ހުސައިން ނައުޝާދު
11 އޮކްޓޯބަރު 2025
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މޫނުމަތި
ދިވެހިރާއްޖޭގައި އިސްލާމީ ތަޢުލީމު ފުޅާކުރެއްވުމަށް ޓަކައި މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާގެ ނަމުގައި ވުޖޫދަށް އައި މުއައްސަސާ ތަރައްގީވެ، ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާއަކަށް ބަދަލުވީ ދިވެހި ދަރީންތަކެއްގެ ބުރަ މަސައްކަތުންނެވެ. މި ޢިލްމީ މުއައްސަސާ ތަރައްޤީކުރަމުން މުހިންމު އިސްލާމީ ޖާމިޢާއަކަށް ބަދަލުވިއެވެ. މިހާރު އެއީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއެވެ. ނުވަތަ ޖާމިޢަތުލްމާލްދިފިލްއިސްލާމިއްޔާއެވެ.
މި މުހިންމު މުއައްސަސާ ޔުނިވަރސިޓީއަކަށް ބަދަލުވިޔަސް ތަނުގެ ތަރައްގީއަށް ކުރެވޭ މަސައްކަތަކަށް ކުޑަވެސް ހުއްޓުމެއް ނުގެންނަވައެވެ. މިހާރު ވެސް ދުނިޔޭ އިސްލާމީ އެކިއެކި ޢިލްމީ މުއައްސަސާއާ ގުޅިވަޑައިގެން ޢިލްމީ ގޮތުން މި މުއައްސަސާ އިތުރަށް ތަރައްގީކުރެއްވުމުގެ މަސައްކަތްޕުޅު ހަމަ ބާރަށް ކުރިއަށް އެބަ ގެންދަވައެވެ.
މި ގޮތުން ކުރެވޭ މަސައްކަތުގެ ދަށުން މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ އެންމެ މަތީ ފަންތީ ފެންވަރުގެ ވަފުދެއް ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ޚާއްޞަ ޢިލްމީ ޕްރޮގުރާމްތަކެއް ހިންގެވުމަށް ޓަކައި މިއަދު (ހޮނިހިރު ދުވަހު) ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވާނެއެވެ. މި ވަފުދުގައި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގެ ރެކްޓަރ ޑރ. ޢުޘްމާން ބަކާރާއި އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓް (އައިއައިއައިޓީ)ގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޢުމަރު ޙަސަން ކަސޫލޭ ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މި ބޭފުޅުން ކުރިއަށް ގެންދަވާ ޢިލްމީ ބައްދަލުވުންތަކުގެ ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ޓަކައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަންނަވާނެއެވެ. އަލްއުސްތާޒު ޙުސައިން މުޙަންމަދު ލަޠީފު ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ރަސްމިއްޔާތުގައި، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައިއައިޔޫއެމް)އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާ ދެމެދު ފަހުމުނާމާގައި ދެ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
އާދީއްތަ ދުވަހާއި ހޯމަ ދުވަހު އައިޔޫއެމްގައި ހިންގަވާ ވޯކްޝޮޕްތަކުގެ ގަޑިތައް ނަންގަވައިދެއްވާނީ އައިއައިޔޫއެމް (މެލޭޝިޔާ)ގެ އެކިއެކި ޕްރޮފެސަރުންނެވެ. މި ގޮތަށް މަޢުލޫމާތުދެއްވުމަށް ޓަކައި ބާއްވާ ތަފާތު 13 ޢިލްމީ ބައްދަލުވުމެއް ވަނީ ރާއްވައި އިންތިޒާމުކުރައްވައިފައެވެ. މިއީ ވަރަށް ޢިލްމީ މަންސައަކަށްވާނެއެވެ. މި ޕްރޮގުރާމްތަކުގައި ރަޖިސްޓަރީވުމުގެ ފުރުސަތު ޢާއްމުންނަށް ވެސް ވަނީ ހުޅުވައިލެވިފައެވެ. މިއީ ދޫކޮށްލައިގެން ވާ ފަދަ ފުރުޞަތުތަކެއް ނޫނެވެ. މި ފަދަ ފުރުޞަތުތައް މަދުންނޫނީ ނުލިބޭނެއެވެ. އެހެނީ މި ވަރކްޝަޕްގައި ކުރިއަށް ގެންދެވޭ ތަފާތު ޢިލްމީ ބައްދަލުވުންތަކުގެ ތެރޭގައި ތަފާތު މާއްދާތައް ކިޔަވައިދިނުމުގައި އިސްލާމީ ނަޒަރުން ކިޔަވާ ދޭނެ ގޮތާއި، ޒުވާނުންނަށް ޚާއްޞަކޮށްގެން ގެންދެވޭ ލީޑަރޝިޕް ޕްރޮގުރާމްތަކާއި، އިސްލާމިކް ފައިނޭންސިންގެ މައްޗަށް މަޢުލޫމާތުދެއްވާ ތަފާތު ދަންފަޅިތައް ހިމެނެއެވެ.
އޮކްޓޯބަރު 12ވަނަ ދުވަހާއި 13ވަނަ ދުވަހު އިސްލާމީ ޔުނިވަރސިޓީގައި ކުރިއަށްގެންދަވާ މި ވޯކްޝޮޕްތަކުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވާ ބޭފުޅުންނަށް އޮންލައިންކޮށް ރަޖިސްޓަރީވެވަޑައިގެންނެވޭނެކަމަށް އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން މަޢުލޫމާތު ދެއްވައެވެ. 12 ވަނަ ދުވާހާއި 13ވަނަ ދުވަހު ވަކިވަކީން ރަޖިސްޓަރީވެވަޑައިގަންނަވާން ބޭނުންފުޅުވާ ބޭފުޅުން ތިރީގައި މިވާ ދެ ލިންކަށް ވަދެވަޑައިގެން އަވަހަށް ރަޖިސްޓަރީކޮށްލައްވާށެވެ. ފުރުޞަތު ނަންގަވައިނުލައްވާށެވެ!
12ވަނަ ދުވަހުގެ ވޯކްޝޮޕްތަކުގައި ރަޖިސްޓަރ ވުމަށް:
13ވަނަ ދުވަހުގެ ވޯކްޝޮޕްތަކުގައި ރަޖިސްޓަރ ވުމަށް: