ad_banner
ރިޔާސީ އަހަރެއް ފުރިހަމަވާ ދުވަހާއި ޖުމްހޫރީ ދުވަހާ ދިމާވުން ކޮންމެހެން ލާޒިމުހެއްޔެވެ؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

11 ނޮވެންބަރު 2025

ދެވަނަ ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު ރ.ބ.ކ، ނ.ޣ.ޢ.ވ. (މެދުގައި)

ކޮންމެ އަހަރެއްގެ ވެސް ނޮވެންބަރު މަހު 11 ވަނަ ދުވަހަކީ ޤައުމީ ޙަޔާތުގައި މުހިންމު ދުވަހެކެވެ. ދިވެހިރާއްޖޭގެ އުފާވެރި ޖުމްހޫރީ ދުވަހެވެ. އާދޭހެވެ! މިއަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހެވެ. މި އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް ރައްދުކުރަމެވެ.

ޖުމްހޫރީ ދުވަހަކީ ރައީސުލްޖުމްހޫރިއްޔާ ހުވާކުރައްވާ ދުވަހަށް ނުވެގެން ބައެއް މީހުން ކަންބޮޑުވެގެން އުޅެއެވެ. ކުރީން އެ ކަން އޮންނަނީ އެހެންނެވެ. ސަބަބަކީ ޖުމުހޫރީ ދުވަސް ފާހަގަކުރާން ފެށީ 1968 ވަނަ އަހަރާ ހަމައަށް ދެމިއޮތް، ޖަލާލަތުލްމަލިކު މުޙަންމަދު ފަރީދުލްއައްވަލު ކީރިތި މަހާދަރުންގެ، ރަސްކަން ނިމުމަކަށް ގެނެސް، ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމްކުރެވި، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު (ނ.ޣ.ޢ.ވ) އިންތިޚާބު ކުރެވި،  1968 ނޮވެންބަރު 11ވީ ހޯމަ ދުވަހު އެ މަނިކުފާނު ރައީސްކަމުގެ ހުވައިކުރެއްވި ދުވަހާ ގުޅުވައިފައެވެ. އެހެންކަމުން ކޮންމެ އަހަރެއްގެ ޖުމުހޫރީ ދުވަސް ވެސް ދިމާވަނީ ރިޔާސީ ދައުރެއް ފުރިހަމަވާ ދުވަހާއެވެ. އަދި ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ހުވައިކުރައްވާ ދުވަހާއެވެ. ނަމަވެސް އެ ދުވަސް ހަގީގަތުގައި އެ ނިސްބަތްވަނީ ރާއްޖޭގެ ރަސްކަން މުޅީން އުވައިލެވި ޖުމުހޫރިއްޔަތަކަށް ދެވަނަ ފަހަރަށް ބަދަލުވި ދުވަހަށެވެ. އެހެންކަމުން ރިޔާސީ ހުވައިކުރައްވާ ދުވަސް ކޮންމެ ދުވަހަކާ ދިމާވިޔަސް އެއީ ޖުމުހޫރީ ދުވަހަށް އުނިކަން އަންނާނޭ ކަމެއްނޫނެވެ.

އާދޭހެވެ! ދެހާސް ތޭރަވަނަ އަހަރުގެ ކުރީން ކޮންމެ އަހަރެއްގެ ޖުމްހޫރީ ދުވަހަކީ ޤައުމުގެ ރިޔާސަތުގެ އާ ދައުރަކަށް ޓަކައި، ރައީސް-މުންތަޚަބު ހުވާކުރައްވާ ދުވަހެވެ. ނަމަވެސް އެ އަހަރު ދިމާވި ސަބަބުތަކަކާ ހުރެ ރިޔާސީ އިންތިޚާބު ނިމުނީ ނޮވެންބަރު މަހު 16ވަނަ ދުވަހުއެވެ. އެ ފަހަރު އިންތިޚާބުވެވަޑައިގަތް އިންތިޚާބީ ރައީސަށް ވެރިކަން ހިންގަވާނެ ގޮތާ މެދު ފިކުރުފުޅު ހިންގަވައިލައްވާނޭ ކުޑަ ވެސް ފުރުޞަތެއް ލިބިވަޑައިނުގެން ޖެހިވަޑައިގަތީ ޖެހިގެން އައި ދުވަހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާށެވެ. އޭގެ ކުރީން ވެސް އަދި އޭގެ ފަހުން ވެސް ކޮންމެ ރައީސަކަށް ވެސް އިންތިޚާބަށް ފަހު ޤައުމުގެ ކަންކަން ތަންޒީމުކުރައްވާން މަހެއް ދޮޅުމަހެއްހާ ދުވަސް ލިބިވަޑައިގަނެއެވެ. ކޮންމެއަކަސް އެ އަހަރު އިންތިޚާބުވެވަޑައިގަތް ރައީސުލްޖުމްހޫރިއްޔާ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު، ރައީސްކަމުގެ ހުވާ، ކުރެއްވީ ނޮވެންބަރުމަހު 17ވަނަ ދުވަހުއެވެ. އެހެންކަމުން އޭގެ ފަހުން، ފަސް އަހަރުގެ ރިޔާސީ ދައުރު މި ހަމަވަނީ ނޮވެންބަރު މަހު 17 ވަނަ ދުވަހަށެވެ. އެހެންނަމަވެސް ޖުމުހޫރީ ދުވަހަކީ ދިވެހިރާއްޖޭގައި ދެވަނަ ޖުމްހޫރިއްޔަތު ގާއިމުކުރެވުމުގެ މުނާސަބަތުގައި ފާހަގަކުރާ ދުވަހެއްކަމަށް ވާތީ ޖުމުހޫރީ ދުވަހަކީ ނޮވެންބަރު 11ކަމުގައި ދެމި އޮންނާނެއެވެ. މިއީ އެއްވެސް މައްސަލައެއް، އިޖުތިމާޢީ ގޮތުން ވެސް، ގައުމީ ގޮތުން ވެސް، ގާނޫނީ ގޮތުން ވެސް އޮތް ކަމެއް ނޫނެވެ. އެ ދެ ދުވަސް އެއް ދުވަހަކާ ދިމާވުމަކީ މުހިންމު ކަމެއް ވެސް ނޫނެވެ.

ރާއްޖޭގައި އޮތް ޒަމާންވީ ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވި ގޮތުގެ މައްޗަށް ތާރީޚީ ގޮތުން ކުރުކޮށް ނަމަވެސް ބަލައިލުމަކީ މި މުނާސަބަތުގައި އެންމެ އެކަށީގެންވާ ކަމެއްކަމަށް ދެކެމެވެ.

އާދޭހެވެ! ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެ ދިރިއުޅޭން ފެށީ، ވަކި މިވެނި ތާރީޚެއްގައިކަން ސާބިތު ގޮތެއްގައި ފެންނާކަށް ނެތެވެ. ނަމަވެސް އެނގޭ ހަގީގަތްތަކެއް އެބަ ހުށްޓެވެ. ދިވެހިރާއްޖޭގައި ދިވެހީން އުޅޭތާ އެތައް ހާސް އަހަރެއްވެއްޖެކަމެވެ. ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވީއްސުރެ، ދިވެހީންގެ އަމިއްލަ ވެރިކަމެއް ކުރަމުން އައިކަމެވެ. އެބައިމީހުންގެ މުސްތަޤިއްލު ރަސްކަމެއް ހިންގިކަމެވެ. ތާރީޚުން ފެންނާން އޮތް އެންމެ ދުރަކަށް ދާއިރު 12ވަނަ ޤަރުނުގެ ވަރަށް ކުރީން ފެށިގެން ދިވެހިރާއްޖޭގައި ރަސްކަމެއް އޮތެވެ. ގިނަ ފަހަރަށް ވިރާސީ ރަސްކަމެއްގެ ސިފައިގައެވެ. އަނެއްބައި ފަހަރު އިންތިޚާބީ ރަސްކަމެއްގެ ގޮތުގައެވެ. މި ގޮތުގެ މަތީން 1952ވަނަ އަހަރުގެ ނިޔަލަށް މި ރަސްކަން ދެމި އޮތެވެ. ކޮންމެއަކަސް، އަށް ޤަރުނަށް ވުރެ ގިނަ ދުވަހަށް ދެމިގެން އައި ރަސްކަން 1953ގައި ޖުމްހޫރިއްޔަކަށް ބަދަލުކުރީ ކޮން ސަބަބުތަކާ ހުރެ ކަމެއް ނޭނގެއެވެ. ފެންނާންހުރި ލިޔުންތަކަށް ބަލާއިރު، އެ ގޮތަށް އެ ބަދަލު ގެނައީ ރާއްޖޭގެ އެންމެ މަތީ ވަލީ (ވެރިކަން)، ސުމުއްވުލްއަމީރު މުޙަންމަދު އަމީނަށް އަރުވާންވެގެންނެވެ. މުޙަންމަދު އަމީން ރަސްކަން ބޭނުންފުޅު ނުވީއެވެ.

ރައްޔިތުން ނުވަތަ ބޮޑުން "ބޭނުންވީ" ރާއްޖޭގެ އެންމެ މަތީ ވެރިކަން މުޙަންމަދު އަމީނާ ޙަވާލުކުރާށެވެ. ވެރިކަމަށް ކިޔާ ނަމެއް އެ މީހުންނަށް މުހިންމެއް ނޫނެވެ. ރަސްކަލެއްގެ މަޤާމު ފުރުއްވާކަށް މުޙަންމަދު އަމީން ބޭނުންފުޅެއް ނުވިއެވެ. ރާއްޖޭގެ ދާޚިލިއްޔާއާއި ޚާރިޖިއްޔާގެ ކަންކަން ހުރި ގޮތުންނެވެ. ސަބަބަކީ ރަސްކަލަކީ ޢަމަލީ މަޤާމަކަށްވުރެ ޝަރަފުވެރި މަޤާމަކަށްވުމެވެ. ރަސްކަމުގައި ނަމަ، ރަދުންގެ ނަންފުޅުގައި ސަރުކާރު ހިންގަވާން ޙަވާލުވެވަޑައިގެން ހުންނަވާނީ ބޮޑުވަޒީރެވެ. އަމީނަކީ ވަރަށް ޙަރަކާތްތެރި ޢަމަލީ ބޭފުޅެކެވެ. ޒަމާނީ ވިސްނުންފުޅެއްގެ ވެރި ބޭފުޅެކެވެ. ތަޢުލީމީ ބޭފުޅެކެވެ.

މި ހިސާބުން ރާއްޖޭގެ ވެރިކަން އޮންނާނެ އުޞޫލެއްގެ ބަހުސް ފެށިއްޖެއެވެ. މި ގޮތުން ބަހުސްތަކާއި މަޝްވަރާތަކަށްފަހު ނިންމެވީ ދިވެހިރާއްޖެ ޖުމްހޫރިއްޔާއަކަށް ހެދުމަށެވެ.

އަމީންދީދީ ބޭފުންފުޅުވި ނަމަ، ރަސްކަމަށް އިސްވެވަޑައިގެން އަރާމާއި ޢިއްޒަތުގައި ހުންނެވުނީހެވެ. ނަމަވެސް ވިލާތުންނާއި ބޭރު ކަރަކަރައިން ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އަމީނުދީދީގެ ޤައުމީ ތަޞައްވުރެއް އޮތެވެ. ޢުމްރާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުންނާއި އިގުތިސާދީ ރޮނގުތަކުން ރާއްޖެ ކުރިއަށްގެންދަވާނޭ އަމާޒެއް ހިތްޕުޅުގައި އޮތެވެ. އެހެންކަމުން މުޙަންމަދު އަމީނަށް އެންމެ މަތީ ވެރިކަމުގައި ހުންނަވައިގެން މި ކަންކަން ކުރެއްވޭން އޮތީ ޖުމްހޫރިއްޔަތަކަށް ބަދަލުކުރައްވައިގެންކަމަށް ވާތީ، ރާއްޖޭގައި ޒަމާނުއްސުރެ ހިނގަމުންއައި ރަސްކަން ޖުމްހޫރިއްޔަތަކަށް ފުރޮޅައިލެއްވީއެވެ.

ފުރަތަމަ ޖުމްހޫރިއްޔާ އުފެދުނު ހިސާބަކީ މިއީއެވެ. އާދޭހެވެ! ތާރިޚަށް ނަޒަރު ހިންގައިލާ އިރު، ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ކުރަމުންއައި ރަސްކަމުން ޖުމްހޫރިއްޔަތަކަށް ފުރަތަމަ ފަހަރަށް ވެރިކަމުގެ ނިޒާމު ބަދަލުވީ 1953 ޖަނަވަރީ 1ގައެވެ. ދިވެހީން ފުރަތަމަ ޖުމްހޫރިއްޔާ ގެނައީ ނުހަނު ފޮނި އުންމީދާ އެކުގައެވެ. ތަރައްޤީއާއި ތަހުޒީބަށް އެދިގެންނެވެ. އެ ކުލަވަރުތައް ފެންނާނެކަމަށް ދެކިގެންނެވެ. އެހެން ނަމަވެސް އެންމެ، 7 މަހާއި 21 ދުވަހުގެ ކުރު މުއްދަތަކަށް ފަހު، ފުރަތަމަ ޖުމްހޫރިއްޔާ އުވައިލައި އަނެއްކާ ވެސް ރަސްކަމަށް ރުޖޫއަވިއެވެ. މި ފަހަރު ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން މުޙަންމަދު ފަރީދުލްއައްވަލެވެ. މުޙަންމަދު ފަރީދުގެ ރަސްކަން 1968ވަނަ އަހަރާ ހަމައަށް ދެމިއޮތުމަށް ފަހު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ ގާއިމްކުރެވުނެވެ. އެ ދުވަހަށް ފަހު މިއަދާ ހަމައަށް ވެސް ރާއްޖޭގައި މިއޮތީ ޖުމްހޫރީ ވެރިކަމެވެ.

އާދޭހެވެ! ޖުމްހޫރީ ވެރިކަމަކީ އާންމު ރައްޔިތުންގެ އަޣުލަބިއްޔަތުން ކަންކަން ނިންމާ ވެރިކަމުގެ ނިޒާމެވެ. މި ފަދަ ވެރިކަމުގެ ނިޒާމެއްގައި، ވެރިކަން ބިނާވެގެންދާނީ، އާންމު ރައްޔިތުންގެ އަޣުލަބިއްޔަތުން، އާންމު ރައްޔިތުންގެ ގިނަ ބަޔަކު އެދޭ ގޮތަށެވެ. ރައްޔިތުން ޢަމަލުކުރާންޖެހޭ އެންމެހައި ޤާނޫނުތަކާއި ޤަވާޢިދުތައް އެކަށައަޅަނީ ރައްޔިތުން އިންތިޚާބުކުރާ މަންދޫބުންނެވެ. ޖުމްހޫރީ ވެރިކަމެއްގެ ވެރީންކަމުގައި ރައްޔިތުން ވެގެންދަނީ، ހުރިހާ ނިންމުމެއްގައި ވެސް ސިއްކަޖެހިގެން ދަނީ ރައްޔިތުންގެ އަޣުލަބިއްޔަތުންކަމަށްވާތީއެވެ. މި ނިޒާމުގައި ރައްޔިތުންގެ ކޮންމެ ފަރުދަކަށް ޝަޚުޞީ ޙައްޤުތަކަކާއި، ޒާތީ މިނިވަންކަމެއް ލިބުމުގެ ނަތީޖާއަކީ އެކެއްގެ ޙައްޤަށް އަނެކަކު އަރައިނުގަނެވޭ ފަދަ ވާޖިބުތަކާއި ޤަވާއިދުތަކެއް އެކަށައެޅުމެވެ.

ނަމަވެސް ގައުމަކަށް ހަގީގަތުގައި ކުރިއެރުން ލިބެނީ ނުވަތަ ތަރައްގީވަނީ ވެރިކަމަށް ކިޔާ ނަމަކުން، ބާވަތަކުންނެއް ނޫނެވެ. ތަރައްގީ ފެށޭން ޖެހެނީ ސިކުނޑީންނެވެ. ގައުމަށް ކުރިއެރުން ހޯދައިދޭން، ގައުމު ދެކެ ލޯބިވާ، ކަށަވެތި، އިޚުލާޞްތެރި، ނަޒާހަތްތެރި ޖީލެއް ބިނާކުރެވިގެންނެވެ. މި ފަދަ ގޮތަކަށް ތަޢުލީމީ ނިޒާމު ބައްޓަންކުރެވިގެންނެވެ. ތަޢުލީމާ އެކު، މި ދެންނެވި ފަދަ ތަރުބިއްޔަތެއް ދެވިގެންނެވެ. އިޚުލާޞްތެރި ރައްޔިތަކު އުފެދިގެންނެވެ. އިޚުލާޞްތެރި، ނަޒާހަތްތެރި އިސްވާރުން އުފެދިގެން އަންނާނީ އެ ފަދަ ރައްޔިތެއްގެ ތެރެއިންނެވެ.

މި އަދު ކުރާން އެންމެ ރަނގަޅު އެއް ސުވާލަކީ ރައްޔިތުން ޖުމްހޫރީ ވެރިކަމާއި ޑިމޮކްރެސީ ނިޒާމު ގެނައި މަގުސަދު ހާސިލުވަމުން އެބަދޭތޯއެވެ! ޙާޞިލުވާ ނަމަ ޙާޞިލުވަނީ ކިހައި ވަރަކަށް ތޯއެވެ؟ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް މި ގެނެވުނު ބަދަލާ މެދު ރައްޔިތުން ހިތްޕުޅުހަމަޖެހޭތޯއެވެ؟ މި ސުވާލުތަކުގެ ޖަވާބު ދެއްވާނީ ތިޔަ ބޭފުޅުންނެވެ. އަދި މުސްތަގުބަލުގެ ލޮބުވެތި ރައްޔިތުންނެވެ.

ކޮންމެއަކަސް މިއަދަކީ ދިވެހިރާއްޖޭގެ ޒަމާންވީ ރަސްކަމުގައި ނިމުމުގެ ސިއްކަޖަހައި ޖުމްހޫރިއްޔަތަކަށް ބަދަލުކޮށްލިތާ 57 އަހަރު ފުރޭ އުފާވެރި ޖުމުހޫރީ ދުވަހެވެ. މި ފަޚުރުވެރި ޖުމުހޫރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި އުއްތަމަ ފަނޑިޔާރަށާއި ތިޔަ ހުރިހައި ބޭފުޅުންނަށް އަރިސްކުރަމެވެ.

މާތް ﷲ އަޅުގަނޑުމެންގެ މި ލޮބުވެތި ގައުމަށް ކާމިޔާބީއާއި އަރުތަ މިންވަރުކުރައްވާށިއެވެ. އިސްލާމީ ހިދާޔަތުގައި މިނިވަންކަން މަތީ މި ގައުމު އަބަދަށް ލަހައްޓަވާށިއެވެ! އާމީން!

 

ބައެއް ލަފުޒުގެ މާނަ:

ނަޒާހަތްތެރި   ނއ.   މަސްއޫލިއްޔަތު އަދާކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމުގައި ސާބިތުވުމުގެ ސުލޫކާއި އަޚުލާޤު ހުރި.

ކަށަވެތި     ނއ.   ޒިންމާދާރުކަމާއި ޝައުގުވެރިކަމާއެކު ކަމެއް ކުރުމުގެ ސިފަ ހުރި.

އަރުތަ      ނ.    (1) ކަން ފުދޭ ފުދުން. (2) ކާމިޔާބީ

ކޮމެންޓު