުންނަށް ލިޔެވިފައި އޮތް ގޮތްކަމަށް ބުނުމެވެ. މި ފަދަ ގަބޫލުކުރުންތަކެއް ގަބޫލުކުރާ ބަޔަކަށް ގައުމެއްގެ ސިފައިގައި ކުރިއަރައި ތަރައްގީވެވޭނީ ކިހިނެއްހެއްޔެވެ؟ ހަގީގީ ތަރައްގީއަކީ އިންސާނުންނަށް އަމާޒުކުރެވިގެން އެ މީހުންގެ ދުނިޔަވީ މައީޝަތު ކުރިއެރުވުންކަމުގައިވާ އިރު، އެއް ބަޔަކު އުޅޭން ޖެހޭނީ ނިކަމެތި ގޮތުގައިކަމުގައި ދެކެވިއްޖެ ނަމަ، ހަގީގީ ތަރައްގީއެއް ނުގެނެވޭނެ ނޫންހެއްޔެވެ؟

ދެން ނިކަން ކަލޭމެންގެ ހާލަތަށް ބަލައިލަބަލާށެވެ. ކަލޭމެން ވެސް ގަބޫލުކުރަނީ ނިކަމެތީން އުޅޭން ޖެހޭނީ ނިކަމެތިކޮށް ނިކަމެތިންގެ ގޮތުގައިކަމެވެ. އަރާމާއި އުފަލުގައި އުޅެން ޖެހޭނީ ވަކި ބަޔެއްކަމެވެ. އަމިއްލަ ގޯތި ގެދޮރު ލިބޭން ޖެހޭނީ ވަކި ބަޔަކަށްކަމެވެ. މިއީ ކަލޭމެންގެ ތާއީދު ލިބިގެން ތިބި ބައެއް ސިޔާސީ ބައެއް ވެރީން އަޑު ހަރުކޮށް ގޮވާ ވާހަކައެކެވެ. ދެން ތިބި ސިޔާސީ ވެރީން މި ވާހަކަ އަޑުހަރުކޮށް ނުގޮވިކަމުގައި ވިޔަސް އެ މީހުންގެ އަމަލުތައް ވެސް ހުންނަނީ ހަމަ އެއް ގޮތަކަށެވެ. ގޯތި ގެދޮރު ލިބުން ބިނާވަނީ ގުރުއަތެއްގެ މައްޗަށެވެ! ގޯތި ގެދޮރު ލިބުމަކީ ކެއުން ބުއިން ފަދައިން އެންމެންގެ ވެސް ޒަރޫރީ ކަމެކެވެ. ނިކަމެތީންގެ ތެރެއިން ކެއުމާއި ބުއިން ހައްގުވަނީ ގުރުއަތުން ހޮވޭ ބަޔަކަށޭ ބުނެފި ނަމަ އެކަމާ ވެސް ދެކޮޅު ނުހަދާނޭ ސިޔާސީވެރީން ކަލޭމެންގެ ތެރޭގައި އުޅެފާނެއެވެ! މަނިކުބޭ ނިކަން ވިސްނައި ފިކުރުކޮށްލަ ބަލާށެވެ! މާލޭގައި އިމާރަތްތައް އޮތް މީހުންނަށް ވިލިގިއްޔާއި އަދި ހުޅުމާލެއާއި އަދި ހައްދުންމަތި ފަދަ އެހެން ތަންތަނުން ވެސް ގޯތިތައް ލިބިފައިވޭ ނޫންހެއްޔެވެ؟ ހުރިހައި ކަމެއް ވެސް މި އޮންނަނީ މިހެންނެވެ. އެންމެ އިހުގައި ވެސް ރާއްޖޭގެ ފަޅުރަށްތައް ބަހައިލެވިފައި އޮތީ ހަމަ މަދު މީހުން ކޮޅަކަށް ނޫންހެއްޔެވެ؟ އެއީ ކޮން ހަމަޔަކުންހެއްޔެވެ؟ ވެރިކަމާ އެ މީހުން ގުޅިފައި އޮތުމާއި ދެން، އެ ފަދަ މީހުންނާ އެހެން ބަޔަކު ގުޅިފައި އޮންނަ އޮތުމުގެ މައްޗަށެވެ. މިހާރުވެސް ގޯތި ގެދޮރު ލިބިފައި އެ ވަނީ ހަމަ މި އުސޫލުން ހަމަ އެއް ބަޔަކަށް ނޫންހެއްޔެވެ؟ ވެރިކަމުގައި އުޅޭ މީހުންނަށާއި އެ ފަދަ ބާރުތަކާ ގުޅުން އުފައްދައިލެވޭ ފައިސާވެރި މުއްސަނދީންނަށެވެ. ފަހަރެއްގައި ވެސް ގޯތިތައް އެ ފަދަ މީހުންނަށް ލިބުމަކީ އެ ލިބޭ މީހުންގެ ކުށެއްނޫނެވެ. އެއީ ސިޔާސީ ވެރީންގެ ސިޔާސަތުތަކުގެ ކުށެވެ. މި ކަމުގެ ނަތީޖާއަކީ ކޮބައިހެއްޔެވެ؟ ތަނުގެ ހުރިހައި ހަރުމުދަލެއް ހަމަ އިހުނެކޭ އެއްފަދައިން މަދު ބަޔެއްގެ އަތްމައްޗަށް އެރުމެވެ. އެ މީހުންގެ މިލްކަކަށް ވުމެވެ. އަދި އެ ކަމުގެ ނަތީޖާއެއްގެ ގޮތުން ގައުމުގެ ހުރިހައި މުއްސަނދިކަމެއް މަދު ބަޔެއްގެ އެއްޗަކަށް ވުމެވެ. ދެން ތިބި ބަޔަކު އެ މީހުންގެ އަޅުންނަށްވެ، އެ މީހުންގެ މިނިވަންކަމާއި އިންސާނީ ކަރާމަތު ވެސް ގެއްލުމެވެ. އިހުގައި މީހުން އަޅުވެތިވީ ރިބާގެ ސަބަބުންނެވެ. މިއަދު ކަލޭމެން އަޅުވެތިވަނީކީ ބޭންކުގެ އިންޓަރެސްޓުގެ ސަބަބަކުންނެއްނޫނެވެ. މިއަދު ކަލޭމެން އަޅުވެތިވަނީ ގޯތި ގެދޮރު ނެތި ކުއްޔަށް ތަންތަން ހިފައިގެން އުޅޭން މަޖުބޫރުވެފައި އޮތުމުންނެވެ. ކުއްޔަކީ މިއަދުގެ ރިބާއެވެ! އެ ކަމަށް ކަލޭމެން ވަރަށް ކެރިގެން ނިކުމެ ހައްލެން ހޯދާން ޖެހެއެވެ.

މަނިކުބޭ: އެންމެ ރަނގަޅެވެ! އެންމެ ރަނގަޅެވެ! ޖަޕާނުގައި ނަމަ ތިޔަ ކަން ހައްލުކުރުމުގެ ގޮތުން ކަންތައް ކުރާނެ ގޮތެއް އަޅެ ބުނެދީ ބަލާށެވެ!

ޖުހާ:   ތިޔަކަން ހައްލުކުރުމުގެ ގޮތް ހޯދާން ޖަޕާނު މީހުން ކަންތައް ކުރާނޭ ގޮތް ހޯދާން ޖަޕާނަށް ދަނީ ކީއްކުރާންހެއްޔެވެ؟ އެ ކަން ކަލޭމެންގެ ތާރީޚުން ވެސް ފެންނާން އެބައޮތެވެ. ބިން ބިމަކީ ބަންޑާރަ ބިމޭ ކިޔާ އަޑު މަނިކުބޭ ވެސް އަހަމެއް ނޫންހެއްޔެވެ؟ މި ކަމުގެ އަސްލަށް ބަލައިލާ އިރު މި ކަމަކީ މާލޭގެ ބޮޑުތި ބޭފުޅުންގެ މިލްކުވެރިކަމުން ބޮޑެތި ބިންބިން އަތުލުމަށް ޓަކައި ކުރެވުނު ކަމެކެވެ. ހަމަ އެ ގޮތަށް މިހާރު ވެސް ރާއްޖޭގެ ހުރިހައި ބިމަކީ ދައުލަތުގެ އެއްޗެއްގެ ގޮތުގައި ކަނޑައެޅިދާނެއެވެ. އަދި، އެއްވެސް ބިމަކީ އެ ކަކަށް ވެސް މިލްކުނުކުރެވޭނޭ އެއްޗެއްކަމުގައި ހެދިދާނެއެވެ. މި ކަން ކުރާން ޖެހެނީ ރާއްޖޭގައި ބިމަކީ ތަދު އެއްޗަކަށް ވެފައި، އަންނާން އޮތް ޖީލުތަކަށް ޓަކައި ވެސް ބިންތައް ރައްކާތެރިކުރާން ޖެހޭނެތީއެވެ. މި ކަން މި ގޮތަށް ކޮށްފައި ސަރުކާރުތަކުން ޖެހެނީ މީހުން އުޅޭން އިމާރާތްތައް ހަދާށެވެ. ހަމައެކަނި މާލޭ ސަރަހައްދުގައި މާލޭ ވަށައިގެންވާ ރަށްތަކުގައެއް ނޫނެވެ. ރާއްޖޭގެ ހުރިހައި ސަރަހައްދައްގައި މައި ރަށްތައްކަމުގައި ރަށްތަކެއް ކަނޑައަޅައިލައިގެން އެ ރަށްތަކުގައި ވެސް މެއެވެ. އަދި، މި ގޮތުން ކަންތައްކޮށް، ކޮންމެ މީހަކަށް ވެސް އުޅެވޭނެ ފަދަ ޖާގައެއް، މާނައަކީ ފުލެޓެއް ހޯދައި ދޭން ޖެހެއެވެ. އެ ފުލެޓު ގަނެ މިލްކުކުރެވޭ ގޮތަށެވެ. މި ކަން ކުރާން ޖެހޭނީ ގުރުއަތުލައިގެންނެއް ނޫނެވެ. މިއީ ކޮންމެ ދިވެހި ފަރުދެއްގެ ހައްގަކަށްވާން ޖެހެއެވެ. މިފަދަ ގޮތެއްގައި ކަންތައް ކޮށް ގެދޮރުގެ ދަތިކަން ފިލުވައިލި ޕުލޭނެއް ސިންގަޕޫރުން ފެނެއެވެ. ރާއްޖޭގައި ސަރުކާރުން ހަދާ ފުލެޓުތައް ލިބުމުގައި އެކަކަށް އެއް ފުލެޓުގެ އިތުރުން އެހެން ތަނެއް ގަނެވޭނޭ ގޮތަކަށް ކަންތައްތައް އޮވެގެން ނުވާނެއެވެ. މިހާރުގެ މި ކަމުގެ ނިޒާމު އޮތް ގޮތުން، ރާއްޖޭން ބޭރުގައި ވަޒަންވެރިވެ އުޅޭ މީހުންނަށް ވެސް ހުޅުމާލޭން ފުލެޓު އެބަ ލިބެއެވެ! މިއީ ކިހައި އަނިޔާވެރި ނިޒާމެއްހެއްޔެވެ؟

ދެން، ފުލެޓުތައް މި ފަދަ ގޮތެއްގައި ލިބޭ ގޮތަށް އޮންނާނޭ ނިޒާމެއް ގާއިމުކުރުމުގެ ވާހަކަދެއްކުމުން، މި ކަމުގެ އިދިކޮޅު ވާހަކައަކަށް އޮންނާނީ މި ކަމުން އިގުތިސާދީ ހަރަކާތަށް ހުއްޓުން އަރާނޭކަމެވެ. އެހެން ވިޔަސް، ބިމުގެ މައްސަލަ މި ބުނި ގޮތަށް ބާއްވާން މަޖުބޫރެވެ. ރާއްޖޭގައި އެކަކަށް ދިހަ ބާރަ އިމާރަތްކުރުމުގެ ފުރުސަތު ދިނުމަކީ އެ މީހާއަށް އެހެން މީހުން އަޅުވެތިކުރުމުގެ މަގުފަހިކޮށްދެވޭ ކަމަކަށްވާތީއެވެ. އަދި، އެހެންވެ، މީގެ އިތުރުން ވެސް، ތަންތަނުގެ ކުލި ކޮންޓުރޯލުކުރާނޭ ނިޒާމެއް ވެސް ގާއިމުކުރާން ޖެހެއެވެ. ކާޑު އެއްޗެހީގެ އަގު ކޮންޓުރޯލު ކޮށްފައި އޮންނަ ފަދައިންނެވެ. މިސާލަކަށް ތިމާގެ އަމިއްލަ ތަނެއް ކުއްޔަށްދޭން ބޭނުން ނަމަ، ކުއްޔަށް ދެވެނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާއަކަށް، އެ އިދާރާއަކުން ކަނޑައަޅާ ކުއްޔަކަށާއި އަދި އެ ކަމަށް ހަމަ ޖެހިފައި އޮންނަ ގަވާއިދުތަކެއްގެ މަތިންނެވެ. ދެން، އެ އިދާރާއަކުން، ކުލީގެ ބާޒާރަށް، ހަމަ ޖެހޭ ގަވާއިދުތަކެއްގެ މަތީން، ތަންތަން ކުއްޔަށް ދޭން ނެރެވިދާނެއެވެ. މި ކަން ކުރަންޖެހޭނީ ސަރުކާރަށް އާމްދަނީ ހޯދަންކުރާ ކަމެއްގެ ގޮތުގައެއް ނޫނެވެ. ކުލީގެ ރިބާ ހުއްޓުވައި ކުލި ބޭނުންކޮށްގެން މީހުން އަޅުވެތިކުރުން ހުއްޓުވަން ކުރާ ކަމެއްގެ ގޮތުގައެވެ. އެހެންވެ، ތަނުގެ ކުލި ހަމަ ޖެހިފައި އޮންނާން ޖެހޭނީ ތަނުގެ އާންމުންގެ އެންމެ ދަށު މުސާރައިގެ ތިންބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު ނުވާ ގޮތަކަށެވެ. މިއީ ޚިޔާލެކެވެ. މީގެ މުހިންމު ނުކުތާއަކީ ކުއްޔަކީ، ރިބާ ފަދައިން، މީހުންގެ އަޅުވެތިކޮށް މީހުން މަގުމަތިކޮށްލާފާނޭކަމަކަށްވާ ގޮތަށް އެ ކަން އޮތުނަނުދިނުމެވެ. ކުއްޔަކީ މީހުންގެ އަބުރާއި އިއްޒަތް، އެ މީހުންގެ އިންސާނީ ކަރާމަތް ނިގުޅައިގަންނަ ކަމެއްގެ ގޮތުގައި އޮންނަ ކަމެއްގައި ނުވުމެވެ. މި ކަން ކުރެވޭނީ އެންމެ ފުރަތަމަ، އެންމެންނަކީ ވެސް ހަމަހަމަ ބަޔެއްކަމުގައި ގަބޫލުކުރެވިގެންނެވެ. އެންމެނަށް ވެސް، އެބަހީ ހުރިހާ ދިވެހި މުވާތިނުންނަށް ވެސް، އަބުރުވެރިކަމާ އެކު، ބޯހިޔާކޮށްލާނޭ ގޮތެއް އޮންނާން ޖެހޭނޭކަން އެންމެނަށް ވެސް ގަބޫލުކުރެވިގެންނެވެ. މުޖުތަމައުގެ އެއް ބަޔަކީ ބޭފުޅު ބުރަހަމިނުންކަމުގައި ބަލައި އަނެއް ބަޔަކީ އަޅުވެތި ހަރުޖަނުންކަމުގައި ނުދެކުމުންނެވެ.

މަނިކުބޭ: އަނެއްކާ ވެސް ބުނާނީ ދެން އެންމެ ރަނގަޅެވެ. ޖަޕާނު މީހުން ފަދައިން އަހަރުމެންގެ ތެރޭގައި ވެސް މޮޅު މީހުން އުޅޭނޭކަމަށް އެއްބަސް ވާން ޖެހެއެވެ. ދެން އޮތީ އެމީހުންގެ          ބޭނުން ހިފޭނޭ ގޮތް ބެލުންތާއެވެ! ބުޅާ ކަރުގައި ރަނގަބީލު އަޅާން މީދާ އުޅުން ފަދަ ކަމަކަށް ނުވެއްޖިއްޔޭ ކިތަންމެ ހައި ވެސް ރަނގަޅޭ ހިތަށްއަރައެވެ.

ކޮމެންޓު