ad_banner
ކޮލަމް ހަމަ (47): ރަނގަޅު ގޮތަކީ ކޮބާ؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

10 ނޮވެންބަރު 2025

ފިހާރައެއްގެ އެތެރެ.

ވަރަށް ގިނަ މީހުން ސުވާލުކޮށް ބަހުސްކުރާ ކަމެކެވެ. ފިހާރަތައް ބަންދުކޮށްފައިކޮށްފައި ހުންނަ އިރު، [ބަންދު] މިހެން ޖަހައިފައި ބޯޑެއް ހަރުކޮށްފައި ހުރީމާ އެ ފިހާރަ އެހެރީ [ބަންދު]ގެ ޙާލަތުގައިކަން އެނގެއެވެ. ނަމަވެސް ފިހާރަ ހުޅުވައިފައި ހުންނަ ޙާލަތުގައި އެކި ފިހާރައިގައި ލިޔެފައި ހުންނަނީ އެކި ގޮތަކަށެވެ.

ހަގީގަތުގައި އެއީ، ފިހާރަ ހުރީ ހުޅުވިފައިކަން ނުވަތަ ބަންދުވެފައިކަން ފިހާރައިން ޚިދުމަތް ހޯދާން އަންނަ ކަމޭދުންނަށް އަންގައިދިނުމަށް ޓަކައި ބަހައްޓާ ބޯޑެކެވެ. މި ބޯޑުން މި އަންގައިދެނީ މި ވަގުތު ފިހާރައިގެ ޙާލަތެވެ. އެ ވަގުތު ޚިދުމަތް ލިބޭނެކަން ނުވަތަ ނޫންކަމެވެ. ކޮންމެހެން ފިހާރަ ހުޅުވީ ކާކުތޯ، އަމިއްލައަށް ހުޅުވުނީތޯ ލެއްޕުނީތޯ މީހަކު ހުޅުވީތޯ ލެއްޕީތޯ، ނޫނީ ލެއްޕީ ކާކުތޯ ހުޅުވީ ކާކުތޯ ބަލާކަށް އެއްވެސް ކަމޭދަކު ބޭނުމެއްނުވާނެއެވެ.

ފިހާރައިގެ މި ޙާލަތު އަންގައިދިނުމަށް ޓަކައި ބަންދުކޮށްފައި ހުންނަ ގަޑީގައި ހުރިހައި ތާކުން ވެސް [ބަންދު] ލިޔެފައި ހުރެއެވެ. މިއީ އެއްވެސް އިޚުތިލާފެއް ނެތި ހުރިހައި ތާކުން ވެސް އެއް ގޮތަކަށް ލިޔެފައި ހުންނަ ބޯޑެކެވެ. [ބަންދުކޮށްފައި] ނުވަތަ [ބަންދުވެފައި] މި ފަދަ ޢިބާރާތެއް ލިޔެފައެއް ނުހުރެއެވެ. ހަމައެކަނި [ބަންދު] ލިޔެލީމާ އެ ފިހާރަ އެ ވަގުތު ހުރީ [ޚިދުމަތަށް ބަންދުވެފައި[ކަން ވަރަށް ސާފުކޮށް އެނގެއެވެ. ނަމަވެސް ހުޅުވައިފައި ހުންނަ ޙާލަތުގައި މި ގޮތަށް ލިޔެލާނެ އެންމެ ލަފުޒެއް ނޯންނާތީ އެކި މީހުން އެކި ގޮތަށް ލިޔާތީ މީހުން ސުވާލު އުފައްދަނީއެވެ. ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟

މިސާލަކަށް: [ހުޅުވައިފައި]، [ހުޅުވާފައި]، [ހުޅުވާފަ]، [ހުޅުވިފަ]، [ހުޅުވިފައި]، [ހުޅުވައިފަ] މި ފަދަ ގޮތްގޮތަށް (އެކި ފިހާރަތަކުގައި އެކި ގޮތަށް) މި ބޯޑު ހަރުކޮށްފައި ހުރެއެވެ. މި ތަނުން ރަނގަޅީ ކޮން ގޮތެއްތޯއެވެ؟

ބަހުގެ ލިޔެކިޔުމުގައި ބޭނުންކުރާ ހަމަތަކަށް ބަލާ އިރު، މަތީގައި ބަޔާންކޮށްފައި އެ ވާ އެކި ޢިބާރާތްތަކުން ރަނގަޅީ އެންމެ ދެ ގޮތެވެ. ނަމަވެސް އަނގަބަހުން މުޢާމަލާތުކުރުމުގައި އެ ހުރިހައި ގޮތަކީ ވެސް ހަމަ ރަނގަޅު ގޮތްގޮތޭ ދެންނެވިދާނެއެވެ.

ބައެއް މީހުން ބަހުސްކުރަނީ ލިޔެކިޔުމުގައި ބޭނުންކުރާ ގަވާއިދުގެ ހަމައަށް ފެތޭތޯ ނުވަތަ ނޫންތޯއެއް ނޫނެވެ. އަދި [ހުޅުވިފައި] ލިޔުނީމާ ކަމުނުދާކަމަށް ވިދާޅުވާ ބޭފުޅުން ވިދާޅުވަނީ އެ ޢިބާރާތުން އަންގައިދެނީ ފިހާރަ އަމިއްލައަށް ހުޅުވުނުކަމެވެ. މީހަކު ހުޅުވިކަމެއް ނޫނޭއެވެ. [ހުޅުވައިފައި] ލިޔުނީމާ ރަނގަޅުކަމަށް އެ ބޭފުޅުން ވިދާޅުވަނީ،  ފިހާރަ ހުޅުވީ ކޮންމެވެސް މީހަކުކަން އެ ޢިބާރާތުން އެނގޭތީއެވެ.

އަޅުގަނޑުގެ ޚިޔާލު ތަފާތެވެ. އަޅުގަނޑަށް، [ހުޅުވިފައި] ނުވަތަ [ހުޅުވައިފައި] މި ދެ ގޮތް ވެސް ރަނގަޅެވެ. ލިޔެކިޔުމުގެ ގަވާއިދުން ވެސް ބަހުގެ ހަމަތަކުން ވެސް އެއްވެސް ގޯހެއް ނެތެވެ. އަޅުގަނޑަށް އެންމެ ރަނގަޅީ [ހުޅުވިފައި]އެވެ. އަދި މި ޢިބާރާތުން އަންގައިދެނީ ކޮންމެހެން ފިހާރަ ހުޅުވުނީ މީހެއްގެ ބާރެއް ނެތި އަމިލައަށްކަމެއް ނޫނެވެ. އެ ޢިބާރާތުން އަންގައިދެނީ ޙާލަތެވެ. ފިހާރަ ހުރީ ބަންދުކޮށްފައި ނޫންކަމެވެ. ޚިދުމަތްދޭ ގޮތަށް ހުޅުވައިލެވިފައިކަމެވެ. ފިހާރަ ހުޅުވި މީހެއް ނުވަތަ ހުޅުވީ މީހަކުތޯ ނުވަތަ ގަޑިޖެހުނީމާ އޮޓޮމެޓިކުން ހުޅުވުނީތޯ ބަލާކަށް ކަމޭދުން ބޭނުމެއްނުވާނެއެވެ. ވީމާ ފިހާރަ ހުރި ޙާލަތު އަންގައިދިނުމަށް ޓަކައި އެންމެ ރަނގަޅީ [ހުޅުވިފައި] މިހެން ލިޔުމެވެ. [ހުޅުވައިފައި] ލިޔުން ވެސް ގޯހެއް ނޫނެވެ. ނަމަވެސް ދެން ހުރި ޢިބާރާތްތައް ([ހުޅުވާފައި]، [ހުޅުވާފަ]، [ހުޅުވިފަ]، [ހުޅުވައިފަ]) ލިޔެފައި ބަހައްޓާކަށް ކަމަކު ނުދެއެވެ.  ނަމަވެސް އަނގަބަހުގެ މުޢާމަލާތުގައި ބޭނުންކުރާކަށް ގޯހެއް ނޫނެވެ. އެކަމަކު ލިޔެކިޔުމުގައި ބޭނުންކުރާންވާނީ ލިޔެކިޔުމުގެ އުޞޫލުތައްކަމަށްވާތީ، ލިޔެފައި ބަހައްޓާން އެ ގޮތްގޮތް ކަމުނުދަނީއެވެ. ބައެއް އަކުރު މަދުވުމާއި އައިބައިފިލީގެ ގަވާއިދާ ޚިލާފުވުން ފަދަ މައްސަލަތައް އެ ޢިބާރާތްތަކުން ފާހަގަވާތީއެވެ.

ބަންދުކޮށްފައި ހުންނަ ޙާލަތުގައި [ބަންދު] އެކަނި ލިޔެލީމާ ފިހާރައިގެ ޙާލަތު އަންގައިދެއެވެ. މި ޙާލަތުގައި ވެސް ބަންދުކުރި މީހަކު ބަލާކަށް ކަމޭދުންނެއް ނޫޅެއެވެ. ހުޅުވައިފައި ހުރިކަން އަންގައިދޭ މި ފަދަ ވަކި ލަފުޒެއް ދިވެހިބަހުގައި ނޯންނާތީ، އެ ޙާލަތު އަންގައިދިނުމަށް ޓަކައި އެންމެ ރަނގަޅީ [ހުޅުވިފައި] މިހެން ލިޔުމެވެ. ނަމަވެސް [ހުޅުވައިފައި] ލިޔުމަކީ ވެސް ގޯސް ގޮތެއް ނޫނެވެ. މި ދެ ގޮތުން ކުރެ އެއް ގޮތެއް ވެސް ބަހުގެ ގަވާއިދަކާ ޚިލާފެއް ނޫނެވެ. މިއީ ހަމައެކަނި އަޅުގަނޑުގެ ޚިޔާލެވެ. 

ލަފުޒެއްގެ މާނަ:

ކަމޭދު   ނ.   މުދަލެއް ނުވަތަ ޚިދުމަތެއް ހޯދާ ނުވަތަ ލިބިގަންނަ މީހާ. customer

ކޮމެންޓު