ad_banner
ބަޤަރާ ސޫރަތުގެ އާޔަތްތަކުން ފެންނަ، އިންސާނާއަށް ކަމޭހިއްތެވުމުގެ ހަތް އުޞޫލު

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

10 އޮކްޓޯބަރު 2025

އިންސާނާ ޚަލްޤުކުރެއްވި ހިސާބުން ފެށިގެން އޭނާއަށް ވަނީ ކަމޭހިއްތަވައިފައެވެ.

ﷲ ތަޢާލާ އިންސާނާ ޚަލްޤުކުރެއްވި ހިސާބުން ފެށިގެން އޭނާއަށް ވަނީ ކަމޭހިއްތަވައިފައެވެ. އެހެން ޚަލްޤުތަކުންގެ މައްޗަށް އިސްކުރައްވައިފައެވެ. މާތް ﷲ އާދަމުގެފާނަށް ކަމޭހިއްތެވިހިއްތެވުމަކީ އިލާހީ ކަމެކެވެ. އެކަމުގައި އެތައް ދިސަތަކެއް ހިމެނެއެވެ. އިންސާނާގެ ބަފާކަލެއްކަމުގައި އެކަލޭގެފާނު ލެއްވިލެއްވުމަކީ އެންމެ ޚާއްޞަ ކަމޭހިއްތެވުމެވެ. އެއީ މުޅި އިންސާނިއްޔަތަށް ދެއްވި ޝަރަފެކެވެ. މާތްކަމެކެވެ.

ކީރިތި ޤުރްއާނުގައި ބަޤަރާ ސޫރަތުގައި މި މާތްކޮށްހިއްތެވުމުގެ މަންޒަރުތައް ކުރައްސަވައިދެއްވައިފައި ވަނީ ވަރަށް ރީތި ޢިބާރާތްތަކަކުންނެވެ. 

ފުރަތަމަ ކަމޭހިއްތެވުން

ފުރަތަމަ ކަމޭހިއްތެވުމަކީ: އިންސާނާގެ ޙަޔާތުގެ ޙަޤީޤީ ޗާޓު ލަފާކުރުމަކަށް ނުވާ ގޮތަށް އިތުރަށް ވިސްނާންނުޖެހޭ ގޮތަށް ވައު ނުވަންނާނެ ފަދަ ސާފު ގޮތަކަށް ބަޔާންކޮށްދެއްވުމެވެ. މާތްބަޤަރާ ސޫރަތުގެ 28ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. ((كَيْفَ تَكْفُرُونَ بِٱللَّهِ وَكُنتُمْ أَمْوَٰتًا فَأَحْيَٰكُمْ ۖ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ثُمَّ إِلَيْهِ تُرْجَعُونَ  - ތިޔަބައިމީހުން اللَّه އަށް كافر ވެގަންނަނީ، ކޮންގޮތަކުންހެއްޔެވެ؟ ތިޔަބައިމީހުން މަރުވެފައިވާ ބަޔެއްގެ ގޮތުގައި ތިއްބައި، ފަހެ އެކަލާނގެ ތިޔަބައިމީހުން (އުފައްދަވައި) ދިރުއްވިއެވެ. އެއަށްފަހު، އެކަލާނގެ ތިޔަބައިމީހުންގެ (أجل ހަމަވުމުން) މަރުގަންނަވާނެތެވެ. ދެން (قيامة ދުވަހުން) ތިޔަބައިމީހުން ދިރުއްވާނެތެވެ. ދެން އެކަލާނގެ حضرة އަށް ތިޔަބައިމީހުން رجوع ކުރައްވާނެތެވެ.))

ދެވަނަ ކަމޭހިއްތެވުން

ދެވަނަ ކަމޭހިއްތެވުމަކީ: އިންސާނާގެ ޙަޔާތަށް ބޭނުންވާ އެ ކަމަށް އެންމެ މުނާސަބު ވާސަ ތައްޔާރުކޮށްދެއްވުމެވެ. މި ބިމުގެ ފުރަތަމަ ސާހިބަކީ އިންސާނާއެވެ. ބަޤަރާ ސޫރަތުގެ 29ވަނަ އާޔަތުގައި މާތް ﷲ  މި ކަމުގެ މައްޗަށް އަޅުގަނޑުމެންގެ ލޯތައް ވަނީ ހުޅުއްވާ ދެއްވައިފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((هُوَ ٱلَّذِى خَلَقَ لَكُم مَّا فِى ٱلْأَرْضِ جَمِيعًا ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ فَسَوَّىٰهُنَّ سَبْعَ سَمَٰوَٰتٍ ۚ وَهُوَ بِكُلِّ شَىْءٍ عَلِيمٌ  - އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި ރަސްކަލާނގެއެވެ. ދެން އެކަލާނގެ އުޑު ހެއްދެވުމަށް އިރާދަކުރައްވައި، އެ އުޑުތަކުގެ ހެއްދެވުން ހަތް އުޑަށް ފުރިހަމަކުރެއްވިއެވެ. އަދި އެކަލާނގެއީ، ކޮންމެކަމެއްމެ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.)) މާތް ﷲ މި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވީ އިންސާނާއަށް ޓަކައެވެ.މިހެންވެ އިންސާނާއަކީ މި ބިންމަތީގައި ވާ މާއްދީ ހުރިހާ އެއްޗަކަށްވުރެ  މާތް ، ޢިއްޒަތްތެރި ، އަގު ބޮޑު އެއްޗެކެވެ. އެހެންވީމާ މި އިންސާނާ އަޅުވެއްޗެއް ނުކުރެވޭނެއެވެ. މާއްދީ އެއްޗެއް ޙާޞިލުކުރުމަށް ޓަކައި މި އިންސާނާ ނިކަމެއްޗެއް ނުކުރެވޭނެއެވެ.

ތިންވަނަ ކަމޭހިއްތެވުން

ތިންވަނަ ކަމޭހިއްތެވުމަކީ:  އާދަމުގެފާނު ހައްދަވާނެކަން އިޢުލާނުކުރެއްވުމެވެ. ބަޤަރާ ސޫރަތުގެ 30ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. ((وَإِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى جَاعِلٌ فِى ٱلْأَرْضِ خَلِيفَةً - ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި خليفة އަކު ލައްވާހުށީމޭ ملائكةންނަށް وحىކުރެއްވިހިނދު ހަނދުމަކުރައްވާށެވެ!)) މިއީ އިންސާނާ މި ބިމުގައި ލެއްވުމުގެ ޙިކްމަތެވެ. އެއީ އިންސާނާގެ ވިސްނުން މަގުފުރައްދާކަށްނޫނެވެ. އެއީ ވަހްމާއި  ފުލޯކުގެ ތެރެއަށް ގެނބި އާވާރާވާކަށްނޫނެވެ. މާތްﷲ މާތްކުރައްވައިފައިވާ އުޑުތަކުގެ ވަޒަންވެރިން ކަމުގައިވާ މަލާއިކަތުންނަށް މި ޚަބަރުދެއްވުމަކީ އާދަމުގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅަށް ކަމޭހިއްތެވުމެކެވެ.

ހަތަރުވަނަ ކަމޭހިއްތެވުން

ބިމުގެ ޚަލިފާއެއް ކަމުގައި އާދަމުގެފާނު ލެއްވުން : ބަޤަރާ ސޫރަތުގެ 30ވަނަ  އާޔަތުގައި މާތްﷲ ވަޙީކުރެއްވި ބަސްފުޅުގައި އައިސްފައިވެއެވެ. ((إِنِّى جَاعِلٌ فِى ٱلْأَرْضِ خَلِيفَةً – ހަމަކަށަވަރުން ތިމަންރަސްކަލާނގެ ބިމުގައި خليفةއަކު ލައްވާހުށީމެވެ.)) މާތްﷲ މި ބިންމަތީގައި އިންސާނީ ވުޖޫދު ލެއްވިލެއްވުމަކީ އިލާހީ ރަޙުމަތެކެވެ. ރައްބާނީ ކަމޭހިއްތެވުމެކެވެ. މި ބިމުގައި އިންސާނާ ޚަލީފާއެއް ކަމުގައި ލެއްވިލެއްވުމަކީ ޢުޤޫބަތެއްނޫނެވެ. އަދިކިއެއްތޯއެވެ؟ އެއީ އެކަމުގައި ތަކްލީފު ހިމެނޭ ޝަރަފެކެވެ. އިންސާނުން ހެއްދެވުމަކީ ﷲގެ ޢިލްމުފުޅުގައިވާ ކަމެކެވެ. އިންސާނާ ހެއްދެވުމުގެ ކުރިން މާތްﷲ ވަނީ އެ ޚަބަރު މަލާއިކަތުންނަށް ދެއްވައިފައެވެ. މަލާއިކަތުންނަށް އެނގިވަޑައިގަތީ މާތްﷲ އެ ކަމުގެ ވަގުތު ކައިރިވުމުން އެކަމުގެ ޚަބަރު ދެއްވީމައެވެ.

ފަސްވަނަ ކަމޭހިއްތެވުން

ޢިލްމާއި މަޢުލޫމާތުގެ ދޮރު ހުޅުއްވާދެއްވިދެއްވުމުން: ބަޤަރާ ސޫރަތުގެ 31ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. ((وَعَلَّمَ ءَادَمَ ٱلْأَسْمَآءَ كُلَّهَا ثُمَّ عَرَضَهُمْ عَلَى ٱلْمَلَٰٓئِكَةِ فَقَالَ أَنۢبِـُٔونِى بِأَسْمَآءِ هَٰٓؤُلَآءِ إِن كُنتُمْ صَٰدِقِينَ - އަދި آدمގެފާނަށް ހުރިހައި ތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައި ދެއްވިއެވެ. (އެބަހީ: ނަންކިޔުނު ތަކެއްޗާއި އެތަކެތީގެ حقيقةތަކެވެ.) ދެން، އެކަލާނގެ އެތަކެތި ملائكةންނަށް ހުށަހަޅުއްވައި، وحىކުރެއްވިއެވެ. ތިޔަބައިމީހުން (ތިޔަކުރާ دعوىގައި) ތެދުވެރިންކަމުގައިވަނީނަމަ، މިތަކެތީގެ ނަންތަކުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ނިކަން خبر ދީބަލާށެވެ!))

ހަވަނަ ކަމޭހިއްތެވުން

އާދަމުގެފާނަށް އަދަބުތަޢުޡީމު އަދާކުރުމުގެ ގޮތުން ސަޖިދަ ކުރުމަށް މާތްﷲ މަލާއިކަތުންނަށް އަމުރުކުރެއްވުން: ބަޤަރާ ސޫރަތުގެ 34ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. ((وَإِذْ قُلْنَا لِلْمَلَٰٓئِكَةِ ٱسْجُدُوا۟ لِـَٔادَمَ فَسَجَدُوٓا۟ - އަދި آدم ގެފާނަށް ތިޔަބައިމީހުން سجدةކުރާށޭ ތިމަންރަސްކަލާނގެ ملائكة ންނަށް وحىކުރެއްވިހިނދު، ހަނދުމަކުރައްވާށެވެ! ފަހެ، އެ ملائكةން سجدةކުރެއްވޫއެވެ.))މިތާނގައި މަލާއިކަތްބޭކަލުން އާދަމުގެފާނަށް ސަޖިދަކުރެއްވީ ﷲއަށް ކިޔަމަންވެވަޑައިގަތުމުގެ ގޮތުންނެވެ. އެއީ ސަޖިދަކުރަން ޖެހޭ ފަރާތަކަށް ވާތީއެއްނޫނެވެ.

އަލްޙިޖްރު ސޫރަތުގެ 28 ވަނައާޔަތާއި 29ވަނަ އާޔަތާއި 30ވަނަ އާޔަތުން އެނގޭގޮތުންނާއި  ، ص ސޫރަތުގެ 71ވަނަ އާޔަތާއި 72 ވަނަ އާޔަތުން އެނގޭގޮތުގައި އާދަމުގެފާނު ހެއްދެވުމުގެ ކުރިން މާތްﷲ  ވަނީ މަލާއިކަތުންނަށް އެ ޚަބަރުދެއްވައި އެކަމަށް އަމުރުކުރައްވައިފައެވެ. ޙިޖްރު ސޫރަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. ((وَإِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى خَٰلِقُۢ بَشَرًا مِّن صَلْصَٰلٍ مِّنْ حَمَإٍ مَّسْنُونٍ ﴿٢٨﴾‏ فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَٰجِدِينَ ﴿٢٩﴾‏ فَسَجَدَ ٱلْمَلَٰٓئِكَةُ كُلُّهُمْ أَجْمَعُونَ - ކަލޭގެފާނުގެ ވެރިރަސްކަލާނގެ ملائكة ންނަށް وحى ކުރެއްވި ހިނދު ހަނދުމަކުރައްވާށެވެ! تغيّرވެފައިވާ ކަޅުކުލައިގެ ކިސަޑުން އުފެދިގެންއައި މަށިން ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އިންސާނަކު ހައްދަވާހުށީމެވެ. ފަހެ، ތިމަންރަސްކަލާނގެ އެ އިންސާނާ (އެބަހީ: آدمގެފާނު) ހައްދަވައި، ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ روحފުޅުން އެ އިންސާނާއަށް ފުމެލައްވައިފި ހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި سجدةއަށް ތިރިވާހުށިކަމެވެ! ފަހެ، ملائكة ން އެ އެންމެން އެކުގައި سجدةކުރައްވައިފޫއެވެ.))

ص ސޫރަތުގެ 71ވަނަ އާޔަތާއި 72 ވަނަ އާޔަތުގައި ވަޙީކުރެއްވިއެވެ. ((‏إِذْ قَالَ رَبُّكَ لِلْمَلَٰٓئِكَةِ إِنِّى خَٰلِقُۢ بَشَرًا مِّن طِينٍ ﴿٧١﴾‏ فَإِذَا سَوَّيْتُهُۥ وَنَفَخْتُ فِيهِ مِن رُّوحِى فَقَعُوا۟ لَهُۥ سَٰجِدِينَ ﴿٧٢﴾‏ فَسَجَدَ ٱلْمَلَٰٓئِكَةُ كُلُّهُمْ أَجْمَعُونَ - ފަހެ، ތިމަންރަސްކަލާނގެ އެ إنسانއާ (އެބަހީ: آدمގެފާނު) ހައްދަވައި ފުރިހަމަކުރައްވައި، ތިމަންރަސްކަލާނގެ روحފުޅުން އެ إنسانއާއަށް ފުމެލައްވައިފިހިނދު، ތިޔަބައިމީހުން އޭނާއަށްޓަކައި سجدةއަށް ތިރިވާހުށިކަމެވެ! ފަހެ، ملائكةން، އެ އެންމެން އެކުގައި سجدةކުރައްވައިފޫއެވެ.)) މި ބަސްފުޅުތަކުން އެނގޭގޮތުގައި މާތްﷲ އާދަމުގެފާނަށް ސަޖިދަކުރެއްވުމަށް މަލާއިކަތުންނަށް ކުރެއްވި އަމުރުފުޅަކީ މުސްތަޤިއްލު ކަމެކެވެ. މަލާއިކަތްބޭކަލުން އެއްވެސް މުރާޖަޢަކާނުލައި އެ އަމުރުފުޅަށް ކިޔަމަންވެވަޑައިގަތެވެ. އިސްލާމްދީނުގައި ސަޖިދަކުރުމަކީ ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ޙަޟްރަތުގައި އެންމެ ބޮޑަށް ނިކަމެތިކަން ހާމަކުރުމުގެ ޢަމަލެވެ.އެއީ މަތިވެރިކުރުމާއި މާތްކޮށް ހިތުމުގެ އެންމެ މަތީ ދަރަޖައެވެ.

ހަތްވަނަ ކަމޭހިއްތެވުން

ހަތްވަނަ ކަމޭހިއްތެވުމަކީ: ކުރިމަގުގެ ޗާޓު ކުރައްސަވައިދެއްވުމެވެ. އެކުވެރީންކަމުގައި ބަލަންވާ ފަރާތްތަކާއި ޢަދުއްވުންކަމުގައި ބަލަންވީ ފަރާތްތައް އަންގައިދެއްވި ދެއްވުމުގެ ސަބަބުން އިންސާނާއަށް ލިބުނު ކަމޭހިތުމެވެ.ބަޤަރާ ސޫރަތުގެ 34ވަނަ އާޔަތުގައި މި ކަން ބަޔާންކޮށްދެއްވާ ވަޙީކުރެއްވިއެވެ. ((  فَسَجَدُوٓا۟ إِلَّآ إِبْلِيسَ أَبَىٰ وَٱسْتَكْبَرَ وَكَانَ مِنَ ٱلْكَٰفِرِينَ  - ފަހެ، إبليس ފިޔަވައި، އެ ملائكة ން سجدة ކުރެއްވޫއެވެ. އެކަލޭގެ އެކަމުން މަނާވެގަނެ، كبرވެރިވީއެވެ. އަދި كافرންގެ ތެރެއިން އެކަލޭގެ ވިއެވެ.))

މި އާޔަތުގައި އާދަމުގެދަރިންނަށް މި އަންގަވަނީ ތިބާގެ ޢަދުއްވު ދެނެގަތުމަށެވެ. އޭނާގެ ރޭވުންތަކަށް ރައްކައުތެރިވުމަށެވެ. އޭނާގެ މަޅިތަކުން މަޅިއެއްގައި ނުޖެހުމަށެވެ. މި އާޔަތުގައި މާތްﷲ އިބްލީހުގެ ތިން ސިފައެއް ބަޔާންކޮށްދެއްވިއެވެ. ފުރަތަމަ ސިފައަކީ (أبى)އެވެ. ދެކޮޅުހެދުމެވެ.ނުކިޔަމަންތެރިވުމެވެ. ﷲގެ އަމުރުފުޅަށް ކިޔަމަންގަތުމުން މަނާވެގަތުމެވެ. ދެވަނަ ސިފައަކީ (استكبر) ބޮޑާވެގަތުމެވެ. ކިބުރުވެރިވުމެވެ. އޭނާގެ ސައިޒު އޭނާއަށް އޮޅުމެވެ. އޭނާގެ ސައިޒަށްވުރެ ބޮޑުވުމެވެ. މަޚްލޫޤުންގެ ދަރަޖައަށް ވުރެ އޭނާގެ ދަރަޖަ އުފުއްލުމެވެ. ތިންވަނަ ސިފައަކީ (كفر)އެވެ. ކާފިރުވުމެވެ. ޙައްޤު ދެނެގަތުމުން ދުރުހެލިވުމެވެ.

ހަނދާންކުރާންވީ ކޮން ކަމެއް

ހަނދާންކުރަންވީ ﷲ އިންސާނާ މި މާތްކުރެއްވި މާތްކުރެއްވުމުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށެވެ. ނާއުންމީދުން ދުރުވުމަށެވެ. އިބްލީހީވަންތަކަމުގެ ސިފަތަކާ ދުރުހެލިވުމަށެވެ. އެއީ އެންމެ ބޮޑު ދުޝްމަނުކަމުގައި ބަލައިގެންނެވެ.

ކޮމެންޓު
ކޮމެންޓުތައް
ކަނޑޫމާ
14 އޮކްޓޯބަރު 2025 13:26
ތެދެއް. الله އެންމެ މާތްކުރެއްވީ އިންސާނާކަން ކަށަވަރު