އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
10 ނޮވެންބަރު 2025
ނަމާދުގެ ފުރަތަމަ ސަފުގައި ތިބެ ނަމާދުކުރާ މީހުންނަށް މަލާއިކަތުން ހެޔޮދުޢާކޮށްދެއްވައެވެ.
ތިބާގެ ޢަމަލުތަކަށް އަޅައިލާ މީހަކު ފެނުމަކީ ތިބާ ވަރަށް އުފާވާނެ ކަމެކެވެ. ތިބާގެ މި ޢަމަލުތަކަށް އަޅައިލާ މީހަކީ ﷲގެ ޙަޟުރަތުގައި މަތިވެރި މަޤާމެއް ލިބިފައިވާ ފަރާތެއްކަމުގައިވާ ނަމަ، ތިބާ ވަރަށް ބޮޑަށް ހިތްހަމަޖެހޭނެތެވެ. އެއީ ﷲ ތަޢާލާގެ މަލާއިކަތުންކަމަށް ވެއްޖެ ނަމަ ތިބާ ހިނިތުންވާނެތެވެ. އެ ބޭކަލުންނަކީ ކޮން ފަދަ މަތިވެރި ބޭކަލުންތޯއެވެ! މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ((وَمَنْ عِندَهُۥ لَا يَسْتَكْبِرُونَ عَنْ عِبَادَتِهِۦ وَلَا يَسْتَحْسِرُونَ ﴿19﴾ يُسَبِّحُونَ ٱلَّيْلَ وَٱلنَّهَارَ لَا يَفْتُرُونَ ﴿20﴾ [1]- އެކަލާނގެ حضرةގައިވާ ملائكة ން، އެކަލާނގެއަށް އަޅުކަންކުރުމަކަށް ބޮޑާވެއެއްނުގަނެތެވެ. އަދި ވަރުބައްޔެއް ވެސް ނުމެވޭމެއެވެ. އެ ملائكة ން ރެޔާއި ދުވާލު ފޫހިވުމެއް ނެތި (އެކަލާނގެ حضرة އަށް) تسبيح ދަންނަވަތެވެ.))
އަރަހުށި މާތް ﷲ މަލާއިކަތުންނާ ބެހޭ ގޮތުން ވަޙީކުރެއްވިއެވެ. ((وَٱلْمَلَٰٓئِكَةُ يُسَبِّحُونَ بِحَمْدِ رَبِّهِمْ وَيَسْتَغْفِرُونَ لِمَن فِى ٱلْأَرْضِ [2] - އަދި ملائكةން، އެއުރެންގެ ވެރިރަސްކަލާނގެއަށް حمدއާ އެކު تسبيح ދަންނަވަތެވެ. އަދި ބިމުގައިވާ މީހުންނަށް ފާފަފުއްސެވުން އެދި، دعاء ކުރައްވަތެވެ.)) ﷲއަށް އުރެދިވަޑައިނުގަންނަވާ މަލާއިކަތުން ތިބާގެ ބައެއް ޢަމަލުތަކަށް ދުޢާކޮށްދެއްވަތެވެ. ލޮބުވެތި ނަބިއްޔާގެ ސުންނަތުން އެނގޭ ގޮތުގައި މަލާއިކަތުން ދުޢާކޮށްދެއްވާ އެތައް ކަންތައްތަކެއް ވެއެވެ. މި ތާނގައި މި ދަންނަވައިލަނީ އޭގެ ތެރެއިން 10 ކަމެކެވެ. އެއީ:
1- ޖަމާޢަތުގެ ނަމާދުގައި ފުރަތަމަ ސަފުގައި ނަމާދުކުރުން: ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. ( إِنَّ اللهَ وَمَلَائِكَتَهُ يُصَلُّونَ عَلَى الصَّفِّ الْأَوَّلِ[3]– ހަމަކަށަވަރުން ﷲ ފުރަތަމަ ސަފަށް ރަޙްމަތްލައްވަތެވެ. އަދި އެކަލާނގެ މަލާއިކަތުން ފުރަތަމަ ސަފަށް ރަޙްމަތް ލެއްވުމަށް ދުޢާ ކުރައްވަތެވެ.))
2- ނަބިއްޔާ rގެ މައްޗަށް ޞަލަވާތް ކިޔެވުން: ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. (ما مِن مُسلِمٍ يُصَلِّي عليَّ صَلاةً إلّا صلَّتْ عليه المَلائِكةُ [4] -ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވި މުސްލިމެއްގެ މައްޗަށް ރަޙްމަތްލެއްވުމަށް މަލާއިކަތުން ދުޢާކޮށް ނުދެއްވާ މުސްލިމަކު ނުވެތެވެ.))
3- ފުރަތަމަ ސަފުގައި ނަމާދުކުރާ މީހުން: ކައު ނަބިއްޔާ e ޙަދީސްކުރެއްވިއެވެ. (إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى الصَّفِّ الْأَوَّلِ [5] – ހަމަކަށަވަރުން ފުރަތަމަ ސަފަށް ﷲ ރަޙްމަތް ލައްވަތެވެ. އަދި އެކަލާނގެ މަލާއިކަތުން ފުރަތަމަ ސަފަށް ރަޙްމަތް ލެއްވުން އެދި ދުޢާކުރައްވަތެވެ.)
4- ނަމާދުގައި ސަފުތައް ގުޅުވާ މީހުން: ކައު ނަބިއްޔާ e ޙަދީސްކުރެއްވިއެވެ. ( إِنَّ اللَّهَ وَمَلَائِكَتَهُ يُصَلُّونَ عَلَى الَّذِينَ يَصِلُونَ الصُّفُوفَ وَمَنْ سَدَّ فُرْجَةً رَفَعَهُ اللَّهُ بِهَا دَرَجَةً[6] – ހަމަކަށަވަރުން ނަމާދުގައި ސަފުތައް ގުޅުވާ މީހުންނަށް ﷲ ރަޙުމަތްލައްވަތެވެ. އަދި ނަމާދުގައި ސަފުތައް ގުޅުވާ މީހުންނަށް ރަޙްމަތްލެއްވުމަށް އެކަލާނގެ މަލާއިކަތުން ދުޢާކުރައްވަތެވެ. ސަފުގައި އޮންނަ ބާގަނޑު ފުރާލައި މީހާގެ ދަރަޖަ ﷲ އުފުއްލަވަތެވެ.)
5- އެއް ނަމާދުކުރުމަށް ފަހު އަނެއް ނަމާދުގެ އިންތިޒާރުގައި މިސްކިތުގައި އިންނަ މީހާ: ކައު ރަސޫލާ ޙަދީސްކުރެއްވިއެވެ. ( إِنَّ الْمَلَائِكَةَ تُصَلِّي عَلَى أَحَدِكُمْ مَا دَامَ فِي مَجْلِسِهِ تَقُولُ: اللَّهُمَّ اغْفِرْ لَهُ، اللَّهُمَّ ارْحَمْهُ[7]- ހަމަކަށަވަރުން ނަމާދުކޮށްގެން މިސްކިތުގައި އަނެއް ނަމާދުގެ ވަގުތުގެ އިންތިޒާރުގައި އިންނަ މީހާގެ މައްޗަށް މަލާއިކަތުން ރަޙުމަތްލެއްވުމަށް ދުޢާކުރައްވަތެވެ. އެ ބޭކަލުން ވިދާޅުވާނެތެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އޭނާގެ ފާފަފުއްސަވާނދޭވެ! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އޭނާއަށް ރަޙުމަތްލައްވާނދޭވެ!)
6- ބަލި މީހާއަށް ގޮވައިލާން ދިޔުން: ބަލިމީހާއަށް ގޮވައިލާން ދިޔުމުގެ މާތްކަމާއި ސަވާބާ ބެހޭ ގޮތުން رسول الله صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. (مَا مِنْ رَجُلٍ يَعُودُ مَرِيضًا مُمْسِيًا إلاّ خَرَجَ مَعَهُ سَبْعُونَ ألْفَ مَلَكٍ يَسْتَغْفِرُونَ لَهُ حَتّى يُصْبِحَ، وَكَانَ لَهُ خَرِيفٌ في الْجَنّةِ وَمَنْ أتَاهُ مُصْبِحًا خَرَجَ مَعَهُ سَبْعُونُ ألْفَ مَلَكٍ يَسْتَغْفِرُونَ لَهُ حَتّى يُصبِحَ، وكان لَهُ خريفٌ في الجنَّةِ [8] - ހަވީރުގެ ވަގުތެއްގައި ބަލި މީހަކަށް ގޮވައިލަން މީހަކު ދިޔަ ނަމަ އެ މީހަކަށް ހެނދުން ވަންދެން ފާފަފުއްސަވައިދެއްވުމަށް ދުޢާކުރައްވާނެ 70 ހާސް މަލާއިކަތުން ނުނެރުއްވާނެ މީހަކު ނުވެތެވެ. އެ މީހަކު ހުންނާނީ ސުވަރުގޭގެ ބަގީޗާތަކުގައެވެ. އަދި ހެނދުނުގެ ވަގުތެއްގައި ބަލި މީހަކަށް ގޮވައިލާން މީހަކު ދިޔަ ނަމަ، އެ މީހަކަށް ހަވީރު ވަންދެން ފާފަފުއްސަވައިދެއްވުމަށް ދުޢާކުރައްވާނެ 70 ހާސް މަލާއިކަތުން ނުނެރުއްވާނެ މީހަކު ނުވެތެވެ. އެމީހަކު ހުންނާނީ ސުވަރުގޭގެ ބަގީޗާތަކުގައެވެ.)
7- މީހާ ނެތް ތަނުގައި އެ މީހާއަށް ހެޔޮ ދުޢާކޮށްދިނުން: ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. ( دَعْوَةُ الْمَرْءِ الْمُسْلِمِ لِأَخِيهِ بِظَهْرِ الْغَيْبِ مُسْتَجَابَةٌ، عِنْدَ رَأْسِهِ مَلَكٌ مُوَكَّلٌ كُلَّمَا دَعَا لِأَخِيهِ بِخَيْرٍ قَالَ الْمَلَكُ الْمُوَكَّلُ بِهِ: آمِينَ وَلَكَ بِمِثْلٍ[9] - މުސްލިމު އަޅާ އޭނާގެ އަޚާ ނެތް ތަނެއްގައި އޭނާއަށް ކޮށްދޭ ދުޢާއަކީ އިޖާބަކުރައްވަނިވި ދުޢާއެކެވެ. އޭނާގެ ބޮލުގެ ކައިރީގައި އޭނާއަށް ދުޢާކޮށްދިނުމުގެ ކަންތައް ޙަވާލުކުރައްވައިފައިވާ މަލާއިކަތަކު ހުންނަވާނެއެވެ. އޭނާގެ އަޚާއަށް ހެޔޮ ދުޢާކޮށްދޭ ކޮންމެ ވަގުތަކު އެ މަލާއިކަތާ މި ދުޢާއަށް އާމީން ވިދާޅުވާނެތެވެ. އަދި ވިދާޅުވާނެއެވެ. ތިބާއަށް ވެސް ހަމަ އެފަދައިން ލިބިގެންވެއެވެ.)
8- މީސްތަކުންނަށް ހެޔޮ ކަންތައްތައް އުނގަންނާ ދިނުން: ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. (إِنَّ اللَّهَ وَمَلَائِكَتَهُ وَأَهْلَ السَّمَاوَاتِ وَالأَرَضِينَ حَتَّى النَّمْلَةَ فِي جُحْرِهَا وَحَتَّى الحُوتَ لَيُصَلُّونَ عَلَى مُعَلِّمِ النَّاسِ الخَيْرَ[10] - ހަމަކަށަވަރުން ﷲ މީސްތަކުންނަށް ހެޔޮކަން އުނގަންނައިދޭ އެދުރަށް ރަޙުމަތްލައްވަތެވެ. އަދި އެކަލާނގެ މަލާއިކަތުންނާއި އުޑުތަކާއި ބިންތަކުގެ އަހުލުވެރީން އަދިކިއެއްތަ ހޮރުގައި އުޅޭ ހިންޏާއި ކަނޑުގައި އުޅޭ މަސް ވެސް މީސްތަކުންނަށް ހެޔޮކަން އުނގަންނައިދޭ އެދުރަށް ރަޙުމަތްލެއްވުމަށް ދުޢާކުރެތެވެ.(
9- ޠަހާރަތުގެ މަތީގައި ނިދުން: رَسُولُ اللهِ صَلى الله عَلَيه وسَلم ޙަދީސް ކުރެއްވިއެވެ. (مَنْ بَاتَ طَاهِرًا بَاتَ فِي شِعَارِهِ مَلَكٌ، فَلَمْ يَسْتَيْقِظْ إِلَاّ قَالَ الْمَلَكُ: اللهُمَّ اغْفِرْ لِعَبْدِكَ فُلَانٍ، فَإِنَّهُ بَاتَ طَاهِرًا [11] - ޠާހިރުކަން މަތީ ނިދި މީހާގެ ފޭރާމާއެކު މަލާއިކަތަކު ހުންނަވާނެއެވެ. އޭނާ ނިދިން ތެދުވުމުން އޭނާއަށް ފާފަފުއްސަވައިދެއްވުމަށް ދުޢާނުކުރައްވައެއްނުދާނެތެވެ. އެ މަލާއިކަތާ ދަންނަވާނެއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ އަޅާ މިވެނި މީހާއަށް ފާފަފުއްސަވައިދެއްވާނދޭވެ! ހަމަކަށަވަރުން އޭނާ ނިދީ ޠާހިރުކަން މަތީގައެވެ.))
10- ރޯދަހިފުމަށް ޓަކައި ހާރުކެއުން: رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސްކުރެއްވިއެވެ. (السَّحُورُ أَكْلُهُ بَرَكَةٌ، فَلَا تَدَعُوهُ، وَلَوْ أَنْ يَجْرَعَ أَحَدُكُمْ جُرْعَةً مِنْ مَاءٍ، فَإِنَّ اللهَ عَزَّ وَجَلَّ وَمَلَائِكَتَهُ يُصَلُّونَ عَلَى الْمُتَسَحِّرِينَ ހާރު ކެއުމުމަކީ ބަރަކާތެކެވެ. ފަހެ ތިޔަބައިމީހުން އެ ކަން ނުކޮށް ދޫކޮށްނުލާށެވެ.ފެން ކޯވަރެއް ބޮއިލުން ކަމުގައި ވިޔަސް މެއެވެ.ފަހެ ހަމަކަށަވަރުން ﷲ ޢައްޒަ ވަ ޖައްލަ ހާރުކާ މީހުންނަށް ރަޙުމަތްލައްވަތެވެ. އަދި އެކަލާނގެ މަލާއިކަތުން އެ މީހުންނަށް ރަޙުމަތްލެއްވުމަށް ދުޢާކުރައްވަތެވެ.)
މަރުޖާ:
[1] - الأنبياء : 19-20
[2] - الشورى: 5
[3] - أخرجه أحمد (٢٢٢٦٣) والطبراني (٧٧٢٧)
[4] - أخرجه ابن ماجه (٩٠٧) وأحمد (١٥٦٨٩)
[5] - مسند أحمد حديث:1841
[6] - صحيح ابن ماجه للألباني حديث 814
[7] - (مسلم حديث649)
[8] - أخرجه أبو داود (٣٠٩٨) و أحمد (٩٧٦)
[9] - أخرجه البخاري في ((الأدب المفرد)) (٦٢٥) وأصله في صحيح مسلم (٢٧٣٣) و أحمد (٢٧٥٥٩) وابن أبي شيبة (٢٩٧٦٨) وابن ماجه (٢٨٩٥)
[10] - أخرجه ابن حبان (١٠٥١) و الترمذي (٢٦٨٥)، وتمام في ((فوائده)) (١٢٤٣) والطبراني (٨/٢٧٨) (٧٩١١)