ޑރ. ޢަބްދުލްޙައްނާނު ވަޙީދު
12 ނޮވެންބަރު 2025
ތަމްރީނު ޕްރޮގްރާމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވާޢިޡު އައްޝައިޚު އަޙުމަދު ފަހުމީ ދީދީ މަޢުލޫމާތުދެއްވަނީ
އިސްލާމް ދީނަކީ ސުލްޙައާއި އަމާންކަމަށް ގޮވައިލާ ދީނެކެވެ. މި ދީން ބާވައިލެއްވުނީ ﷲ ކަނޑައަޅުއްވައިފައިވާ މަޞްލަޙަތުތައް ޙިމާޔަތްކުރުމަށް ޓަކައެވެ. ހަރުކަށިކަމެއް، ހައްދުފަހަނަޅައި ދިޔުމެއް އިސްލާމްދީނަކު ނެތެވެ. އެއީ މެދުމިންކަމުގެ ދީނެވެ. ކަން އޮތީ މިހެންކަމުގައި ވިޔަސް ﷲ ކަނޑއަޅުއްވައިފައިވާ ޙައްދުތައް ފަހަނަޅައި ދިޔުމަކީ މިއަދު އިސްލާމީ ބައެއް މުޖުތަމަޢުތަކުން ފެންނަ ކަމެކެވެ. އެހެންކަމުން މި ކަމަށް ޙައްލު ހޯއްދެވޭތޯ ބައިނަލްއަގުވާމީ ފެންވަރުގައި ވެސް މަސައްކަތްތަކެއް ކުރެވެއެވެ.
ދި އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން (އައިއެމްސީޓީސީ)އަކީ މި ކަމަށް ޓަކައި ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ޖަމާޢަތެކެވެ. މި ޖަމާޢަތުން މި ހަފުތާގެ ތެރޭގައި ވަނީ ތައުލީމީ ދާއިރާގައި ހައްދުފަހަނައަޅައި ދިއުމުގެ މައްސަލަ ހައްލުކުރުމަށް ޓަކައި ރާއްޖޭގައި ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ބާއްވައިފައެވެ.
'ތައުލީމީ މާހައުލުގައި ހައްދުފަހަނަޅައި ދިއުމުގެ މައްސަލަ ހައްލުކުރުން - އަމަލީ މިސާލުތައް' މި ނަމުގައި ރާއްޖޭގެ އުތުރުގައި އިއްޔެ ބޭއްވި މި ތަމްރީން ޕްރޮގްރާމުގައި ތައުލީމީ ދާއިރާގެ އެކި މުއައްސަސާތަކުން 22 މަންދޫބުން ބައިވެރިވިއެވެ.

ތައުލީމާއި ފިކުރުގެ ދާއިރާގެ މާހިރުން އެކި ދަންފަޅިތަކުގައި މަޢުލޫމާތުދެއްވި މި ތަމްރީން ޕްރޮގްރާމުގެ މަގުސަދަކީ ތައުލީމީ ނިޒާމުގެ ތެރޭގައި ހައްދުފަހަނަޅައިދިއުމުގެ ނުރައްކާތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމާއި ޒުވާނުންގެ މެދުގައި ހައްދުފަހަނަޅައިދިއުމަށް މެދުވެރިވާ އާންމު ސަބަބުތައް އިލްމީ އަދި އަމަލީ ތަޖުރިބާގެ އަލީގައި ދެނެގަނެ، އެ ކަމަށް ހައްލު ހޯދާން ބޭނުންވާ އިލްމާއި ވަސީލަތްތައް ތައުލީމީ މާހިރުންނަށް ފޯރުކޮށްދިނުމެވެ.
މި ތަމްރީން ޕްރޮގްރާމުގައި ފިކުރީ ހައްދުފަހަނައަޅައި ދިއުން ދެނެގަނެ, އެކަންކަން ހައްލުކުރާނެ ގޮތްތަކާއި ކެތްތެރިކަމާއެކު އެކުގައި އުޅެވޭނެ ރައްކާތެރި މާހައުލެއް ބިނާކުރުމާއި ގުޅޭ ގޮތުން ވަނީ ބައިވެރިންނަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ތަމްރީން ޕްރޮގްރާމަކީ އައިއެމްސީޓީސީގެ މެންބަރު ގައުމުތަކުގެ މެދުގައި ނިރުބަވެރިކަމާއި ހައްދުފަހަނައެޅުމާ ދެކޮޅަށް ހޭލުންތެރިކަން އުފެއްދުމާއި އެ ކަންކަމާ ދެކޮޅަށް މީޑިއާތަކާއި އަސްކަރީ އަދި މާލީ ދާއިރާތަކުން ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ އިތުރަށް، ހައްދުފަހަނަޅައިފައިވާ ފިކުރުތަކާ ކުރިމަތިލުމުގައި ހުރިހައި ދާއިރާތަކެއް ގުޅިގެން މަސައްކަތްކުރުން އިތުރުކުރުމަށް އައިއެމްސީޓީސީއިން ކުރާ މަސައްކަތުގެ ތެރެއިން ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައްއެޅުމުގެ ("ޕްރިވެންޝަން" އިނީޝިއޭޓިވްގެ) ދަށުން ބޭއްވި ތަމްރީނު ޕްރޮގްރާމެކެވެ.