ad_banner
ކޮމާންޑަރ ދައްޕަރު މޫސާ މަނިކުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބޭއްވި ސިފައިންގެ ތިންވަނަ ވާހަކަދެއްކުމުގެ މުބާރާތުގެ އުސްއަލިތައް

ޢަބްދުﷲ ސަޢީދު

11 ނޮވެންބަރު 2025

އެމްއެންޑީއެފްގެ ވާހަކަދެއްކުމުގެ ތިންވަނަ މުބާރާތުގެ ސްޓޭޖު

ސިފައިންގެ ކޮމާންޑަރެއްގެ ގޮތުގައި ދިވެހި ޤައުމަށާއި ދިވެހި އަސްކަރިއްޔާއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެއްކަމުގައިވާ، ކޮމާންޑަރ ދައްޕަރު މޫސާ މަނިކުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބޭއްވި ދިވެހި އަސްކަރިއްޔާގެ ތިންވަނަ ވާހަކަދެއްކުމުގެ މުބާރާތް ބޭއްވީ 2025 އޮކްޓޫބަރު 13 އިން 16 އަށެވެ. ކަޅުތުއްކަލާކޮށީގައި ބޭއްވި މި މުބާރާތް ރާވައި އިންތިޒާމުކޮށް ކުރިއަށް ގެންދިޔައީ ދިވެހި ސިފައިންގެ ކުލަބުންނެވެ.

ސިފައިންގެ ހަ ޔުނިޓަކުން ހަ ޓީމު ބައިވެރި މި މުބާރާތުގައި 32 ސިފައިން ވާހަކަދައްކައިފައިވެއެވެ. މި މުބާރާތުގައި ބައިވެރިވި ސިފައިންގެ ޔުނިޓުތަކަކީ ފަޔަރ އެންޑް ރެސްކިޔު ސަރވިސް، އެޖުޓަންޓް ޖެނެރަލްސް ކޯރ، ކޯސްޓްގާޑު، މެރިން ކޯރ، ސަރވިސް ކޯރ، އަދި މާލެ އޭރިއާ ކޮމާންޑަރެވެ.

ދެ ބުރަކަށް ބަހައިލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި ފުރަތަމަ ބުރުގައި ވާހަކަދެއްކީ މުބާރާތުގެ ފުރަތަމަ ބުރަށް ކަނޑައަޅައި އިޢުލާންކޮށްފައިވާ މައުޟޫޢުތަކުގެ ތެރެއިން ވާހަކަދައްކާ ބައިވެރިޔާ ވާހަކަދައްކާން އައުމުން ގުރުއަތުން ނެގޭ މައުޟޫޢަކަށެވެ. ދެވަނަ ބުރުގައި ވާހަކަދެއްކީ ކުއްލި މައުޟޫޢަށެވެ. މި ބުރު ބޭއްވީ މުބާރާތުގެ ފުރަތަމަ ބުރުން ހޮވުނު އެންމެ މޮޅު 10 ވާހަކަ ދެއްކުންތެރިންގެ މެދުގައެވެ. މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވީ ވާހަކަދެއްކުމާއި އަދަބީ ފަންނުތަކުގެ ދާއިރާގައި ވަރަށް ޚިދުމަތްތެރި ތިން ބޭފުޅުންކަމަށްވާ، އަލްފާޟިލް ރިޢާޔަތު ޢަބްދުލް މަޖީދާއި އައްޝައިޚު އިބްރާހީމް އަޙްމަދާއި އަލްފާޟިލް މުޙައްމަދު ނަޞީރެވެ. އިސް ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ [ފަރަގު] މީޑީއާގެ ޗީފް އެޑްވައިޒަރ އަދި ޑިރެކްޓަރ އަލްފާޟިލް ރިޢާޔަތު ޢަބްދުލްމަޖީދެވެ.

މުބާރާތުގެ އިސް ފަނޑިޔާރު (ކ) ރިޢާޔަތު ޢަބްދުލްމަޖީދު

މި މުބާރާތުން އެންމެ މޮޅު ވާހަކަދެއްކުންތެރިޔާގެ މަޤާމު ހާސިލުކުރީ ކޯސްޓްގާޑު ޓީމުގެ ޕްރައިވެޓް މުޙައްމަދު އައިހަމެވެ. ދެވަނަ ވާހަކަދެއްކުންތެރިޔާގެ މަޤާމު ހާސިލުކުރީ ފަޔަރ އެންޑް ރެސްކިޔު ސަރވިސް ޓީމުގެ ކާނަލް މުޙައްމަދު ނަދީމު އިބްރާހީމެވެ. ތިންވަނަ ވާހަކަދެއްކުންތެރިޔާގެ މަޤާމު ހާސިލުކުރީ ފަޔަރ އެންޑް ރެސްކިޔު ސަރވިސް ޓީމުގެ ވޮރަންޓް އޮފިސަރ 3 ޢާސިމް ރަޝީދެވެ.

މުބާރާތުގެ ފަޚުރުވެރި އެއްވަނަ ހޯދި ޓީމަކީ ފަޔަރ އެންޑް ރެސްކިޔު ސަރވިސް އެވެ. ދެވަނަ ހޯދީ އެޖުޓަންޓް ޖެނެރަލްސް ކޯރ އެވެ. ތިންވަނަ ހޯދީ ކޯސްޓްގާޑެވެ. މި މުބާރާތުން ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން އެއްވަނަ ހޯދުމުން ކޮމާންޑަރ ދައްޕަރު މޫސާ މަނިކުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ސިފައިންގެ ވާހަކަދެއްކުމުގެ މުބާރާތުގެ ތަށި އެ ސަރވިސްއިން ވަނީ ޖެހިޖެހިގެން ތިން ފަހަރު ހޯދައި އެ ތަށި މިލުކުކޮށްފައެވެ.

މުބާރާތުގެ ވަނަތައް ހާސިލުކުރި ޓީމުތަކަކާއި ސިފައިންނަށް ތަށްޓާއި ހަނދާނީ ލިޔުން ހަވާލުކުރެއްވީ އެ ކަމަށް ޓަކައި ކަޅުތުއްކަލާކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ދިވެހި އަސްކަރިއްޔާގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ރަސްމިއްޔާތުގައި ދިވެހި ސިފައިންގެ ކުލަބުގެ ރައީސް ކާނަލް އަޙްމަދު ޒުބައިރާއި ސިފައިންގެ ބައެއް ސީނިއަރ އޮފިސަރުންނާއި ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް އަދުނާން ޢަލީ ބައިވެރިވެވަޑައިގަތެވެ.

އެމްއެންޑީއެފްގައި ހުރިހައި ފަންނެއްގެ ހުނަރުވެރީން ތިއްބެވި ފަދައިން ރާއްޖޭގައި ފާހަގަކޮށްލެވޭ މޮޅު ވާހަކަދެއްކުންތެރީން ވެސް އެ މުއައްސަސާގައި ތިއްބެވިކަން ނިމި ދިޔަ ވާހަކަދެއްކުމުގެ ތިންވަނަ މުބާރާތުން ވެސް ފާހަގަވިއެވެ.

ކޮމެންޓު