އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
2 އޮކްޓޯބަރު 2025
މުސްކުޅިކަމަކީ ނިޢުމަތެކެވެ.
(އިއްޔެގެ ޢަދަދާ ގުޅޭ)
ވިސްނުންތެރިއަކީ އޭނާގެ ޒުވާން ޢުމުރުގެ ބޭނުން ރަނގަޅު ގޮތުގައި ހިފައި ނިކަމެތިކަމާއި މުސްކުޅިކަމުގެ ރަހަލުމުގެ ކުރީން މާތް ﷲ އޭނާއަށް މި ދެއްވި ދުވަސްތަކުގެ ބޭނުން ހެޔޮ ގޮތުގައި ބޭނުންކުރާ މީހާއެވެ. رسول الله صلى الله عليه وسلم މީހަކަށް ނަސޭހަތްދެއްވަމުން ޙަދީސްކުރެއްވިއެވެ. ((اغتَنِمْ خَمسًا قَبْلَ خَمسٍ: شَبابَكَ قَبْلَ هَرَمِكَ، وصِحَّتَكَ قَبْلَ سَقَمِكَ، وغِناكَ قَبْلَ فَقرِكَ، وفَراغَكَ قَبْلَ شُغُلِكَ، وحَياتَكَ قَبْلَ مَوتِكَ[1] - ފަސް ކަމެއްގެ ކުރީން ފަސް ކަމެއްގެ ބޭނުން ރަނގަޅަށް ހިފާށެވެ! ތިބާ މުސްކުޅިވުމުގެ ކުރީން ތިބާގެ ޒުވާންކަމާއި، ތިބާ ބަލިވުމުގެ ކުރީން ތިބާގެ ދުޅަހެޔޮކަމާއި، ތިބާ ފަޤީރުވުމުގެ ކުރީން ތިބާގެ މުއްސަނދިކަމާއި، ތިބާ އަވަދިނެތިވުމުގެ ކުރީން ތިބާގެ ހުސް ވަގުތާއި، ތިބާ މަރުވުމުގެ ކުރީން ތިބާގެ ދިރިހުރުމެވެ.))
ރަސޫލާ rގެ އެހެން ބަސްފުޅެއްގައި ވެއެވެ. ((لا تزولُ قدَما عبدٍ يومَ القيامةِ حتّى يسألَ عن عمرِهِ فيما أفناهُ، وعن عِلمِهِ فيمَ فعلَ، وعن مالِهِ من أينَ اكتسبَهُ وفيمَ أنفقَهُ، وعن جسمِهِ فيمَ أبلاهُ - [2] ޤިޔާމަތްދުވަހުން ހަތަރު ކަމަކާ ބެހޭގޮތުން ސުވާލުކުރެވުމުގެ ކުރީން އަޅާގެ ދެ ފައިތިލައަށް ﷲގެ ޙަޟުރަތުގައި ސާބިތުކަމެއް ނުލިބޭނެތެވެ. ސުވާލުކުރެވޭނެ ހަތަރު ކަމަކީ އޭނާގެ ޢުމުރު ހުސްކޮށްލީ ކޮން ކަމެއްގައިތޯއާއި އޭނާގެ ޢިލްމުން އޭނާ ކުރީ ކޮންކަމެއްތޯއާއި އޭނާގެ މުދާ އޭނާ ހޯދީ ކޮންތަނަކުންތޯއާއި އެ މުދާ ހޭދަކުރީ ކިހިނަކުންތޯއާއި އޭނާގެ ހަށިގަނޑު ބޭނުންކުރީ ކިހިނަކުންތޯއެވެ.))
މިއީ ލޮބުވެތި ރަސޫލާ އެކަލޭގެފާނުގެ އަހުރަވެތި އުންމަތަށް ދެއްވި އިރުޝާދުތަކެކެވެ. ދުނިޔޭގައި ދިރިހުރުމުގެ ފުރުޞަތު އާޚިރަތަށް ޓަކައި ރަނގަޅަށް ބޭނުންކުރުމަށެވެ. ޤިޔާމަތްދުވަހުން އަޅާއާ ސުވާލުކުރެވޭނެ މުހިންމު ކަންތައްތައް ބަޔާންކޮށްދެއްވުމަށެވެ.
ރަސޫލާ rގެ އެހެން ބަސްފުޅެއްގެ އަޑުއަހާށެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. ((نِعْمَتانِ مَغْبُونٌ فِيهِما كَثِيرٌ مِنَ النّاس: الصِّحَّةُ والفَراغُ [3] - މީސްތަކުންކުރެ ގިނަ ބަޔަކު ފަރުވާކުޑަކުރާ ދެ ނިޢުމަތެއް ވެއެވެ. އެއީ ޞިއްޙަތާއި ހުސްވަގުތެވެ.)) އިބްނު ޙަޖަރު ވިދާޅުވާ ގޮތުގައި އިންސާނާ ދުޅަހެޔޮކަންމަތީ ހުންނަ އިރު، އޭނާ އާޚިރަތަށް ޓަކައި މަސައްކަތްނުކޮށް ހިނގައިދާނެއެވެ. އެހެންވެ ރަނގަޅު ހަހުރަވެތި މީހަކީ އޭނާގެ ހުސްވަގުތާއި ދުޅަހެޔޮކަން ﷲއަށް ކިޔަމަންގަތުމުގައި ބޭނުންކުރާ މީހާއެވެ.މި ދެ ކަންތައް ﷲއަށް އުރެދުމުގައި ބޭނުންކުރާ މީހަކީ ފަރުވާކުޑަކުރާ މީހާއެވެ. ހުސްވަގުތާ ވިދިގެން އަންނާނީ އަވަދިނެތިވާ ވަގުތެވެ. ޞިއްޙަތާއި ދުޅަހެޔޮކަމާ ވިދިގެން އަންނާނީ ބަލިމަޑުކަމެވެ.
އައްޠައްޔިބީ ވިދާޅުވާ ގޮތުގައި ކައުރަސޫލާ صلى الله عليه وسلم މުކައްލަފަކީ ވިޔަފާރިވެރިއެއްކަމަށް މިސާލުޖައްސަވައި މި ޙަދީސްކުރައްވަނީ އޭނާއަކީ އަގުބޮޑު ރައުސްމާލެއް ލިބިފައިވާ މީހެކެވެ. އޭނާ މި ރައުސްމާލު ވުނަކޮށް ފައިދާ ނެރެން ބޭނުންވާނެއެވެ. މިފަދަ މީހާ މީހުންނާ މުޢާމަލާތުކުރާ އިރު ތެދުވެރިއަކަށް ވާންޖެހޭނެއެވެ. އޭނާ އޭނާގެ މުދާ އިޝްތިހާރުކުރާ އިރު މަކަރާއި ޙީލަތް ހަދައިގެން ނުވާނެއެވެ. އޭނާ ފައިދާ ހޯދާން މަސައްކަތްކުރާނީ އޭނާގެ ރައުސްމާލު ސަލާމަތުން ބާއްވައިގެންނެވެ. އެއަށް އެއްވެސް ގެއްލުމެއް ނުލިބޭނޭ ގޮތަކަށެވެ. ޞިއްޙަތާއި ހުސް ވަގުތަކީ އޭނާގެ ރައުސްމާލެވެ. އޭނާ ﷲ ތަޢަލާއާ އެކު މުޢާމަލާތުކުރާންވާނީ ތެދުވެރި އީމާންކަމަކާ އެކުގައެވެ. އިސްލާމްދީނުގެ ޢަދުއްވުންނާ ދެކޮޅަށް ނަފުސުން ޖިހާދުކުރަމުންނެވެ. ދުނޔެއާއި އާޚިރަތުގެ ހެޔޮކަން ހޯދުމަށެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ((يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ هَلْ أَدُلُّكُمْ عَلَىٰ تِجَٰرَةٍ تُنجِيكُم مِّنْ عَذَابٍ أَلِيمٍ[4] - އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ވޭންދެނިވި عذاب އަކުން ތިޔަބައިމީހުން މިންޖުކޮށްދޭނޭ ވިޔަފާރިއެއް ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދައްކަވަން ހެއްޔެވެ؟))
ރަސޫލާގެ ބަސްފުޅުގައި އައިސްފައި ވަނީ ﷲގެ ނިޢުމަތްތަކާމެދު ((مَغْبُونٌ فِيهِما كَثِيرٌ مِنَ النّاس- މީސްތަކުންކުރެ ގިނަ ބަޔަކު ފަރުވާކުޑަކުރާ)) ވާހަކައެވެ. މާތް ﷲގެ ބަސްފުޅުގައި އައިސްފައި މި ވަނީ ((وَقَلِيلٌ مِنْ عِبَادِيَ الشَّكُورُ[5] - އަދި ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ގިނައިން شكر ވެރިވާ މީހުން ވަރަށްމަދެވެ.)) މި ދެ ބަސްފުޅު އެއްކޮށްލުމުން އެނގެނީ ﷲގެ ނިޢުމަތްތަކަށް ޝުކުރުކުރާ މީހުން މަދުކަމާއި އެ ނިޢުމަތްތަކަށް ފަރުވާކުޑަކުރާ މީހުން ގިނަކަމެވެ. މިއީ އިންސާނާގެ ޠަބީޢަތުގައި ވާ ދެ ސިފައެކެވެ.
އިބްނުލް ޢަރަބީ ވިދާޅުވާ ގޮތުގައި މާތް ﷲ އިންސާނާއަށް ދެއްވި ފުރަތަމަ ނިޢުމަތަކީ އީމާންކަމެވެ. އަނެއްބައި ބޭކަލުން ވިދާޅުވާ ގޮތުގައި ފުރަތަމަ ނިޢުމަތަކީ ދިރިހުރުމެވެ.ޙަޔާތެވެ. ތިންވަނަ ޖަމާޢަތެއްގެ ބޭކަލުން ވިދާޅުވާ ގޮތުގައި އެއީ ޞިއްޙަތެވެ. އިބްނުލްޢަރަބީ ބުރަވެވަޑައިގަންނަވަނީ އީމާންކަމޭ ވިދާޅުވާ ބޭކަލުންގެ ރައުޔަށެވެ. އެއީ މުޠުލަޤު ނިޢުމަތަކަށް ވާތީއެވެ. ދިރިހުރުމާއި ޞިއްޙަތަކީ ދުނިޔަވީ ދެ ނިޢުމަތެވެ. މި ދެ ނިޢުމަތް ޙަޤީޤީ ނިޢުމަތްތަކަކަށް ވާނީ އީމާންކަމުގެ ގިއުގަނޑުގެ ތެރޭގައިވާ ނަމައެވެ.
ބުއްދިވެރިއަކީ އޭނާގެ ޙާލާ މެދު ވިސްނާ މީހާއެވެ. އޭނާ ނިކަމެތިކަމާއި މުސްކުޅިކަމާ ހިސާބަށް ދިޔުމުން އޭނާގެ ޙަޔާތާއި އަޖަލާމެދު ވިސްނާ މީހާއެވެ. އޭނާގެ ޙަޔާތުގެ ބާކީ އޮތް ދުވަސްކޮޅު ﷲއަށް ކިޔަމަންގަތުމަށް ޚާއްޞަ ކުރާ މީހާއެވެ. އޭނާގެ އަގުހުރި ނޭވާކޮޅު ފައިދާއެއް ނެތް އެއްޗަކަށް ނަހަދާ މީހާއެވެ. ރޭގަނޑު ކުޑަކަމުދާންވެގެން ނިދީން ތެދުވެގެން ފާޚާނާއަށް ގޮސް އޭނާގެ މިސްރާބު ދަމުނަމާދުގެ މިޙުރާބަށް ބަދަލުކޮށްލާ މީހާއެވެ. ރޭގަނޑުގެ ހާސްކަމާއި ނިދިނައުން އަޅުކަމުގެ އުޅަނދަށްލާ މީހާއެވެ. އެއީ ﷲގެ މި ނިޢުމަތް ދޭހަވި މީހާއެވެ. އެ ކަމުގެ ޙިކުމަތް ދެނެގަތް މީހާއެވެ. އޭނާއަކީ އޭނާގެ ވެރިރަސްކަލާނގެ ޙަޟުރަތަށް ގޮސް އޭނާގެ ނިކަމެތިކަން ޤަބޫލުކޮށް ﷲގެ ނިޢުމަތްތަކަށް ޝުކުރުކޮށް އެކަލާނގެ އޭނާއާ ކުރިމަތިކުރައްވާ އިމްތިޙާނުތަކަށް ކެތްތެރިވާ މީހާއެވެ. އޭނާއަށް ރަނގަޅު ނިމުމެއް ދެއްވުމަށް އެދި ދުޢާ ދަންނަވާ މީހާއެވެ. ރަސޫލާ صلى الله عليه وسلم ޙަދީސްކުރެއްވިއެވެ. ((إذا أراد اللهُ عزَّ وجلَّ بعبدٍ خيرًا عسَّلهُ، وهل تَدْرونَ ما عسَّلهُ؟ قالوا: اللهُ عزَّ وجلَّ ورسولُهُ أعلمُ، قال: يفتَحُ اللهُ عزَّ وجلَّ له عملًا صالحًا بيْنَ يَدَيْ موْتِهِ حتّى يَرضى عنه جيرانُهُ، أو مَن حوْلَهُ [6] - ﷲ U އަޅަކަށް ހެޔޮ ކަމަކަށް އިރާދަކުރައްވައިފި ނަމަ އޭނާ ޢައްސަލުކުރައްވައެވެ. ތިޔަބައިމީހުންނަށް ޢައްސަލައަކީ ކޮން އެއްޗެއްކަން އެނގޭހެއްޔެވެ؟ އެބައިމީހުން ދެންނެވިއެވެ. އެއީ ކޮން އެއްޗެއްކަން ބޮޑަށް ދެނެވޮޑިގަންނަވާނީ ﷲއެވެ. އަދި ބޮޑަށް ދެނެވަޑައިގަންނަވާނީ އެކަލާނގެ ރަސޫލާއެވެ. އެކަލޭގެފާނު ޙަދީސްކުރެއްވިއެވެ. އެއީ އޭނާގެ އަވަށްޓެރީންނާއި އޭނާގެ ވަށައިގެންވާ ބަޔަކު އޭނާއާ ރުހިއްޖައުމަށް ދާންދެން އޭނާއަށް ޞާލިޙު ޢަމަލުތަކުގެ ކުރިމަތީގައި ދޮރު ހުޅުއްވައިދެއްވުމެވެ.)) (ނިމުނީ)
މަރުޖާ:
[1] - أخرجه ابن أبي الدنيا في ((قصر الأمل)) (١١١)، والحاكم (٧٨٤٦)، والبيهقي في ((شعب الإيمان)) (١٠٢٤٨) و أبو عبيد القاسم بن سلام في ((الخطب والمواعظ)) (١٢٧) وابن أبي شيبة (٣٥٤٦٠)
[2] - أخرجه الترمذي (٢٤١٧)، والدارمي (٥٣٧) والبيهقي في ((المدخل إلى السنن الكبرى)) (٤٩٤)
[3] - أخرجه البخاري (٦٤١٢)، والترمذي (٢٣٠٤)، وابن ماجه (٤١٧٠)، وأحمد (٣٢٠٧) و البزار (٦٧٠٨)، والطبراني في ((المعجم الأوسط)) (٦١٦٣) وأبو الشيخ في ((أمثال الحديث)) (١٦٩)
[4] - الصف: 10
[5] - سبأ: 13
[6] - أخرجه ابن حبان (٣٤٢)، والطبراني في ((المعجم الأوسط)) (٣٢٩٨)، والحاكم (١٢٥٨)